Back

ދިވެހި

ديفهي

Important Lessons

1 videos
PDF

Ablution

3 videos
Description of Wudu
0:00 / 0:00
How to Perform Wudu
0:00 / 0:00
Wudu Affairs
0:00 / 0:00

Prayer

3 videos
Description of Prayer
0:00 / 0:00
Salah with Duaa
0:00 / 0:00
How to Perform Prayer
0:00 / 0:00

Important Questions

279 questions
ޢަޤީދާގެ ބައި42

ސ 1: ތިބާގެ ވެރި ރައްބަކީ ކާކުހެއްޔެވެ؟

ޖ: އަހަރެންގެ ވެރި ރައްބަކީ ﷲ އެވެ. އެކަލާނގެއީ، އެކަލާނގެ ނިޢުމަތްތަކުން އަހަރެން ހައްދަވާ ގެންގުޅުއްވާ، އަދި އެންމެހައި ޢާލަމްތަކެއްވެސް ހައްދަވައި ތަރުބިއްޔަތު ކުރެއްވި ކަލާނގެއެވެ. އަދި ހަމައެހެންމެ، އެކަލާނގެއީ، އަހަރެން އަޅުކަންކުރާ އިލާހެވެ. އެ އިލާހު ފިޔަވައި އަހަރެން އަޅުކަންކުރާ އެހެން އިލާހެއް ނުވެއެވެ. އަދި އެ އިލާހީ ކައުނުގައިވާ ހުރިހާ އެއްޗެއްގެ އަލްޚާލިޤު (ޚަލްޤުކުރައްވާ އުފެއްދެވި ފަރާތް)، އަލްމާލިކު (ހުރިހާ އެއްޗެއް މިލްކުވެގެންވާ ފަރާތް)، އައްރައްޒާޤު (ރިޒްޤުދެއްވާ ފަރާތް)، އަލްމުދައްބިރެވެ. (ތަދްބީރުކުރައްވާ ކަންކަން ރާއްވަވާ ހިންގަވާ ފަރާތެވެ.)
ދަލީލަކީ: ﷲ ތަޢާލާގެ މި ބަސްފުޅެވެ: (ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ.) [އަލްފާތިޙާ: 2]

ސ 2: ތިބާގެ ދީނަކީ ކޮބައި ހެއްޔެވެ؟

ޖ: އަހަރެންގެ ދީނަކީ އިސްލާމްދީނެވެ. އެއީ: އެއްކައުވަންތަކޮށްގެން ﷲ އަށް އަމާންދީ، އަދި ކިިޔަމަންތެރިވެގެން އެކަލާނގެއަށް ބޯލަނބާ، އަދި ޝިރުކާއި އޭގެ އަހުލުވެރިންގެ ކިބައިން ބަރީއަވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ދީނަކީ އިސްލާމްދީނެވެ.) [އާލްޢިމްރާން: 19]

ސ 3: ތިބާގެ ނަބިއްޔާއަކީ ކާކު ހެއްޔެވެ؟

ޖ: މުޙައްމަދު صَلّى اللهُ عَلَيْهِ وسَلَّم އެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާއެވެ.) [އަލްފަތުޙު: 29]

ސ 4: ތައުޙީދުގެ ކަލިމަ ބަޔާންކުރާށެވެ. އަދި އެ ކަލިމައިގެ މާނައަކީ ކޮބާ؟

ޖ: ތައުޙީދުގެ ކަލިމައަކީ: " لا إله إلا الله " އެވެ. އޭގެ މާނައަކީ: ﷲ މެނުވީ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހެއް ނުވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ފަހެ ﷲ މެނުވީ (ޙައްޤުވެގެން އަޅުކަންވެވޭ) އިލާހަކު ނުވާކަން ތިބާ ދަންނާށެވެ.) [މުޙައްމަދު: 19]
އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އެހެނީ ހަމަކަށަވަރުން ﷲ އީ، ޙައްޤުވަންތަ އިލާހެވެ. އަދި ހަމަކަށަވަރުން އެ އިލާހު ފިޔަވާ، އެ މީހުން ދުޢާކުރާ ތަކެއްޗަކީ، އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ މަތިވެރިވަންތަ، ބޮޑުވެގެންވާ އިލާހެވެ.) [އަލްޙައްޖު: 62].

ސ 5: ﷲ ޢައްޒަ ވަޖައްލަ ވޮޑިގެންވަނީ ކޮންތާކު؟

ޖ: ﷲ ވޮޑިގެންވަނީ އުޑުގައި، ޢަރްޝުގެ މަތީގައި، ހުރިހާ މަޚްލޫޤުންގެ މަތީގައިއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: (ރަޙްމާނުވަންތަ އިލާހު ޢަރްޝުގެ މައްޗަށް އަރާވޮޑިގެންނެވިއެވެ.) [ޠާހާ: 5]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި އެ އިލާހީ، އެ އިލާހުގެ އަޅުތަކުންގެ މަތީގައި ވޮޑިގެންވާ، އެ އަޅުތަކުންގެ މައްޗަށް ގަދަވެވޮޑިގެންވާ އިލާހެވެ. އަދި އެ އިލާހީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމްވަންތަ އިލާހެވެ.) [އަލްއަންޢާމު: 18]

ސ 6: މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމުގެ މާނައަކީ ކޮބާހެއްޔެވެ؟

ޖ: އޭގެ މާނައަކީ: ހެޔޮ ޚަބަރުދެއްވާ، އިންޛާރުކުރައްވާ ބޭކަލެއްގެ ގޮތުގައި، ﷲ ޢާލަމްތަކަށް އެކަލޭގެފާނު ފޮނުއްވިކަމަށް ހެކިވުމެވެ.
އަދި ވާޖިބުވެގެންވަނީ:

1. އެކަލޭގެފާނުގެ އަމުރުކުރެއްވި ކަންކަމުގައި އެކަލޭގެފާނަށް ކިޔަމަންވުމެވެ.
2. އެކަލޭގެފާނު ޚަބަރުދެއްވި ކަންކަމުގައި އެކަލޭގެފާނު ތެދުކުރުމެވެ.
3. އެކަލޭގެފާނަށް އުރެދި ނުކިޔަމަންތެރި ނުވުމެވެ.
4. އެކަލޭގެފާނު ޝަރުޢުކޮށްދެއްވި ގޮތަށް މެނުވީ ﷲ އަށް އަޅުކަން ނުކުރުމެވެ. އެއީ ސުންނަތަށް ތަބަޢަވެ، ބިދުޢަ ދޫކޮށްލައިގެންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ.) [އައްނިސާއު: 80]
އަދިވެސް އެކަލާނގެ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އެކަލޭގެފާނު އަމިއްލަ އެދުމަށް ފެންނަ ގޮތަށް ވާހަކަ ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީކަމުގައިމެނުވީ ނުވެއެވެ.) [އައްނަޖްމު: 3 - 4].
އަދިވެސް އެކަލާނގެ -ޖައްލަ ވަޢަލާ- ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.) [އަލްއަޙްޒާބު: 21].

ސ 7: ﷲ ތަޢާލާ އަހަރުމެން އުފެއްދެވީ ކީއްކުރަން ހެއްޔެވެ؟

ޖ: އެކަލާނގެ އަހަރުމެން އުފެއްދެވީ ހަމައެކަނި އެކަލާނގެއަށް އަޅުކަން ކުރުމަށެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ. އަދި ބޭކާރު ގޮތެއްގައި ނުވަތަ ކުޅެ މަޖާކުރާކަށް އެކަލާނގެ އަހަރުމެން ނުއުފައްދަވައެވެ. ނުވަތަ (އަމުރެއް ނަހީއެއް ނެތި) ހިތުހުރި ގޮތަކަށް ބޭކާރުކޮށް އުޅޭކަށް ދޫކޮށްލައްވާކަށް ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ތިމަން އިލާހަށް (އެއްކައުވަންތަކޮށް) އަޅުކަންކުރުމަށް މެނުވީ، ތިމަން އިލާހު ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ.) [އައްޛާރިޔާތު: 56]

ސ 8: އަޅުކަމަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ އެތެރެފުށާއި ބޭރުފުށުންވާ ބަސްތަކާއި ޢަމަލުތަކުން ﷲ ލޯބިވެވޮޑިގެންވާ އަދި ރުއްސަވާ ކޮންމެ ކަމަކަށް ކިޔޭ ޝާމިލު ނަމެކެވެ.
ބޭރުފުށުން ފާޅުވެގެންވާ ބަސްތަކާއި ޢަމަލުތަކަކީ:
މިސާލަކަށް: ތަސްބީޙަކިޔުމާއި، ޙަމްދުކުރުމާއި، ތަކްބީރު ކިޔުންފަދަ ދުލުން ﷲ އަށް ކުރެވޭ ޛިކުރާއި، ނަމާދު ކުރުމާއި ޙައްޖުވުންފަދަ ކަންކަމެވެ.
އެތެރެފުށުން ފޮރުވިގެންވާ ކަންކަމަކީ:
މިސާލަކަށް ވަކީލުކުރުމާއި، ބިރުވެތިވުމާއި، (ރަޙްމަތާއި ފުއްސެވުމަށް) އެދި އުއްމީދުކުރުންފަދަ ކަންކަމެވެ.

ސ 9: އަހަރުމެންގެ މައްޗަށްވާ އެންމެ ބޮޑު ވާޖިބަކީ ކޮބައިހެއްޔެވެ؟

ޖ: އަހަރުމެންގެ މައްޗަށް ވާޖިބުވެގެންވާ އެންމެ ބޮޑުކަމަކީ: ﷲ ތަޢާލާ އެއްކައުވަންތަކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5]

ސ 10: ތައުޙީދުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ރުބޫބިއްޔަތުގެ ތައުޙީދު: އެއީ ﷲ އީ ހެއްދެވި ފަރާތްކަމާއި، ރިޒްޤުދެއްވާ ފަރާތްކަމާއި، (ހުރިހާ އެއްޗެއް) މިލްކުވެގެންވާ ފަރާތްކަމާއި، ތަދްބީރުކޮށް ހިންގަވާ ފަރާތްކަމަށް އީމާންވުމެވެ. އެކަލާނގެ އެއްކައުވަންތައެވެ. އެކަލާނގެއަށް އެއްވެސް ބައިވެރިޔަކު ނުވެއެވެ.
2. އުލޫހިއްޔަތުގެ ތައުޙީދު: އެއީ އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަކުރުމެވެ. އެގޮތުން ﷲ ތަޢާލާ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރެވުމެވެ.
3. އަލްއަސްމާއު ވައްޞިފާތުގެ ތައުޙީދު: އެއީ ޤުރްއާނާއި ސުންނަތުގައި ވާރިދުވެގެން އައިސްފައިވާ ﷲ ގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުމެވެ. އެއީ އެއްވެސް އެއްޗަކާ އެއްފަދަކޮށް މިސާލުޖެހުމެއް ނެތި، އަދި ވައްތަރުކުރުމެއް ނެތި، އަދި އިންކާރުކޮށް ނަފީކުރުމެއް ނެތި، އަދި ގޮތްކިޔާ ވައްތަރު ކިޔުމެއް ނެތިއެވެ.
ތައުޙީދުގެ ތިން ވައްތަރުގެ ދަލީލު:
ﷲ ތަޢާލާގެ މި ބަސްފުޅެވެ: (އެއީ އުޑުތަކާއި، ބިމާއި، އެ ދެމެދުގައި ވާހާ ތަކެތީގެ ރައްބެވެ. ފަހެ ކަލޭގެފާނު، އެ އިލާހަށް އަޅުކަން ކުރައްވާށެވެ. އަދި އެ އިލާހަށް އަޅުކަން ކުރެއްވުމުގައި ދެމިހުންނަވައި، ކެތްތެރިވެވަޑައިގަންނަވާށެވެ. އެ އިލާހާ އެއްފަދަ އެކައްޗެއްވެސް ވާކަން ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟) [މަރްޔަމު: 65]

ސ 11: އެންމެ ބޮޑު ފާފައަކީ ކޮބައިހެއްޔެވެ؟

ޖ: ﷲ ތަޢާލާއާ ޝިރުކުކޮށް ބައިވެރިކުރުމެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(ހަމަކަށަވަރުން ﷲ، އެ އިލާހަށް ޝަރީކު ކުރެވުމެއް ނުފުއްސަވައެވެ. އަދި އެ ނޫން ފާފަތައް، އެ އިލާހު އިރާދަކުރައްވާ މީހަކަށް ފުއްސަވައެވެ. އަދި ﷲ އަށް ޝަރީކު ކުރާ މީހާ، ފަހެ ބޮޑުވެގެންވާ ދޮގު ފާފައެއް އުފައްދައިފިކަން ކަށަވަރެވެ.) [އައްނިސާއު: 48]

ސ 12: ޝިރުކާއި އޭގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: ޝިރުކަކީ: މީހަކު ﷲ އަށް އަޅުކަންކުރުމުގައި ނުވަތަ އެކަލާނގެ ރައްބުވަންތަކަމުގައި، ނުވަތަ އެކަލާނގެ ނަންފުޅުތަކާއި ޞިފަފުޅުތަކުގައި އެކަލާނގެއާ އެއްފަދަކޮށް ބައިވެރިކޮށް އެއްޗެއް ހަމަޖެއްސުމެވެ.
އެއްވެސް ބާވަތެއްގެ އަޅުކަމެއް ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަނބުރާލުމަކީ ޝިރުކުގެ ތެރެއިންވާ ކަމެކެވެ.
އޭގެ ވައްތަރުތައް:

- ބޮޑު ޝިރުކު: މިސާލަކަށް: ﷲ ތަޢާލާ ނޫން އެހެން ފަރާތަކަށް ދުޢާކުރުން، ނުވަތަ އެކަލާނގެ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުން، ނުވަތަ ﷲ ޢައްޒަ ވަޖައްލަ ފިޔަވައި އެހެން ފަރާތަކަށް ޤުރުބާނީއެއް ކަތިލުން ފަދަ ކަންކަމެވެ.
- ކުޑަ ޝިރުކު: އެއީ ދީނުން ބޭރު ނުކުރާ ޝިރުކެވެ. މިސާލަކަށް: ﷲ ތަޢާލާ ނޫން އެހެން ފަރާތެއް ގަންދީ ހުވާކުރުން، ނުވަތަ ތަވީދު އެލުވުމެވެ. އެއީ ފައިދާ ގެނައުމަށް ނުވަތަ ގެއްލުން ދުރުކުރުމަށް އެލުވޭ ތަކެއްޗެވެ. އަދި ދެއްކުންތެރިކަމުގެ މަދުމިންވަރެވެ. މިސާލަކަށް: މީހުން އޭނާއަށް ބަލާ ތަން ފެނުމުން އޭނާގެ ނަމާދު ރަނގަޅަށް ކުރުމެވެ.

ސ 13: ﷲ ތަޢާލާ ފިޔަވައި އެހެން އެއްޗަކަށް ޣައިބު އެނގޭނެ ހެއްޔެވެ؟

ޖ: ހަމައެކަނި ﷲ ފިޔަވައި ޣައިބު އެއްވެސް މީހަކަށް ނޭނގޭނެއެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(ކަލޭގެފާނު ވިދާޅުވާށެވެ. ﷲ އަށް މެނުވީ، އުޑުތަކާއި، ބިމުގައިވާ އެކަކަށްވެސް ޣައިބުގައިވާ ކަމެއް ނޭނގޭނެތެވެ. އަދި އެ މީހުން އަލުން ދިރުއްވި މަޙްޝަރުކުރެވޭނީ ކޮންއިރަކުންކަން އެ މީހުންނަކަށް ނުމެއެނގޭމެއެވެ.) [އައްނަމްލު: 65]

ސ 14: އީމާންކަމުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟

ޖ: އީމާންކަމުގެ ރުކުންތައް ހައެކެވެ:
1. މާތް الله އަށް އީމާންވުން.
2. އެކަލާނގެ މަލާއިކަތުންނަށް އީމާންވުން.
3. އެކަލާނގެ ފޮތްތަކަށް އީމާންވުން.
4. އެކަލާނގެ ރަސޫލުންނަށް އީމާންވުން.
5. އާޚިރަތް ދުވަހަށް އީމާންވުން.
6. ޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.
ދަލީލަކީ:
މުސްލިމު ރިވާކުރައްވާފައިވާ ޖިބްރީލުގެ މަޝްހޫރު ޙަދީޘެވެ. ޖިބްރީލުގެފާނު ނަބިއްޔާ ﷺ އަށް ވިދާޅުވިއެވެ: "އީމާންކަމަކީ ކޮބައިކަން ނިކަން އަހަރެންނަށް ޚަބަރުދެއްވާ ބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ
އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް ތިބާ އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ."

ސ 15: އީމާންކަމުގެ ރުކުންތަކުގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: ﷲ ތަޢާލާ އަށް އީމާންވުމަކީ: ތިބާ އުފައްދަވާ ރިޒްޤުދެއްވި ފަރާތަކީ ﷲ ކަމަށާއި، އަދި މަޚްލޫޤުން މިލްކުވެގެންވާ ފަރާތަކީ އަދި އެމީހުންގެ ކަންކަން ތަދްބީރުކޮށް ހިންގަވަނީވެސް ހަމައެކަނި އެކަލާނގެ ކަމުގައި ތިބާ އީމާންވުމެވެ. އަދި އެއީ އަޅުކަންވެވޭ އިލާހެވެ. އެ އިލާހު ނޫނީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އެއީ އެންމެހާ ތަކެތި ޚަލްޤުކުރެއްވުމާއި، އަމުރުކުރެއްވުމާއި، ޙުކުމް ކުރެއްވުމާއި، ޝަރުޢުކުރެއްވުން ހަމައެކަނި ވާ އިލާހެވެ. އެކަލާނގެއަށް އެއްވެސް ޝަރީކަކު ނުވެއެވެ.
އަދި އެކަލާނގެއީ ހުރިހާ ޙަމްދެއް ލިބިވޮޑިގެންވާ މާތްވެގެންވާ، ބޮޑުވެގެންވާ، ފުރިހަމަ އިލާހެވެ. އަދި އެކަލާނގެއަށް ރިވެތިވެގެންވާ ނަންފުޅުތަކާއި މަތިވެރިވެގެންވާ ޞިފަފުޅުތައް ލިބިގެންވެއެވެ. އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއްވެސް އެއްޗެއް އެކަލާނގެއާ ވައްތަރުނުވެއެވެ. އެކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ.
މަލާއިކަތުންނަށް އީމާންވުން:
އެއީ ﷲ އަށް އަޅުކަންކޮށް، އެކަލާނގެ އަމުރުފުޅަށް ފުރިހަމައަށް ބޯލެނބުމަށްޓަކައި، އެކަލާނގެ ނޫރުން އުފެއްދެވި މަޚްލޫޤުންތަކެކެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(އަދި ކިއެއްތަ! އެއީ މާތް ކުރެވިގެންވާ އަޅުންތަކެކެވެ. އެބޭކަލުން އެކަލާނގެ ޙަޟްރަތަށް އިސްވެ ބަހެއް ނުދަންނަވާނެތެވެ. އަދި އެބޭކަލުން ޢަމަލުކުރައްވަނީ، އެކަލާނގެ އަމުރުފުޅާ އެއްގޮތަށެވެ.) [އަލްއަންބިޔާއު: 26 - 27]
އަދި އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “މަލާއިކަތުން އުފެއްދެވުނީ ނޫރުންނެވެ.” ރިވާކުރެއްވީ މުސްލިމެވެ.
- އެބޭކަލުންގެ ތެރޭގައި: ނަބިއްޔުންގެ މައްޗަށް ވަޙީ ހިއްޕަވައިގެން ފައިބާވަޑައިގަންނަވާ ޖިބްރީލު عليه السلام ވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން އެ ޤުރްއާނަކީ، ޢާލަމްތަކުގެ ވެރި ރައްބު ބާވައިލެއްވި ފޮތެއްކަން ކަށަވަރެވެ. އެ ޤުރްއާނާގެން ފައިބައިވަޑައިގަތީ އައްރޫޙުލް އަމީން (ޖިބްރީލުގެފާނެވެ.) އެއީ ކަލޭގެފާނުގެ ހިތްޕުޅުގެ މައްޗަށެވެ. އެއީ (މީސްތަކުންނަށް) އިންޒާރުކުރައްވާ ބޭކަލުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިގަތުމަށެވެ. ބަޔާން ވެގެންވާ ޢަރަބި ބަހުންނެވެ.) [އައްޝުޢަރާއު: 192 - 195]
ފޮތްތަކަށް އީމާންވުން: އެއީ ﷲ އެކަލާނގެ ރަސޫލުންގެ މައްޗަށް ބާވައިލެއްވި ފޮތްތަކެވެ.
- މިސާލަކަށް: މުޙައްމަދު ﷺ ގެ މައްޗަށް ބާވައިލެއްވި ޤުރްއާން.
- ޢީސާ عَلَيْهِ السَّلَامُ ގެ މައްޗަށް ބާވައިލެއްވި އިންޖީލު.
- މޫސާ عَلَيْهِ السَّلَامُ ގެ މައްޗަށް ބާވައިލެއްވި ތައުރާތު.
- ދާވޫދު عَلَيْهِ السَّلَامُގެ މައްޗަށް ބާވައިލެއްވި ޒަބޫރު.
އިބްރާހީމު އާއި މޫސާعليهما السَّلَامُގެ މައްޗަށް ބާވައިލެއްވި ފަތްފުށްތައް.
ރަސޫލުންނަށް އީމާންވުން:
އެއީ ﷲ އެކަލާނގެ އަޅުތަކުންނަށް އުނގަންނައިދެއްވައި، ހެޔޮކަމާއި ސުވަރުގޭގެ ހެޔޮ ޚަބަރު ދެއްވައި، ނުބައިކަމާއި ނަރަކައާމެދު އިންޛާރު ދެއްވުމަށް އެމީހުންގެ ގާތަށް ފޮނުއްވި ބޭކަލުންނެވެ.
އޭގެ ތެރެއިން އެންމެ މާތް ބޭކަލުންނަކީ 'އުލުލް ޢަޒްމު' (ޢަޒްމުގެ ވެރި ބޭކަލުންނެވެ.) އެ ބޭކަލުންނީ:
- ނޫޙު عَلَيْهِ السَّلَامُ
- އިބްރާހީމް عَلَيْهِ السَّلَامُ
- މޫސާ عَلَيْهِ السَّلَامُ
ޢީސާ عَلَيْهِ السَّلَامُ
- މުޙައްމަދު صلى الله عليه وسلم.
އާޚިރަތް ދުވަހަށް އީމާންވުން:
އެއީ މަރުވުމަށްފަހު ޤަބުރުގައިވާ ކަންތަކާއި، ޤިޔާމަތްދުވަހާއި، އަލުން ދިރުއްވި ޙިސާބު ބެއްލެވޭ ދުވަހެވެ. ސުވަރުގޭގެ އަހުލުވެރިން އެމީހުންގެ ގެދޮރުގައި ވަޒަންވެރިވެ، ނަރަކައިގެ އަހުލުވެރިން އެމީހުންގެ ގެދޮރުގައި ވަޒަންވެރިވާ ދުވަހެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ކޮންމެ ނަފްސަކީވެސް، މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި (ތިޔަބައިމީހުން ކުޅަ ޢަމަލުތަކަށް) ތިޔަބައިމީހުންނަށް ފުރިހަމައަށް ޖަޒާ ދެއްވާނެކަން ކަށަވަރީ ޤިޔާމަތް ދުވަހުންނެވެ. ފަހެ ނަރަކައިން އެއްކިބާކުރެވި، ސުވަރުގެއަށް ވެއްދެވި މީހާ (ދަންނާށެވެ!) ފަހެ އެމީހަކު ނަސީބު ލިބިގެންފިކަން ކަށަވަރެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއްކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ.) [އާލްޢިމްރާނު: 185]
ޤަޟާޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން:
- ޤަދަރަކީ: ކައުނުގައި ހިނގާ ހުރިހާ ކަމެއް ﷲ ދެނެވޮޑިގެންވާ ކަމާއި، އެ ކަންކަން ލައުޙުލް މަޙްފޫޡުގައި އެކަލާނގެ ލިޔުއްވިކަމާއި، އެ ކަންކަން ވުޖޫދުވުމާއި އިރާދަކުރައްވާ، އުފެއްދެވިކަމަށް އިޢުތިޤާދުކޮށް ޤަބޫލުކުރުމެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(ހަމަކަށަވަރުން ތިމަން އިލާހު ކޮންމެ އެއްޗެއް ހައްދަވާފައި ވަނީ ގަޟާގަދަރުގައިވާ ގޮތަށް، ކަނޑައެޅިފައިވާ ވަކި މިންވަރަކަށެވެ.) [އަލްޤަމަރު: 49]
އެކަންވަނީ ހަތަރު ދަރަޖައަކަށެވެ:
ފުރަތަމަ ކަމަކީ: ﷲ ތަޢާލާގެ ޢިލްމުފުޅެވެ. އޭގެ ތެރޭގައި: ކޮންމެ ކަމެއްގެ ކުރިން، ކަންކަން ހިނގުމުގެ ކުރިންނާއި ހިނގުމުގެ ފަހުންވެސް އެކަލާނގެ ދެނެވޮޑިގެންވުމެވެ.
އޭގެ ދަލީލަކީ:
ﷲ ތަޢާލާގެ މި ބަސްފުޅެވެ: (ހަމަކަށަވަރުން ޤިޔާމަތްވުމުގެ ވަޤުތު ދެނެވޮޑިގަތުން ވަނީ، ﷲ ގެ ޙަޟްރަތުގައެވެ. އަދި އެ އިލާހު ވާރޭ ވެއްސަވައެވެ. އަދި ރަޙިމުތަކުގައިވާ ތަކެތި އެ އިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއްވެސް ނަފްސަކަށް، އެ ނަފްސެއް މާދަމާ ހޯދައިގަންނާނީ ކޮންކަމެއްކަމެއް ނޭނގޭނެތެވެ. އަދި އެއްވެސް ނަފްސަކަށް އެ ނަފްސެއް މަރުވާނީ ކޮންބިމެއްގައި ކަމެއް ނޭނގޭނެތެވެ. ހަމަކަށަވަރުން ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ، ޚަބީރުވަންތަ އިލާހެވެ.) [ލުޤްމާނު: 34]
ދެވަނައީ: ﷲ ވަނީ އެ ކަންކަން އައްލައުޙުލް މަޙްފޫޡުގައި ލިޔުއްވާފައިއެވެ. އެހެންކަމުން ވިމާވި، އަދި ދިމާވާނޭ ހުރިހާ ކަމެއްވަނީ އެކަލާނގެ ޙަޟްރަތުގައި ފޮތެއްގައި ލިޔުއްވިގެންނެވެ.
އޭގެ ދަލީލަކީ:
ﷲ ތަޢާލާގެ މި ބަސްފުޅެވެ: (އަދި ޣައިބުގެ ތަޅުދަނޑިތައްވަނީ، އެ އިލާހުގެ ޙަޟްރަތުގައެވެ. އެ އިލާހު މެނުވީ، އެ ކަންތައްތައް ދެނެވޮޑިގެންނުވެއެވެ. އެއްގަމާއި، ކަނޑުގައިވާ ކަންތައްތައް އެ އިލާހު ދެނެވޮޑިގެންވެއެވެ. އެ އިލާހު ދެނެވޮޑިގެން މެނުވީ ގަހެއްގެ ފަތެއްވެސް ނުވެއްޓެއެވެ. އަދި ބިމުގެ އަނދިރިކަމުގެ ތެރޭގައިވާ އޮށްޓަރެއްވިޔަސް، އަދި ރޯއެއްޗެއްވިޔަސް، ހިކިއެއްޗެއްވިޔަސް، ބަޔާންވެގެންވާ ފޮތެއްގައި (ލިޔުއްވާފައި) މެނުވީ ނުވެއެވެ.) [އަލްއަންޢާމު: 59]
ތިންވަނައީ: އެއީ ކޮންމެ ކަމެއްވެސް ހިނގަނީ ﷲ ގެ މަޝީއަތުން (އިރާދައިންނެވެ.) އަދި އެކަލާނގެ އިރާދަފުޅުން މެނުވީ އެކަލާނގެ ޙަޟްރަތުންވާ ކަމެއް ނުވަތަ އެކަލާނގެ ޚަލްޤުތަކުންގެ ފުށުންވެސް ކަމެއް ނުހިނގައެވެ. އަޅާއަށް އިޚްތިޔާރެއް ލިބިގެންވެއެވެ. އަދި އިރާދައެއްވެސްވެއެވެ. އަދި އެދުމެއްވެސް އޭނާއަށްވެއެވެ. ނަމަވެސް ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަޝީއަތަށް ފަހު މެނުވީ (އަޅުންގެ ކިބައިންވާ) މި އިރާދައާއި މަޝީއަތުގެ އެދުމެއް ނުހިނގާނެއެވެ.
އޭގެ ދަލީލަކީ:
ﷲ ތަޢާލާގެ މި ބަސްފުޅެވެ: (ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ. އާލަމްތަކުގެ ވެރި ﷲ އިރާދަ ކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެއެވެ.) [އައްތަކްވީރު: 28 -29]
ހަތަރުވަނައީ: ހުރިހާ ކާއިނާތުތަކަކީ އުފެއްދެވިގެންވާ ތަކެތިކަމާއި، ﷲ އެ ތަކެތި އުފައްދަވާ، އެތަކެތީގެ ޒާތުތަކާއި، ޞިފަތަކާއި، ޙަރަކާތްތަކާއި އަދި އެ ތަކެތީގައިވާ ހުރިހާ އެއްޗެއްވެސް އެކަލާނގެ އުފެއްދެވިކަމަށް އީމާންވުމެވެ.
އޭގެ ދަލީލަކީ:
ﷲ ތަޢާލާގެ މި ބަސްފުޅެވެ: (އަދި ތިޔަބައިމީހުންނާއި، ތިޔަބައިމީހުން ކުރާހާ ކަމެއް ހެއްދެވީ اللَّه އެވެ.) [އައްޞާއްފާތު: 96]

ސ 16: ޤުރްއާނުގެ ތަޢުރީފަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ﷲ ތަޢާލާގެ ކަލާމްފުޅެވެ. (ވާހަކަފުޅެވެ.) އެއީ މަޚްލޫޤެއް ނޫނެވެ. (ޚަލްޤުކުރެވިގެންވާ އެއްޗެއް ނޫނެވެ.)
އެކަލާނގެ ވަޙީކުރެއްވިއެވެ: (އަދި މުޝްރިކުންގެ ތެރެއިން މީހަކު، ކަލޭގެފާނުގެ އަރިހުން ރައްކާތެރިކަމަކަށް އެދިއްޖެނަމަ، ފަހެ އޭނާ ﷲ ގެ ބަސްފުޅު އަހައިފުމަށް ދާންދެން، އެ މީހަކަށް ރައްކާތެރިކަން ދެއްވާށެވެ.) [އައްތައުބާ: 6]
އަދި ޙަދީޘްގައި ރިވާކުރެވިގެންވެއެވެ: “އެހެން ހުރިހާ ވާހަކަތަކުގެ މައްޗަށް الله ގެ ވާހަކަފުޅު މަތިވެރިވެގެންވަނީ، ﷲ އެކަލާނގެ ޚަލްޤުތަކުންގެ މައްޗަށް މަތިވެރިވޮޑިގެންވާ ގޮތަށެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ސ 17: ސުންނަތަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ ނަބިއްޔާ ﷺ އަށް ނިސްބަތްކުރެވޭ ކޮންމެ ބަހެއް، ނުވަތަ ކަމެއް، ނުވަތަ އިޤުރާރުވުމެއް، ނުވަތަ އެކަލޭގެފާނުގެ ޚަލްޤުކުރެއްވުމުގައި (ބުރުސޫރައާއި ހަށިކޮޅުގެ) ޞިފައެއް، ނުވަތަ އަޚްލާޤީ ޞިފަފުޅެކެވެ.

ސ 18: ބިދުޢައަކީ ކޮބައި ހެއްޔެވެ؟ އަދި އަހަރުމެން ބިދުޢަ ބަލައިގަންނާނޭހެއްޔެވެ؟

ޖ: އެއީ މީސްތަކުންގެ ދީނުގެ ތެރެއަށް އަލަށް އުފައްދާ، ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ ޒަމާނުގައި ނެތް ކޮންމެ ކަމެކެވެ.
އަހަރުމެން އެ ޤަބޫލެއް ނުކުރަމެވެ. އަދި އަހަރުމެން އެ ރައްދުކޮށް ދެކޮޅުހެދުން ވާޖިބުވެގެންވެއެވެ.
އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްފުޅަށްޓަކައިއެވެ:
"ކޮންމެ ބިދުޢައަކީ މަގުފުރެދުމެކެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
އަދި އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅެވެ:
"އަހަރުމެންގެ ކަންތައް އެ ގޮތަކަށް ނުވާ ގޮތަކަށް ޢަމަލެއްކޮށްފި މީހާ؛ ފަހެ އެ ކަމެއްވަނީ ރައްދުކުރެވިގެންނެވެ." ރިވާކުރެއްވީ މުސްލިމެވެ.
އޭގެ މިސާލަކީ:
އަޅުކަންތަކަށް އިތުރުކުރުމެވެ. މިސާލަކަށް: ވުޟޫކުރުމުގައި ހަތަރުވަނަ ދޮވުމެއް އިތުރުކުރުމެވެ. އަދި ޢީދު މީލާދު ފާހަގަކުރުމެވެ. އެހެނީ ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުންގެ އަރިހުން އެކަން އައިސްފައި ނުވެއެވެ.

ސ 19: އަލްވަލާއު ވަލްބަރާއުގެ ޢަޤީދާއަކީ ކޮބައިހެއްޔެވެ؟

ޖ: އަލްވަލާއު އެއީ މުއުމިނުންނަށް ލޯބިކުރުމާއި އެމީހުންނަށް ނަޞްރުދިނުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މުއުމިނު ފިރިހެނުންނާއި، މުއުމިނު އަންހެނުންނީ، އޭގެ އެއްބަޔަކު އަނެއްބަޔެއްގެ އެހީތެރިން ކަމުގައިވާ މީހުންނެވެ.) [އައްތައުބާ: 71]
އަލްބަރާއުއަކީ ކާފަރުންދެކެ ރުޅިއައިސް ޢަދާވާތްތެރިވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އިބްރާހީމްގެފާނާއި، އަދި އެކަލޭގެފާނުގެ އަރިހުގައިވާ މީހުންގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއްވާކަން ކަށަވަރެވެ. (އެއީ) އެ މީހުން، އެ މީހުންގެ ޤައުމަށް ބުނި ހިނދެވެ. ހަމަކަށަވަރުން ތިޔަބައިމީހުންނާއި، ﷲ ފިޔަވާ ތިޔަބައިމީހުން އަޅުކަންކުރާ ތަކެތިން، ތިމަންމެން ބަރީއަވެގެން ވަމުއެވެ. ތިޔަބައިމީހުންނަށް އަހަރުމެން ކާފަރުވަމެވެ. ތިމަންމެންނާއި، ތިޔަބައިމީހުންނާ ދެމެދުގައި ޢަދާވާތްތެރިކަމާއި، ރުޅިވެރިކަން ވަނީ އަބަދަށްޓަކައި ފާޅުވެފައެވެ. އެއްކައުވަންތަ ﷲ އަށް ތިޔަބައިމީހުން އީމާން ވެއްޖައުމަށް ދާންދެނެވެ.) [އަލްމުމްތަޙިނާ: 4]

ސ 20: އިސްލާމްދީން ނޫން އެހެން ދީނެއް، ދީނެއްގެ ގޮތުގައި ﷲ ޤަބޫލުކުރައްވާނެ ހެއްޔެވެ؟

ޖ: އިސްލާމްދީން ފިޔަވައި އެހެން ދީނެއް الله ޤަބޫލެއް ނުކުރައްވައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނައެވެ!) ފަހެ އެމީހާގެ ކިބައިން (އެކަން) ޤަބޫލު ނުކުރެވޭހުއްޓެވެ. އަދި އާޚިރަތުގައި އެމީހަކު ވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.) [އާލްޢިމްރާން: 85]

ސ 21: ކުފުރު، ބަހުންނާއި ޢަމަލުންނާއި ޢަޤީދާއިންވެސް ވެދާނެއެވެ. އެއަށް މިސާލުދޭށެވެ.

ޖ: ބަހުގެ މިސާލު: ﷲ ސުބްޙާނަހޫ އަށް ނުވަތަ އެކަލާނގެ ރަސޫލާ ﷺ އަށް ބަދުބަސްބުނުމެވެ.
ޢަމަލުގެ މިސާލު:
މުސްޙަފަށް އިހާނެތިކޮށް ހިތުން ނުވަތަ ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް ސަޖިދަކުރުމެވެ.
އިޢުތިޤާދުގެ މިސާލު:
ﷲ ތަޢާލާ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން ފަރާތެއް ވާކަމަށް، ނުވަތަ ﷲ ތަޢާލާއާއެކު އެހެން ޚާލިޤެއްވާކަމަށް އިޢުތިޤާދުކޮށް ޤަބޫލުކުރުމެވެ.

ސ 22: މުނާފިޤުކަމާއި އޭގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ބޮޑު ނިފާޤުކަން: އެއީ ކާފަރުކަން ފޮރުވައިގެން ހުރެ އީމާންކަން ފާޅުކޮށް ދެއްކުމެވެ.
އަދި އޭގެ ސަބަބުން އިސްލާމްކަމުން ބޭރުވާނެއެވެ. އެއީ ބޮޑު ކުފުރުގެ ތެރެއިންވާ ކަމެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ހަމަކަށަވަރުން، މުނާފިޤުން ވާހުށީ، ނަރަކައިގެ އެންމެ ދަށުވަތްގަނޑުގައެވެ. އަދި، އެއުރެންނަށް ނަޞްރުވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ.) [އައްނިސާއު: 145]
2. ކުޑަ ނިފާޤުކަން: މިސާލަކަށް: ދޮގުހެދުމާއި، ވަޢުދާ ޚިލާފުވުމާއި، އަމާނަތަށް ޚިޔާނާތްތެރިވުމެވެ.
އޭގެ ސަބަބުން އިސްލާމްކަމުން ބޭރެއް ނުވާނެއެވެ. އަދި އެކަންވަނީ ފާފަތަކުގެ ތެރެއިންނެވެ. އަދި އޭގެ ވެރިޔާވަނީ ޢަޛާބަށް ހުށަހެޅިގެންނެވެ.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
“މުނާފިޤެއްގެ ޢަލާމާތް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފިނަމަ ދޮގު ހަދައެވެ. ވަޢުދެއް ވެއްޖެނަމަ އެ ވަޢުދާ ޚިލާފުވެއެވެ. އަމާނާތެއް ހަވާލު ކުރެވިއްޖެނަމަ ޚިޔާނާތްތެރިވެއެވެ.” ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

ސ 23: ނަބިއްޔުންނާއި ރަސޫލުން ޚަތިމުކުރެއްވީ ކޮން ބޭކަލެއް ހެއްޔެވެ؟

ޖ: މުޙައްމަދު ﷺ އެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް ބަފައިކަލަކު ކަމުގައި މުޙައްމަދުގެފާނު ނުވެއެވެ. އެހެނެއްކަމަކު (އެކަލޭގެފާނީ) ﷲ ގެ ރަސޫލާއެވެ. އަދި ނަބީކަން ޚަތިމުކުރެއްވި ކަލޭގެފާނުވެސްމެއެވެ...) [އަލްއަޙްޒާބު: 40].
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިމަންކަލޭގެފާނަކީ ނަބިއްޔުން ޚަތިމުކުރެއްވި ނަބިއްޔާއެވެ. ތިމަންކަލޭގެފާނަށް ފަހު ނަބިއްޔަކު ނުވެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.

ސ 24: މުޢުޖިޒާތަކީ ކޮބައިހެއްޔެވެ؟

ޖ: މުޢުޖިޒާތް: އެއީ ﷲ އެކަލާނގެ ނަބިއްޔުންނަށް ދެއްވާ ޢާދަތައް ފޫއަޅުވާލާ، އާދަޔާ ޚިލާފު ކަންތައްތަކެވެ. އެއީ އެބޭކަލުންގެ ތެދުވެރިކަން ދައްކުވައިދިނުމަށްޓަކައިއެވެ. މިސާލަކަށް:
- ނަބިއްޔާ ﷺ އަށްޓަކައި ހަނދު ދެފަޅި ކުރެއްވުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ޤިޔާމަތްވުމުގެ ވަޤުތު ގާތްވެއްޖެއެވެ. އަދި ހަނދު އިރިއްޖެއެވެ. އަދި އެއުރެންނަށް ހެއްކެއް ފެންނަނީނަމަ، އެއުރެން ފުރަގަސްދެތެވެ. އަދި ބުނެތެވެ. މިއީ ދެމިހުންނަނިވި ސިޙުރެކެވެ. އަދި އެއުރެން (ޙައްޤު ބަސްފުޅު) ދޮގުކުޅައޫއެވެ. އަދި އެއުރެންގެ އަމިއްލަ އެދުންތަކަށް އެއުރެން ތަބަޢަވިއެވެ. އަދި ކޮންމެކަމަކީ ނިމުމަކަށްގޮސް ހަމަޖެހޭނެކަމެކެވެ.) [އަލްޤަމަރު: 1- 3]
- މޫސާ عَلَيْهِ السَّلَامُ އަށްޓަކައި ކަނޑު ފަޅިފަޅިވެ، ފިރުޢައުނާއި އޭނާގެ ސިފައިން ޣަރަޤުކޮށްލުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުންނަށް، ތިމަންއިލާހު ކަނޑު އިރުއްވައި ދެއްވިހިނދު، ހަނދުމަކުރާށެވެ! ފަހެ، ތިމަންއިލާހު، ތިޔަބައިމީހުން (ޣަރަޤުން) ސަލާމަތްކުރައްވައި، ތިޔަބައިމީހުން ބަލަބަލައިތިއްބައި، ފިރުޢައުނުގެ މީހުން ޣަރަޤުކުރެއްވީމެވެ.) [އަލްބަޤަރާ: 50]

ސ 25: ޞަޙާބީންނަކީ ކޮބައިހެއްޔެވެ؟ އަހަރުމެން އެބޭކަލުންދެކެ ލޯބިވާންޖެހޭ ހެއްޔެވެ؟

ޖ: ޞަޙާބީއަކީ ނަބިއްޔާ ﷺ އަށް އީމާންވެގެންވާ ޙާލު އެކަލޭގެފާނާ ބައްދަލުވެ، އިސްލާމްކަމުގެ މަތީގައި މަރުވި މީހެކެވެ.
އަހަރުމެން އެބޭކަލުންދެކެ ލޯބިވެ، އަދި އެބޭކަލުންނަށް ތަބަޢަވުން ވާޖިބުވެގެންވެއެވެ. އެބޭކަލުންނީ ނަބިއްޔުންނަށް ފަހު އެންމެ ހެޔޮވެގެންވާ އެންމެ މާތް މީސްތަކުންނެވެ.
އޭގެ ތެރެއިން އެންމެ މާތްވެގެންވަނީ ހަތަރު ޚަލީފާއެވެ.
އަބޫބަކުރު رضي الله عنه އެވެ.
ޢުމަރު رضي الله عنه އެވެ.
ޢުޘްމާނު رضي الله عنه އެވެ.
ޢަލީ رضي الله عنه އެވެ.
ޞަޙާބީންނާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:

-ﷲ އެ ހުރިހާ ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ- (މުހާޖިރުންނާއި، އަންޞާރުންގެ ތެރެއިން (އިސްލާމްކަމަށް) ކުރިން އިސްނެންގެވި ބޭކަލުންނާއި، ހެޔޮގޮތުގައި އެ ބޭކަލުންނަށް ތަބަޢަވީ މީހުން (ދަންނާށެވެ.) ﷲ، އެ މީހުންނަށް ރުހިވޮޑިގެންފިއެވެ. އަދި އެމީހުން އެއިލާހަށް ރުހުނެވެ. އަދި އެ ތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތައް، އެއިލާހު އެމީހުންނަށްޓަކައި ތައްޔާރު ކުރެއްވިއެވެ. އެތާނގައި، އެ މީހުން އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ ނަސީބު ލިބުމަކީ އެއީއެވެ.) [އައްތައުބާ: 100]

ސ 26: މުއުމިންތަކުންގެ މައިންނަކީ ކޮންބައެއް ހެއްޔެވެ؟

ޖ: އެއީ ނަބިއްޔާ ﷺ ގެ އަނބިއަނބިކަނބަލުންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މުއުމިނުންނަށް އެ މީހުންގެ އަމިއްލަ ނަފްސުތަކަށްވުރެ، ނަބިއްޔާ އައުލާ ކަން ބޮޑެވެ. އަދި އެ ނަބިއްޔާގެ އަނބިއަނބިކަނބަލުންނީ، އެ މީހުންގެ މައިންނެވެ.) [އަލްއަޙްޒާބު: 6].

ސ 27: އަހަރުމެންގެ މައްޗަށްވާ ނަބިއްޔާ ﷺގެ އާލުބައިތުންގެ ޙައްޤަކީ ކޮބައިހެއްޔެވެ؟

ޖ: އަހަރުމެން އެބޭކަލުންދެކެ ލޯބިވެ، ވާގިދީ މުވާލާތުކުރުމެވެ. އަދި އެބޭކަލުންދެކެ ރުޅިއަންނަ މީހުންދެކެ އަހަރުމެން ރުޅިއަންނަމެވެ. އަދި އެބޭކަލުންނާމެދު އަހަރުމެން މަތިކޮށްގެން ޙައްދުފަހަނައަޅާ ނުދަމެވެ. އެބޭކަލުންނީ: އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، އެކަލޭގެފާނުގެ ދަރިފަސްކޮޅާއި، މުއުމިނުންގެ ތެރެއިންވާ ބަނޫ ހާޝިމް އަދި ބަނޫ އަލްމުޠައްލިބު ވަންހައިގެ މީހުންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އަހުލުބައިތުންނޭވެ. ﷲ އިރާދަކުރައްވާކަން ކަށަވަރީ، ތިޔަބައިމީހުންގެ ކިބައިން ފާފަތައް ދުރުކުރައްވާ، ފުރިހަމަ ޠާހިރުކުރެއްވުމަކުން ތިޔަބައިމީހުން ޠާހިރުކުރެއްވުމަށެވެ.) [އަލްއަޙްޒާބު: 33].
އަދި ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ:
"ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާމެދު ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދެއްވަމެވެ. ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާމެދު ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދެއްވަމެވެ. ތިމަންކަލޭގެފާނުގެ އަހުލުބައިތުންނާމެދު ތިޔަބައިމީހުންނަށް ﷲ ގެ މަތިން ހަނދުމަކޮށްދެއްވަމެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 28: މުސްލިމުންގެ ވެރިންނާމެދު އަހަރުމެންގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

ޖ: އަހަރުމެންގެ ވާޖިބަކީ: އެމީހުންނަށް އިޙްތިރާމްކުރުމާއި، އުރެދުމެއްކަމުގައި ނުވާ ކަންކަމުގައި އެމީހުންގެ އަޑުއަހާ ކިޔަމަންވުމާއި، އެމީހުންނަށް ހެޔޮ ދުޢާކޮށްދިނުމާއި، ސިއްރުން އެމީހުންނަށް ނަޞޭޙަތްތެރިވުމާއި، ސާފުވެ ބަޔާންވެގެންވާ ކުފުރެއް ފެނިއްޖެނަމަ މެނުވީ އެމީހުންނާ ދެކޮޅަށް ނުނިކުތުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ކިޔަމަންވާށެވެ. އަދި ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިންވާ ވެރިންނަށް ވެސް ކިޔަމަންވާށެވެ. ފަހެ ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ، ﷲ އާއި ރަސޫލާއަށް އެ ކަމެއް ރައްދުކުރާށެވެ. (އެބަހީ: އެކަމާމެދު ﷲ އާއި އެ އިލާހުގެ ރަސޫލާގެ ޙުކުމް އޮތްގޮތެއް ބަލައި އެ ގޮތަށް ޢަމަލުކުރާށެވެ.) އެއީ ތިޔަބައިމީހުން ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ ކަމުގައި ވާނަމައެވެ. އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އަދި ނިމުމެއްގެ ގޮތުން ރީތިކަންވެސް ބޮޑުމެއެވެ.) [އައްނިސާއު: 59]

ސ 29: މުއުމިނުންގެ ވަޒަނަކީ ކޮބައިހެއްޔެވެ؟

ޖ: ސުވަރުގެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން އީމާންވެ ޞާލިޙު ޢަމަލުތައްކުރި މީހުން، އެ ތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، ﷲ (އެ މީހުން) ވައްދަވާނެއެވެ.) [މުޙައްމަދު: 12]

ސ 30: ކާފަރުންގެ ވަޒަނަކީ ކޮބައިހެއްޔެވެ؟

ޖ: ނަރަކައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ފަހެ، ތިޔަބައިމީހުން ނަރަކަޔަށް ބިރުވެތިވެ، ރައްކާތެރިވާށެވެ! އެނަރަކަޔަކީ، މީހުންނާއި ހިލަ، އޭގެ ދަރުކަމުގައިވާ ނަރަކައެވެ. އެ ނަރަކަ ތައްޔާރު ކުރައްވާފައިވަނީ، ކާފަރުންނަށްޓަކައެވެ.) [އަލްބަޤަރާ: 24]

ސ 31: ބިރުވެތިވުމަކީ ކޮބައިހެއްޔެވެ؟ އުންމީދުކުރުމަކީ ކޮބައިހެއްޔެވެ؟ އަދި ދަލީލަކީ ކޮބައިހެއްޔެވެ؟

ޖ: ބިރުވެތިވުމަކީ: ﷲ ދެކެ އަދި އެކަލާނގެ ޢުޤޫބާތަށް ބިރުވެތިވުމެވެ.
އުންމީދުކުރުމަކީ:
ﷲ ގެ ޘަވާބާއި، ފުއްސެވުމާއި، ރަޙްމަތަށް އެދި އުއްމީދުކުރުމެވެ.
ދަލީލަކީ:
ﷲ ތަޢާލާގެ މި ބަސްފުޅެވެ: ((ޝަރީކުން ކަމަށް) އެ މީހުން އެ ގޮވައި އުޅޭ (ޞާލިހު) ބޭކަލުން، (ޚުދު) އެ ބޭކަލުންވެސް އެދެނީ އެ މީހުން ރައްބުގެ ޙަޟްރަތަށް ކުއްތަންވެވޭނެ މަގެކެވެ. އެ ބޭކަލުން ކުރެ އެކަލާނގެއާ އެންމެ ގާތްވެވޭނީ ކާކަށްތޯ ބަލައެވެ. އަދި އެ އިލާހުގެ ރަޙުމަތަށް އެދެއެވެ. އަދި އެ އިލާހުގެ ޢަޛާބަށް ބިރުގަނެއެވެ. ހަމަކަށަވަރުން ކަލޭގެފާނުގެ ރައްބުގެ ޢަޛާބަކީ، ބިރުވެތިވެވޭ އެއްޗެއްކަމުގައިވެއެވެ.) [އަލްއިސްރާއު: 57]
އަދިވެސް އެކަލާނގެ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ތިމަން އިލާހީ ފާފަފުއްސަވާ ރަޙީމްވަންތަ އިލާހުކަން ތިމަންއިލާހުގެ އަޅުތަކުންނަށް ކަލޭގެފާނު ޚަބަރު ދެއްވާށެވެ. އަދި ހަމަކަށަވަރުން ތިމަން އިލާހުގެ ޢަޛާބަކީ، ވޭންދެނިވި ޢަޛާބު ކަމަށްވެސްމެއެވެ.) [އަލްޙިޖްރު: 49 - 50].

ސ 32: ﷲ ތަޢާލާ ބައެއް ނަންފުޅުތަކާއި ޞިފަފުޅުތައް ބަޔާންކުރާށެވެ.

ޖ: الله، އައްރައްބު، އައްރަޙްމާނު (ރަޙުމްކުރެއްވުން ބޮޑުވެގެންވާ އިލާހު)، އައްސަމީޢު (އައްސަވާވޮޑިގެންވާ އިލާހު)، އަލްބަޞީރު (ބައްލަވާވޮޑިގެންވާ އިލާހު)، އަލްޢަލީމު (ދެނެވޮޑިގެންވާ އިލާހު)، އައްރައްޒާޤު (ގިނަގިނައިން ރިޒްޤުދެއްވާ އިލާހު)، އަލްޙައްޔު (ދިރިދެމިވޮޑިގެންވާ އިލާހު)، އަލްޢަޡީމު (މަތިވެރި މާތްވަންތަ އިލާހު)، އަލްޙަކީމު (ޙިކުމަތްވަންތަ އިލާހު)... އެ ނޫންވެސް ރިވެތި ނަންފުޅުތަކާއި މަތިވެރި ޞިފަފުޅުތަކެވެ.

ސ 33: މި އިސްމުފުޅުތައް ޝަރަޙަކުރާށެވެ.

ޖ: الله: އޭގެ މާނައަކީ ޙައްޤު ގޮތުގައި އަޅުކަންވެވޭ އިލާހެވެ. އެކަލާނގެ އެއްކައުވަންތައެވެ. އަދި އެކަލާނގެއަށް ބައިވެރިއަކު ނުވެއެވެ.
- އައްރައްބު: އެއީ ހަމައެކަނި ޚަލްޤުކުރައްވާ، މިލްކުކުރައްވާ، ރިޒްޤުދެއްވާ، ތަދުބީރުކުރައްވާ ފަރާތެވެ.
- އައްސަމީޢު: އެކަލާނގެ އަޑުއެއްސެވުން ކޮންމެ ކަމެއްގެ މައްޗަށް ތަނަވަސްވެ ފުޅާވެގެންވާ އިލާހެވެ. އަދި އަޑުއަޑުތައް ތަފާތުވެ އެކި ވައްތަރަށްވުމާއެކު އެ އަޑުތައް އައްސަވާ ފަރާތެވެ.
- އަލްބަޞީރު: ހުރިހާ އެއްޗެއް ދެކެވޮޑިގެންވާ، އަދި ކުދިބޮޑު އެންމެހާ އެއްޗެއް ބައްލަވާވޮޑިގެންވާ ފަރާތެވެ.
- -އަލްޢަލީމު: ފަހެ އެކަލާނގެއީ، އެކަލާނގެ ޢިލްމުފުޅު މާޒީއާއި މިހާރާއި މުސްތަޤްބަލު ހިމެނޭ ގޮތަށް ހުރިހާ ކަމެއް ވަށާލައިގެންވާ އިލާހެވެ.
- އައްރަޙްމާނު: އެއީ އެކަލާނގެ ރަޙްމަތް ކޮންމެ މަޚްލޫޤަކަށް އަދި ދިރުންހުރި އެއްޗަކަށް ތަނަވަސްވެގެންވާ އިލާހެވެ. އަދި ހުރިހާ އަޅުތަކުންނާއި މަޚްލޫޤުންވަނީ އެކަލާނގެ ރަޙްމަތުގެ ދަށުގައިއެވެ.
- އައްރައްޒާޤު: އިންސާނުންނާއި ޖިންނީންނާއި ހުރިހާ ޖަނަވާރުތަކެއް ހިމެނޭ ގޮތަށް ހުރިހާ މަޚްލޫޤުންނަށް ރިޒްޤުދެއްވުމުގެ ޒިންމާ އުފުއްލަވާ ފަރާތެވެ.
- އަލްޙައްޔު: އަވަހާރަނުވެ ދިރިދެމިވޮޑިގެންވާ އިލާހެވެ. އަދި ހުރިހާ މަޚްލޫޤުން މަރުވެއެވެ.
- އަލްޢަޡީމް: އެކަލާނގެ ނަންފުޅުތަކާއި، ޞިފަފުޅުތަކާއި، ކުރައްވާ ކަންތަކުގައިވެސް ފުރިހަމަކަން އެކުއެކީ އަދި މަތިވެރިކަން އެކުއެކީ ލިބިވޮޑިގެންވާ އިލާހެވެ.
- އަލްޙަކީމް: އެކަލާނގެ ޚަލްޤުކުރެއްވުން ފުރިހަމަކުރައްވާ، ރިވެތިކުރެއްވި އިލާހެވެ. އަދި އެކަލާނގެ ޚަލްޤުކުރެއްވުމާއި އަމުރުކުރެއްވުމުގައިވެސް ޙިކްމަތްތެރިކަން ލިބިވޮޑިގެންވެއެވެ.
ޙިކްމަތްތެރިކަމަކީ:
ތަކެތި އެ އޮންނަންވާ ތަންތަނަށް ލުމާއި، އެ ހުންނަންޖެހޭ މަޤާމުތަކަށް ލައި ފެއްވުމެވެ.

ސ 34: މުސްލިމް ޢިލްމުވެރިންނާމެދު އަހަރުމެންގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

ޖ: އަހަރުމެން އެބޭފުޅުންދެކެ ލޯބިވަމެވެ. އަދި ޝަރުޢީ މައްސަލަތަކާއި، ދިމާވާ ކަންކަމުގައި އެބޭފުޅުންނަށް ރުޖޫޢަވަމެވެ. އަދި ރިވެތި ރަނގަޅު ގޮތެއްގައި މެނުވީ އަހަރުމެން އެބޭފުޅުންގެ ވާހަކަ ނުދައްކަމެވެ. އެނޫން ނުބައި ގޮތަކަށް އެބޭފުޅުންގެ ނަންގަނެއްޖެ މީހާ؛ ފަހެ އޭނާ އެ ހުރީ ރަނގަޅު މަގަކު ނޫނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ތިޔަބައިމީހުންގެ ތެރެއިން އީމާންވި މީހުންނާއި ޢިލްމު ދެވިގެންވާ މީހުން، ﷲ ދަރަޖަތަކަކަށް އުފުއްލަވައެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.) [އަލްމުޖާދަލާ: 11]

ސ 35: ﷲ ތަޢާލާގެ ވަލީވެރިންނަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ނަބިއްޔާ ﷺގެ ސުންނަތަށް ތަބަޢަވާ، ތަޤުވާވެރި މުއުމިނުންނެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(ދަންނާށެވެ. ހަމަކަށަވަރުން ﷲ ގެ ވަލިއްޔުން، އެ މީހުންގެ މައްޗަކަށް އެއްވެސް ބިރެއް ނެތެވެ. އަދި އެ މީހުންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ. އެ މީހުންނަކީ އީމާންވެ، ތަޤުވާވެރިވެ އުޅުނު މީހުންނެވެ.) [ޔޫނުސް: 62 - 63]

ސ 36: އީމާންކަމަކީ ބަހާއި ޢަމަލުހެއްޔެވެ؟

ޖ: އީމާންކަމަކީ ބަހާއި ޢަމަލާއި، އިޢުތިޤާދެވެ.
- އެގޮތުން އެއީ ދުލުން ބުނާ ބަހާއި، ހިތުންކުރާ އިޢުތިޤާދާއި ޢަމަލާއި، ގުނަވަންތަކުން ކުރާ ޢަމަކެވެ.
- ޙަދީޘްގައި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "އީމާންކަންވަނީ ހަތްދިހަ އެތަކެއް -ނުވަތަ ފަސްދޮޅަސް އެތައް- ގޮތްޕަށެވެ. ފަހެ އޭގެ އެންމެ މާތް ގޮތްޕަކީ: لا إله إلا الله ކިޔުމެވެ. އަދި އެންމެ ދަށުގައިވަނީ މަގުމަތިން އުނދަގޫވާ ތަކެތި އެއްފަރާތް ކުރުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ގޮތްޕެކެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 37: އީމާންކަން އުނިއިތުރުވޭހެއްޔެވެ؟

ޖ: އީމާންކަން ހެޔޮ ޢަމަލުން އިތުރުވެ، އަދި ފާފައިގެ ސަބަބުން އުނިވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މުއުމިނުން ވާކަން ކަށަވަރީ، ﷲ ޛިކުރުކުރެވޭހިނދު އެމީހުންގެ ހިތްތައް ބިރުވެތިވާ މީހުން ކަމުގައެވެ. އަދި އެ އިލާހު (ބާވައިލެއްވި) އާޔަތްތައް އެ މީހުންނަށް ކިޔައިދެވޭ ހިނދު، އެމީހުންގެ އީމާންކަން އިތުރުވާ މީހުން ކަމުގައެވެ. އަދި އެމީހުންގެ ރައްބަށް ވަކީލުކުރާ މީހުން ކަމުގައެވެ.) [އަލްއަންފާލު: 2]

ސ 38: އިޙްސާންތެރިކަމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.

ސ 39: ﷲ ސުބްޙާނަހޫގެ ޙަޟްރަތުގައި ޢަމަލުތައް ޤަބޫލުވެވިގެންވާނީ ކޮންއިރަކުހެއްޔެވެ؟

ޖ: ޢަމަލުތައް ޤަބޫލުވެވިގެންވާނީ ދެ ޝަރުޠަކާ ލައިގެންނެވެ:
1. އެއީ ﷲ ތަޢާލާގެ ވަޖްހުފުޅަށް ޚާލިޞްކޮށް ކުރެވޭ ޢަމަލުތަކެއް ކަމުގައިވާނަމައެވެ.
2. ނަބިއްޔާ ﷺގެ ސުންނަތުގެ މަތީގައި އެ ޢަމަލުތައް ވާނަމައެވެ.

ސ 40: ﷲ ތަޢާލާ އަށް ވަކީލުކުރުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ސަބަބުތަކުގައި ހިފައިގެން ހުރެ ފައިދާ ލިބިގަނެ ގެއްލުން ދުރުކުރުމުގައި الله ތަޢާލާ އަށް ބަރޯސާވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި اللَّه އަށް ވަކީލުކުރާމީހާ (ދަންނާށެވެ!) ފަހެ، އޭނާޔަށް އެކަލާނގެ ފުދެއެވެ.) [އައްޠަލާޤު: 3]
﴿حَسْبُهُ﴾: އެބަހީ އެކަލާނގެ އޭނާއަށް ފުއްދަވާދެއްވާނެއެވެ.

ސ 41: ހެޔޮކަމަށް އަމުރުކުރުމާއި ނުބައިކަން ނަހީކުރުމުގެ ވާޖިބަކީ ކޮބައިހެއްޔެވެ؟

ޖ: ހެޔޮކަމަކީ: ﷲ ޢައްޒަ ވަޖައްލައަށް ކިޔަމަންވުންވާ ކޮންމެ ކަމަކަށް އަމުރުކުރުމެވެ. މުންކަރު ނުބައިކަމަކީ: ﷲ ޢައްޒަ ވަޖައްލައަށް އުރެދުންވާ ކޮންމެ ކަމެއް ނަހީކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މީސްތަކުންނަށްޓަކައި ނެރުއްވި އެންމެ ހެޔޮ އުންމަތްކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރެއެވެ. އަދި ނުބައިކަންތައް ނަހީކުރެއެވެ. އަދި ތިޔަބައިމީހުން ﷲއަށް އީމާންވެއެވެ..) [އާލްޢިމްރާން: 110]

ސ 42: އަހުލުއްސުންނާ ވަލްޖަމާޢަތަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ބަހާއި ޢަމަލާއި ޢަޤީދާގައި ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އަޞްޙާބުން ތިއްބެވި ގޮތަށް ތިބި މީހުންނެވެ.
އެބައިމީހުންނަށް އަހުލުއް ސުންނާ (ސުންނަތުގެ އަހުލުވެރިންނޭ) ކިޔުނީ: ނަބިއްޔާ ﷺގެ ސުންނަތަށް އެމީހުން ތަބަޢަވެ، އަދި ބިދުޢަ އުފެއްދުން ދޫކޮށްލުމުންނެވެ.
އަދި ޖަމާޢަތޭ ކިޔުނީ:
އެމީހުން ޙައްޤުގެ މައްޗަށް ޖަމަޢަވެ އެއްބައިވެ، އަދި ބައިބައިވެގެން ނުވާތީއެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
"ބަނީ އިސްރާއީލު މީހުން ހަތްދިހަ ދެ މިއްލަތަށް ބައިބައިވެގެންދިޔައެވެ. އަދިތިމަންކަލޭގެފާނުގެ އުއްމަތް ހަތްދިހަ ތިން މިއްލަތަށް ބައިބައިވެގެންދާނެއެވެ. އެންމެ މިއްލަތެއް ފިޔަވައި އެ ހުރިހާ އެންމެންވެސްވަނީ ނަރަކާގައިއެވެ." އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އެއީ ކޮން ޖަމާޢަތެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ތިމަންކަލޭގެފާނާއި ތިމަންކަލޭގެފާނުގެ އަޞްޙާބުން އެކަންތަކެއްގެ މަތީގައި މި ތިއްބެވި ކަންތަކުގެ މަތީގައި ތިބި މީހުންނެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ފިޤްހުގެ ބައި48

ސ 1: ޠަހާރަތަކީ ކޮބައިކަން ބުނެދޭށެވެ.

ޖ: ޠަހާރަތަކީ: ޙަދަޘްވެރިކަން ފިލުވާލާ، ނަޖިސްތަކެތި ނައްތާލުމެވެ. އެބަހީ: ނަމާދު މަނާވާ ކަންކަން ނައްތާލުމެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ނަމާދުގެ ތަޅުދަނޑިއަކީ ޠާހިރުކަމެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
ނަޖިހުން ޠާހިރުވުން:
އެއީ މުސްލިމަކު އޭނާގެ ހަށިގަނޑުގައި، ނުވަތަ އޭނާގެ ހެދުމުގައި، ނުވަތަ އޭނާ ނަމާދުކުރާ ތަނުގައި ޖެހުނު ނަޖިހެއް ފިލުވާލުމެވެ.
ޙަދަޘްވެރިކަމުން ޠާހިރުވުން:
އެއީ ޠާހިރު ފެނުން ވުޟޫކޮށްގެން ނުވަތަ ހިނައިގަނެގެންނެވެ. ނުވަތަ ފެން ލިބިފައި ނެތް މީހާ، ނުވަތަ ފެން ބޭނުންކުރަން ނުކުޅެދިފައިވާ މީހާ ތަޔައްމުމުކުރުމެވެ.

ސ 2: ނަޖިސް ޖެހިފައިވާ އެއްޗެއް ޠާހިރު ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖ: ސާފުވާންދެން ފެނުން ދޮވެގެންނެވެ. ދެންފަހެ ކުއްތާ ދޫ ލައިފައިވާ އެއްޗެއްނަމަ؛ އެ ހަތް ފަހަރު ދޮންނާނީއެވެ. ފުރަތަމަ ފަހަރު ވެލިންނެވެ.
އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންކުރެ މީހެއްގެ ކަންވާރަށް ކުއްތާއެއް ދޫލައިގެން ފެންބޮއެފިނަމަ އެ ޠާހިރުކުރެވޭނީ ހަތްފަހަރު އެ ދޮވެގެންނެވެ. އޭގެ ފުރަތަމަ ފަހަރު ވެލިންނެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 3: ވުޟޫގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "މުސްލިމް -ނުވަތަ މުއުމިން- އަޅާ ވުޟޫކޮށް ދެން އެ މީހަކު މޫނު ދޮވެފިނަމަ؛ ފެނާއެކު -ނުވަތަ ފެނުގެ އެންމެ ފަހު ތިއްކާއެކު- އޭނާގެ ދެ ލޮލުން ބަލައިގެން ކޮށްފައިވާ ކޮންމެ ކުށްފާފައެއް މޫނުން ނިކުމެގެންދެއެވެ. ދެންފަހެ އޭނާ ދެ އަތް ދޮވެފިނަމަ؛ ފެނާއެކު -ނުވަތަ ފެނުގެ ފަހު ތިއްކާއެކު- އޭނާގެ ދެ އަތުން ހިފައިގެން ކޮށްފައިވާ ކޮންމެ ކުށްފާފައެއް ދެ އަތުން ނިކުމެގެންދެއެވެ. ދެންފަހެ އޭނާ ދެ ފައި ދޮވެފިނަމަ؛ ފެނާއެކު -ނުވަތަ ފެނުގެ ފަހު ތިއްކާއެކު- އޭނާގެ ދެ ފައިން ހިނގައިގެން ކޮށްފައިވާ ކޮންމެ ކުށްފާފައެއް ނިކުމެގެންދެއެވެ. އެހެންގޮސް ކުށްފާފަތަކުން ސާފުވެގެންވާ މީހެއްގެ ގޮތުގައި އޭނާ ނިކުމެއްޖައުމަށް ދާންދެނެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 4: ވުޟޫ ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖ: ތިންފަހަރު ދެ އަތްތިލަ ދޮންނާނީއެވެ. އަދި ތިންފަހަރު އަނގަޔާއި ނޭފަތަށް ފެންލާފައި ބޭރުކޮށްލާނީއެވެ.
އަނގަޔަށް ފެންލުމަކީ:
އަނގައިތެރެއަށް ފެންލާފައި ދެން ބޭރުކޮށްލުމެވެ.
އިސްތިންޝާޤު ކުރުމަކީ:
ކަނާތުން ނޭފަތަށް ފެންލާ، ވަޔާ އެކު ނޭފަތު އެތެރެއަށް ދަމާލުމެވެ.
އިސްތިންޘާރު އަކީ:
ނޭފަތަށް ފެންލުމަށް ފަހު ވައަތުން އެ ފެން ފޮޅާލާ ބޭރުކޮށްލުމެވެ.
- ދެން ތިން ފަހަރު މޫނު ދޮންނާނީއެވެ.
- ދެން ދެ އަތް، ދެ އުޅަނބޮށްޓާ ހަމައަށް ތިން ފަހަރު ދޮވުމެވެ.
- ދެން ބޮލުގައި ފެންފުހުމެވެ. އެއީ ތިބާގެ ދެ އަތް ކުރިޔަށް ގެންދިއުމަށްފަހު ފަހަތަށް އަނބުރާ ގެނެސްގެންނެވެ. އަދި ދެ ކަންފަތުގައި ފެން ފޮހެލުމެވެ.
- ދެން ދެ ތަނބިކަށްޓާ ހަމައަށް ދެ ފައިތިލަ ތިން ފަހަރު ދޮވުމެވެ.
މިއީ އެންމެ ފުރިހަމަ ގޮތެވެ. ބުޚާރީ އާއި މުސްލިމްގައިވާ ޙަދީޘްތަކުގައި ނަބިއްޔާ ﷺ ގެ އަރިހުން އެކަން ޘާބިތުވެގެންވެއެވެ. އެ ޙަދީޘްތައް އެކަލޭގެފާނުގެ އަރިހުން ރިވާކުރެއްވީ ޢުޘްމާނު އާއި، ޢަބްދު ﷲ ބްނު ޒައިދު އާއި އެހެން ބޭކަލުންނެވެ.
އަދި އަލްބުޚާރީ އާއި އެހެނިހެން ފޮތްތަކުގައި އެކަލޭގެފާނުގެ އަރިހުން އަދިވެސް ޘާބިތުވެގެންވެއެވެ:
“އެކަލޭގެފާނު އެއްފަހަރުން އެއްފަހަރުން (ގުނަވަންތައް ދޮވެގެން) ވުޟޫކުރެއްވިއެވެ. އަދި ދެ ފަހަރުން ދެ ފަހަރުންވެސް ވުޟޫކުރެއްވިއެވެ.”
އޭގެ މާނައީ: ވުޟޫގެ ކޮންމެ ގުނަވަނެއް އެއްފަހަރު ނުވަތަ ދެފަހަރު ދޮވެލައްވައެވެ.

ސ 5: ވުޟޫގެ ފަރުޟުތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ޢަދަދު ކިހާވަރެއްހެއްޔެވެ؟

ޖ: އެއީ އެއިން ކަމެއް ދޫކޮށްލައިފިނަމަ މުސްލިމް މީހާގެ ވުޟޫ ޞައްޙަ ނުވާ ކަންކަމެވެ.
1. މޫނު ދޮވުމެވެ. އޭގެ ތެރޭގައި އަނގަޔާއި ނޭފަތަށް ފެން ލުން ހިމެނެއެވެ.
2. ދެ އަތް އުޅަނބޮށްޓާ ހަމައަށް ދޮވުމެވެ.
3. ކަންފަތް ހިމެނޭ ގޮތަށް ބޮލުގައި ފެން ފޮހެލުމެވެ.
4- ތަނބިކަށްޓާ ހަމައަށް ދެ ފައި ދޮވުމެވެ.
5. ގުނަވަންތަކުގެ މެދުގައި އޮންނަ ތަރުތީބުން ދޮވުން. އެއީ މޫނު ދޮވެ، ދެން ދެ އަތް ދޮވެ، ދެން ބޮލުގައި ފެން ފޮހެ، ދެން ދެ ފައި ދޮވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
"(އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން ޤަޞްދުކޮށްފިނަމަ) ފަހެ ތިޔަބައިމީހުންގެ މޫނުތަކާއި، އަދި ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމައަށް ދޮންނާށެވެ. އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ. އަދި ތިޔަބައިމީހުންގެ ފައިތައް ދެތަނބިކަށްޓާ ހަމައަށް ދޮންނާށެވެ.) [އަލްމާއިދާ : 6]
6- މުވާލާތުކުރުން (ވިދިވިދިގެން ކުރުން) : އެއީ ގުނަވަންތަކުން ފެން ހިކިގެންދާންދެން ވަޤުތު ނުދީ މެދުކެނޑުމެއްނެތި، ގުޅިގެންދާގޮތަށް ވުޟޫ ކުރުމެވެ. މިސާލަކަށް: ވުޟޫގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކޮށްފައި، އެހެން ވަޤުތެއްގައި އަނެއްބައި ފުރިހަމަ ކުރުމެވެ. އެގޮތަށް ކުރުމުން ވުޟޫ ޞައްޙައެއް ނޫނެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ނަބިއްޔާ ﷺއަށް މީހަކު ނަމާދުކުރަން ހުއްޓާ ފެނިވަޑައިގަތެވެ. އޭރު އޭނާގެ ފައިތިލަ މަތީގައި ފެން ނުޖެހި ދިރުހަމު ފޮއްޗެއްގެ މިންވަރު ހުއްޓެވެ. ދެންފަހެ އޭނާ ވުޟޫ އާއި ނަމާދު އަލުން އިޢާދަކުރުމަށް ނަބިއްޔާ ﷺ އަމުރުކުރެއްވިއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.

ސ 6: ވުޟޫގެ ސުންނަތްތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ ޢަދަދު ކިހާވަރެއްހެއްޔެވެ؟

ޖ: ވުޟޫގެ ސުންނަތްތަކަކީ: ވުޟޫކުރާ މީހާ އެ ކަންކަން ކޮށްފިނަމަ އިތުރު އަޖުރާއި ޘަވާބު ހުރި ކަންކަމެވެ. އޭނާ އެ ކަންކަން ދޫކޮށްލިޔަސް އޭނާގެ މައްޗަށް އެއްވެސް ފާފައެއް ނުވެއެވެ. އަދި އޭނާގެ ވުޟޫ ޞައްޙަވެގެންވެއެވެ.
1. ބިސްމި ކިޔުން: بسم الله ކިޔުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ﷲ ގެ ނަންފުޅު ވުޟޫގެ މައްޗަށް ނުގަންނަ މީހާއަށް ވުޟޫއެއް ނުވެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
2. ސިވާކުކުރުން. (ދަތް އުނގުޅުން.) އެއީ މި ޙަދީޘަށްޓަކައިއެވެ: "ތިމަންކަލޭގެފާނުގެ އުއްމަތުގެ މައްޗަށް ދަތިކުރައްވަނީކަމަށް ނުވާނަމަ؛ ކޮންމެ ވުޟޫއަކާއެކު ސިވާކުކޮށް ދަތްއުނގުޅުމަށް ތިމަންކަލޭގެފާނު އެމީހުންނަށް އަމުރުކުރެއްވީމުހެވެ." ރިވާކުރެއްވީ އަޙުމަދެވެ.
3. ދެ އަތްތިލަ ދޮވުން.
4. އިނގިލިތަކުގެ ދޭތެރެ ވިނަވައިލުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ތިބާ ވުޟޫ ފުރިހަމަކޮށް ރަނގަޅުކުރާށެވެ. އަދި އިނގިލިތަކުގެ ދޭތެރެ ވިނަވައިލާށެވެ. އަދި ނޭފަތަށް ބޮޑަށް ފެން ދަމައިލާށެވެ. ތިބާ ރޯދަވެރިޔަކު ކަމުގައިވާނަމަ މެނުވީއެވެ." ރިވާކުރެއްވީ ސުނަނު ފޮތްތަކުގެ އަހުލުވެރިންނެވެ. (އެބަހީ: އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާއެވެ.)
5. ގުނަވަންތައް ދެވަނަ ފަހަރާއި ތިންފަހަރަށް ދޮވުން.
6. ކަނާތް ފަރާތުން ފެށުން. އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ: "ނަބިއްޔާ ﷺ ފައިވާން ތުރުކުރެއްވުމާއި، ފުނާއެޅުއްވުމާއި، ޠާހިރުވެލެއްވުމާއި އަދި އެކަލޭގެފާނުގެ ހުރިހާ ކަމެއްގައިވެސް ކަނާތް ފަރާތް އިސްކުރެއްވުމަށް ހިތްޕުޅާކުރައްވައެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. ވުޟޫކުރުމަށް ފަހު ޛިކުރުކުރުން: «أشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمدًا عبده ورسوله» ކިޔުމެވެ.
މާނައީ:
"الله ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނެތްކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމާއި، އެކަލާނގެއަށް ޝަރީކަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ." ރިވާކުރެއްވީ މުސްލިމެވެ.
8. އޭގެ ފަހުން ދެ ރަކުޢަތް ނަމާދެއްކުރުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ތިމަންކަލޭގެފާނުގެ މި ވުޟޫފަދައިން ވުޟޫކޮށް، ދެން އެ ދެރަކްޢަތުގައި އޭނާގެ ނަފްސާ ވާހަކަނުދައްކާ (އެބަހީ: ދުނިޔަވީ ޚިޔާލުތަކާއި ފިކުރުތަކަށް ގެނބިގެން ނުގޮސް) ދެ ރަކްޢަތް ނަމާދެއް ކޮށްފިނަމަ؛ އޭނާގެ އިސްވެދިޔަ ފާފަތައް ފުއްސެވިގެންދެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

ސ 7: ވުޟޫ ގެއްލޭ ކަންތައްތަކަކީ ކޮބައި ހެއްޔެވެ؟

ޖ: - ދެ ދޮރުން -ކުރިމަތި ފަރާތާއި ފުރަގަސްފަރާތު ދޮރުން- އެއްޗެއް ނިކުތުމެވެ. ކުޑަކަމުދާތަކެތި، ނުވަތަ ބޮޑުކަމުދާތަކެތި ނުވަތަ ވައިވިޔަސްމެއެވެ.
- ނިދުން، ނުވަތަ މޮޔަވުން، ނުވަތަ ހޭނެތުން. އެއީ މި ޙަދީޘަށްޓަކައިއެވެ: “ލޮލަކީ ފުރަގަސްފަރާތު ދޮރު ބަނދެވޭ ވާފަށެވެ. ދެންފަހެ ނިދައިފި މީހަކު ވުޟޫކުރާހުށިކަމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
- ޖަމަލު މަސް ކެއުން. މީހަކު ނަބިއްޔާ ﷺ ގެ އަރިހުން ސުވާލުކުރިއެވެ: ޖަމަލުމަހުން ވުޟޫ ކުރަންޖެހޭނެ ހެއްޔެވެ؟ ޙަދީޘްކުރެއްވިއެވެ.: "އާނއެކެވެ." ރިވާކުރެއްވީ މުސްލިމެވެ.
- އެއްވެސް ހުރަހެއް ނެތި އަތުން ކުރިމަތީފަރާތުގައި ނުވަތަ ފުރަގަސްފަރާތުގައި އަތްލުމެވެ. އެއީ މި ޙަދީޘަށްޓަކައިއެވެ: “އެމީހެއްގެ ޖިންސީ ގުނަވަނުގައި އަތްލައިފި މީހަކު ފަހެ ވުޟޫ ކުރާށެވެ.”
ރިވާކުރެއްވީ އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.

ސ 8: ތަޔައްމުމަކީ ކޮބައިހެއްޔެވެ؟

ޖ: ތަޔައްމުމު ކުރުމަކީ: ފެން ނެތްނަމަ، ނުވަތަ ފެން ބޭނުން ކުރަން ޢުޛުރުވެރިވެ ނުކުޅެދޭ ޙާލަތުގައި، ބިމުގެ ފަސްގަނޑުން ވެއްޔާއި އެނޫން އެއްޗެއް ބޭނުންކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ދެން، ތިޔަބައިމީހުންނަށް ފެން ނުލިބިއްޖިއްޔާ، ޠާހިރު ވެލިން ތިޔަބައިމީހުން ތަޔައްމުމު ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، އަތްތަކުގައި، (އެ ވެލިން) ފުހޭށެވެ! ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން ޢަފޫކުރައްވާ، ގިނަގިނައިން ފާފަފުއްސަވާ އިލާހު ކަމުގައިވެއެވެ.) [އައްނިސާއު: 43]

ސ 9: ތަޔައްމުމު ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖ: ދެ އަތްތިލައިގެ ބަނޑުފުށުން އެއް ފަހަރު ބިމުގައި ޖަހައިލުމަށްފަހު، މޫނާއި ދެ އަތްތިލައިގެ މަތީގައި އެއް ފަހަރު ފޮހެލާނީއެވެ.
އެއީ ނަބިއްޔާ ﷺ، ޢައްމާރު ބްނު ޔާސިރު رضي الله عنه އަށް ޙަދީޘްކުރެއްވި ބަސްފުޅަށްޓަކައިއެވެ: "މިގޮތަށް ކަންތައް ކޮށްލައިގެން ތިބާއަށް ފުދޭނެއެވެ." ދެން ނަބިއްޔާ ﷺގެ ދެ އަތްޕުޅުން ބިންމަތީގައި ޖައްސަވާ، ދެން ދެ އަތްޕުޅަށް ފުމެލެއްވުމަށްފަހު، ދެން އެކަލޭގެފާނުގެ މޫނުފުޅާއި ދެ އަތްތިލަފުޅުގައި ފޮހެލެއްވިއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

ސ 10: ތަޔައްމުމު ބާޠިލުވާ ކަންކަމަކީ ކޮބައިހެއްޔެވެ؟

ޖ: - ވުޟޫ ގެއްލޭ ހުރިހާ ކަމަކުންނެވެ.
- ފެން ލިބިއްޖެނަމައެވެ.

ސ 11: ޚުއްފާއި އިސްޓާކީނަކީ ކޮބައިހެއްޔެވެ؟ އަދި އެތަކެތީގެ މަތީގައި ފެން ފޮހެވިދާނެހެއްޔެވެ؟

ޖ: - ޚުއްފު: އެއީ ފަޔަށް އެރުވާ، ހަމުން ހަދާފައި ހުންނަ އެއްޗެކެވެ.
- ޖައުރަބު އިސްޓާކީން: އެއީ ހަން ފިޔަވައި އެހެން ތަކެތިން ފައިގައި ލުމަށް ތައްޔާރުކޮށްފައިވާ ތަކެއްޗެވެ.
ދެ ފައި ދޮވުމުގެ ބަދަލުގައި އޭގެ މަތީގައި ފެން ފުހުން ޝަރުޢުވެގެންވެއެވެ.
- އެއީ އަލްމުޣީރާ ބްނު ޝުޢުބާ رضي الله عنهގެ ޙަދީޘަށްޓަކައިއެވެ. ﷲ ގެ ރަސޫލާ ﷺވުޟޫކުރައްވާ، އަދި ޖައުރަބުގެ މަތީގައި ފެންފުއްސެވިއެވެ. ރިވާކުރެއްވީ އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.
އަދި ބުޚާރީއާއި މުސްލިމުގައި ވެއެވެ:
ދެން އެކަލޭގެފާނު ވުޟޫކުރައްވާ، އަދި ދެ ޚުއްފު ފައިއުރައިގެ މަތީގައި ފެންފުއްސެވިއެވެ.

ސ 12: ޚުއްފުގައި ފެން ފުހުމުގެ ޙިކުމަތަކީ ކޮބައިހެއްޔެވެ؟

ޖ: އަޅުތަކުންނަށް ފަސޭހަކޮށްދީ ލުއި ދިނުމެވެ. ޚާއްޞަކޮށް، ފަޔަށް އެރުވައިގެން އުޅޭ އެއްޗެއް ނެގުން އުނދަގޫވާފަދަ ވަޤުތުތައް ކަމުގައިވާ، ފިނިމޫސުމާއި ފިނިގަދަ ވަޤުތުތަކާއި ދަތުރުމަތީގައިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (اللَّه، ތިޔަބައިމީހުންނަށް އެދިވޮޑިގަންނަވަނީ ލުއިފަސޭހަގޮތެވެ. އަދި ދަތި އުނދަގޫގޮތް އެކަލާނގެ ތިޔަބައިމީހުންނަށް އެދިވޮޑިނުގަންނަވައެވެ.) [އަލްބަޤަރާ: 185]

ސ 13: ޚުއްފު މަތީގައި ފެންފުހުން ޞައްޙަވުމުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ޠަހާރަތުގެ މަތީގައި، އެބަހީ ވުޟޫކުރުމަށް ފަހު ޚުއްފު ލުމެވެ.
އެއީ އަލްމުޣީރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: އަހަރެން ނަބިއްޔާ ﷺ އާއެކު ދަތުރެއްގައި ވީމެވެ. ދެން އެކަލޭގެފާނު (ވުޟޫކުރެއްވިހިނދު) އެކަލޭގެފާނުގެ ޚުއްފު ބާލައިދިނުމަށް އަހަރެން ތިރިވީމެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "އެ ބަހައްޓާށެވެ. ފަހެ ތިމަންކަލޭގެފާނު އެ ދެ ޚުއްފު ލެއްވީ ޠާހިރުކޮށެވެ." ދެން އެކަލޭގެފާނު އޭގެ މަތީގައި ފެންފުހެލެއްވިއެވެ. މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
2. ޚުއްފު ޠާހިރު އެއްޗަކަށް ވާންޖެހެއެވެ. ފަހެ ނަޖިސް އެއްޗެއްގެ މަތީގައި ފެންފުހުން ހުއްދަވެގެން ނުވެއެވެ.
3. އެ ޚުއްފަކީ ވުޟޫކުރާއިރު ދޮންނަން ޖެހޭ ސަރަހައްދު ނިވާވާ އެއްޗަކަށް ވާންޖެހެއެވެ.
4. ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޚުއްފުގައި ފެންފުހުމެވެ. އެއީ
ރަށުގައި ޤާއިމުވެ ހުރި މީހެއްނަމަ:
ރެއަކާއި ދުވާލެކެވެ. ދަތުރުވެރިޔެއްނަމަ: ތިން ރޭ ތިން ދުވާލެވެ.
އެއީ ޢަލީ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ:
"ﷲ ގެ ރަސޫލާ ﷺ (ޚުއްފުގައި ފެންފުހުމުގައި) ދަތުރުވެރިޔާއަށް ތިންދުވަސް އެ ދުވަސްތަކުގެ ރޭގަނޑާއެކު، އަދި ރަށުގައި ޤާއިމުވެ ހުންނަ މީހާއަށް ދުވާލަކާއި ރޭގަނޑެއް ކަނޑައެޅުއްވިއެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 14: ޚުއްފު މަތީގައި ފެން ފޮހެލުމުގެޞިފައަކީ ކޮބައިހެއްޔެވެ؟

ޖ: ޚުއްފުގައި ފެން ފޮހޭނެގޮތަކީ: ފެނުން ތެމިފައިވާ ދެ އަތުގެ އިނގިލިތައް، ދެ ފައިގެ އިނގިލިތަކަށް ދިމާވާގޮތަށް ބާއްވާފައި ދެން ކަށިމައްޗާ ދިމާލަށް މައްޗަށް ހާކާލާނީއެވެ. ކަނާއަތުން ކަނާތު ފައިގައެވެ. ވާތުން ވައަތުފައިގައިއެވެ. ފެން ފޮހެލާއިރު އިނގިލިތައް ދުރުކޮށް ވަކިކޮށް ބަހައްޓާށެވެ.އަދި ތަކުރާރުކޮށް ފުހުމެއް ނެތެވެ.

ސ 15: ޚުއްފުގައި ފެންފުހުން ބާޠިލުވަނީ ކޮންކަމަކުންހެއްޔެވެ؟

ޖ: 1. ފެންފުހުމުގެ މުއްދަތު ހަމަވެއްޖެނަމައެވެ. އެގޮތުން ފެން ފުހުމަށް ޝަރުޢުގައި ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު ޚުއްފުގައި ފެންފުހުން ހުއްދަވެގެން ނުވެއެވެ. އެއީ ރަށުގައި ޤާއިމުވެހުރި މީހަކަށް ދުވާލަކާއި ރެޔެކެވެ. އަދި ދަތުރުވެރިޔާއަށް ތިންދުވަސްް އެ ރޭތަކާ އެކުގައިއެވެ.
2. ޚުއްފު ބޭލުމެވެ. އިންސާނާ ޚުއްފުގައި ފެން ފުހުމަށްފަހު ދެ ޚުއްފު ނުވަތަ އެތަނުން އެކަތި ބާލައިފިނަމަ އޭގެ މަތީގައި ފެންފުހުން ބާޠިލުވެއެވެ.

ސ 17: ނަމާދުގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: ނަމާދަކީ: ތަކުބީރުން ފެށޭ، އަދި ސަލާމުން ނިންމޭގޮތަށް، ވަކި ޚާއްޞަ ބަސްތަކަކާއި ޢަމަލުތަކަކުން ﷲ އަށްކުރާ އަޅުކަމެކެވެ.

ސ 18: ނަމާދުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖ: ނަމާދު ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(...ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.) [އައްނިސާއު: 103]

ސ 19: ނަމާދު ދޫކޮށްލުމުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖ: ނަމާދު ދޫކޮށްލުމަކީ ކުފުރެކެވެ. ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "އަހަރުމެންނާ އެމީހުންނާ ދެމެދުގައިވާ ޢަހްދަކީ ނަމާދެވެ. ދެންފަހެ ނަމާދު ދޫކޮށްލައިފި މީހާ ފަހެ ކާފަރުވެއްޖެއެވެ." ރިވާކުރެއްވީ އަޙްމަދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.

ސ 20: ރެޔަކާއި ދުވާލު މުސްލިމަކަށް ވާޖިބުވަނީ ކިތައް ނަމާދު ހެއްޔެވެ؟ އަދި ކޮންމެ ނަމާދެއްގައި ކިތައް ރަކުޢަތް ހެއްޔެވެ؟

ޖ: ރެއަކާއި ދުވާލަކު ވަނީ ފަސް ނަމާދެވެ.
- ފަތިސްނަމާދު: ދެ ރަކުޢަތެވެ.
- މެންދުރު ނަމާދު: ހަތަރު ރަކުޢަތެވެ.
- އަޞްރު ނަމާދު: ހަތަރު ރަކުޢަތެވެ.
- މަޣްރިބް ނަމާދު: ތިން ރަކުޢަތެވެ.
- އަދި ޢިޝާ ނަމާދު: ހަތަރު ރަކުޢަތެވެ.

ސ 21: ނަމާދުގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އިސްލާމްކަން: ފަހެ ކާފަރެއްގެ ކިބައިން ނަމާދު ޞައްޙަވެގެން ނުވެއެވެ. އެއީ ޝިރުކުގެ ސަބަބުން ޢަމަލުތައް ބާޠިލުވެގެންވުމުންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ކަލޭގެފާނު ޝަރީކު ކުރައްވައިފިނަމަ، ކަލޭގެފާނުގެ ޢަމަލުތައް ބާޠިލު ވެއްޖައީސްކަން ކަށަވަރެވެ.) [އައްޒުމަރު: 65]
2. ބުއްދިހުރުން؛ މޮޔައެއްގެ ކިބައިން ނަމާދު ޞައްޙަނުވާނެއެވެ.
3. ހެޔޮނުބައި ވަކިކުރެވުން؛ ފަހެ ހެޔޮނުބައި ވަކިކުރަން ނޭނގޭ ކުޑަކުއްޖެއްގެ ކިބައިން ނަމާދު ޞައްޙަވެގެން ނުވެއެވެ.
އެއީ ނަބިއްޔާ ﷺގެ ޙަދީޘަށްޓަކައިއެވެ:
"ތިން މީހެއްގެ ކިބައިން ގަލަންވަނީ އުފުލިގެންނެވެ: ނިދާފައިވާ މީިހާގެ ކިބައިން، އޭނާ ހޭލައިފުމަށް ދާންދެނެވެ. ކުޑަކުއްޖާގެ ކިބައިން، އޭނާ ބޮޑުވެއްޖައުމަށް ދާންދެނެވެ. މޮޔަމީހާގެ ކިބައިން، އޭނާގެ ބުއްދި އަނބުރާ އައިސް ވިސްނިއްޖައުމަށް ދާންދެނެވެ." ރިވާކުރެއްވީ ސުނަނު ފޮތްތަކުގެ އަހުލުވެރިންނެވެ. (އެބަހީ: އަބޫ ދާވޫދު، އައްތިރްމިޛީ، އައްނަސާއީ، އިބްނު މާޖާއެވެ.)
4- ނިޔަތްގަތުން.
ޙަދީޘްގައިވެއެވެ:
"ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އެމީހަކު ނިޔަތްގަތް ކަމެކެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
4- ނަމާދު ވަޤުތު ވަނުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (...ހަމަކަށަވަރުން، ނަމާދަކީ މުއުމިނުތަކުންގެ މައްޗަށް ވަޤުތު ކަނޑައެޅިގެންއޮތް ފަރުޟެއްކަމުގައި ވެއެވެ.) [އައްނިސާއު: 103]
6- ޙަދަޘްވެރިކަން ފިލުވާލައިގެން ޠާހިރުވުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ތިޔަބައިމީހުންކުރެ މީހަކު ޙަދަޘްވެރިވެއްޖެނަމަ އޭނާ ވުޟޫކޮށްފުމަށް ދާންދެން ﷲ އޭނާގެ ނަމާދު ޤަބޫލުނުކުރައްވާނެތެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7- ނަޖިހުން ޠާހިރުވުން. އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ: (އަދި ކަލޭގެފާނުގެ ފޭރާންކޮޅުތައް ޠާހިރުކުރައްވާށެވެ!) [އަލްމުއްދައްޘިރު: 4]
8. ޢައުރަ ނިވާކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ އާދަމުގެ ދަރިންނޭވެ. ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!) [އަލްއަޢުރާފު : 31]
9- ޤިބްލައަށް ކުރިމަތިލުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ފަހެ ޙުރުމަތްތެރިވެގެންވާ މިސްކިތާ (އެބަހީ: ކަޢުބަތުﷲ ގެފުޅާ) ދިމާއަށް ކަލޭގެފާނުގެ މޫނުފުޅު ކުރިމަތިކުރައްވާށެވެ! އަދި ތިޔަބައިމީހުން ތިބި ކޮންމެ ތަނެއްގައިމެ، އެތަނާ ދިމާއަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!) [އަލްބަޤަރާ: 144]

ސ 22: ނަމާދުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ސާދަ ރުކުނެވެ. އަންނަނިވި ގޮތަށެވެ:
- އޭގެ ތެރެއިން އެއް ކަމަކީ: ކުޅަދާނަ ވެގެންވާ މީހާ ފަރުޟު ނަމާދުގައި ކޮޅަށް ހުރުމެވެ. އެއީ ޢިމްރާނު ބްނު ޙުޞައިނު رضي الله عنه، ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެއްވި ޙަދީޘަށްްޓަކައިއެވެ: "ތިބާ ކޮޅަށްހުރެ ނަމާދުކުރާށެވެ. ދެންފަހެ ތިބާ ކުޅަދާނަނުވެއްޖެނަމަ ފަހެ އިށީންދެގެންނެވެ. ދެން ތިބާ ކުޅަދާނަ ނުވެއްޖެނަމަ ފަހެ އަރިއަކޒށް އޮށޯވެ އޮވެގެންނެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
- ހަށަންބަން ތަކްބީރު ކިޔުން، އެއީ: "الله أكبر" އެވެ. އެއީ އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅަށްޓަކައިއެވެ: "ތިބާ ނަމާދަށް ތެދުވެއްޖެނަމަ ފަހެ ތަކްބީރު ކިޔާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ސޫރަތުލް ފާތިޙާ ކިޔެވުން. އެއީ އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅަށްޓަކައިއެވެ: "ސޫރަތުލް ފާތިޙާ ނުކިޔަވާ މީހަކަށް ނަމާދެއް ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
ރުކޫޢުކުރުން: އަދި ރުކޫޢުގައި ބުރަކަށި ސީދާކޮށް ދަމާލާފައި، އޭނާގެ ބޯ ބުރަކަށްޓާ އެއްވަރަށް ބަހައްޓާހުއްޓެވެ.
ރުކޫޢުން ތެދުވުން.
- އިޢުތިދާލުގައި ކޮޅަށްހުރުން. އެއީ އެކަލޭގެފާނު ﷺގެ މި ބަސްފުޅަށްޓަކައިއެވެ: "ދެން ތިބާ ރުކޫޢުގައި ހަމަޖެހިއްޖައުމަށް ދާންދެން ރުކޫޢުކުރާށެވެ. ދެން ތިބާ އިޢުތިދާލުގައި ސީދާވެއްޖައުމަށް ދާންދެން ބޯ އުފުލާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ސަޖިދަކުރުން، އަދި ސަޖިދަކުރާ ތަނުގައި އޭނާގެ ނިތްކުރިއާއި، ނޭފަތާއި، ދެ އަތްތިލައާއި، ދެ ކަކުލާއި، ދެ ފައިގެ އިނގިލިތަކުގެ ކޮޅުތައް ޖައްސައިގެން ހުރުން.
- ސަޖިދައިން ތެދުވުން.
- ދެ ސަޖިދަ ދެމެދު އިނުން. އެއީ އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅަށްޓަކައިއެވެ: "ދެން ތިބާ ސަޖިދާގައި ހަމަޖެހިއްޖައުމަށް ދާންދެން ސަޖިދަކުރާށެވެ. ދެން ތިބާ (ދެ ސަޖިދަ ދެމެދުގައި) އިށީންދެ އިނދެ ހަމަޖެހިއްޖައުމަށް ދާންދެން (ސަޖިދައިން) ބޯ އުފުލާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ސުންނަތް ގޮތަކީ: އޭނާގެ ވައަތު ފައި ފަތުރައިގެން އެ ފައިމަތީ އިށީންދެ، ކަނާތު ފައިތިލަ ބިންމަތީ ވިއްދާ ކޮޅަށްޖައްސާ، (އިނގިލިތައް) ޤިބްލައާ ދިމާކޮށްފައި ބެހެއްޓުމެވެ. އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ: “އެކަލޭގެފާނު ވާތުފައިންޕުޅު ފަތުރާލައްވާ، އަދި ކަނާތު ފައިންޕުޅު ބިންމަތީ ވިއްދަވައެވެ." ރިވާކުރެއްވީ މުސްލިމެވެ.
- ހަމަޖެހުން، އެއީ ކޮންމެ ޢަމަލީ ރުކުނެއްގައި ހިމޭންވެ ހަމަޖެހުމެވެ.
- ފަހު އައްތަޙިއްޔާތު އެއީ އިބްނު މަސްޢޫދު رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: "އައްތަޙިއްޔާތު ކިޔުން ފަރުޟުކުރެއްވުމުގެ ކުރިން އަހަރުމެން ނަމާދުގައި ކިޔަމުން ދިޔައީމެވެ..." ރިވާކުރެއްވީ އައްނަސާއީއެވެ. އޭގެ އަޞްލުވަނީ ދެ ޞަޙީޙުގައިއެވެ.
- އައްތަޙިއްޔާތަށް އިށީނުން.
- ދެ ސަލާމް ދިނުން. އެއީ ދެ ފަހަރު މިހެން ކިޔުމެވެ: "السَّلام عليكم ورحمة الله". އެއީ މި ޙަދީޘަށްޓަކައިއެވެ: “އެކަލޭގެފާނު ކަނާތް ފަރާތާއި ވާތްފަރާތަށް ސަލާމް ދެއްވައެވެ:
السلام عليكم ورحمة الله، السلام عليكم ورحمة الله» އެވެ. މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.
- ރުކުންތައް -އަހަރުމެން ގެނައިގޮތަށް- ތަރުތީބުކުރުމެވެ. އެގޮތުން މިސާލަކަށް ރުކޫޢުކުރުމުގެ ކުރިން ޤަޞްދުގައި ސަޖިދަކޮށްފިނަމަ؛ އޭނާގެ ނަމާދު ބާޠިލުވެދެއެވެ. އަދި ނޭނގި ހަނދާންނެތިނަމަ؛ ރުކޫޢުކުރުމަށް އަނބުރާ ރުޖޫޢަވުން ލާޒިމްވާނެއެވެ. ދެން އެއަށްފަހު ސަޖިދަކުރާނީއެވެ.

ސ 23: ނަމާދުގެ ވާޖިބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: ނަމާދުގެ ވާޖިބުތައް، އެއީ އަށެކެވެ. އަންނަނިވި ގޮތަށެވެ:
1. ހަށަންބަން ތަކްބީރު ފިޔަވައި އެހެން ތަކްބީރުތަކެވެ.
2- އިމާމުމީހާ އަދި ވަކިން ނަމާދުކުރާ މީހާ «سمع الله لمن حمده» ކިޔުން.
3- «ربنا ولك الحمد» ކިޔުން
4- ރުކޫޢުގައި «سبحان ربي العظيم» އެއް ފަހަރު ކިޔުން.
5-ސަޖިދައިގައި «سبحان ربي الأعلى» އެއް ފަހަރު ކިޔުން.
6- ދެ ސަޖިދަ ދެމެދު «رب اغفر لي» ކިޔުން.
7- ފުރަތަމަ އައްތަޙިއްޔާތު.
8- ފުރަތަމަ އައްތަޙިއްޔާތަށް އިށީންނުން.

ސ 24: ނަމާދުގެ ސުންނަތްތަކަކީ ކޮބައިހެއްޔެވެ؟

ޖ: އެގާރަ ސުންނަތެވެ. އަންނަނިވި ގޮތަށެވެ.
1- ހަށަންބަން ތަކުބީރަށް ފަހު "سبحانك اللهم وبحمدك، وتبارك اسمك، وتَعَالَىٰ جدك، ولا إله غيرك" ކިޔުން، އެއަށް ދުޢާއުލް އިސްތިފްތާޙުއޭ ކިޔެއެވެ.
މާނައީ:
"އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ! އޭ ﷲ އެވެ! އަދި އިބަ އިލާހަށް އެންމެހާ ޙަމްދެއް ހުއްޓެވެ. އަދި އިބަ އިލާހުގެ ނަންފުޅު ބަރަކާތްތެރިވެގެންވެއެވެ. އަދި އިބަ އިލާހުގެ އަރަހުށިކަން މަތިވެރިވެގެންވެއެވެ. އަދި އިބަ އިލާހު ފިޔަވައި (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ."
2- އަޢޫޛު ކިޔުން.
3- ބިސްމި ކިޔުން.
4- އާމީން ކިޔުން.
5- ފާތިޙާ ސޫރަތަށްފަހު އެހެން ސޫރަތެއް ކިޔެވުން.
6- އިމާމު މީހާ އަޑުހަރުކޮށް ކިޔެވުން.
7- ތަޙުމީދު (ربنا ولك الحمد) އަށް ފަހު: "ملء السَّمٰوات، وملء الأرض، وملء ما شئت من شيء بعد ކިޔުން.
(މާނައީ: އުޑުތައް ފުރޭވަރަށް، އަދި ބިން ފުރޭވަރަށް، އަދި އެއަށްފަހު އިބައިލާހު އެދިވޮޑިގެންނެވި އެއްޗެއް ފުރޭ ވަރަށް އިބައިލާހަށް ޙަމްދުހުއްޓެވެ.)
8- ރުކޫޢުގައި އެއް ފަހަރު ތަސްބީޙަ ކިޔުމަށްވުރެ އިތުރުވާ އެއްޗެއް. އެބަހީ: ދެވަނަ އަދި ތިންވަނަ ފަހަރު ތަސްބީޙަކިޔުން އަދި އެއަށްވުރެ އިތުރުކުރި ވަރެއްވެސްމެއެވެ.
9- ސަޖިދާގައިގައި އެއް ފަހަރު ތަސްބީޙަ ކިޔުމުގެ އިތުރަށް ކިޔުން.
10- ދެ ސަޖިދަ ދެމެދު «رب اغفر لي» އެއް ފަހަރު ކިޔުމުގެ އިތުރަށް ކިޔުން.
11- ފަހު އައްތަޙިޢްޔާތުގައި ނަބިއްޔާ ﷺ އާއި އެކަލޭގެފާނުގެ އާލުން عليهم السلام އަށް ޞަލަވާތް ލެއްވުމަށް އެދި ދެންނެވުމާއި، އެކަލޭގެފާނާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވުމަށް އެދި ދެންެނެވުމާއި، އެއަށްފަހު ދުޢާކުރުން.
ޢަމަލީ ސުންނަތްތައް. އެއަށް ހައިއާތު ސުންނަތްތަކޭވެސް ކިޔެއެވެ.
1- ހަށަންބަން ތަކުބީރާއެކު ދެއަތް (ކޮނޑާހަމައަށް ނޫނީ ދެ ކަންފަތު ފޫޅާ ހަމައަށް) އުފުލުން.
2. އަދި ރުކޫޢު ކުރާއިރުވެސް.
3- އަދި ރުކޫޢުން ތެދުވާއިރުވެސްމެއެވެ،
4. އަދި އެއަށްފަހު ދެއަތް ތިރިއަށް ދޫކޮށްލުމެވެ.
5. ވާތްމަތީ ކަނާތް ބޭއްވުން.
6. ސަޖިދަކުރާ ތަނަށް ބަލައިގެން ހުރުން.
7. ކޮޅަށް ހުންނައިރު ދެ ފައި ދުރުކޮށްގެން ހުރުން.
8. ރުކޫޢުގައި ދެ އަތުގެ އިނގިލިތައް ފޭކޮށްގެން ދެ އަތުން ކަކުލުގައި ހިފެހެއްޓުމެވެ. އަދި ރުކޫޢުގައި ބުރަކަށި ދަމާލައި، ބޯ ބުރަކަށްޓާ އެއް ހަމައަށް ބެހެއްޓުމެވެ.
9- ސަޖިދައިގެ ގުނަވަންތައް ބިމުގައި، ސަޖިދަ ކުރާ ތަނުގައި ޖެއްސުން.
10. އޭނާގެ ދެ މުލައްދަނޑި އޭނާގެ ދެ އަރިކަށިން ފޭކޮށް، އަދި އޭނާގެ ބަނޑު، ދެ ފަލަމަސްގަނޑުން ފޭކޮށް، އަދި ދެ ފަލަމަސްގަނޑު ދެފައި ދަނޑިން ފޭކޮށް ބޭއްވުން. އަދި އޭނާގެ ދެ ފައިތިލަ ކޮޅަށް ޖަހާފައި ބެހެއްޓުން. އަދި ދެ ފައިތިލައިގެ އިނގިލިތަކުގެ ބަނޑުފުށް ވަކިކޮށްފައި ބިމުގައި ޖެއްސުން. އަދި އޭނާގެ ދެ އަތްތިލަ ހުޅުވާފައި، އޭނާގެ ދެ ކޮނޑާ ހަމައިގައި، އިނގިލިތައް ކައިރިކޮށް ފިއްތާފައި ބޭއްވުން.
11- ދެ ސަޖިދަ ދެމެދުގައްޔާއި އަދި ފުރަތަމަ އައްތަޙިއްޔާތުގައި އިފުތިރާޝަށް އިނުން އަދި ފަހު އައްތަޙިއްޔާތުގައި ތަވައްރުކުކޮށް އިނުން.
12. ދެ ސަޖިދައިގެ ދެމެދުގައި އިންނައިރު، ދެ އަތްތިލަ ހުޅުވައިގެން، އިނގިލިތައް ކައިރިކޮށް ފިއްތާފައި ފަލަމަސްގަނޑު މަތީގައި ބޭއްވުމެވެ. އެފަދައިންމެ އައްތަޙިއްޔާތުގައި އިންނައިރުވެސްމެއެވެ. އެކަމަކު ކަނާތުގެ ކުޑަވާ އިނގިއްޔާއި ކަށި އިނގިލި މަޅާލައިގެން، ބޮޑުވާ އިނގިއްޔާއި މެދު އިނގިލިން ބޮޅެއް ހަދައިގެން، ދެން ﷲ ގެ ނަންފުޅު ގަނެވޭހިނދު ޝަހާދަތް އިނގިލިން އިޝާރާތްކުރާނީއެވެ.
13- ސަލާމް ދޭހިނދު ކަނާތާއި ވާތަށް މޫނު އަނބުރާލުން.

ސ 25: ނަމާދު ބާޠިލުވާ ކަންކަމަކީ ކޮބައިހެއްޔެވެ؟

ޖ: 1. ނަމާދުގެ ރުކުނެއް ނުވަތަ ޝަރުޠެއް ދޫކޮށްލުން.
2. ޤަޞްދުގައި ވާހަކަ ދެއްކުން.
3. ކެއުން ނުވަތަ ބުއިން.
4. ޖެހިޖެހިގެން ގިނަ ޙަރަކާތްތަކެެއް ކުރުން.
5. ނަމާދުގެ ވާޖިބުތަކުގެ ތެރެއިން ވާޖިބެއް ޤަޞްދުގައި ދޫކޮށްލުން.
.

ސ 26: މުސްލިމަކު ނަމާދު ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖ: ނަމާދު ކުރާނެ ގޮތް:
1. އެއްވެސް ކޮޅަކަށް އެނބުރުމެއް އަދި ކަސިޔާރުވުމެއްނެތި، މުޅި ހަށިގަނޑާއެކު ޤިބްލައަށް ކުރިމަތިލުން.
2. ދުލުން ކިޔުމަކާ ނުލައި ކުރަން ބޭނުންވާ ނަމާދަކަށް ހިތުން ނިޔަތް ގަތުން.
3- ދެން ހަށަންބަން ތަކުބީރު ކިޔުން. އެއީ "الله أكبر"ކިޔުމެވެ. އަދި ތަކްބީރު ކިޔާހިނދު ދެ އަތް ދެ ކޮނޑާ ހަމަޔަށް އުފުލުން.
4- ދެން އޭނާގެ ކަނާތްތިލަ، އޭނާގެ ވާތްތިލައިގެ މަތީފުށް މަތީގައި، މޭ މަތީގައި ބާއްވާނީއެވެ.
5- ދެން ދުޢާއުލް އިސްތިފްތާޙު ކިޔާނީއެވެ: (اللَّهُمَّ بَاعِدْ بَيْنِي وبيْنَ خَطَايَايَ، كما بَاعَدْتَ بيْنَ المَشْرِقِ والمَغْرِبِ، اللَّهُمَّ نَقِّنِي مِنَ خَطَايَاي كما يُنَقَّى الثَّوْبُ الأبْيَضُ مِنَ الدَّنَسِ، اللَّهُمَّ اغْسِلْني من خَطَايَايَ بالمَاءِ والثَّلْجِ والبَرَدِ) މާނައީ: "އޭ ﷲ އެވެ! މަޝްރިޤާއި މަޣްރިބާ ދޭތެރެ އިބަ އިލާހު ދުރުކުރެއްވި ފަދައިން، މިއަޅާއާއި މިއަޅާގެ ކުށްފާފަތަކާ ދޭތެރެ ދުރުކޮށްދެއްވާނދޭވެ! އޭ ﷲ އޭވެ! ހުދު ހެދުމެއް ހަޑި މިލައިން ސާފުކުރެވޭ ފަދައިން، މިއަޅާގެ ކުށްފާފަތަކުން މިއަޅާ ސާފުޠާހިރުކޮށްދެއްވާނދޭވެ! އޭ ﷲ އޭވެ! ފެނާއި، ސުނޯއާއި ގަނޑުފެނުން މިއަޅާގެ ކުށްފާފަތަކުން ދޮވެދެއްވާނދޭވެ!"
ނުވަތަ މިހެން ކިޔާނީއެވެ:
"سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ، وَتَبَارَكَ اسْمُكَ، وَتَعَالَى جَدُّكَ، وَلَا إِلَهَ غَيْرَكَ"
(އިބައިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. އޭ ﷲ! އިބައިލާހަށް އެންމެހާ ޙަމްދު ތަޢުރީފު ލިބިވޮޑިގެންވެއެވެ. އިބައިލާހުގެ އިސްމުފުޅުގެ ބަރަކާތްތެރިކަމާއެވެ. އަދި އިބައިލާހުގެ މާތްކަމުގެ އަރަހުށިކަމާއެވެ. އަދި އިބައިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.)
6. ދެން އަޢޫޛު މިގޮތަށް ކިޔާނީއެވެ: «‌أَعُوذُ ‌بِاللهِ ‌مِنَ ‌الشَّيْطَانِ ‌الرَّجِيمِ» (ﷲ ގެ ރަޙްމަތުން ދުރުކުރެވި ފައްސާލެވިގެންވާ ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ.)
7- ދެން ބިސްމި ކިޔާފައި، އަލްފާތިޙާ ސޫރަތް ކިޔަވާނީއެވެ. އެގޮތުން ކިޔަވާނީ މިހެންނެވެ: (بسم الله الرحمن الرحيم)
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾
(ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ.) الرَّحْمَنِ الرَّحِيمِ .
(އެކަލާނގެއީ) ރަޙްމާނުވަންތަ ރަޙީމްވަންތަ އިލާހެވެ. مَالِكِ يَوْمِ الدِّينِ
(ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.) إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
(އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.) اهْدِنَا الصِّرَاطَ الْمُسْتَقِيمَ
(އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ.) صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾.
(އެއީ) އެއުރެންނަށް އިބައިލާހު ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.) [އަލްފާތިޙާ: 1-7]
ދެން އޭނާ އާމީން ކިޔާނީއެވެ. އޭގެ މާނައަކީ: އޭ ﷲ އެވެ! އިޖާބަކުރައްވާށިއެވެ!
8- ދެން ޤުރުއާނުން އޭނާއަށް ފަސޭހަވީ މިންވަރެއް ކިޔަވާނީއެވެ. އަދި ފަތިސް ނަމާދުގައި ކިޔެވުން ދިގުކޮށްލާހުށިކަމެވެ.
9. ދެން ރުކޫޢު ކުރާނީއެވެ. އެބަހީ: ﷲ އަށް ޤަދަރުކޮށް މާތްކޮށްހިތުމުގެ ގޮތުން ބުރަކަށި ގުދުކޮށްލާނީއެވެ. އަދި އޭނާ ރުކޫޢުކުރާޙިނދު ތަކްބީރު ކިޔާ، އަދި އޭނާގެ ދެ އަތް ކޮނޑާ ހަމައަށް އުފުލާނީއެވެ. އަދި ސުންނަތް ގޮތަކީ: އޭނާގެ ބުރަކަށި ދަމާލައި، އަދި ބުރަކަށްޓާ ހަމައަށް ބޯ ބައިންދާ، އަތުގެ އިނގިލިތައް ދުރުކޮށްގެން ދެ ކަކުލުގައި ހިފުމެވެ.
10-އަދި އޭނާ ރުކޫޢުގައި ކިޔާނީ: «سبحان ربي العظيم» ތިންފަހަރެވެ. އަދި އޭނާ: «سبحانك اللهم وبحمدك، اللهم اغفر لي» މިހެން އިތުރުކުރިޔަސް ރަނގަޅެވެ.
11- ދެން «سمع الله لمن حمده» މިހެން ކިޔަމުން އޭނާ ރުކޫޢުން ބޯ އުފުލާނީއެވެ. އަދި އެހިނދުން އޭނާގެ ދެ ކޮނޑާ ހަމައަށް އަތް އުފުލާނީއެވެ. އަދި މައުމޫމުވެ ނަމާދުކުރާ މީހާ «سمع الله لمن حمده» ނުކިޔާނެއެވެ. އެކަމަކު އޭގެ ބަދަލުގައި އޭނާ ކިޔާނީ މިހެންނެވެ: «ربنا ولك الحمد» އެވެ.
12- ދެން ރުކޫޢުން ތެދުވެ މިހެން ކިޔާނީއެވެ: «ربنا ولك الحمد، ملء السماوات والأرض، وملء ما شئت من شيء بعد».
(އަޅަމެންގެ ރައްބެވެ! އަދި އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އެއީ އުޑުތައް ފުރައި ވާހައި އެއްޗަކާއި އަދި ބިން ފުރައި ވާހައި އެއްޗަކާއި އަދި އެއަށްފަހުވެސް އިބަ އިލާހު އެދިވޮޑިގެންވާ އެއްޗެއް ފުރޭންދެނެވެ."
13. ދެން ފުރަތަމަ ސަޖިދަ ކުރާނީއެވެ. އަދި ސަޖިދަ ކުރާއިރު ކިޔާނީ «الله أكبر» އެވެ. އަދި ސަޖިދަކުރާނީ ހަތް ގުނަވަނުގެ މައްޗަށެވެ. އެއީ: ނިތްކުރިއާއި ނޭފަތާއި، ދެ އަތްތިލައާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލިތަކުގެ ކުރިއެވެ. އަދި އޭނާގެ ދެ މުލައްދަނޑި ދެ އަރިކަށިން ފޭކުރާނީއެވެ. އަދި ބިންމަތީގައި އޭނާގެ ދެ އަތްދަނޑި ނުބާއްވާހުއްޓެވެ. އަދި އޭނާގެ އިނގިލިތަކުގެ ކޮޅުތައް ބަހައްޓާނީ ޤިބްލައާ ދިމާލަށް ކުރިމަތިކޮށްފައިއެވެ.
14. އަދި ސަޖިދައިގެ ތެރޭގައި ކިޔާނީ: «سبحان ربي الأعلى» ތިން ފަހަރުއެވެ. އަދި އިތުރަށް «سبحانك اللهم ربنا وبحمدك، اللهم اغفر لي» ކިޔައިފިނަމަ ހަމަ ރަނގަޅެވެ.
15. ދެން ސަޖިދައިން ބޯ އުފުލާނީއެވެ. އެއީ މިހެން ކިޔަމުންނެވެ: «الله أكبر» އެވެ.
16. ދެން ދެ ސަޖިދަ ދެމެދު އިށީންނާނީއެވެ. އެއީ ވާއަތު ފައިމަތީގައި އިށީނދެ، ކަނާތު ފައިތިލަ ވިއްދާ ކޮޅަށްޖަހައިގެންނެވެ. އަދި އޭނާގެ ދެ އަތް، ދެ ފަލަމަސްގަނޑާއި ދެ ކަކޫމަތީގައި ބާއްވައިގެންނެވެ.
17. އަދި ދެ ސަޖިދައިގެ ދޭތެރޭގައި އިށީނދެގެން އިނދެ ކިޔާނީ މިހެންނެވެ: (رَبِّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَارْزُقْنِي وَاجْبُرْنِي وَعَافِنِي )

މާނައީ: "މިއަޅާގެ ރައްބެވެ. މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އަދި މިއަޅާއަށް ރަޙްމަތް ލައްވާނދޭވެ. އަދި މިއަޅާއަށް ހިދާޔަތް ދައްކަވާނދޭވެ! އަދި މިއަޅާއަށް ރިޒްޤުދެއްވާނދޭވެ! އަދި މިއަޅާގެ އުނިކަންތައް ފޫބައްދަވާ އާރުވެރިކަން ދެއްވާނދޭވެ! އަދި މިއަޅާއަށް ޢާފިޔަތް ދެއްވާނދޭވެ! "
18- ދެން ފުރަތަމަ ސަޖިދަ ކުރިގޮތަށް ދެވަނަ ސަޖިދަ ކުރާނީއެވެ. ކިޔުމުގައިވެސް ޢަމަލުގައިވެސްމެއެވެ. އަދި ސަޖިދަ ކުރާއިރު ތަކުބީރު ކިޔާނީއެވެ.
19- ދެން «الله أكبر» ކިޔަމުން ދެވަނަ ސަޖިދައިން ތެދުވާނީއެވެ. އަދި ފުރަތަމަ ރަކްޢަތް ކުރި ގޮތަށް، އަދި ކީ އެއްޗެހި ދެވަނަ ރަކްޢަތުގައިވެސް ކިޔަމުން ކުރާނީއެވެ. ނަމަވެސް ދެވަނަ ރަކުޢަތުގައި ދުޢާއުލް އިސްތިފްތާޙު ނުކިޔާނެއެވެ.
20- ދެން ދެވަނަ ރަކުޢަތް ނިމުމުން ދެ ސަޖިދަ ދެމެދު އިށީންނިގޮތަށް «الله أكبر» ކިޔާފައި އިށީންނާނީއެވެ.
21- އަދި އެގޮތަށް އިށީދެ އިނދެގެން އައްތަޙިއްޔާތު ކިޔާނީއެވެ. މިހެންެނެވެ: (التَّحِيَّاتُ لله والصَّلَوَاتُ والطَّيِّبَاتُ، السَّلَامُ عَلَيْكَ أيُّها النبيُّ ورَحْمَةُ الله وبَرَكَاتُهُ، السَّلَامُ عَلَيْنَا وعلَى عِبَادِ الله الصَّالِحِينَ، أشْهَدُ أنْ لا إلَهَ إلَّا الله وأَشْهَدُ أنَّ مُحَمَّدًا عَبْدُهُ ورَسولُهُ اللَّهُمَّ صَلِّ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما صَلَّيْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ؛ إنَّكَ حَمِيدٌ مَجِيدٌ، وَبَارِكْ علَى مُحَمَّدٍ وعلَى آلِ مُحَمَّدٍ، كما بَارَكْتَ علَى إبْرَاهِيمَ وعلَى آلِ إبْرَاهِيمَ؛ إنَّكَ حَمِيدٌ مَجِيدٌ.أعوذ بالله من عذاب جهنم، ومن عذاب القبر، ومن فتنة المحيا والممات، ومن فتنة المسيح الدجال) މާނައީ: "ތަޙިއްޔާތުތަކާއި (ދުލުން ކުރެވޭ އެންމެހާ އަޅުކަންތަކާއި)، ޞަލަވާތުތަކާއި (ހަށިގަނޑުން ކުރެވޭ އެންމެހާ އަޅުކަންތަކާއި) އަދި ޠައްޔިބާތުތަކުން (މުދަލުން ކުރެވޭ އެންމެހާ އަޅުކަންތައް) ވަނީ، ﷲ އަށެވެ. އޭ ނަބީކަލޭގެފާނުއެވެ! ކަލޭގެފާނުގެ މައްޗަށް ސަލާމާއި އަދި ﷲ ގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތް ހުއްޓެވެ. އަދި އަޅަމެންގެ މައްޗަށާއި އަދި ﷲ ގެ އެންމެހާޞާލިޙު އަޅުތަކުންގެ މައްޗަށް ސަލާމް ހުއްޓެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވާކަމަށް މިއަޅާ ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ، އެއިލާހުގެ އަޅާ އަދި އެއިލާހުގެ ރަސޫލުކަމުގައިވެސް މިއަޅާ ހެކިވަމެވެ.އޭ ﷲ އޭވެ! މުޙައްމަދުގެފާނުގެ މައްޗަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ. އެއީ އިބްރާހީމުގެފާނުގެ މައްޗަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް، އިބަ އިލާހު ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ޙަމްދު ޙައްޤުވެ ޙަމްދު ކުރެވިގެންވާ، މަތިވެރި މާތްވެގެންވާ އިލާހެވެ. އަދި މުޙައްމަދުގެފާނުގެ މައްޗަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ. އެއީ އިބްރާހީމުގެފާނުގެ މައްޗަށާއި އިބްރާހީމުގެފާނުގެ އާލުންގެ މައްޗަށް އިބަ އިލާހު ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބަ އިލާހީ، ގިނަގިނައިން ޙަމްދު ޙައްޤުވެ ޙަމްދު ކުރެވިގެންވާ، މަތިވެރި މާތްވެގެންވާ އިލާހެވެ. ޖަހަންނަމައިގެ ޢަޛާބުންނާއި، ޤަބުރުގެ ޢަޛާބުންނާއި، ދިރިހުރުމާއި މަރުވުމުގެ ފިތުނައިންނާއި، އަލްމަސީޙުއް ދައްޖާލުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޙަޟްރަތުން އެދެމެވެ." އެއަށްފަހު ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމުން އޭނާ އެދުނު ކަމަކަށް އެދި އޭނާގެ ރައްބަށް ދުޢާކުރާނީއެވެ.
22- ދެން މިހެން ކިޔަމުން ކަނާތަށް ސަލާމްދޭނީއެވެ: «السَّلام عليكم ورحمة الله» އަދި ވާއަތަށްވެސް އެހެންނެވެ.
23- އެއީ ތިން ރަކުޢަތް ނުވަތަ ހަތަރު ރަކުޢަތް ނަމާދެއްނަމަ ފުރަތަމަ އައްތަޙިއްޔާތު ނިމޭ ހިސާބަށް ކިޔާފައި ހުއްޓާނީއެވެ. އެއީ މި ހިސާބަށެވެ: «أشهد أن لا إله إلا الله، وأشهد أن محمداً عبده ورسوله». އަށެވެ.
24- ދެން «الله أكبر» ކިޔަމުން ތެދުވާނީއެވެ. އަދި އެހިނދު ދެ އަތް ދެ ކޮނޑާ ހަމަޔަށް އުފުލާނީއެވެ.
25- ދެން ދެވަނަ ރަކްޢަތުގެ ޞިފައަށް އޭނާގެ ނަމާދުން ބާކީ ރަކުޢަތްތައް ކުރާނީއެވެ. އެކަމަކު އަލްފާތިޙާ ސޫރަތް އެކަނި ކިޔުމަށް ހަނިކުރުމާ އެކުގައިއެވެ.
26- ދެން ތަވައްރުކުކޮށް އިށީންނާނީއެވެ. އެގޮތުން ކަނާތު ފައިތިލަ ބިންމަތީ ވިއްދާ، އަދި ކަނާތު ފައިގެ ކަށިމަތި ދަށުން ވާތު ފައި ނެރެ، ބުޑުމަސްގަނޑު ބިންމަތީގައި ބައިންދާ، އޭނާގެ ދެ އަތް ފުރަތަމަ އައްތަޙިއްޔާތުގައި ބެހެއްޓި ގޮތަށް، ދެ ފަލަމަސްގަނޑުގެ މަތީގައި ބާއްވާނީއެވެ.
27- އަދި މިގޮތަށް އިށީނދެ އިނދެ މުޅި އައްތަޙިއްޔާތުގެ ޛިކުރު އެއްކޮށް ކިޔާނީއެވެ.
28- ދެން މިހެން ކިޔަމުން ކަނާތަށް ސަލާމްދޭނީއެވެ: «السَّلام عليكم ورحمة الله» އަދި ވާއަތަށްވެސް އެހެންނެވެ.

ސ 27: ނަމާދުން ސަލާމް ދިނުމަށްފަހު ކިޔަނީ ކޮން ޛިކުރުތަކެއް ހެއްޔެވެ؟

ޖ- ތިން ފަހަރު «أَسْـتَغْفِرُ الله» އެވެ.
(اللَّهُمَّ أَنْتَ السَّلَامُ وَمِنْكَ السَّلَامُ، تَبَارَكْتَ يا ذَا الجَلَالِ وَالإِكْرَامِ)
މާނައީ: "އޭ ﷲ އޭވެ! އިބަ އިލާހުއީ ސަލާމަތްކަންދެއްވާ އައް-ސަލާމް ފަރާތެވެ. އަދި ސަލާމަތްތެރިކަންވަނީ، އިބަ ﷲ ގެ ޙަޟްރަތުންނެވެ. އޭ ކީރިތިކަމާއި މާތްކަމުގެ ވެރި ފަރާތެވެ! އިބަ އިލާހު ބަރަކާތްތެރިވެ، މަތިވެރިވެވޮޑިގެންވެއެވެ."
(لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ، اللَّهُمَّ لَا مَانِعَ لِمَا أعْطَيْتَ، ولَا مُعْطِيَ لِمَا مَنَعْتَ، وَلَا يَنْفَعُ ذَا الجَدِّ مِنْكَ الجَدُّ)
މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އޭ ﷲ އޭވެ! އިބަ އިލާހު ދެއްވި އެއްޗެއް، މަނާކުރާނޭ ފަރާތެއް ނުވެއެވެ. އަދި އިބަ އިލާހު މަނާކުރެއްވި އެއްޗެއް، ދޭނޭ އެހެންފަރާތެއްވެސް ނުމެވެއެވެ. އަދި އެއްވެސް ޤަދަރުވެރިޔަކަށް ނުވަތަ ނަޞީބުވެރިޔަކަށް، އޭނާގެ ޤަދަރުވެރިކަމުން ނުވަތަ ނަޞީބުވެރިކަމުން، އިބަ އިލާހުގެ ޙަޟްރަތުން އެއްވެސް މަންފާއެއް ނުކޮށްދޭނެތެވެ."
(لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ، لَا حَوْلَ وَلَا قُوَّةَ إلَّا بالله، لَا إلَهَ إلَّا الله، وَلَا نَعْبُدُ إلَّا إيَّاهُ، لَهُ النِّعْمَةُ وَلَهُ الفَضْلُ، وَلَهُ الثَّنَاءُ الحَسَنُ، لَا إلَهَ إلَّا الله مُخْلِصِينَ لَهُ الدِّينَ وَلَو كَرِهَ الكَافِرُونَ) މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި އަޅަމެން އެއިލާހަށް މެނުވީ އަޅުކަމެއް ނުކުރަމުއެވެ. ނިޢްމަތާއި، ދަރުމައާއި އަދި ރިވެތި ޘަނާ ލިބިވޮޑިގެންވަނީ، ހަމައެކަނި އެއިލާހަށެވެ. ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކު ނުވެއެވެ. އަދި ކާފަރުން ކިތަންމެ ނުރުހުނު ކަމުގައިވިޔަސް، އަޅަމެންނީ އެއިލާހަށް އަޅުކަމާއި ދީން ޚާލިޞްކުރާ މީހުންނެވެ."
«سُـبْحانَ اللهِ» ތިރީސް ތިން ފަހަރު ކިޔުމެވެ.
ތިރީސް ތިން ފަހަރު «الحَمْـدُ لله» ކިޔުމެވެ.
ތިރީސް ތިން ފަހަރު «اللهُ أكْـبَر» ކިޔުމެވެ.
ދެން ސަތޭކަ ފުރިހަމަކުރަން މިހެން ކިޔާނީއެވެ:
(لا إلَهَ إلَّا الله وحْدَهُ لا شَرِيكَ لَه، لَهُ المُلْكُ، ولَهُ الحَمْدُ، وَهوَ عَلَى كُلِّ شيءٍ قَدِيرٌ)
މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެއިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އަދި ކޮންމެ ކަމެއްގެ މައްޗަށް އެ އިލާހު ކުޅަދުންވަންތަވެވޮޑިގެންވެއެވެ."
- އަދި އިޚުލާޞް، ފަލަޤި، ނާސް ސޫރަތް ތިންފަހަރު ފަތިސް ނަމާދާއި މަޣުރިބު ނަމާދުގެ ފަހުން، އަދި އެހެނިހެން ނަމާދުގެ ފަހަތުގައި އެއްފަހަރު ކިޔާނީއެވެ.
- އާޔަތުލް ކުރްސި އެއްފަހަރު ކިޔާނީއެވެ.

ސ 28: ރަވާތިބު ސުންނަތްތަކަކީ ކޮބައިހެއްޔެވެ؟ އަދި އޭގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: ފަތިސް ނަމާދުގެ ކުރިން ދެ ރަކުޢަތެވެ.
- މެންދުރު ނަމާދުގެ ކުރިން ހަތަރު ރަކުޢަތެވެ.
- މެންދުރު ނަމާދުގެ ފަހުން ދެ ރަކުޢަތެވެ.
- މަޣުރިބު ނަމާދުގެ ފަހުން ދެ ރަކުޢަތެވެ.
- ޢިޝާ ނަމާދަށް ފަހު ދެ ރަކުޢަތެވެ.
އޭގެ މާތްކަން:
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ދުވާލާއި ރޭގަނޑުގައި، ސުންނަތް ބާރަ ރަކްޢަތް ކޮށްފި މީހާ، އޭނާއަށްޓަކައި ﷲ ސުވަރުގޭގައި ގެޔެއް (ގަނޑުވަރެއް) ބިނާ ކުރައްވާހުއްޓެވެ." ރިވާކުރެއްވީ މުސްލިމާއި އަޙްމަދުއާ އެހެން ބޭކަލުންނެވެ.

ސ 29: ހަފްތާގެ ދުވަސްތަކުން އެންމެ މާތް ދުވަހަކީ ކޮބައިހެއްޔެވެ؟

ޖ: ހުކުރު ދުވަހެވެ. ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން، ތިޔަބައިމީހުންގެ ދުވަސްތަކުގެ ތެރެއިން، އެންމެ މާތް އެއް ދުވަސްކަމުގައި ހުކުރު ދުވަސްވެއެވެ. ފަހެ އާދަމުގެފާނު އުފެއްދެވުނީ އެ ދުވަހުއެވެ. އަދި އެކަލޭގެފާނު މަރު ހިއްޕެވުނީވެސް އެ ދުވަހުއެވެ. އަދި (މީސްތަކުން ދިރިގެންދާނޭ ދެވަނަ) ތަޅާފިލި ފުމެލެވޭނީ އެ ދުވަހުއެވެ. އަދި (މީސްތަކުން މަރުވެގެންދާނޭ ފުރަތަމަ ތާޅަފަލިވެސް) ފުމެލެއްވޭނީވެސް އެ ދުވަހުއެވެ. ފަހެ އެ ދުވަހު، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔެވުން ގިނަކުރާށެވެ. ފަހެ ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނަށް ހުށަހެޅޭނެތެވެ." އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނު އަވަހާރަވެ ވެއްޔަށް ހިމުންވެގެންވަނިކޮށް އަހަރުމެންގެ ޞަލަވާތް ކަލޭގެފާނަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟" އެހިނދު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ﷲ ޢައްޒަ ވަޖައްލަ ވަނީ ނަބިއްޔުންގެ ހަށިތައް ކެއުން ބިމުގެ މައްޗަށް ޙަރާމްކުރައްވާފައިއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އެހެން ބޭކަލުންނެވެ.

ސ 30: ހުކުރުނަމާދުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ބާލިޣުވެ، ބުއްދިހުރި، ރަށުގައި ޤާއިމުވެގެން ހުރި ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށްވާ ޢައިނިއްޔާ ފަރުޟެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު (ހުކުރު) ނަމާދަށް ގޮވައިލެވޭހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: ޚުޠުބާ އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.) [އަލްޖުމްޢާ: 9]

ސ 31: ހުކުރުނަމާދުގައި ވަނީ ކިތައް ރަކުޢަތް ހެއްޔެވެ؟

ޖ- ހުކުރު ނަމާދުގައި ވަނީ ދެ ރަކުޢަތެވެ. އެ ދެ ރަކްޢަތުގައި އިމާމު އަޑުހަރުކޮށް ކިޔަވާނީއެވެ.
އަދި އޭގެ ކުރީގައި އެނގިގެންވާ ދެ ޚުޠުބާ ކިޔައެވެ.

ސ 32: ހުކުރު ނަމާދަށް ނުގޮސް ހުރުން ހުއްދަ ހެއްޔެވެ؟

ޖ: ޝަރުޢީ ޢުޛުރަކަށްޓަކައި މެނުވީ ހުކުރު ނަމާދަށް ނުގޮސް ހުރުން ހުއްދައެއް ނޫނެވެ. ނަބިއްޔާ ﷺ ގެ އަރިހުން މި ބަސްފުޅު އައިސްފައިވެއެވެ: "ކަންފަސޭހަކޮށް، އިހުމާލުވެގެން ތިން ހުކުރު އަޅައިފި މީހާ؛ ﷲ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާނެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އެހެން ބޭކަލުންނެވެ.

ސ 33: ހުކުރު ދުވަހުގެ ސުންނަތްތައް ބަޔާންކުރާށެވެ.

ޖ: 1. ހިނައިގަތުން. އެއީ އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅަށްޓަކައިއެވެ: “ހުކުރު ދުވަހު ހިނައިގަތުމަކީ އިޙްތިލާމްވެފައިވާ (ބާލިޣުވެފައިވާ) ކޮންމެ މީހެއްގެ މައްޗަށްވާ ވާޖިބެކެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
2. މީރުވަސްދުވާތަކެތި ލުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ހުކުރު ދުވަހު ހިނައިގަތުމަކީ މުސްލިމުންގެ މައްޗަށް ޙައްޤުވެގެންވާ ކަމެކެވެ. އަދި އެމީހަކުގެ އަހުލުންގެ އަތުގައި ހުރި ހުވަނދަކުން އޭގެ ތެރެއިން މީހަކު އުނގުޅާހުށިކަމެވެ." ރިވާކުރެއްވީ އަޙްމަދާއި، އައްތިރްމިޛީއެވެ.
3. އެންމެ ރިވެތި ރީތި އަންނައުނު ލުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ތިޔަބައިމީހުންކުރެ މީހަކަށް ތަނަވަސްކަން ލިބިފައިވާނަމަ؛ އޭނާގެ މަސައްކަތު ދެ ހެދުން ފިޔަވައި، ހުކުރަށް ދެ ހެދުން ހޯދުމުގައި (މައްސަލައެއް) ނެތެވެ." ރިވާކުރެއްވީ އިބްނު މާޖާއެވެ. އަދި މާލިކު، އަލްމުވައްޠައުގައިއެވެ.
4. މިސްކިތަށް އަވަހަށް ދިއުން.
5. ފައިމަގުން ހިނގާފައި މިސްކިތަށް ދިއުން. އެއީ މި ޙަދީޘަށްޓަކައިއެވެ: “ހުކުރު ދުވަހު ހިނައިގަނެ، ދޮވެ، އަވަހަށް ގޮސް، ކުރިއަށް ޖެހި، ކައިރިވެ، ކަނުލާ އަޑުއަހައިފި މީހަކަށް އަޅާ ކޮންމެ ފިޔަވަޅަކަށް އަހަރު ދުވަހުގެ ރޯދަ ހިފުމާއި ރޭއަޅުކަމުގެ އަޖުރު ހުއްޓެވެ." ރިވާކުރެއްވީ އައްތިރުމިޛީ އަދި އައްނަސާއީ އެވެ.
6. ނަބިއްޔާ ﷺ ގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “ހުކުރު ދުވަހު ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާށެވެ. ފަހެ އެއީ ހެކިވެވިގެންވާ ކަމެކެވެ. މަލާއިކަތުން އެކަމަށް ހެކިވާނެއެވެ. އަދި އެއްވެސް މީހަކު ޞަލަވާތް ކިޔަވަން ފަށައިފިއްޔާ އޭނާ އެ ކިޔާ ނިމެންދެން ތިމަންކަލޭގެފާނަށް އޭނާގެ ޞަލަވާތް ހުށަހެޅިގެން މެނުވީ ނުވެއެވެ." ރިވާކުރެއްވީ އިބްނު މާޖާއެވެ.
7. އަލްކަހްފު ސޫރަތް ކިޔެވުން. އެއީ މި ޙަދީޘަށްޓަކައިއެވެ: "ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެ ހުކުރުގެ ދެމެދުގައިވާ ދުރުމިނަށް ނޫރެއް އަލިކަންދެއެވެ." ރިވާކުރެއްވީ އަލްޙާކިމާއި އެހެނިހެން ބޭކަލުންނެވެ.
8. ދުޢާ އިޖާބަކުރެވޭ ގަޑި ހޯދަން ފަރުވާތެރިވުން. އެއީ އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވާ ޙަދީޘަށްޓަކައިއެވެ. ﷲ ގެ ރަސޫލާ ﷺ ހުކުރު ދުވަހުގެ ވާހަކަ ދައްކަވާ، ދެން ޙަދީޘްކުރެއްވިއެވެ: "ހުކުރު ދުވަހުގައި ވަޤުތުކޮޅެއް ވެއެވެ. މުސްލިމު އަޅަކު ﷲ ތަޢާލާގެ ޙަޟްރަތުން އެއްޗެއް ދެއްވުމަށް އެދި ދަންނަވާ ޙާލު، ޤާއިމުވެ ނަމާދުކުރަން ހުއްޓާ އެ ގަޑިއާ ދިމާވެއްޖެނަމަ؛ އެމީހަކަށް އެކަލާނގެ އެ އެއްޗެއް ދެއްވައިގެން މެނުވީ ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 34: ޖަމާޢަތުގައި ނަމާދުކުރުމުގައި ހުރި މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: ޢަބްދު ﷲ ބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘް ކުރެއްވިއެވެ: "އެކަނި ހުރެ ކުރާ ނަމާދަށްވުރެ ޖަމާޢަތުގައި ކުރާ ނަމާދު ހަތާވީސް ދަރަޖަ މާތްވެގެންވެއެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 35: ނަމާދުގައި ޚުޝޫޢަތްތެރިވުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ނަމާދުގައި ހިތް ޙާޟިރުކޮށް ބެހެއްޓުމާއި، ގުނަވަންތަކުގެ ހަމަހިމޭންވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މުއުމިނުން ކާމިޔާބުވެއްޖެކަން ކަށަވަރެވެ. އެއުރެންނީ، އެއުރެންގެ ނަމާދުގައި ޚުޝޫޢަތްތެރިވެ ތިބޭ މީހުންނެވެ.) [އަލްމުއުމިނޫން : 1-2]

ސ 36: ޒަކާތަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ވަކި ޚާއްޞަ ބަޔަކަށް، ވަކި ޚާއްޞަ ވަޤުތެއްގައި ދިނުމަށް ވަކި ޚާއްޞަ މުދަލެއްގައި ވާޖިބުވާ ޙައްޤެކެވެ.
އެއީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއް ރުކުނެވެ. އަދި މުއްސަނދިންގެ އަތުން ނަގައި ފަޤީރުންނަށް ދެވޭ ވާޖިބު ޞަދަޤާތެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައި މީހުން ޒަކާތް ދޭށެވެ.) [އަލްބަޤަރާ: 43]

ސ 37: މުސްތަޙައްބު ޞަދަޤާތަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ޒަކާތް ފިޔަވައި އެހެން ދިނުންތަކެވެ. މިސާލަކަށް: ޞަދަޤާތުގެ ގޮތުގައި ކޮންމެވެސް އެއްޗެއް، ހެޔޮ ދަރުމަހުރި ދިމާތަކަށް، ކޮންމެ ވަޤުތެއްގައިވެސް ދިނުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ﷲ ގެ މަގުގައި ތިޔަބައި މީހުން ހޭދަކުރާށެވެ.) [އަލްބަޤަރާ: 195]

ސ 38: ރޯދައަކީ ކޮބައިކަން ތަޢާރަފުކޮށްދޭށެވެ؟

ޖ: އެއީ ފަތިސްވުމުން ފަށައިގެން އިރުއޮއްސެންދެން، ނިޔަތްގަތުމާއެކު ރޯދަ ގެއްލޭ ކަންކަމުން ދުރުވެ ހިފަހައްޓައިގެން ހުރެގެން ﷲ ތަޢާލާއަށް އަޅުކަންކުރުމެވެ. އަދި އެވަނީ ދެ ވައްތަރަކަށެވެ:
1. ވާޖިބު ރޯދަ: މިސާލަކަށް ރަަމަޟާން މަހު ރޯދައެވެ. އަދި އެއީ އިސްލާމްކަމުގެ ރުކުންތަކުން ރުކުނެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟުކުރެއްވުނު ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ ފަރުޟުކުރެވިއްޖެއެވެ. (އެއީ) ތިޔަބައިމީހުން ތަޤްވާވެރިވުމަށްޓަކައެވެ.) [އަލްބަޤަރާ: 183]
2. ވާޖިބު ނޫން ރޯދަ: މިސާލަކަށް: ކޮންމެ ހަފްތާއެއްގެ ހޯމައާއި ބުރާސްފަތި ރޯދަ ހިފުމާއި، ކޮންމެ މަހެއްގެ ތިން ދުވަހު ރޯދަހިފުމެވެ. (ކޮންމެ މަހެއްގައި ތިން ދުވަހު ހިފާއިރު) އެންމެ ރަނގަޅު ދުވަސްތަކަކީ ކޮންމެ ހަނދުމަހެއްގެ (13، 14، 15) ގައި ރޯދަހިފުމެވެ.

ސ 39: ރަމަޟާން މަހު ރޯދަ ހިފުމުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އީމާންކަމާއެކު ހެޔޮ ދަރުމައާއި އަޖުރަށް އެދި އުއްމީދުކޮށްގެން ރަމަޟާންމަހުގައި ރޯދަ ހިފައިފި މީހާ؛ އޭނާގެ އިސްވެދިޔަ ފާފަތައް އޭނާއަށްޓަކައި ފުއްސެވިގެންދެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 40: ރަމަޟާން މަސް ނޫން އެހެން ދުވަސްތަކުގައި ސުންނަތް ރޯދަ ހިފުމުގައި ހުރި މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: އަބޫ ސަޢީދު އަލްޚުދްރިއްޔު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "އެއްވެސް އަޅަކު ﷲ ގެ މަގުގައި ދުވަހެއްގައި ރޯދައެއް ހިފާނަމަ؛ އެ ދުވަހުގެ ސަބަބުން އޭނާގެ މޫނު ނަރަކަޔާ ހަތްދިހަ ޚަރީފުގެ ރާސްތާއަށް ﷲ ދުރުނުކުރައްވާ ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ހަތްދިހަ ޚަރީފުގެ މާނައަކީ: ހަތްދިހަ އަހަރެވެ.

ސ 41: ރޯދަ ފަސާދަކޮށްލާ (ގެއްލުވާލާ) ކަންކަމަކީ ކޮބައިހެއްޔެވެ؟

ޖ: 1. ޤަޞްދުގައި ކެއުމާއި ބުއިން.
2. ޤަޞްދުގައި ހޮޑުލުން.

ސ 42: ރޯދައިގެ ސުންނަތްތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ރޯދަވީއްލުން އަވަސްކުރުން.
2. ހާރުކެއުމާއި، އަދި ހާރުކެއުން ލަސްކުރުން.
3. ހެޔޮ ޢަމަލުތަކާއި އަޅުކަން އިތުރުކުރުން.
4. ރޯދަވެރިޔާއާ ދިމާލަށް ބަދުބަސްބުނެ އެއްޗެހި ގޮވައިފިނަމަ؛ ތިމަންނާ މިހުރީ ރޯދައަށޭ ބުނުން.
5. ރޯދަ ވީއްލާހިނދު ދުޢާކުރުން.
6. ރޯކަދުރުން ނުވަތަ ހިކި ކަދުރުން ރޯދަ ވީއްލުން. ދެން ނުލިބިއްޖެނަމަ؛ ފެނުން ރޯދަ ވީއްލުމެވެ.

ސ 43: ޙައްޖަކީ ކޮބައިހެއްޔެވެ؟

ޖ: ޙައްޖުވުމަކީ: ވަކި ޚާއްޞަ ވަޤުތެއްގައި، ވަކި ޚާއްޞަ ޢަމަލުތަކެއް ކުރުމަށްޓަކައި ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޤަޞްދުކޮށް ގޮސްގެން އެކަލާނގެއަށް އަޅުކަން ކުރުމެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(އަދި ގެފުޅަށް ގޮސް ޙައްޖު ވުމަކީ، ﷲ އަށްޓަކައި (ކުރަން ޖެހޭ) މީސްތަކުންގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ އެ ކަމަށް މަގެއް ފެނި ކުޅަދާނަވެއްޖެ މީހަކަށެވެ. އަދި (ﷲ ފަރުޟު ކުރެއްވި އެ ކަމާމެދު ދެކޮޅުހަދައި) ކާފަރުވެއްޖެ މީހާ (ދަންނާށެވެ.) ފަހެ ހަމަކަށަވަރުން ﷲ އީ އެންމެހާ ޢާލަމްތަކުން ފުދިވޮޑިގެންވާ އިލާހެވެ.) [އާލްޢިމްރާން: 97]

ސ 44: ޙައްޖުގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އިޙުރާމް ބަނުން.
2. ޢަރަފާތުގައި މަޑުކުރުން.
3. ޠަވާފުލް އިފާޟާ ކުރުން.
4. ޞަފާ އާއި މަރްވާއާ ދެމެދު ސަޢުޔުކުރުން.

ސ 45: ޙައްޖުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: "ހަޑިހުތުރު ބަސްތަކުން ދުރުހެލިވެ އަދި ފާސިޤު ފާފަތަކެއް ނުކޮށް ﷲ އަށްޓަކައި ޙައްޖުކޮށްފި މީހާ؛ އެނބުރި ރުޖޫޢަވާހުށީ މައިމީހާގެ ބަނޑުން އުފަންވި ދުވަސްފަދައިންނެވެ. (ކުށް ފާފަތަކުން ޠާހިރުވެގެންނެވެ.)ަ" ރިވާކުރެއްވީ އަލްބުޚާރީ އާއި އެހެން ބޭކަލުންނެވެ.
"އޭނާގެ މަންމަ އޭނާ ވިހޭ ދުވަސް ފަދައިންނެވެ." އެބަހީ: ފާފައެއް ނެތިއެވެ.

ސ 46: ޢުމްރާއަކީ ކޮބައިހެއްޔެވެ؟

ޖ: ޢުމްރާވުމަކީ: ކޮންމެ ވަޤުތެއްގައިވިޔަސް ވަކި ޚާއްޞަ ޢަމަލުތަކެއް ކުރުމަށްޓަކައި ﷲ ތަޢާލާގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޤަޞްދުކޮށް ގޮސްގެން އެކަލާނގެއަށް އަޅުކަން ކުރުމެވެ.

ސ 47: ޢުމްރާގެ ރުކުންތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އިޙުރާމް ބަނުން.
2- ކަޢުބާ ވަށައިގެން ޠަވާފުކުރުން.
3. ޞަފާ އާއި މަރްވާއާ ދެމެދު ސަޢުޔުކުރުން.

ސ 48: ﷲ ގެ މަގުގައި ޖިހާދުކުރުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ އިސްލާމްދީން ފަތުރާ، އަދި އިސްލާމްދީނާއި އިސްލާމްދީނުގެ އަހުލުވެރިން ދިފާޢުކުރުމަށްޓަކައި ކުރެވުނު މަސައްކަތެއްކޮށް ހޭދަކޮށް، ނުވަތަ އިސްލާމްދީނާއި މުސްލިމުންގެ ޢަދުއްވުންނާ ދެކޮޅަށް ހަނގުރާމަކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައިމީހުންގެ މުދާތަކާއި، ނަފްސުތަކުން ﷲ ގެ މަގުގައި ޖިހާދުކުރާށެވެ! ތިޔަބައިމީހުންނަށް އެކަން އެނގޭކަމުގައިވާނަމަ، އެ ގޮތް ތިޔަބައިމީހުންނަށް މާ ހެޔޮކަން ބޮޑެވެ.) [އައްތައުބާ: 41]
*******

ސ 16: ނަމާދުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ނިކަން ބުނެބަލާށެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ދޮރުމަތީގައި އޮއިދެމޭ ކޯރެއް އޮވެފައި އެ ފެންގަނޑުން އެމީހާ ކޮންމެ ދުވަހަކު ފަސްފަހަރު ފެންވަރާނަމަ؛ އެމީހެއްގެ ހަށިގަނޑުގައި އެއްވެސްކަހަލަ މިލައެއް ހުންނާނެހެއްޔެވެ؟" އެބޭކަލުން ދެންނެވިއެވެ: "އެއްވެސް މިލައެއް ނުހުންނާނެއެވެ." ޙަދީޘްކުރެއްވިއެވެ: "ފަރުޟު ފަސް ނަމާދުވެސްވަނީ ފަހެ އެފަދައިންނެވެ. އެ ނަމާދުތަކުގެ ސަބަބުން ﷲ ކުށް ފާފަތައް ފޮހެލައްވަތެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
(ޙަދީޘްގައިވާ) 'ދަރަނު' އަކީ: މިލައާއި ހަޑިކަމެވެ.

ނަބަވީ ސީރަތުގެ ބައި32

ސ 1: އަހަރުމެންގެ ނަބިއްޔާ މުޙައްމަދު ﷺގެ ނަސަބަކީ ކޮބައިހެއްޔެވެ؟

ޖ: އެކަލޭގެފާނީ މުޙައްމަދު ބްނު ޢަބްދު ﷲ ބްނު ޢަބްދުލް މުއްޠަލިބް ބްނު ހާޝިމެވެ. އަދި ހާޝިމް ވަނީ ޤުރައިޝުންނެވެ. އަދި ޤުރައިޝް ވަނީ ޢަރަބިންގެ ތެރެއިންނެވެ. އަދި ޢަރަބީންވަނީ އިސްމާޢީލުގެފާނުގެ ދަރިކޮޅުންނެވެ. އަދި އިސްމާޢީލުގެފާނަކީ އިބްރާހީމުގެފާނުގެ ދަރިކަލުންނެވެ. އެކަލޭގެފާނާއި އަހަރުމެންގެ ނަބިއްޔާގެ މައްޗަށް އެންމެ ހެޔޮ ޞަލަވާތާއި ސަލާމް ލައްވާށިއެވެ.

ސ 2: އަހަރުމެންގެ ނަބިއްޔާ ﷺގެ މަންމަގެ ނަމަކީ ކޮބައިހެއްޔެވެ؟

ޖ: އާމިނާ ބިންތު ވަހްބު އެވެ.

ސ 3: އެކަލޭގެފާނުގެ ބައްޕަ މަރުވީ ކޮން އިރަކު ހެއްޔެވެ؟

ޖ: އެކަލޭގެފަނުގެ ބައްޕަ މަރުވީ، އެކަލޭގެފާނު ﷺގެ މަންމަގެ ބަނޑުގައި ވަނިކޮށް، އަދި އުފަންވެވަޑައި ނުގަންނަވަނީސް މަދީނާގައެވެ.

ސ 4: ނަބިއްޔާ ﷺ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ކޮންއިރަކުހެއްޔެވެ؟

ޖ: ޢާމުލް ފީލް ގައި (އެބަހީ: އެތުގެ އަހުލުވެރިން ގެފުޅު ތަޅާލަން އައި އަހަރު) ރަބީޢުލް އައްވަލު މަހުގެ ހޯމަ ދުވަހެވެ.

ސ 5: އެކަލޭގެފާނު އުފަންވެވަޑައިގަތީ ކޮން ރަށަކުހެއްޔެވެ؟

ޖ: މައްކާގައިއެވެ.

ސ 6: އެކަލޭގެފާނުގެ މަންމަ ފިޔަވައި ދެން އެކަލޭގެފާނަށް ކިރުދީ އަދި ބެލެހެއްޓި މީހުންނަކީ ކޮބައިހެއްޔެވެ؟

ޖ: - އެކަލޭގެފާނުގެ ބައްޕަގެ އަޅު އަންހެނާ އުންމު އައިމަނު.
- އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ލަހަބުގެ އަޅު އަންހެނެއްކަމަށްވާ ޘުވައިބާއެވެ.
- ޙަލީމާ އައްސަޢުދިއްޔާ.

ސ 7: އެކަލޭގެފާނުގެ މަންމަ ނިޔާވީ ކޮން އިރަކު ހެއްޔެވެ؟

ޖ: އެކަލޭގެފާނުގެ މަންމަ ނިޔާވީ އެކަލޭގެފާނުގެ ޢުމުރުފުޅުން ހަ އަހަރުގައިއެވެ. ދެން އެކަލޭގެފާނު ބެލެހެއްޓީ ކާފަ އަބްދުލް މުއްޠަލިބެވެ.

ސ 8: ކާފަ ޢަބްދުލް މުއްޠަލިބު ނިޔާވުމަށްފަހު ދެން އެކަލޭގެފާނު ބެލެހެއްޓީ ކާކުހެއްޔެވެ؟

ޖ: އެކަލޭގެފާނުގެ ކާފަ ޢަބްދުލް މުއްޠަލިބު ނިޔާވީ އެކަލޭގެފާނުގެ ޢުމުރުފުޅުން އަށް އަހަރުގައި އެވެ. ދެން އެކަލޭގެފާނު ބެލެހެއްޓީ ބޮޑުބޭބެ އަބޫ ޠާލިބެވެ.

ސ 9: އެކަލޭގެފާނުގެ ބޮޑުބޭބެއާއެކު ޝާމުކަރައަށް ދަތުރުކުރެއްވީ ކޮން އިރަކު ހެއްޔެވެ؟

ޖ: އެކަލޭގެފާނުގެ ބޮޑުބޭބެއާއެކު ޝާމުކަރައަށް ދަތުރުކުރެއްވީ ޢުމުރުފުޅުން ބާރަ އަހަރުގައެވެ.

ސ 10: އެކަލޭގެފާނުގެ ދެވަނަ ދަތުރުފުޅު ކުރެއްވީ ކޮން އިރަކު ހެއްޔެވެ؟

ޖ: އެކަލޭގެފާނުގެ ދެވަނަ ދަތުރަކީ ޚަދީޖާ رضي الله عنها ގެ މުދަލުން ވިޔަފާރިއާގެން ކުރެއްވި ދަތުރެކެވެ. އަދި އެކަލޭގެފާނު އެނބުރި ވަޑައިގަތުމުން، އެކަލޭގެފާނު ﷺ އެކަމަނާއާ ކައިވެނިކުރެއްވިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ފަންސަވީސް އަހަރެވެ.

ސ 11: ޤުރައިޝުން ކަޢުބާ އަލުން ބިނާކުރީ ކޮން އިރަކު ހެއްޔެވެ؟

ޖ: ޤުރައިޝުން ކަޢުބާ އަލުން ބިނާކުރިއިރު، އެކަލޭގެފާނުގެ އުމުރުފުޅުން ތިރީސް ފަސް އަހަރެވެ.
އަދި އެމީހުން ޙަޖަރުލް އަސްވަދު ބަހައްޓާނީ ކާކުތޯ ޚިޔާލުތަފާތުވީ ހިނދު އެކަލޭގެފާނު އެކަމަށް ޙުކުމްކުރަން ކަނޑައެޅިިއެވެ. ދެން އެކަލޭގެފާނު ހެދުމެއްގައި ޙަޖަރުލް އަސްވަދު ބޭއްވެވިއެވެ. އަދި ކޮންމެ ޤަބީލާއަކުން އެ ހެދުން ފޮތިގަނޑުގެ ކޮޅުގައި ހިފުމަށް އަމުރުކުރެއްވިއެވެ. އެއީ ހަތަރު ޤަބީލާއެވެ. ދެން އެމީހުން އެ ހިލަ އޮންނަންޖެހޭ ތަނަށް އުފުލިހިނދު؛ އެކަލޭގެފާނު عَلَيْهِ الصَّلَاةُ وَالسَّلَامُގެ އަތްޕުޅުން އެ ހިލަ އެތަނުގައި ބޭއްވެވިއެވެ.

ސ 12: ނަބީކަމާގެން ފޮނުއްވުނުހިނދު އެކަލޭގެފާނުގެ ޢުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟ އަދި އެކަލޭގެފާނު ފޮނުއްވުނީ ކޮންބަޔަކަށް ހެއްޔެވެ؟

ޖ: އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން ސާޅީސް އަހަރެވެ. އަދި އެކަލޭގެފާނު ފޮނުއްވުނީ ހެޔޮ ޚަބަރުދެއްވާ، އިންޛާރުކުރައްވާ ބޭކަލެއްގެ ގޮތުގައި ހުރިހާ މީސްތަކުންގެ ގާތަށެވެ.

ސ 13: ވަޙީ އެންމެ ފުރަތަމަ ފެށުނީ ކޮން އެއްޗަކުން ހެއްޔެވެ؟

ޖ: ތެދު ހުވަފެންތަކުންނެވެ. އެގޮތުން ފަތިހުގެ އަލިކަން ފެންނަ ފަދައިން (އެކަން ހިނގާގޮތަށް) ނޫނީ އެކަލޭގެފާނަށް އެއްވެސް ހުވަފެނެއް ފެނިވަޑައިނުގަންނަވައެވެ.

ސ 14: ވަޙީގެ ކުރިން އެކަލޭގެފާނުގެ ޙާލަތުވީ ކިހިނެއްހެއްޔެވެ؟ އަދި ވަޙީ އެންމެ ފުރަތަމަ އެކަލޭގެފާނަށް ބާވައިލެއްވުނީ ކޮން އިރަކު ހެއްޔެވެ؟

ޖ: އެކަލޭގެފާނު ޙިރާ ހޮހަޅައިގައި الله އަށް އަޅުކަންކުރައްވަން އިންނަވައެވެ. އަދި އެކަމަށްޓަކައި ކޮއްތުވެސް ގެންނަވައެވެ.
އަދި އެކަލޭގެފާނުގެ މައްޗަށް ވަޙީ ބާވައިލެއްވުނީ:
އެކަލޭގެފާނު ހޮހޮޅައިގައި އަޅުކަންކުރައްވަން އިންނަވަނިކޮށެވެ.

ސ 15: ޤުރުއާނުން އެންމެ ފުރަތަމަ އެކަލޭގެފާނަށް ބާވައިލެއްވުނީ ކޮން އެއްޗެއްހެއްޔެވެ؟

ޖ: ﷲ ތަޢާލާގެ މި ބަސްފުޅެވެ: (ކަލޭގެފާނުގެ ވެރި ރައްބުގެ ނަންފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި އިލާހެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، ޤަލަމުން (ލިޔަން) އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.) [އަލްޢަލަޤު: 1 - 5]

ސ 16: އެކަލޭގެފާނުގެ ރިސާލަތަށް އެންމެ ފުރަތަމަ އީމާންވީ ކާކުހެއްޔެވެ؟

ޖ: - ފިރިހެނުންގެ ތެރެއިން: އަބޫބަކުރު އައްސިއްދީޤު އެވެ.
- އަންހެނުންގެ ތެރޭގައި: ޚަދީޖާ ބިންތު ޚުވައިލިދު.
- ކުޑަކުދިންގެ ތެރެއިން: ޢަލީ ބްނު އަބީ ޠާލިބް.
- މިނިވަން އަޅުންގެ ތެރެއިން: ޒައިދު ބްނު ހާރިޘާ.
- އަޅުންގެ ތެރެއިން: ބިލާލް އަލްޙަބަޝީ އެވެ. ﷲ އެ ބޭކަލުންނަށް ރުއްސުން ލައްވާށިއެވެ.

ސ 17: އިސްލާމްދީނަށް ގޮވާލެވުނީ ކިހިނެއް ހެއްޔެވެ؟

ޖ: ގާތްގަނޑަކަށް ތިން އަހަރު ވަންދެން ދަޢުވަތު ސިއްރުކޮށްފައި އޮތެވެ. ދެން ދަޢުވަތު ފާޅުކޮށް ހާމަކުރުމަށް އެކަލޭގެފާނު ﷺ އަށް އަމުރުކުރެއްވުނެވެ.

ސ 18: އެ ދަޢުވަތު އިޢުލާން ކުރެއްވުމަށްފަހު ނަބިއްޔާ ﷺ އާއި އެކަލޭގެފާނަށް އީމާންވި މީހުންގެ ޙާލަތަކީ ކޮބަހެއްޔެވެ؟

ޖ: މުޝްރިކުން އެކަލޭގެފާނަށާއި މުސްލިމުންނަށް ގެއްލުން ދިނުމުގައި ވަރަށް މައްޗަށް ދިޔައެވެ.
އެހެންގޮސް މުއުމިނުންނަށް ޙަބަޝާގެ ނަޖާޝީ ގާތަށް ހިޖުރަ ކުރުމުގެ ހުއްދަދެވުނެވެ.
އަދި ނަބިއްޔާ ﷺ އަށް ގޯނާކޮށް އުނދަގޫކުރުމަށާއި، އެކަލޭގެފާނު ޤަތުލުކޮށްލުމުގެ މައްޗަށް މުޝްރިކުން އެއްބަސްކިޔާ ޖަމަޢަވިއެވެ. ދެން ﷲ އެކަލޭގެފާނު ޙިމާޔަތްކުރައްވާ، އަދި އެމީހުންގެ ކިބައިން އެކަލޭގެފާނު ޙިމާޔަތްކުރެއްވުމަށްޓަކައި އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ޠާލިބު މެދުވެރިކުރައްވާ އެކަލޭގެފާނުގެ ވަށާލެއްވިއެވެ.

ސ 19: އެކަލޭގެފާނުގެ ރަސޫލުކަމުގެ ދިހަވަނަ އަހަރު މަރުވީ ކާކު ހެއްޔެވެ؟

ޖ: މަރުވީ: އެކަލޭގެފާނުގެ ބޮޑުބޭބެ އަބޫ ޠާލިބެއެވެ. އަދި އަނބިކަނބަލުން ޚަދީޖާ رضي الله عنها ވެސްމެއެވެ.

ސ 20: އިސްރާއާއި މިޢުރާޖް ހިނގީ ކޮން އިރަކު ހެއްޔެވެ؟

ޖ: އެކަލޭގެފާނުގެ ޢުމުރުފުޅުން ފަންސާސް އަހަރުގައިއެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ފަރުޟު ފަސް ނަމާދު ފަރުޟުކުރެއްވުނެވެ.
- އިސްރާކުރެވުނީ: އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް އަޤްޞާއަށެވެ.
- މިޢުރާޖުކުރެވުނީ: އެއީ އަލްއަޤްޞާ މިސްކިތުން ފެށިގެން އުޑަށް، ސިދްރަތުލް މުންތަހާއަށެވެ.

ސ 21: މައްކާއިން ބޭރުގައި ތިބި މީހުންނަށް ނަބިއްޔާ ﷺ ދީނަށް ގޮވާލައްވަމުން ގެންދެވީ ކިހިނެއް ހެއްޔެވެ؟

ޖ: އެކަލޭގެފާނު ޠާއިފުގެ އަހުލުވެރިންނަށް ދީނަށް ދަޢުވަތު ދެއްވަމުން ގެންދެވިއެވެ. އަދި ޙައްޖު މޫސުންތަކާއި މީހުންގެ އެއްވުންތަކަށް އެކަލޭގެފާނުގެ ނަފްސު ހުށަހަޅުއްވައެވެ. މަދީނާގެ އަހުލުވެރިންކަމުގައިވާ އަންޞާރުން ވަޑައިގެންފުމަށް ދާންދެނެވެ. އަދި އެބޭކަލުން ނަބިއްޔާ ﷺ އަށް އީމާންވެ، އެކަލޭގެފާނަށް ނަޞްރުދިނުމުގެ މައްޗަށް ބައިޢަތު ހިއްޕެވިއެވެ.

ސ 22: ނަބިއްޔާ ﷺ މައްކާގައި ދީނަށް ގޮވާލެއްވުމުގައި ކިހާ ދުވަހަކު މަޑުކުރެއްވިހެއްޔެވެ؟

ޖ: އެކަލޭގެފާނު ތޭރަ އަހަރު ވަންދެން ހުންނެވިއެވެ.

ސ 23: ނަބިއްޔާ ﷺ ހިޖުރަކުރެއްވީ ކޮންތާކަށް ހެއްޔެވެ؟

ޖ: މައްކާއިން މަދީނާއަށެވެ.

ސ 24: އެކަލޭގެފާނު މަދީނާ ދެމިހުންނެވީ ކިހާ ދުވަހަކުހެއްޔެވެ؟

ޖ: ދިހަ އަހަރެވެ.

ސ 25: މަދީނާގައި އެކަލޭގެފާނުގެ މައްޗަށް ފަރުޟުކުރެވުނީ ކޮން އިސްލާމީ ޝަރީޢަތްތަކެއް ހެއްޔެވެ؟

ޖ: އެކަލޭގެފާނުގެ މައްޗަށް ފަރުޟުކުރެއްވުނީ ޒަކާތާއި، ރޯދައާއި، ޙައްޖާއި، ޖިހާދާއި، ބަންގިއާއި އެހެން އިސްލާމީ ޝަރީޢަތްތަކެވެ.

ސ 26: އެކަލޭގެފާނު ﷺ ކުރެއްވި އެންމެ މުހިއްމު ހަނގުރާމަތަކަކީ ކޮބައިހެއްޔެވެ؟

ޖ: - ބަދުރުގެ ބޮޑު ހަނގުރާމަ: އެއީ ހިޖުރައިން ދެވަނަ އަހަރުގައިއެވެ.
- އުޙުދު ހަނގުރާމަ: އެއީ ހިޖުރައިން ތިންވަނަ އަހަރުގައިއެވެ.
- އަޙްޒާބު ހަނގުރާމަ: އެއީ ހިޖުރައިން ފަސްވަނަ އަހަރުގައިއެވެ.
- މައްކާ ފަތަޙަ ކުރެއްވުމުގެ ހަނގުރާމަ. އެއީ ހިޖުރައިން އަށްވަނަ އަހަރުގައިއެވެ.

ސ 27: ޤުރްއާނުން އެންމެ ފަހުން ބާވައިލެއްވުނީ ކޮން އެއްޗެއްހެއްޔެވެ؟

ޖ: ﷲ ތަޢާލާގެ މި ބަސްފުޅެވެ: (އެދުވަހެއްގައި، ﷲގެ ޙަޟްރަތަށް ތިޔަބައިމީހުން ރުޖޫޢަކުރެވޭނެ ދުވަހަށް ރައްކާތެރިވެ، ބިރުވެތިވާށެވެ! ދެން ކޮންމެ ނަފްސަކަށްމެ، އެ ނަފްސެއް ހޯދި ކަމެއްގެ ޖަޒާ (އެދުވަހުން) ފުރިހަމައަށް ދެއްވާނެއެވެ. އަދި އެމީހުންނަށް އަނިޔާވެރި ނުވެވޭނެއެވެ.) [އަލްބަޤަރާ: 281]

ސ 28: ނަބިއްޔާ ﷺ އަވަހާރަވީ ކޮން އިރަކު ހެއްޔެވެ؟ އެކަލޭގެފާނުގެ ޢުމުރުފުޅުން ކިހާވަރެއް ހެއްޔެވެ؟

ޖ: އެކަލޭގެފާނު އަވަހާރަވީ ހިޖުރައިން އެގާރަވަނަ އަހަރު، ރަބީޢުލްއައްވަލް މަހުގައިއެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅުން ފަސްދޮޅަސް ތިން އަހަރެވެ.

ސ 29: ނަބިއްޔާ ﷺ ގެ އަނބިއަނބިކަނބަލުންނަކީ ކޮބައިކަން ބަޔާންކުރާށެވެ.

ޖ: 1. ޚަދީޖާ ބިންތު ޚުވައިލިދު رَضِيَ اللَّهُ عَنْهَا.
2. ސައުދާ ބިންތު ޒަމްޢާ رَضِيَ اللَّهُ عَنْهَا.
3. ޢާއިޝާ ބިންތު އަބީބަކުރު އައްޞިއްދީޤު رَضِيَ اللَّهُ عَنْهَا.
4. ޙަފްޞާ ބިންތު ޢުމަރު رَضِيَ اللَّهُ عَنْهَا.
5. ޒައިނަބު ބިންތު ޚުޒައިމާ رَضِيَ اللَّهُ عَنْهَا.
6. އުންމު ސަލަމާ ހިންދު ބިންތު އަބީ އުމައްޔާ رَضِيَ اللَّهُ عَنْهَا.
7. އުންމު ޙަބީބާ ރަމްލާ ބިންތު އަބީ ސުފްޔާނު رَضِيَ اللَّهُ عَنْهَا.
8. ޖުވައިރިޔާ ބިންތު އަލްޙާރިޘް رَضِيَ اللَّهُ عَنْهَا.
9. މައިމޫނާ ބިންތު އަލްޙާރިޘް رَضِيَ اللَّهُ عَنْهَا.
10. ޞަފިއްޔާ ބިންތު ޙުޔައްޔު رَضِيَ اللَّهُ عَنْهَا.
11. ޒައިނަބް ބިންތު ޖަޙްޝު رَضِيَ اللَّهُ عَنْهَا.

ސ 30: އެކަލޭގެފާނު ﷺގެ ދަރިދަރިކަލުންނަކީ ކޮބައިހެއްޔެވެ؟

ޖ: ފިރިހެން ތިން ދަރިކަލުންނެވެ:
- އަލްޤާސިމް، އެކަލޭގެފާނަށް ކުންޔާ ދެވެނީ އެ ދަރިކަލުންއިންނެވެ.
- ޢަބްދު ﷲ.
- އިބްރާހީމު.
* އަންހެން ދަރިދަރިކަލުންގެ ތެރޭގައިވަނީ:

- ފާޠިމާ.
- ރުޤައްޔާ.
- އުންމު ކުލްޘޫމް.
- ޒައިނަބު.
އިބްރާހީމު ފިޔަވައި، އެކަލޭގެފާނުގެ ހުރިހާ ދަރިދަރިކަލުން ލިބިވަޑައިގަތީ ޚަދީޖާ رَضِيَ اللَّهُ عَنْهَا ގެ ފުށުންނެވެ. އިބްރާހީމު ލިބިވަޑައިގަތީ މާރިޔާ އަލްޤިބްޠިއްޔާގެ ކިބައިންނެވެ. އަދި ފާޠިމާ ފިޔަވައި އެ ހުރިހާ ދަރިދަރިކަލުން އެކަލޭގެފާނު އަވަހާރަވުމުގެ ކުރިން އަވަހާރަވިއެވެ. ފާޠިމާ އަވަހާރަވީ އެކަލޭގެފާނު އަވަހާރަވިތާ ހަ މަސް ފަހުންނެވެ.

ސ 31: ނަބިއްޔާ ﷺ ގެ ބުރުސޫރަފުޅުގެ ބައެއް ޞިފަތައް ބަޔާންކުރާށެވެ.

ޖ: އެކަލޭގެފާނު ﷺ އީ ފިރިހެނުންގެ ތެރެއިން މެދުމިނުގެ އިސްކޮޅުގެ ބޭކަލެކެވެ. ކުރެއްވެސް އަދި ދިގެއްވެސް ނޫނެވެ. ކިއެއްތަ، އެ ދޭތެރެ މެދެވެ. އަދި އެކަލޭގެފާނު عليه الصلاة والسلام އެއީ ރަތްކުލައަށް ދާ ދޮން ބޭކަލެކެވެ. އަދި ތުނބުޅިފުޅު ބޯ، ދެ ލޯފުޅު ފުޅާ، އަނގަފުޅު ބޮޑު، އިސްތަށިފުޅު ކަޅުކަން ގަދަ، ބައިމަތި ފުޅާ، ވަސް މީރު ބޭކަލެކެވެ. އެނޫންވެސް އެކަލޭގެފާނު ﷺ ރިވެތި ބުރުސޫރަފުޅުގެ ޞިފަތައްވެއެވެ.

ސ 32: ނަބިއްޔާ ﷺ އެކަލޭގެފާނުގެ އުއްމަތް ދޫކުރެއްވީ ކޮންކަމެއްގެ މަތީގައިހެއްޔެވެ؟

ޖ: އެކަލޭގެފާނު އުއްމަތް ދޫކުރެއްވީ ސާފުހުދު މަންހަޖުގެ މަތީގައިއެވެ. އޭގެ ރޭގަނޑު ދުވާލު ފަދައެވެ. ހަލާކުވެގެންވާ މީހަކު މެނުވީ އެއިން ކަސިޔާރުވެގެން ނުދެއެވެ. އެއްވެސް ހެވެއް ވެއްޖެއްޔާ، އެކަލޭގެފާނުގެ އުއްމަތަށް އެކަމަަށް މަގުދައްކަވާފައި މެނުވީ ދޫނުކުރައްވައެވެ. އަދި އިންޛާރު ނުދެއްވާ އެއްވެސް ނުބައިކަމެއް ދޫނުކުރައްވައެވެ.
*******
ސަމާލުކަމަށްވާ ނުކުތާއެއް:
މިބައި ވަނީ އާޔަތްތައް ހިތުދަސްކުރުމަށާއި އޭގެ މާނަ ދެނެގަތުމަށެވެ.

ތަފްސީރުގެ ބައި17

ސ 1: އަލްފާތިޙާ ސޫރަތް ކިޔަވާފައި ތަފްސީރުކޮށްދޭށެވެ.

ޖ: ސޫރަތުލް ފާތިޙާ އާއި އޭގެ ތަފްސީރު:
🎧 (بسم الله الرحمن الرحيم)
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. 🎧 ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾
(ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ.) 🎧 الرَّحْمَنِ الرَّحِيمِ .
(އެކަލާނގެއީ) ރަޙްމާނުވަންތަ ރަޙީމްވަންތަ އިލާހެވެ. 🎧 مَالِكِ يَوْمِ الدِّينِ
(ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.) 🎧 إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
(އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.) 🎧 اهْدِنَا الصِّرَاطَ الْمُسْتَقِيمَ
(އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ.) 🎧 صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾.
(އެއީ) އެއުރެންނަށް އިބައިލާހު ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.) [އަލްފާތިޙާ: 1-7]
ތަފްސީރު:
އަލްފާތިޙާ (ހުޅުވާލާ ސޫރަތް) ކިޔުނީ: ﷲ ގެ ފޮތް އެ ސޫރަތުން ހުޅުވާލެވޭތީއެވެ.
1- (بسم الله الرحمن الرحيم)
ރަޙުމާނުވަންތަ ރަޙީމުވަންތަ ﷲ ގެ އިސްމުފުޅުން ފަށަމެވެ. އެބަހީ: ﷲ ގެ ނަންފުޅުން، އަދި އެކަލާނގެ ތަޢާލާގެ ޙަޟްރަތުން އެހީއަށް އެދޭ ޙާލު، އަދި އެކަލާނގެ ނަންފުޅު ޛިކުރުކޮށްގެން ބަރަކާތް ލިބިގަންނަ ޙާލު ޤުރްއާން ކިޔަވަން އަޅު ފަށަމެވެ.
ﷲ:
އެބަހީ: ޙައްގުގޮތުގައި އަޅުކަންކުރެވޭ އިލާހެވެ.އެކަލާނގެ ސުބްޙާނަހޫ ފިޔަވައި އެހެން ފަރާތަކަށް އެ ނަން ނުކިޔޭ ހުއްޓެވެ.
- “الرَّحْمَن” އެބަހީ: އެކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށް ތަނަވަސްވެގެންވާ، ތަނަވަސް ރަޙްމަތުގެ ވެރި އިލާހެވެ.
- “الرَّحِيم” މާނައަކީ: މުއުމިނުންނަށް ރަޙުމްކުރައްވާ އިލާހެވެ.
2- ﴿الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ﴾
(ޙަމްދުހުރީ ޢާލަމްތަކުގެ ވެރި ރައްބު، ﷲ އަށެވެ.) އެބަހީ: ހުރިހާ ވައްތަރެއްގެ ޙަމްދާއި ފުރިހަމަކަން ނިސްބަތްވަނީ ހަމައެކަނި ﷲ އަށެވެ.
3. ﴿الرَّحْمَنِ الرَّحِيمِ﴾ އެބަހީ: އެކަލާނގެ ރަޙްމަތް ކޮންމެ އެއްޗަކަށް ތަނަވަސްވެގެންވާ، ތަނަވަސް ރަޙްމަތުގެ ވެރި އިލާހެވެ. އަދި މުއުމިނުން ވާޞިލުވާ ރަޙްމަތުގެ ވެރި އިލާހެވެ.
4- مَالِكِ يَوْمِ الدِّينِ
(ޤިޔާމަތް ދުވަހުގެ ވެރި ރަސްކަލާނގެއެވެ.) (ޔައުމުއް ދީން އަކީ) ޤިޔާމަތް ދުވަހެވެ.
5- إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ
(އަޅަމެން އަޅުކަންކުރަނީ ހަމައެކަނި އިބައިލާހަށެވެ. އަދި އަޅަމެން ވާގި އެދެނީވެސް ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.) އެބަހީ: އަޅަމެން ހަމައެކަނި އަޅުކަންކުރަނީ އިބަ އިލާހަށެވެ. އަދި އަޅަމެން އެހީއަށް އެދެނީ ހަމައެކަނި އިބައިލާހުގެ ޙަޟްރަތުންނެވެ.
6- اهْدِنَا الصِّرَاطَ الْمُسْتَقِيمَ
(އަޅަމެންނަށް، ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާނދޭވެ.) އެއީ އިސްލާމްދީނާއި ސުންނަތަށް ތެދުމަގު ދެއްކެވުމެވެ.
7- صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ﴾.
(އެއީ) އެއުރެންނަށް އިބައިލާހު ނިޢުމަތް ދެއްވި މީހުންގެ މަގެވެ. އެއުރެންގެ މައްޗަށް ކޯފާލައްވާފައިވާ މީހުންގެ މަގެއްނޫނެވެ. އަދި މަގުފުރެދިފައިވާ މީހުންގެ މަގެއްވެސް ނުމެނޫންމެއެވެ.) އެބަހީ: ﷲ ގެ ޞާލިޙު އަޅުތަކުން ކަމުގައިވާ ނަބިއްޔުންނާއި އެބޭކަލުންނަށް ތަބަޢަވީ މީހުންގެ މަގެވެ. ނަޞާރާއިންނާއި ޔަހޫދީންގެ މަގެއް ނޫނެވެ.
- އަދި އެ ސޫރަތް ކިޔަވާ ނިމުމުން "އާމީން" ކިޔުން ސުންނަތް ވެގެންވެއެވެ. އޭގެ މާނައަކީ: އަޅަމެންނަށް އިޖާބަކުރައްވާށިއެވެ.

ސ 2: ސޫރަތުއް ޒަލްޒަލާ ކިޔަވާފައި ތަފްސީރުކޮށްދޭށެވެ.

ޖ: ސޫރަތުއް ޒަލްޒަލާއާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا.
(ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.) 🎧 وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
(އަދި އެ ބިންގަނޑު އޭގެ ބުރަތައް (އެބަހީ: ބިމުގެ އަޑީގައި ވަޅުލެވިފައިވާ ޚަޒާނާތަކާއި ކަށިތައް) ނެރެ އުކާލައިފިހިނދެވެ.) 🎧 وَقَالَ الْإِنْسَانُ مَا لَهَا 
(އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.) 🎧 يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
(އެ ދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.) 🎧 بِأَنَّ رَبَّكَ أَوْحَى لَهَا
(އެއީ ކަލޭގެފާނުގެ ވެރިރައްބު، އެ ބިމަށް އެކަން ވަޙީކުރައްވާ އިލްހާމް ކުރެއްވީތީއެވެ.) 🎧 يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ
(އެ ދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ.) 🎧 فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ 
(ފަހެ ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.) 🎧 وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ.﴾
(އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.) [އައްޒަލްޒަލާ: 1 - 8].
ތަފްސީރު:

1-﴿إِذَا زُلْزِلَتِ الْأَرْضُ زِلْزَالَهَا.
(ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ.) ޤިޔާމަތް ދުވަސް އެއާ ވިދިގެން އަންނަ ވަރުގަދަ ހެލިގަތުމުން ބިންގަނޑު ޙަރަކާތްކޮށް ހެލިގަނެފިހިނދެވެ.
2- وَأَخْرَجَتِ الْأَرْضُ أَثْقَالَهَا
(އަދި އެ ބިންގަނޑު އޭގެ ބުރަތައް ނެރެ އުކާލައިފިހިނދެވެ.) މަރުވެފައިވާ މީހުންނާއި އެހެނިހެން ތަކެތި ހިމެނޭގޮތަށް ބިމުގެ ބަނޑުގައި ހުރި އެއްޗެއް ނެރެލައިފި ހިނދެވެ.
3- وَقَالَ الْإِنْسَانُ مَا لَهَا 
(އަދި އެ ބިންގަނޑަށް އެވަނީ ކީއްހެއްޔޭ އިންސާނާ ބުނެފިހިނދެވެ.) އިންސާނާ ހައިރާންކަން މަތީ ހުރެގެން ބުނާނެއެވެ. ދުނިޔެ ޙަރަކާތްތެރިވެ ހަލަބޮލިވެގެން މި އުޅެނީ ކޮން ކަމަކާ ހެއްޔެވެ؟!
4- يَوْمَئِذٍ تُحَدِّثُ أَخْبَارَهَا
(އެ ދުވަހުން އެ ބިންގަނޑު، އޭގެ ޚަބަރުތަކުގެ ވާހަކަ ދައްކާނެތެވެ.) ބޮޑުވެގެންވާ އެ ދުވަހު، އެ ބިންގަނޑުގެ މަތީގައި ކުރެވުނު ހެޔޮ ކަންކަމާއި ނުބައި ކަންކަމުގެ ޚަބަރު އެ ބިންގަނޑު ދޭނެއެވެ.
5- بِأَنَّ رَبَّكَ أَوْحَى لَهَا
(އެއީ ކަލޭގެފާނުގެ ވެރިރައްބު، އެ ބިމަށް އެކަން ވަޙީކުރައްވާ އިލްހާމް ކުރެއްވީތީއެވެ.) އެހެނީ ﷲ އެ ބިމަށް އަންގަވާދެއްވާ، އެކަމަށް އަމުރުކުރެއްވީއެވެ.
6- يَوْمَئِذٍ يَصْدُرُ النَّاسُ أَشْتَاتًا لِيُرَوْا أَعْمَالَهُمْ
(އެ ދުވަހުން މީސްތަކުން ތަފާތު ބައިބަޔަށް ދާނެތެވެ. (އެއީ) އެއުރެންނަށް، އެއުރެންގެ ޢަމަލުތައް ދެއްކެވުމަށްޓަކައެވެ.) ބިންގަނޑު ހެލިގެންދާނޭ އެ ބޮޑުވެގެންވާ ދުވަހު؛ ޙިސާބު ބެއްލެވޭ މައިދާނަށް ބައިބަޔަށް މީސްތަކުން ނިކުންނާނެއެވެ. އެއީ ދުނިޔޭގައި އެމީހުން ކުރި ޢަމަލުތައް ދެކުމަށެވެ.
7- فَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ 
(ފަހެ ޛައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.) ހެޔޮ ރަނގަޅު ޢަމަލުތަކުން، ކުޑަކުޑަ ހިންޏެއްގެ ބަރުދަނަށް ހެޔޮ ޢަމަލެއް ކޮށްފައިވާ މީހާވެސް؛ އޭނާގެ ކުރިމަތިން އެކަން ފެންނާނެއެވެ.
8- وَمَنْ يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ.﴾
(އަދި ޛައްރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.) އަދި ހަމަ އެ ބަރުދަނަށް ނުބައި ޢަމަލުތަކުން ކަމެއް ކޮށްފައިވާ މީހާއަށްވެސް، އޭނާގެ ކުރިމަތިން އެކަން ފެންނާނެއެވެ.

ސ 3: އަލްޢާދިޔާތު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްޢާދިޔާތު ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿وَالْعَادِيَاتِ ضَبْحًا
(ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.) 🎧 فَالْمُورِيَاتِ قَدْحًا
(އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުން ދުވާ އަސްތައް ގަންދެއްވަމެވެ.) 🎧 فَالْمُغِيرَاتِ صُبْحًا
(އަދި ފަތިހުގެ ވަގުތުގައި، ހަމަލާދޭ އަސްތައް ގަންދެއްވަމެވެ.) 🎧 فَأَثَرْنَ بِهِ نَقْعًا
(ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ.) 🎧 فَوَسَطْنَ بِهِ جَمْعًا
(ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި (ދުޝްމަނުންގެ) ބައިގަނޑުގެ މެދަށް ވަދެގަނެތެވެ.) 🎧 إِنَّ الْإِنْسَانَ لِرَبِّهِ لَكَنُودٌ
(ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރައްބަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.) 🎧 وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
(އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ.) 🎧 وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
(އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.) 🎧 أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
(ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، ފަހެ، އެ އިންސާނާ ނުދަންނަނީ ހެއްޔެވެ؟) 🎧 وَحُصِّلَ مَا فِي الصُّدُورِ
(އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ ނުދަންނާނެ ހެއްޔެވެ؟) 🎧 إِنَّ رَبَّهُمْ بِهِمْ يَوْمَئِذٍ لَخَبِيرٌ﴾
(ހަމަކަށަވަރުން، އެއުރެންގެ ވެރިރައްބުއީ، އެދުވަހުން އެއުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތްކަން ކަށަވަރެވެ.) [އަލްޢާދިޔާތު: 1-11]
ތަފްސީރު:
1- ﴿وَالْعَادِيَاتِ ضَبْحًا
(ނޭވާގެ އަޑު އިއްވަމުން، ހަރުކޮށް ދުވާ އަސްތައް ގަންދެއްވަމެވެ.) ދުވުމުގެ ބާރުގަދަކަމުން ނޭވާލާ އަޑު އިވޭގޮތަށް ދުވާ އަސްތައް ގަންދެއްވާ ﷲ ތަޢާލާ ހުވާކުރައްވައެވެ.
2- فَالْمُورِيَاتِ قَدْحًا
(އަދި ފިޔަވަޅުތަކުން އަލިފާން ކަނޑަމުން ދުވާ އަސްތައް ގަންދެއްވަމެވެ.) އަދި ހިލަތަކުގައި އޭގެ މުށްގަނޑުތައް ޖެހޭވަރު ބާރުކަމުން އަލިފާން ކަނޑައިގެންދާ އަސްތައް ގަންދެއްވާ އެކަލާނގެ ހުވާކުރެއްވިއެވެ.
3- فَالْمُغِيرَاتِ صُبْحًا
(އަދި ފަތިހުގެ ވަގުތުގައި، ހަމަލާދޭ އަސްތައް ގަންދެއްވަމެވެ.) އަދި ފަތިސް ވަޤުތު ޢަދުއްވުންގެ މައްޗަށް ހަމަލާދޭ އަސްތައް ގަންދެއްވާ އެކަލާނގެ ހުވާކުރެއްވިއެވެ.
4- فَأَثَرْنَ بِهِ نَقْعًا
(ފަހެ، އެ އަސްތައް، އެ ވަގުތު ހިރަފުސް ބުރުވައިލަތެވެ.) ދެންފަހެ އެ އަސްތަކުގެ ދުވެލީގެ ސަބަބުން ހިރަފުސްގަނޑު (ބޯވެގެން) ޙަރަކާތްކުރެއެވެ.
5- فَوَسَطْنَ بِهِ جَمْعًا
(ފަހެ، އެ އަސްތައް އެ ހިރަފުސްތަކުގެ ތެރޭގައި (ދުޝްމަނުންގެ) ބައިގަނޑުގެ މެދަށް ވަދެގަނެތެވެ.) ދެން އެ އަސްތަކަށް ސަވާރުވެގެން ތިބި އަސްވާރުންނާއެކު ދުޝްމަނުންގެ ޖަމާޢަތުގެ މެދަށް ވަދެގަނެއެވެ.
6- إِنَّ الْإِنْسَانَ لِرَبِّهِ لَكَنُودٌ
(ހަމަކަށަވަރުން، އިންސާނާއީ، އޭނާގެ ވެރިރައްބަށް ހަރާންކޯރުވުން ބޮޑު މީހެކެވެ.) ހަމަކަށަވަރުން އިންސާނާއީ، އޭނާގެ ވެރި ރައްބު އޭނާގެ ފުށުން އެދިވޮޑިގަންނަވާ ހެޔޮ ކަންކަން ކުރުމުން މަނާވެގަތުން ބޮޑު މީހެކެވެ.
7- وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ
(އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، އެކަމުގެ މައްޗަށް ހެކިވެރިޔަކުކަން ކަށަވަރެވެ.) އަދި އޭނާ ހެޔޮ ރަނގަޅު ކަންކަމުން މަނާވެގަންނަކަމަށް އަމިއްލައަށްވެސް ހެކިވެއެވެ. އެކަން ސާފުކަމަށްޓަކައި، އޭނާއަށް އެކަމަށް އިންކާރުކުރަން ކުޅަދާނަ ނުވެއެވެ.
8- وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ
(އަދި ހަމަކަށަވަރުންް، އެ އިންސާނާއީ، މުދަލަށް ލޯބިކުރުންގަދަ މީހެއްކަން ކަށަވަރެވެ.) އަދި ހަމަކަށަވަރުން އިންސާނާއީ މުދަލާއި ފައިސާއަށް ލޯބިކުރުމުގައި ޙައްދުފަހަނައަޅާ ގޮސް، އެއާމެދު ދަހިވެތިވާ މީހެކެވެ.
9- أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ
(ކަށްވަޅުތަކުގައިވާ ތަކެތި ނެރެ އުކައިލައްވާހިނދު، ފަހެ އެ އިންސާނާ ނުދަންނަނީ ހެއްޔެވެ؟) ދުނިޔޭގެ ޙަޔާތާމެދު ހެއްލުންތެރިވެގެންވާ މި އިންސާނާއަށް، الله މަރުވެފައިވާ މީހުން ޤަބުރުތަކުން ދިރުއްވައި، ޙިސާބު ބައްލަވާ ޖަޒާދެއްވުމަށްޓަކައި އެމީހުން ބިމުން ނެރުއްވާހިނދު؛ އޭނާ ހީކޮށްގެން ވަހުމެއްގެ މަތީގައި ހުރެގެން ދެކުނު ގޮތަށް އެކަންކަން ނުވާކަން ނޭނގޭނެހެއްޔެވެ؟
10- وَحُصِّلَ مَا فِي الصُّدُورِ
(އަދި ހިތްތަކުގައިވާ ސިއްރުތައް އެއްކޮށް ފާޅުކުރައްވާހިނދު، ފަހެ، އެ އިންސާނާ ނުދަންނާނެ ހެއްޔެވެ؟) އަދި ހިތްތަކުގައިވާ ނިޔަތްތަކާއި ޤަބޫލުކުރުންތަކާއި އެހެންވެސް ކަންތައް ފާޅުކުރެވި ބަޔާންވެގެންދެއެވެ.
11- إِنَّ رَبَّهُمْ بِهِمْ يَوْمَئِذٍ لَخَبِيرٌ﴾
(ހަމަކަށަވަރުން، އެއުރެންގެ ވެރިރައްބުއީ، އެ ދުވަހުން އެ އުރެންގެ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތްކަން ކަށަވަރެވެ.) ހަމަކަށަވަރުން އެމީހުން ވެރި ރައްބު، އެ ދުވަހުންވަނީ މޮޅަށް ޚަބަރުތައް ލިބިވޮޑިގެންވާ އިލާހުކަމުގައިއެވެ. އެކަލާނގެ އަޅުތަކުންގެ ކަންކަމުން އެއްވެސް ކަމެއް އެކަލާނގެއަށް ވަންހަނާވެގެން ނުވެއެވެ. އަދި އެކަލާނގެ އެކަމުގެ މައްޗަށް އެމީހުންނަށް ޖަޒާދެއްވާނެއެވެ.

ސ 4: އަލްޤާރިޢާ ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްޤާރިޢާ ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿الْقَارِعَةُ
(ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ.) 🎧 مَا الْقَارِعَةُ
(ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟) 🎧 وَمَا أَدْرَاكَ مَا الْقَارِعَةُ
(އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟) 🎧 يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
(ވިއްސި ވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.) 🎧 وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ
(އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.) 🎧 فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ
(ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!) 🎧 فَهُوَ فِي عِيشَةٍ رَاضِيَةٍ
(ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.) 🎧 وَأَمَّا مَنْ خَفَّتْ مَوَازِينُهُ
(އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!) 🎧 فَأُمُّهُ هَاوِيَةٌ
(ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.) 🎧 وَمَا أَدْرَاكَ مَا هِيَهْ
(އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟) 🎧 نَارٌ حَامِيَةٌ.﴾
(އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.) [އަލްޤާރިޢާ: 1-11].
ތަފްސީރު:

1- ﴿الْقَارِعَةُ
(ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހެވެ.) އެ ދުވަހުގެ ބޮޑުވެގެންވާ ބިރުވެރިކަން މީސްތަކުންގެ ހިތްތަކަށް ލައިގަންނަ ޤިޔާމަތް ދުވަހެވެ.
2- مَا الْقَارِعَةُ
(ހިތްތަކަށް ބިރުވެރިކަންގެނެސްދޭ ދުވަހަކީ، ކޮންދުވަހެއް ހެއްޔެވެ؟) އެ ދުވަހުގެ ބޮޑު ބިރުވެރިކަން މީސްތަކުންނަށް ހިތްތަކަށް ލައިގަންނަ މި ދުވަހަކީ ކޮން ދުވަހެއްހެއްޔެވެ؟
3- وَمَا أَدْرَاكَ مَا الْقَارِعَةُ
(އަދި ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތް ދުވަހަކީ، ކޮންދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟) އަދި އޭ ރަސޫލާއެވެ. އެ ދުވަހުގެ ބޮޑު ބިރުވެރިކަން މީސްތަކުންނަށް ހިތްތަކަށް ލައިގަންނަ މި ދުވަހަކީ ކޮން ދުވަހެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންކަމެއް ހެއްޔެވެ؟ އެއީ ޤިޔާމަތް ދުވަހެވެ.
4- يَوْمَ يَكُونُ النَّاسُ كَالْفَرَاشِ الْمَبْثُوثِ
(ވިއްސި ވިހާލިވެގެންދާ ކޮކާތަކެއް ފަދައިން މީސްތަކުންވާނޭ ދުވަހެވެ.) މީހުންގެ ހިތްތަކަށް ބިރުވެރިކަން ލައިގަންނަ ދުވަހު، އެމީހުން ވާހުށީ މިތަނާއި އެތަނުގައި ފެތުރި ވިއްސިވިހާލިވެގެންވާ ކޮކާތަކެއް ފަދައިންނެވެ.
وَتَكُونُ الْجِبَالُ كَالْعِهْنِ الْمَنْفُوشِ
(އަދި ބުރުވައިލެވޭ ކެހެރިތަކެއް ފަދައިން ފަރުބަދަތައް ވާނޭދުވަހެވެ.) އަދި ފަރުބަދަތައް ވާހުށީ ބުރުވާލެވޭ ކެހެރިތަކެއް ފަދައިންނެވެ. އެ ކެހެރިތައް ވަޔާގޮސް ޙަރަކާތްކުރުމުގައި ލުއިކަމުގައިއެވެ.
6- فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ
(ފަހެ، އެމީހެއްގެ (ހެޔޮކަންތަކުގެ) ތިލަފަތް ބަރުވެއްޖެމީހާ ދަންނާށެވެ!) އެމީހެއްގެ ނުބައި ޢަމަލުތަކުގެ މައްޗަށް ޞާލިޙު ހެޔޮ ޢަމަލުތައް ބުރަވެ ބަރުވެއްޖެ މީހާ ދަންނާށެވެ.
7- فَهُوَ فِي عِيشَةٍ رَاضِيَةٍ
(ފަހެ، އެމީހާ ވާހުށީ، ރުހިގެންވާ ދިރިއުޅުމެއްގައެވެ.) ފަހެ އޭނާ އުޅޭނީ ސުވަރުގޭގައި އޭނާއަށް ލިބޭނެ؛ ރުހިގެންވާ ދިރިއުޅުމެއްގައިއެވެ.
8- وَأَمَّا مَنْ خَفَّتْ مَوَازِينُهُ
(އަދި އެމީހެއްގެ ތިލަފަތް ލުއިވެއްޖެމީހާ ދަންނާށެވެ!) އެމީހެއްގެ ހެޔޮ ޢަމަލުތަކުގެ މައްޗަށް ނުބައި ޢަމަލުތައް ބުރަވެ ބަރުވެއްޖެ މީހާ ދަންނާށެވެ.
9- فَأُمُّهُ هَاوِيَةٌ
(ފަހެ، އޭނާ އުޅޭނެތަނަކީ، ނަރަކައިގެ އަޑިއެވެ.) ޤިޔާމަތް ދުވަހު އޭނާ އުޅޭނެތަނަކީ އަދި އޮންނާނޭ ވެށްޓަކީ ޖަހަންނަމައެވެ.
10- وَمَا أَدْرَاكَ مَا هِيَهْ
(އަދި އެއީ ކޮންއެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟) އޭ ރަސޫލާއެވެ! އަދި އެއީ ކޮން އެއްޗެއްކަން ތިބާއަށް އަންގައިދިިނީ ކޮންކަމެއްޔެހެއްޔެވެ؟
11- نَارٌ حَامِيَةٌ.﴾
(އެއީ އަނދައަނދާހުންނަ ނަރަކައިގެ އަލިފާނެވެ.) އެއީ ހޫނުކަން ގަދަވެގެންވާ އަލިފާނެކެވެ.

ސ 5: އައްތަކާޘުރު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އައްތަކާޘުރު ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿أَلْهَاكُمُ التَّكَاثُرُ.
(މުދަލާއި ދަރިން ގިނަކޮށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެތިކޮށް) މަޝްޣޫލުކޮށްފިއެވެ.) 🎧 حَتَّى زُرْتُمُ الْمَقَابِرَ
(ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ.) 🎧 كَلَّا سَوْفَ تَعْلَمُونَ
(ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.) 🎧 ثُمَّ كَلَّا سَوْفَ تَعْلَمُونَ
(ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.) 🎧 كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ
(ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.) 🎧 لَتَرَوُنَّ الْجَحِيمَ
(ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.) 🎧 ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
(ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.) 🎧 ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ 8﴾
(ދެން އެ ދުވަހުން ހަމަކަށަވަރުން ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރެވޭނެކަން ކަށަވަރެވެ.) [އައްތަކާޘުރު ސޫރަތް: 1-8].
ތަފްސީރު:

1- ﴿أَلْهَاكُمُ التَّكَاثُرُ.
(މުދަލާއި ދަރިން ގިނަކޮށް އެކަކު އަނެކަކަށް ފަޚުރުވެރިވެ އުޅުން، ތިޔަބައިމީހުން (ﷲ ގެ މަތިން ހަނދުމަނެތިކޮށް) މަޝްޣޫލުކޮށްފިއެވެ.) އޭ މީސްތަކުންނޭވެ! މުދަލާއި ދަރިންނާމެދު ފަޚުރުވެރިވުން، ތިޔަބައިމީހުން ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުން މަޝްޣޫލުކޮށްފިއެވެ.
2- حَتَّى زُرْتُمُ الْمَقَابِرَ
(ތިޔަބައިމީހުން ކަށްވަޅުތަކަށް ޒިޔާރަތްކޮށްފުމަށް ދާންދެނެވެ.) ތިޔަބައިމީހުން މަރުވެ، ޤަބުރުތަކަށް ވަދެފުމަށް ދާންދެނެވެ.
3- كَلَّا سَوْفَ تَعْلَمُونَ
(ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.) ﷲ އަށް ކިޔަމަންވުން ދޫކޮށް އެކަންކަމާމެދު ފަޚުރުވެރިވުން ތިޔަބައިމީހުން މަޝްޣޫލުކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އެ ގޮތަށް މަޝްޣޫލުވެގަތުމުގެ ހިތި ނަތީޖާ ތިޔަބައިމީހުންނަށް އަދި އެނގޭނެއެވެ.
4- ثُمَّ كَلَّا سَوْفَ تَعْلَمُونَ
(ދެންވެސް، ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެތެވެ.) ދެން އެއަށްފަހުވެސް އޭގެ ނަތީޖާ ތިޔަބައިމީހުންނަށް އެނގޭނެއެވެ.
5- كَلَّا لَوْ تَعْلَمُونَ عِلْمَ الْيَقِينِ
(ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ޔަޤީންކަމުގެ އެނގުމުން ތިޔަބައިމީހުންނަށް އެނގޭނަމައެވެ.) ތިޔަބައިމީހުން ﷲ ގެ ޙަޟްރަތަށް އަލުން ދިރުއްވާ އަނބުރާ ފޮނުއްވޭނެކަމާއި، އަދި ތިޔަބައިމީހުންގެ ޢަމަލުތަކުގެ މައްޗަށް އެކަލާނގެ ތިޔަބައިމީހުންނަށް ޖަޒާދެއްވާނޭކަން ޔަޤީނުންވެސް ތިޔަބައިމީހުންނަށް އެނގޭނަމަ؛ މުދަލާއި ދަރިންނާމެދު ފަޚުރުވެރިވުމުގައި ތިޔަބައިމީހުން މަޝްޣޫލު ނުވީހެވެ.
6- لَتَرَوُنَّ الْجَحِيمَ
(ހަމަކަށަވަރުން، ތިޔަބައިމީހުން ނަރަކަ ދެކޭނެކަން ކަށަވަރެވެ.) ﷲ ގަންދީ ބުނަމެވެ! ޤިޔާމަތް ދުވަހު ތިޔަބައިމީހުންނަށް ނަރަކަ ފެންނާނޭކަން ކަށަވަރެވެ.
7- ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
(ދެންހަމަ ޔަޤީންކަމުގެ ދުށުމުން، ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.) ދެން އެއްވެސް ޝައްކެއް ނުވާ ޔަޤީންކަމުގެ ދުށުމަކުން ތިޔަބައިމީހުން އެ ނަރަކަ ދެކޭނެކަން ކަށަވަރެވެ.
8- ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ .﴾
(ދެން އެ ދުވަހުން ހަމަކަށަވަރުން ނިޢުމަތްތަކާމެދު ތިޔަބައިމީހުންނާ ސުވާލުކުރެވޭނެކަން ކަށަވަރެވެ.) ދެން އެދުވަހުން، ﷲ ތިޔަބައިމީހުންނަށް ދެއްވި ޞިއްޙަތާއި ތަނަވަސްކަމާއި އެހެން ކަންކަމާމެދު އެކަލާނގެ ތިޔަބައިމީހުންނާ ސުވާލުކުރައްވާނޭކަން ކަށަވަރެވެ.

ސ 6: އަލްޢަޞްރު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްޢަޞްރު ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿وَالْعَصْرِ.
(ޒަމާން ގަންދެއްވަމެވެ.) 🎧 إِنَّ الْإِنْسَانَ لَفِي خُسْرٍ.
(ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.) 🎧 إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ.﴾
(އީމާންވެ ޞާލިހު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ.) [އަލްޢަޞްރު: 1-3]
ތަފްސީރު:
1- ﴿وَالْعَصْرِ.
(ޒަމާން ގަންދެއްވަމެވެ.) ﷲ ސުބްޙާނަހޫ ޒަމާން ގަންދެއްވާ ހުވާކުރެއްވިއެވެ.
2- إِنَّ الْإِنْسَانَ لَفِي خُسْرٍ.
(ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ.) އެބަހީ: ކޮންމެ އިންސާނަކުވެސްވަނީ އުނިވުމާއި ހަލާކެއްގައިއެވެ.
3- إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ.﴾
(އީމާންވެ ޞާލިހު ޢަމަލުތައްކޮށް، އަދި އެކަކު އަނެކަކަށް ޙައްޤަށް ވަޞިއްޔަތްކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް ވަޞިއްޔަތްކޮށް އުޅުނު މީހުން މެނުވީއެވެ.) އީމާންވެ ޞާލިޙު ޢަމަލުކޮށް، އެއާއެކު ޙައްޤަށް ގޮވާލާ އެކަމުގެ މަތީގައި ކެތްތެރިވެއްޖެ ބަޔަކު މެނުވީއެވެ. ފަހެ ގެއްލުމާއި ހަލާކުން ނަޖާވެގެންވާ މީހުންނަކީ މި މީހުންނެވެ.

ސ 7: އަލްހުމަޒާ ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްހުމަޒާ ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ
(ޣީބަބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.) 🎧 الَّذِي جَمَعَ مَالًا وَعَدَّدَهُ
(އެއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.) 🎧 يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
( އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ.) 🎧 كَلَّا لَيُنْبَذَنَّ فِي الْحُطَمَةِ
(ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލެވޭނެކަން ކަށަވަރެވެ.) 🎧 وَمَا أَدْرَاكَ مَا الْحُطَمَةُ
(އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟) 🎧 نَارُ اللَّهِ الْمُوقَدَةُ
(ﷲ ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ.) 🎧 الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ
(އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.) 🎧 إِنَّهَا عَلَيْهِمْ مُؤْصَدَةٌ
(ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.) 🎧 فِي عَمَدٍ مُمَدَّدَةٍ ﴾
(ދިގުވެގެންވާ ތަނބުތަކެއްގައި ބަނދެވިގެންނެވެ.) [އަލްހުމަޒާ: 1-9]
ތަފްސީރު:
1- ﴿وَيْلٌ لِكُلِّ هُمَزَةٍ لُمَزَةٍ
(ޣީބަބުނެ، ފުރައްސާރަކޮށް، ވައްތަރުޖައްސާ ކޮންމެ މީހަކަށް، ގެއްލުމާއި ހަލާކުހުށްޓެވެ.) މީސްތަކުންގެ ވާހަކަދައްކާ ޣީބަބުނުމާއި، އެމީހުންނަށް ފާޑުކިޔާ އެއްޗެހިކިޔުން ގިނަ މީހާއަށް ހަލާކާއި ގަދަފަދަ ޢަޛާބު ހުއްޓެވެ.
2- الَّذِي جَمَعَ مَالًا وَعَدَّدَهُ
(އެއީ، މުދާ އެއްކޮށް، އެ ގުނައިލަ ގުނައިލައިހުރި މީހާއެވެ.) އޭނާގެ ހުރިހާވެސް ވިސްނުމަކީ މުދަލާއި ފައިސާ އެއްކޮށް، އެ ގުނުމެވެ. އެ ނޫން ވިސްނުމެއް އޭނާގެ ނުވެއެވެ.
3- يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
( އޭނާގެ މުދާ އޭނާ ދަމަހައްޓާނެކަމަށް އޭނާ ހީކުރެތެވެ.) އޭނާ ދެކޭގޮތުގައި އޭނާ ޖަމާކޮށްފައިވާ ފައިސާއިން އޭނާ މަރުން ސަލާމަތްވެ، ދެން އޭނާ މި ދުނިޔޭގެ ޙަޔާތުގައި ތާއަބަދަށް ހުންނާނެއެވެ.
4- كَلَّا لَيُنْبَذَنَّ فِي الْحُطَمَةِ
(ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ފުނޑުފުޑުކޮށްލަނިވި ނަރަކަޔަށް އޭނާ އެއްލައިލެވޭނެކަން ކަށަވަރެވެ.) ކަންތައްވަނީ މި ޖާހިލުމީހާ ތަޞައްވަރުކުރި ގޮތަކަށް ނޫނެވެ. ޔަޤީނުންވެސް އޭނާ ޖަހަންނަމައިގެ އަލިފާނަށް އެއްލާލެވޭނެއެވެ. އެ އަލިފާންގަނޑަކީ އޭގެ ވަރުގަދަކަމުން، އެއަށް އެއްލާލެވޭ ކޮންމެ އެއްޗެއް ފުނޑާލާ ސުންނާފަތި ކޮށްލާ އަލިފާނެކެވެ.
5- وَمَا أَدْرَاكَ مَا الْحُطَمَةُ
(އަދި، ފުނޑުފުނޑުކޮށްލަނިވި ނަރަކަޔަކީ، ކޮންއެއްޗެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟) އޭ ރަސޫލާއެވެ! އެއަށް އެއްލާލެވޭ ކޮންމެ އެއްޗެއް ފުނޑުފުނޑުކޮށްލާ މި ނަރަކައަކީ ކޮން އެއްޗެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮން އެއްޗެއްތޯއެވެ؟
6- نَارُ اللَّهِ الْمُوقَدَةُ
(ﷲ ގެ އަނދައަނދާ ހުންނަ ނަރަކަޔެވެ.) ހަމަކަށަވަރުން އެއީ ﷲ ތަޢާލާގެ، ރޯކޮށްލެވިގެންވާ އަލިފާންގަނޑެވެ.
7- الَّتِي تَطَّلِعُ عَلَى الْأَفْئِدَةِ
(އެއީ ހިތްތަކަށް އޭގެ ހޫނާއި، ވޭން ފޯރުވަނިވި ނަރަކަޔެވެ.) އެއީ މީސްތަކުންގެ ހަށިތަކަށް ވަދެގެން އެމީހުންގެ ހިތްތަކާ ހިސާބަށް ދާ އަލިފާނެވެ.
8- إِنَّهَا عَلَيْهِمْ مُؤْصَدَةٌ
(ހަމަކަށަވަރުން، އެ ނަރަކަވާނީ، އެއުރެންނާއެކު، ތަޅުލައްވާފައެވެ.) ހަމަކަށަވަރުން އެ ނަރަކަވަނީ، އޭގައި ޢަޛާބު ލިބެމުންދާ މީހުންގެ މައްޗަށް ބަންދުކުރެވި ތަޅުލެވިގެންނެވެ.
9- فِي عَمَدٍ مُمَدَّدَةٍ ﴾
(ދިގުވެގެންވާ ތަނބުތަކެއްގައި ބަނދެވިގެންނެވެ.) އެމީހުންނަށް ނުނިކުމެވޭނެހެން ދިގު ތަނބުތަކެއްގައި ބަނދެވިފައިއެވެ.

ސ 8: އަލްފީލު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: ސޫރަތުލް ފީލް އާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
(އެތުގެ އެކުވެރިންނާމެދު (އެބަހީ: ގެފުޅު ތަޅާލަން އެތަކާއެކު އައި މީހުންނާމެދު) ކަލޭގެފާނުގެ ވެރިރައްބު، ކަންތައް ކުރެއްވިިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟) 🎧 أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
(އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟) 🎧 وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
(އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ.) 🎧 تَرْمِيهِمْ بِحِجَارَةٍ مِنْ سِجِّيلٍ
(ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.) 🎧 فَجَعَلَهُمْ كَعَصْفٍ مَأْكُولٍ ﴾
(ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.) [އަލްފީލު: 1-5]
ތަފްސީރު:
1- ﴿أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِأَصْحَابِ الْفِيلِ
(އެތުގެ އެކުވެރިންނާމެދު (އެބަހީ: ގެފުޅު ތަޅާލަން އެތަކާއެކު އައި މީހުންނާމެދު) ކަލޭގެފާނުގެ ވެރިރައްބު، ކަންތައް ކުރެއްވިިގޮތް ކަލޭގެފާނަށް އެނގިވަޑައި ނުގަންނަވާތޯއެވެ؟) އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ވެރި ރައްބު، އެތުގެ އަޞްޙާބުންކަމުގައިވާ: އަބްރަހާ އާއި އޭނާގެ މީހުން ކަޢުބާ ތަޅާލަން އުޅުނުހިނދު ކަންތައްކުރެއްވި ގޮތް އެނގިވަޑައިނުގަންނަވާތޯއެވެ؟
2- أَلَمْ يَجْعَلْ كَيْدَهُمْ فِي تَضْلِيلٍ
(އެކަލާނގެ އެއުރެންގެ މަކަރާއި ޙީލަތް، ގެއްލުމެއްގެ ތެރޭގައި ނުލައްވާތޯއެވެ؟) ގެފުޅު ތަޅާލަން އެމީހުން ރޭވި ނުބައިވެގެންވާ ރޭވުން، ﷲ ގެއްލެނިވުމުގައި ލެއްވިއެވެ. ދެން އެމީހުން އެދި އުއްމީދުކުރި ކަންތައް ކަމުގައިވާ: މީސްތަކުން ކަޢުބާއިން މޫނު އަނބުރާލުވުމުގެ އެއްވެސް ކަމެއް ޙާޞިލެއް ނުވިއެވެ. އެއިން އެއްކަމެއްވެސް އެމީހުންނަށް ނުހޯދުނެވެ.
3- وَأَرْسَلَ عَلَيْهِمْ طَيْرًا أَبَابِيلَ
(އަދި އެކަލާނގެ އެއުރެންގެ މައްޗަށް ބައިބަޔަށް ދޫނިތަކެއް ފޮނުއްވިއެވެ.) އަދި އެކަލާނގެ އެމީހުންގެ މައްޗަށް ދޫނިތަކެއް ބައިބައިގަނޑަށް ޖަމާޢަތަކުން ޖަމާޢަތެއް ފޮނުއްވިއެވެ.
4- تَرْمِيهِمْ بِحِجَارَةٍ مِنْ سِجِّيلٍ
(ގާވެފައިވާ މަށީގެ ހިލަތަކެއް، އެ ދޫނިތައް އެއުރެންނާ ދިމާޔަށް އުކަތެވެ.) އެބަހީ: މަށިން ގަލަށްވެ ހަރުވެފައިވާ ހިލަތަކެއް އެމީހުން ގަޔަށް އެ ދޫނިތައް އުކަމުންދިޔައެވެ.
5- فَجَعَلَهُمْ كَعَصْفٍ مَأْكُولٍ ﴾
(ފަހެ، ޖަނަވާރު ކައިފައިހުރި ހުއިތަކެއް ފަދައިން އެކަލާނގެ އެއުރެން ލެއްވިއެވެ.) ދެން ޖަނަވާރުތަކެއް ކައި، އޭގެ މައްޗަށް އަރާ ޗިސްކޮށްފައި ހުރި ހުއި ފަތްތަކެއް ގޮތަށް ﷲ އެމީހުން ލެއްވިއެވެ.

ސ 9: ޤުރައިޝު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: ޤުރައިޝް ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿لِإِيلَافِ قُرَيْشٍ
(ޤުރައިޝު ވަންހައިގެ މީހުން ފަހިކޮށް ހޭނިގެންވާކަމަށްޓަކައި (ކަލޭގެފާނު ޢަޖައިބުވެވަޑައިގަންނަވާށެވެ.) ) 🎧 إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
(ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރަށް އެމީހުން ހޭނި ފަރިތަވެގެންވުމުންނެވެ.) 🎧 فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
(ފަހެ، މި ގެފުޅުގެ ވެރިރައްބަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ!) 🎧 الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ ﴾
(އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ.) [ޤުރައިޝު: 1-4]
ތަފްސީރު:
1- ﴿لِإِيلَافِ قُرَيْشٍ
(ޤުރައިޝު ވަންހައިގެ މީހުން ފަހިކޮށް ހޭނިގެންވާކަމަށްޓަކައި (ކަލޭގެފާނު ޢަޖައިބުވެވަޑައިގަންނަވާށެވެ.) ) އޭގެ މުރާދަކީ: ފިނިމޫސުމާއި ހޫނުމޫސުމުގައި އެމީހުން ޢާދަކޮށް، ފަރިތަކޮށްފައިވާ ދަތުރުކުރުމުގެ ވާހަކައެވެ.
2- إِيلَافِهِمْ رِحْلَةَ الشِّتَاءِ وَالصَّيْفِ
(ފިނި މޫސުމާއި ހޫނު މޫސުމުގެ ދަތުރަށް އެމީހުން ހޭނި ފަރިތަވެގެންވުމުންނެވެ.) ފިނިމޫސުމުގެ ދަތުރު ޔަމަނަށް، އަދި ހޫނު މޫސުމުގެ ދަތުރު ޝާމްކަރައަށް އަމާންކަމާއެކު ކުރާ ވާހަކައެވެ.
3- فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ
(ފަހެ، މި ގެފުޅުގެ ވެރިރައްބަށް އެއުރެން އަޅުކަން ކުރާހުށިކަމެވެ!) ފަހެ އެމީހުންނަށް މި ދަތުރު ފަސޭހަކޮށްދެއްވި، މި ޙުރުމަތްތެރިވެގެންވާ ގެފުޅުގެ ވެރި ރައްބު ﷲ އަށް އެކަނި އެމީހުން އަޅުކަންކުރާހުށިކަމެވެ. އަދި އެކަލާނގެއާ އެއްވެސް ފަރާތެއް ބައިވެރިނުކުރާހުށިކަމެވެ.
4- الَّذِي أَطْعَمَهُمْ مِنْ جُوعٍ وَآمَنَهُمْ مِنْ خَوْفٍ ﴾
(އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ.) އެކަލާނގެއީ، ބަނޑުހައިހޫނުކަމުގައި ވަނިކޮށް އެއުރެންނަށް ކާންދެއްވައި، އަދި ބިރުވެރިކަމުގައި ވަނިކޮށް އެއުރެންނަށް އަމާންކަންދެއްވި އިލާހެވެ. އެއީ ޢަރަބިންގެ ހިތްތަކުގައި އެކަލާނގެ ލެއްވި، ޙަރަމްފުޅަށް ޤަދަރުކޮށް މާތްކޮށްހިތުމާއި، އަދި އެޙަރަމްފުޅުގެ އަހުލުވެރިންނަށްވެސް ޤަދަރުކޮށް މާތްކޮށްހިތުން މެދުވެރިކުރައްވައެވެ.

ސ 10: އަލްމާޢޫން ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްމާޢޫން ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
(ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟) 🎧 فَذَلِكَ الَّذِي يَدُعُّ الْيَتِيمَ
(ފަހެ، އެއީ ޔަތީމު ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.) 🎧 وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
(އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.) 🎧 فَوَيْلٌ لِلْمُصَلِّينَ
(ފަހެ، ނަމާދުކުރާ މީހުންނަށް ހަލާކުހުއްޓެވެ.) 🎧 الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ
(އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.) 🎧 الَّذِينَ هُمْ يُرَاءُونَ
(އެއުރެންނީ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.) 🎧 وَيَمْنَعُونَ الْمَاعُونَ﴾
(އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށްނުދީ، މަނާކުރާ މީހުންނެވެ.) [އަލްމާޢޫން ސޫރަތް: 1-7]
ތަފްސީރު:
1- ﴿أَرَأَيْتَ الَّذِي يُكَذِّبُ بِالدِّينِ
(ޖަޒާދެއްވާނޭކަން ދޮގުކުރާމީހާ ކަލޭގެފާނު ދެނެވަޑައިގަންނަވަމުތޯއެވެ؟) ޤިޔާމަތް ދުވަހު، ޖަޒާދެއްވޭނެކަން ދޮގުކުރާ މީހުން ކަލޭގެފާނަށް އެނގިވަޑައިގެންފައިވޭހެއްޔެވެ؟
2- فَذَلِكَ الَّذِي يَدُعُّ الْيَتِيمَ
(ފަހެ، އެއީ ޔަތީމު ކުއްޖާ ކޮއްޕައި ދުރަށްލާ މީހާއެވެ.) ފަހެ އޭނާއީ، ޔަތީމު ކުއްޖާ ބޭނުން ފުއްދަން ފުރުސަތު ނުދީ، ހަރުކަށިކޮށް އެކަމުން ދުރުކުރާ މީހާއެވެ.
3- وَلَا يَحُضُّ عَلَى طَعَامِ الْمِسْكِينِ
(އަދި މިސްކީނުންނަށް ކާންދިނުމުގެ މައްޗަށް ބާރުނާޅާ މީހާއެވެ.) ފަޤީރުންނަށް ކާންދިނުމަށް އޭނާގެ އަމިއްލަ ނަފްސަށް، އަދި އެހެން މީހުންނަށްވެސް އޭނާ ބާރެއް ނާޅައެވެ.
4- فَوَيْلٌ لِلْمُصَلِّينَ
(ފަހެ، ނަމާދުކުރާ މީހުންނަށް ހަލާކުހުއްޓެވެ.) ފަހެ ނަމާދުކުރާ މީހުންނަށް ހަލާކާއި ޢަޛާބު ހުއްޓެވެ.
5- الَّذِينَ هُمْ عَنْ صَلَاتِهِمْ سَاهُونَ
(އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.) އެމީހުންނީ ނަމާދު ވަޤުތު ނިމިދަންދެން އެއްވެސް ސަމާލުކަމެއް ނުދީ އަޅާލުމެއް ނުބަހައްޓާ، އެމީހުންގެ ނަމާދުކުރުމުން ޣާފިލުވެގެން ތިބޭ މީހުންނެވެ.
6- الَّذِينَ هُمْ يُرَاءُونَ
(އެއުރެންނީ، ކަންދެއްކުމަށް ނަމާދުކުރާ މީހުންނެވެ.) އެމީހުންނީ އެމީހުންގެ ނަމާދާއި ޢަމަލުތަކުން ކަންދައްކާ ދެއްކުންތެރިވާ މީހުންނެވެ. އެމީހުން ޢަމަލުކުރުމުގައި ﷲ އަށް އިޚްލާޞްތެރި ނުވެއެވެ.
7- وَيَمْنَعُونَ الْمَاعُونَ﴾
(އަދި ހިފައިގެންގުޅޭ ތަކެތި މީހުންނަށް ނުދީ، މަނާކުރާ މީހުންނެވެ.) އެބަހީ: އެކަމެއް ކޮށްދިނުމުގައި އެއްވެސް ގެއްލުމެއް ނުލިބޭ ކަންތަކުގައިވެސް، އެހެން މީހުންނަށް އެހީއެއް ދިނުމުން އެމީހުން މަނާވެގަނެއެވެ.

ސ 11: އަލްކައުޘަރު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްކައުޘަރު ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ
(ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނަށް ކައުޘަރު ދެއްވީމެވެ.) 🎧 فَصَلِّ لِرَبِّكَ وَانْحَرْ
(ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!) 🎧 إِنَّ شَانِئَكَ هُوَ الْأَبْتَرُ.﴾
(ހަމަކަށަވަރުން، ކަލޭގެފާނުދެކެ ނަފުރަތުކޮށް ރުޅިއަންނަ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.) [އަލްކައުޘަރު: 1-3]
ތަފްސީރު:
1- ﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ
(ހަމަކަށަވަރުން، ތިމަންއިލާހު ކަލޭގެފާނަށް ކައުޘަރު ދެއްވީމެވެ.) އޭ ރަސޫލާއެވެ! ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް ގިނަވެގެންވާ ހެޔޮކަންތައް ދެއްވީމެވެ. އަދި އޭގެ ތެރޭގައި ސުވަރުގޭގައިވާ ކައުޘަރުއޭ ކިޔޭ ކޯރުވެސް ހިމެނެއެވެ.
2- فَصَلِّ لِرَبِّكَ وَانْحَرْ
(ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ކުރައްވާށެވެ! އަދި ޤުރުބާން ކުރައްވާށެވެ!) ފަހެ މި ނިޢުމަތުގެ މައްޗަށް ﷲ އަށް ޝުކުރު އަދާކުރައްވާށެވެ. އެއީ ހަމައެކަނި އެކަލާނގެއަށް ކަލޭގެފާނު ނަމާދުކުރައްވާ، އަދި ޤުރުބާން ކުރައްވައިގެންނެވެ. އެއީ ބުދުތަކަށް ޤުރުބާންކޮށްގެން ކުއްތަންވެގަންނަ މުޝްރިކުން ކަންތައްކުރަމުންދާ ގޮތާ ޚިލާފަށެވެ.
3- إِنَّ شَانِئَكَ هُوَ الْأَبْتَرُ.﴾
(ހަމަކަށަވަރުން، ކަލޭގެފާނުދެކެ ނަފުރަތުކޮށް ރުޅިއަންނަ މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ.) ހަމަކަށަވަރުން، ކަލޭގެފާނުދެކެ ރުޅިއައިސް ނަފުރަތުކުރާ މީހާއީ؛ ހުރިހާ ހެވަކުން ކެނޑިގެންވާ، ހަނދާނުން ފޮހެވިގެންވާ މީހާއެވެ. އަދި އޭނާގެ ވާހަކަދެއްކުނަސް ނުބައި ގޮތެއްގައި އޭނާގެ ވާހަކަ ނަންގަނެވޭ މީހާއެވެ.

ސ 9: އަލްކާފިރޫން ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: ސޫރަތުލް ކާފިރޫން އާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿قُلْ يَا أَيُّهَا الْكَافِرُونَ
(ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފަރުންނޭވެ!) 🎧 لَا أَعْبُدُ مَا تَعْبُدُونَ
(ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.) 🎧 وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ
(އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.) 🎧 وَلَا أَنَا عَابِدٌ مَا عَبَدْتُمْ
(އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.) 🎧 وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ
(އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.) 🎧 لَكُمْ دِينُكُمْ وَلِيَ دِينِ ﴾
(ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.) [އަލްކާފިރޫން: 1-6]
ތަފްސީރު:
1- ﴿قُلْ يَا أَيُّهَا الْكَافِرُونَ
(ކަލޭގެފާނު ވިދާޅުވާށެވެ! އޭ ކާފަރުންނޭވެ!) އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: އޭ ﷲ އަށް ކާފަރުވެގެން ތިބި މިތިބަ މީހުންނޭވެ!
2- لَا أَعْبُدُ مَا تَعْبُدُونَ
(ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ.) ތިޔަބައިމީހުން އަޅުކަންކުރާ ބުދުތަކަށް، މިހާރުވެސް އަދި މުސްތަޤުބަލުގައިވެސް ތިމަންކަލޭގެފާނު އަޅުކަން ނުކުރައްވާނަމެވެ.
2- وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ
(އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.) އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތް ކަމުގައިވާ- ހަމައެކަނި ﷲ އަށް- އަޅުކަންކުރާ ބައެއްކަމުގައި ތިޔަބައިމީހުން ނުވެއެވެ.
4- وَلَا أَنَا عَابِدٌ مَا عَبَدْتُمْ
(އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.) ތިޔަބައިމީހުން އަޅުކަންކުރި ބުދުތަކަށް އަޅުކަންކުރާ އަދި ކުރާނޭ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ.
5- وَلَا أَنْتُمْ عَابِدُونَ مَا أَعْبُدُ
(އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ.) އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ ފަރާތް ކަމުގައިވާ- ހަމައެކަނި ﷲ އަށް- އަޅުކަންކުރާ ބައެއްކަމުގައި ތިޔަބައިމީހުން ނުވެއެވެ.
6- لَكُمْ دِينُكُمْ وَلِيَ دِينِ ﴾
(ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ ދީނެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ދީނެވެ.) ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އުފައްދައިގެން ތިޔަ އުޅޭ ދީންވަނީ ތިޔަބައިމީހުންނަށެވެ. އަދި ތިމަންކަލޭގެފާނަށްވަނީ ﷲ ތިމަންކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ދީނެވެ.

ސ 13: އައްނަޞްރު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: ސޫރަތުއް ނަޞްރާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ
(ﷲ ގެ ނަޞްރާއި، ފަތަޙަ އަތުވެއްޖެ ހިނދެވެ.) 🎧 وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
( އަދި ﷲ ގެ ދީނަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.) 🎧 فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا ﴾
(ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ! ހަމަކަށަވަރުން ގިނަގިނައިން ތައުބާލައްވާ އިލާހެއްކަމުގައި އެކަލާނގެވެއެވެ.) [އައްނަޞްރު: 1-3]
ތަފްސީރު:
1- ﴿إِذَا جَاءَ نَصْرُ اللَّهِ وَالْفَتْحُ
(ﷲ ގެ ނަޞްރާއި، ފަތަޙަ އަތުވެއްޖެ ހިނދެވެ.) އޭ ރަސޫލާއެވެ! ކަލޭގެފާނުގެ ދީނަށް ﷲ ގެ ނަޞްރު އައިސް، އެކަލާނގެ އެ ދީން ޢިއްޒަތްތެރި ކުރައްވާ، މައްކާ ފަތަޙަކުރުން ހިނގައިފި ހިނދެވެ.
2- وَرَأَيْتَ النَّاسَ يَدْخُلُونَ فِي دِينِ اللَّهِ أَفْوَاجًا
( އަދި ﷲ ގެ ދީނަށް މީސްތަކުން ބައިބަޔަށް ވަންނާތީ، ކަލޭގެފާނު ދެކެވަޑައިގެންފި ހިނދެވެ.) އަދި ވަފްދަކަށް ފަހު ވަފްދެއް، މީސްތަކުން އިސްލާމްދީނަށް ވަންނަތަން ކަލޭގެފާނަށް ފެނިވަޑައިގެންފި ހިނދެއެވެ.
3- فَسَبِّحْ بِحَمْدِ رَبِّكَ وَاسْتَغْفِرْهُ إِنَّهُ كَانَ تَوَّابًا ﴾
(ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ! އަދި ފާފަފުއްސެވުން އެދިވަޑައިގެން އެކަލާނގެ ޙަޟްރަތަށް ދަންނަވާށެވެ! ހަމަކަށަވަރުން ގިނަގިނައިން ތައުބާލައްވާ އިލާހެއްކަމުގައި އެކަލާނގެވެއެވެ.) ފަހެ އެހިނދުން ކަލޭގެފާނު ދަންނާށެވެ! އެއީ ކަލޭގެފާނު އެކަމަކާގެން ފޮނުއްވުނު ކަންތައް ނިމުން ކައިރިވެއްޖެކަމަށް، އަދި ކަލޭގެފާނުގެ އަޖަލު ނިމި، ކަލޭގެފާނުގެ ވެރި ރައްބާ ބައްދަލުކުރެއްވުން ގާތްވެއްޖެކަމުގެ ޢަލާމާތެކެވެ. އެހެންކަމުން ކަލޭގެފާނުގެ ވެރި ރައްބަށް ޙަމްދުކުރަމުން ތަސްބީޙަ ކިޔުއްވާށެވެ. އެއީ (އެކަލާނގެ ދެއްވި) ނަޞްރާއި ފަތަޙައިގެ ނިޢުމަތަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ. އަދި އެކަލާނގެ ޙަޟްރަތުން ފާފަފުއްސެވުމަށް އެދި ދަންނަވާށެވެ. ހަމަކަށަވަރުން އެކަލާނގެއީ އެކަލާނގެ އަޅުތަކުންގެ ތައުބާ ޤަބޫލުކުރައްވާ، އަދި އެމީހުންނަށް ފާފަފުއްސަވާ، ގިނަގިނައިން ތައުބާލައްވާ ފަރާތެއްކަމުގައި ވޮޑިގެންވެއެވެ.

ސ 14: އަލްމަސަދު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: ސޫރަތުލް މަސަދާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
(އަބޫ ލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.) 🎧 مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
(އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.) 🎧 سَيَصْلَى نَارًا ذَاتَ لَهَبٍ
(ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.) 🎧 وَامْرَأَتُهُ حَمَّالَةَ الْحَطَبِ
(އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުން ހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ.) 🎧 فِي جِيدِهَا حَبْلٌ مِنْ مَسَدٍ ﴾
(ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.) [އަލްމަސަދު: 1-5]
ތަފްސީރު:
1- ﴿تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ
(އަބޫ ލަހަބުގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ.) ނަބިއްޔާ ﷺގެ ބޮޑުބޭބެ، އަބޫ ލަހަބު ބްނު ޢަބްދުލް މުއްޠަލިބުގެ ޢަމަލުތައް ގެއްލިގެން ދިޔުމުން، އޭނާގެ ދެއަތް ގެއްލި ހަލާކުވެގެންދިޔައީއެވެ. އެއީ އޭނާ ނަބިއްޔާ ﷺއަށް ޖެއްސުންކޮށް އުނދަގޫކުރަމުން ދިޔުމުންނެވެ. އަދި އޭނާ ކުރި ކަންތައް ގެއްލެނިވެ ބީވެގެން ގޮސްފިއެވެ.
2- مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ
(އޭނާގެ މުދަލާއި، އޭނާ ހޯދާފައިވާ ތަކެތި އޭނާޔަކަށް (އެއްވެސް ކަމެއް) ފުއްދައެއް ނުދިނެވެ.) އޭނާގެ މުދަލާއި ދަރިން އޭނާއަށް ފުއްދައިދިނީ ކޮންކަމެއްހެއްޔެވެ؟ އެ ތަކެތި އޭނާގެ ކިބައިން ޢަޛާބެއް ދުރުކޮށް ނުދެއެވެ. އަދި އޭނާއަށް ރަޙްމަތެއްވެސް ގެނެސް ނުދެއެވެ.
3- سَيَصْلَى نَارًا ذَاتَ لَهَبٍ
(ހުޅުގަނޑުގެ ވެރި ނަރަކަޔަށް، ނިކަންހުރެ އޭނާ ވަންނާނެތެވެ.) ޤިޔާމަތް ދުވަހު ހުޅުގަނޑުގެ ވެރި ނަރަކައަށް އޭނާ ވަދެ، އެތަނުގެ ހޫނުކަން އުފުލަންޖެހޭނެއެވެ.
4- وَامْرَأَتُهُ حَمَّالَةَ الْحَطَبِ
(އަދި ދަރު އުފުލަމުން ހިނގާ (އެބަހީ: ދެބައޮޑުވަމުން ހިނގާ) އޭނާގެ އަނބިކަނބުލޭގެވެސްމެއެވެ.) ނަބިއްޔާ ﷺ ހިންގަވާ މަގަށް ކަށިކުނބުރި އުކައިގެން ޖެއްސުންކުރަމުން ދިޔަ އޭނާގެ އަނބިކަނބުލޭގެ އުންމު ޖަމީލުވެސް އެތަނަށް ވަންނާނެއެވެ.
5- فِي جِيدِهَا حَبْلٌ مِنْ مَسَدٍ ﴾
(ކިފުޅިން އަޅާފައިވާ ވަލެއް، އެކަނބުލޭގެ ކަރުގައިވެއެވެ.) އެކަނބުލޭގެ ކަނދުރާގައި ވަރުގަދައަށް ވިޔެފައިވާ ވާގަނޑެއް ވެއެވެ. އެ ވާގަނޑުން އެކަނބުލޭގެ ދަމާފައި ނަރަކައަށް ގެންދެވޭނެއެވެ.

ސ 15: އަލްއިޚްލާޞް ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: ސޫރަތުލް އިޚްލާސް އާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿قُلْ هُوَ اللَّهُ أَحَدٌ
(ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެއްކައުވަންތަ އިލާހެވެ.) 🎧 اللَّهُ الصَّمَدُ
(ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.) 🎧 لَمْ يَلِدْ وَلَمْ يُولَدْ
(އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.) 🎧 وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ﴾
(އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.) [އަލްއިޚްލާޞް: 1-4].
ތަފްސީރު:

1- ﴿قُلْ هُوَ اللَّهُ أَحَدٌ
(ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެއްކައުވަންތަ އިލާހެވެ.) އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: އެއީ ﷲ އެވެ. އެކަލާނގެ ފިޔަވައި ޙައްޤު އިލާހެއް ނުވެއެވެ.
2- اللَّهُ الصَّمَدُ
(ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.) އެބަހީ: ޚަލްޤުތަކުންގެ ޙާޖަތްތައް އެކަލާނގެ ޙަޟްރަތަށް އުފުލިގެންދެއެވެ.
3- لَمْ يَلِدْ وَلَمْ يُولَدْ
(އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.) ފަހެ އެކަލާނގެ ސުބްޙާނަހޫއަށް ދަރިކަލަކު އަދި ބަފައިކަލަކުވެސް ނުވެތެވެ.
4- وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ﴾
(އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.) އެކަލާނގެ ޚަލްޤުތަކުގެ ތެރެއިން އެކަލާނގެއާ އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ.

ސ 16: އަލްފަލަޤު ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އަލްފަލަޤު ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ
(ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) 🎧 مِنْ شَرِّ مَا خَلَقَ
(އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.) 🎧 وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ
(އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.) 🎧 وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ
(އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.) 🎧 وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ﴾
(އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.) [އަލްފަލަޤު: 1- 5]
ތަފްސީރު:
1- ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ
(ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމާއި ޙިމާޔަތަށް އެދެމެވެ.
2- مِنْ شَرِّ مَا خَلَقَ
(އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.) މަޚްލޫޤުންގެ ތެރެއިން ދުއްތުރާ ދެނިވި ކޮންމެ އެއްޗެއްގެ ނުބައި ކަމުންނެވެ.
3- وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ
(އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.) އަދި ރޭގަނޑުގައި ފާޅުވާ ޖަނަވާރުތަކާއި، ވަގުންގެ ނުބައިކަމުންވެސް ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.
4- وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ
(އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.) އަދި ގޮށްގޮށަށް ފުމޭ ސިޙުރުވެރިންގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އެކަލާނގެ ޙަޟްރަތުން އެދެމެވެ.
5- وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ﴾
(އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.) އަދި މީސްތަކުންދެކެ ނަފުރަތުކޮށް ޙަސަދަވެރިވާ މީހާ؛ ﷲ މީސްތަކުންނަށް ދެއްވާފައިވާ ނިޢުމަތްތައް އެމީހުންގެ ކިބައިން ފިލައިދިޔުމަށް، އަދި އެމީހުންނަށް އުނދަގުލާއި ތުރާ ޖެއްސުމަށް އެދިގެން ޙަސަދަވެރިވާހިނދު އޭނާގެ ނުބައިކަމުންވެސް މެއެވެ.

ސ 17: އައްނާސް ސޫރަތް ކިޔަވާފައި ތަފްސީރުކުރާށެވެ.

ޖ: އައްނާސް ސޫރަތާއި އޭގެ ތަފްސީރު:
🎧 ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.
🎧 ﴿قُلْ أَعُوذُ بِرَبِّ النَّاسِ
(ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) 🎧 مَلِكِ النَّاسِ
(މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.) 🎧 إِلَهِ النَّاسِ
(މީސްތަކުންގެ އަޅުކަންކުރާ އިލާހެވެ.) 🎧 مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ
(ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.) 🎧 الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
(އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނެވެ.) مِنَ الْجِنَّةِ وَالنَّاسِ.﴾
( ޖިންނީންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ.) [އައްނާސް: 1- 6]
ތަފްސީރު:
1- ﴿قُلْ أَعُوذُ بِرَبِّ النَّاسِ
(ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) އޭ ރަސޫލާއެވެ! ވިދާޅުވާށެވެ: މީސްތަކުންގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަމާއި ޙިމާޔަތަށް އެދެމެވެ.
2- مَلِكِ النَّاسِ
(މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.) އެކަލާނގެ އެދިވޮޑިގަންނަވާ ގޮތަކަށް އެމީހުންނާމެދު ކަންތައް ކުރައްވައެވެ. އެކަލާނގެ ފިޔަވައި އެމީހުންގެ މިލްކުވެރިވަންތަ ފަރާތެއް ނުވެއެވެ.
3- إِلَهِ النَّاسِ
(މީސްތަކުންގެ އަޅުކަންކުރާ އިލާހެވެ.) އެކަލާނގެއީ ޙައްޤު ގޮތުގައި އެމީހުން އަޅުކަން ކުރާ ފަރާތެވެ. އަދި އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް އެމީހުންނަށް ނުވެއެވެ.
4- مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ
(ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.) ރައްކާތެރިކަމަށް އެދެނީ މީސްތަކުންނަށް ވަސްވާސްތައް ލައިދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.
5- الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
(އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނެވެ.) މީސްތަކުންގެ ހިތްތަކަށް އެކަލޭގެ ވަސްވާސްތައް ލައިދެއެވެ.
6- مِنَ الْجِنَّةِ وَالنَّاسِ.﴾
( ޖިންނީންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ.) އެބަހީ: އެގޮތަށް ވަސްވާސްދޭ ފަރާތަކީ އިންސާނުންގެ ތެރެއިންވާ މީހަކަށް ވެދާނެއެވެ. އަދި ޖިންނީންގެ ތެރެއިންވާ މީހަކަށްވެސް ވެދާނެއެވެ.
*******

ޙަދީޘުގެ ބައި14

ފުރަތަމަ ޙަދީޘް: ސ 1: «إنما الأعمال بالنيات ...»، މި ޙަދީޘް ފުރިހަމަކުރާށެވެ. އަދި އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އަމީރުލް މުއުމިނީން، އަބޫ ޙަފްޞު ޢުމަރު ބްނުލް ޚައްޠާބު رَضِيَ اللَّهُ تَعَالَى عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ صَلَّى اللهُ تَعَالَى عَلَيْهِ وعَلَى آَلِهِ وَسَلَّمَ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: «إنما الأعمال بالنيات، وإنما لكل امرئ ما نوى، فمن كانت هجرته إلى الله ورسوله؛ فهجرته إلى الله ورسوله، ومن كانت هجرته لدنيا يصيبها، أو امرأة ينكحها؛ فهجرته إلى ما هاجر إليه»
"ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތުގެ މައްޗަށެވެ. އަދި ކޮންމެ މީހަކަށްވެސް ވަނީ ހަމައެކަނި އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ އެމީހަކު ހިޖުރަކުރީ ﷲ އާއި އެކަލާނގެ ރަސޫލާއަށްޓަކައި ކަމަށްވާނަމަ؛ ފަހެ އޭނާގެ ހިޖުރަވަނީ ﷲ އާއި އެކަލާނގެ ރަސޫލާއަށެވެ. އަދި އެމީހަކުގެ ހިޖުރަވަނީ: ދުނިޔެ ހޯދުމަށްޓަކައި، ނުވަތަ އަންހެނަކާ ކައިވެނިކުރަންނަމަ؛ ފަހެ އޭނާގެ ހިޖުރަވަނީ އޭނާ ހިޖުރަކުރި ކަމަކަށެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. ނަމާދާއި، ރޯދައާއި، ޙައްޖާއި އެނޫންވެސް ޢަމަލުތަކުންވާ ކޮންމެ ޢަމަލަކަށްވެސް ނިޔަތް އޮންނަން ޖެހޭނެއެވެ.
2. ނިޔަތުގައި ﷲ ތަޢާލާއަށް ކޮންމެހެންވެސް އިޚްލާޞްތެރިވާން ޖެހޭނެއެވެ.

ދެވަނަ ޙަދީޘް: ސ 2: «من أحدث في أمرنا هذا ...» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «من أحدث في أمرنا هذا ما ليس منه، فهو ردٌّ»
"އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް އުފައްދައިފި މީހަކު، ފަހެ އެ ކަމެއް ވަނީ ރައްދުކުރެވިގެންނެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. ދީނުގައި އަލަށް ކަންކަން އުފެއްދުން ނަހީވެގެންވުން.
2. އަލަށް އުފެއްދޭ ކަންކަންވަނީ ޤަބޫލު ނުވެވި، ރައްދުކުރެވިގެންނެވެ.

ތިންވަނަ ޙަދީޘް: ސ 3: «بينما نحن جلوس عند رسول الله صلى الله عليه وسلم ...» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: ޢުމަރު ބްނުލް ޚައްޠާބު رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ: «بينما نحن جلوس عند رسول الله صلى الله عليه وسلم ذات يوم، إذ طلع علينا رجل شديد بياض الثياب، شديد سواد الشعر، لا يرى عليه أثر السفر، ولا يعرفه منا أحد، حتى جلس إلى النبي صلى الله عليه وسلم، فأسند ركبته إلى ركبتيه، ووضع كفيه على فخذيه، وقال: «يا محمد أخبرني عن الإسلام»، فقال له: «الإسلام: أن تشهد أن لا إله إلا الله، وأن محمدًا رسول الله، وتقيم الصلاة، وتؤتي الزكاة، وتصوم رمضان، وتحج البيت إن استطعت إليه سبيلًا»، قال: «صدقت»، فعجبنا له يسأله ويصدقه، قال: «أخبرني عن الإيمان» قال: «أن تؤمن بالله، وملائكته، وكتبه، ورسله، واليوم الآخر، وتؤمن بالقدر؛ خيره وشره»، قال: «صدقت»، قال: «فأخبرني عن الإحسان»، قال: «أن تعبد الله كأنك تراه، فإن لم تكن تراه، فإنه يراك»، قال: «فأخبرني عن الساعة»، قال: «ما المسؤول بأعلم من السائل»، قال: «فأخبرني عن أماراتها»، قال: «أن تلد الأمة ربتها، وأن ترى الحفاة العراة العالة رعاء الشاء، يتطاولون في البنيان» ثم انطلق فلبث مليًّا، ثم قال: «يا عمر! أتدري من السائل؟»، قلت: "الله ورسوله أعلم"، قال: «فإنه جبريل، أتاكم يعلمكم دينكم»
"އެއް ދުވަހަކު ތިމަންމެން ﷲ ގެ ރަސޫލާ ﷺ ގެ އަރިހުގައި އިށީންދެގެން ތިއްބާ، ހެދުމުގެ ހުދުކަން ގަދަ، ބޮލުގެ އިސްތަށިގަނޑުގެ ކަޅުކަން ގަދަ، މީހަކު އަހަރުމެންގެ ގާތަށް ފާޅުވިއެވެ. އޭނާގެ ކިބައިން ދަތުރުގެ އަސަރެއް ނުފެނެއެވެ. އަދި އަހަރުމެންގެ ތެރެއިން އެކަކުވެސް އޭނާ ނުދަނެއެވެ. އޭނާ އައިސް ނަބިއްޔާ ﷺގެ އަރިހުގައި އިށީންދެއްޖައުމަށް ދާންދެނެވެ. ދެން އޭނާގެ ކަކޫ އެކަލޭގެފާނުގެ ކަކޫފުޅުގައި ޖެއްސިއެވެ. އަދި އޭނާގެ ދެ އަތްތިލަ އެކަލޭގެފާނުގެ ފަލަމަސްގަނޑުފުޅުގައި ބޭއްވިއެވެ. ދެން ދެންނެވިއެވެ: "އޭ މުޙައްމަދެވެ! އިސްލާމްކަމާ ބެހޭގޮތުން އަހަރެންނަށް ޚަބަރުދީބަލާށެވެ!" ދެން އެކަލޭގެފާނު އޭނާއަށް ޙަދީޘްކުރެއްވިއެވެ: "އިސްލާމްކަމަކީ: ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި، މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ތިބާ ހެކިވެ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ރަމަޟާންމަހު ރޯދަ ހިފައި، ޙައްޖަށް ދިޔުމަށް ތިބާއަށް މަގެއް ފަހިވެ ކުޅަދާނަވެއްޖެނަމަ؛ ގެފުޅަށް ޙައްޖުވުމެވެ." އޭނާ ބުނެފިއެވެ: "ތިޔަ ބުނީ ތެދަށެވެ." ދެން އޭނާ ސުވާލުކޮށްފައި، އަދި ތެދުކުރާތީވެ އަހަރުމެން ޢަޖައިބުވިއެވެ. ދެން އޭނާ ބުނެފިއެވެ: "އީމާންކަމާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "ތިބާ ﷲ އަށާއި، އެކަލާނގެ މަލާއިކަތުންނާއި، އެކަލާނގެ ފޮތްތަކާއި، އެކަލާނގެ ރަސޫލުންނާއި، އާޚިރަތް ދުވަހަށް އީމާންވުމާއި، ޤަޟާޤަދަރަށް -އޭގެ ހެޔޮމިންވަރާއި ނުބައި މިންވަރަށްވެސް- އީމާންވުމެވެ." ދެން އޭނާ ބުނެފިއެވެ: "ތިޔައީ ތެދެކެވެ." އަދި ބުނެފިއެވެ: "ދެން އިޙްސާންތެރިކަމާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާ ފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ." އޭނާ ބުނެފިއެވެ: "ދެންފަހެ ޤިޔާމަތްދުވަހާ ބެހޭގޮތުން ޚަބަރުދީބަލާށެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އެކަމާމެދު ސުވާލުކުރެވުނު މީހާ، ވަކި ސުވާލުކުރި މީހާއަށްވުރެ ބޮޑަށް އެއްޗެއް ދަނެގެން ނުވެއެވެ." އޭނާ ދެންނެވިއެވެ: "އެހެންވިއްޔާ ޤިޔާމަތުގެ ޢަލާމާތްތަކުގެ ޚަބަރުދީބަލާށެވެ." ޙަދީޘްކުރެއްވިއެވެ: "އަޅުއަންހެނާ އޭނާގެ އަންހެން ސާހިބުމީހާ ވިހެއުމާއި، ހުސްފަޔާ އޮރިޔާން ނިވާނުވާ، ފަޤީރު ޙާލުގައި ބަކަރި ހުއިހެއްޕުމުގައި އުޅުނު މީހުން، އުސް ބިނާތައް އެޅުމުގައި ވާދަކުރާތަން ތިބާއަށް ފެނުމެވެ." ދެން އޭނާ ދިޔައެވެ. އަދި އަހަރެން އިރުގަނޑަކު މަޑުކުރީމެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "އޭ ޢުމަރެވެ! އެ ސުވާލުކުރި މީހަކީ ކާކުކަން ތިބާއަށް އެނގޭހެއްޔެވެ؟" އަހަރެން ދެންނެވީމެވެ: "މޮޅަށް ދެނެވަޑައިގެންވަނީ ﷲ އާއި އެކަލާނގެ ރަސޫލާއެވެ." ޙަދީޘްކުރެއްވިއެވެ: "ފަހެ ހަމަކަށަވަރުން އެއީ ޖިބްރީލެވެ. އެކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް އެ ވަޑައިގެންނެވީ، ތިޔަބައިމީހުންގެ ދީން ތިޔަބައިމީހުންނަށް އުނގަންނައިދެއްވުމަށެވެ." ރިވާކުރެއްވީ މުސްލިމެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. އިސްލާމްދީނުގެ ފަސް ރުކުން ބަޔާންކުރުން؛ އެއީ:
- ﷲ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށާއި މުޙައްމަދުގެފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމެވެ.
- ނަމާދު ޤާއިމުކުރުމެވެ.
- ޒަކާތް ދިނުމެވެ.
- ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.
- ﷲ ގެ ޙުރުމަތްތެރިވެގެންވާ ގެފުޅަށް ޙައްޖުވުމެވެ.
2- އީމާންކަމުގެ ރުކުންތައް ބަޔާންކުރުމެވެ. އެއީ ހައެކެވެ:
- ﷲ އަށް އީމާންވުން.
- އެކަލާނގެ މަލާއިކަތުންނަށް އީމާންވުން.
- އެކަލާނގެ ފޮތްތަކަށް އީމާންވުން.
- އެކަލާނގެ ރަސޫލުންނަށް އީމާންވުން.
- އާޚިރަތްދުވަހަށް އީމާންވުން.
- ޤަދަރަށް، އޭގެ ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާންވުން.
3- އިޙުސާންތެރިކަމުގެ ރުކުން ބަޔާންކުރުމެވެ. އެއީ އެންމެ ރުކުނެކެވެ: އެއީ ﷲ ދެކެދެކެހުރެގެން އަޅުކަންކުރާފަދައިން ތިބާ އެކަލާނގެއަށް އަޅުކަންކުރުމެވެ. އެހެނީ ތިބާއަށް އެކަލާނގެ ފެންނަކަމުގައި ނުވިޔަސް އެކަލާނގެ ތިބާ ދެކެވޮޑިގެންވެއެވެ.
4. ޤިޔާމަތް ޤާއިމުވުމުގެ ވަޤުތު، ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އެނގިގެން ނުވެއެވެ.

ހަތަރުވަނަ ޙަދީޘް: ސ 4: «أكمل المؤمنين إيمانًا ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކޮށްދޭށެވެ.

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «أكمل المؤمنين إيمانًا: أحسنهم خلقًا»
"މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ؛ އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." ރިވާކުރެއްވީ އައްތިރްމިޛީއެވެ. އަދި ވިދާޅުވިއެވެ: ޞައްޙަ ޙަސަނު ދަރަޖައިގެ ޙަދީޘެކެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

1. ރިވެތި އަޚްލާޤަށް ބާރުއަޅާ ހިތްވަރުދިނުން.
2. އަޚްލާޤުގެ ފުރިހަމަކަމަކީ އީމާންތެރިކަމުގެ ފުރިހަމަކަމުގެ ތެރޭގައިވާ ކަމެކެވެ.
3. އީމާންކަން އުނި އިތުރުވެއެވެ.

ފަސްވަނަ ޙަދީޘް: ސ 5: «من حلف بغير الله ...» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އިބްނު ޢުމަރު رضي الله عنهما ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «من حلف بغير الله؛ فقد كفر أو أشرك».
"الله ނޫން ފަރާތެއް ގަންދީ ހުވައިކޮށްފި މީހާ ފަހެ ހަމަކަށަވަރުން އޭނާ ކާފަރު ވެއްޖެއެވެ. ނުވަތަ ޝިރުކު ކޮށްފިއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
ޙަދީޘުން ލިބޭ ފައިދާތައް:

- ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތެއް ގަންދީ ހުވާކުރުން ހުއްދަވެގެން ނުވެއެވެ.
- ﷲ ތަޢާލާ ނޫން އެހެން ފަރާތެއް ގަންދީ ހުވާކުރުމަކީ ކުޑަ ޝިރުކުގެ ތެރެއިންވާ ކަމެކެވެ.

ހަވަނަ ޙަދީޘް: ސ 6: «لا يؤمن أحدكم حتى أكون أحب إليه ...»، މި ޙަދީޘް ފުރިހަމަކޮށް އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا يؤمن أحدكم حتى أكون أحب إليه من والده، وولده، والناس أجمعين»
"އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

- ހުރިހާ މީސްތަކުންނަށްވުރެ ބޮޑަށް ނަބިއްޔާ ﷺ ދެކެ ލޯބިވާންޖެހެއެވެ.
- އެއީ އީމާންކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.

ހަތްވަނަ ޙަދީޘް: ސ 7: «لا يؤمن أحدكم حتى يحب لأخيه ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا يؤمن أحدكم؛ حتى يحب لأخيه ما يحب لنفسه»
"ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ގޮތަށް އޭނާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން އީމާންވިކަމުގައި ނުވެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

- މުއުމިނަކު އޭނާގެ އަމިއްލަ ނަފްސަށް ލޯބިވާ ފަދައިން މުއުމިނުންނަށް ވެސް ހެޔޮކަމަށް ލޯބިވާން ޖެހެއެވެ.
- އަދި އެއީ އީމާންކަމުގެ ފުރިހަމަކަމުގެ ތެރެއިންވާ ކަމެކެވެ.

އަށްވަނަ ޙަދީޘް: ސ 8: «والذي نفسي بيده! ...» މި ޙަދީޘްކޮށް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އަބޫ ސަޢީދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «والذي نفسي بيده! إنها لتعدل تعدل ثلث القرآن»
"ތިމަންކަލޭގެފާނުގެ ނަފްސު އެއިލާހުގެ އަތްޕުޅުގައިވާ އިލާހު ގަންދީ ވިދާޅުވަމެވެ: ހަމަކަށަވަރުން އެ ސޫރަތް (އެބަހީ: އަލްއިޚްލާޞް) ޤުރްއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުވެގެންވެއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. ސޫރަތުލް އިޚްލާސްގެ މާތްކަން.
2- އެ ސޫރަތް ޤުރްއާނުގެ ތިންބައިކުޅަ އެއްބަޔާ އެއްވަރުކަން.

ނުވަވަނަ ޙަދީޘް: ސ 9: «لا حول ولا قوة إلا بالله ...» މި ޙަދީޘް ފުރިހަމަކޮށް އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އަބޫ މޫސާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «لا حول ولا قوة إلا بالله كنز من كنوز الجنة»
"«لا حول ولا قوة إلا بالله» އެއީ ސުވަރުގޭގެ ކަންޒުތަކުގެ ތެރެއިން ކަންޒެކެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

1. މި ލަފްޒުގެ ހެޔޮކަން، އަދި އެއީ ސުވަރުގޭގެ ޚަޒާނާއެއްކަން.
2. އަޅާ އޭނާގެ އަމިއްލަ އާރާއި ބާރުން އެއްކިބާވެ، ހަމައެކަނި ﷲ ތަޢާލާއަށް ބަރޯސާވުން.

ދިހަވަނަ ޙަދީޘް: ސ 10: «ألا إن في الجسد مضغة...» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އައްނުޢުމާނު ބްނު ބަޝީރު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ: «ألا وإن في الجسد مضغة إذا صلحت صلح الجسد كله، وإذا فسدت فسد الجسد كله، ألا وهي القلب»
"ހަމަކަށަވަރުން ހަށިގަނޑުގައި މަސްކޮޅެއްވެއެވެ. ​​އެ ރަނގަޅުވެއްޖެނަމަ މުޅި ހަށިގަނޑު ރަނގަޅުވީއެވެ. އަދި އެ ފާސިދުވެއްޖެ ނަމަ މުޅި ހަށިގަނޑު ފާސިދުވީއެވެ. ދަންނާށެވެ. އެއީ ހިތެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. ހިތް އިޞްލާޙުވުމުގައި ބޭރުފުށާއި އެތެރެފުށް އިޞްލާޙުވުން ވެއެވެ.
2. ހިތް ރަނގަޅުވެ އިޞްލާޙުވެގެންވުމަށް ސަމާލުކަންދިނުން. އެހެނީ އިންސާނާ ހެޔޮވެ އިޞްލާޙުވުންވަނީ އެކަމުގައިއެވެ.

އެގާރަވަނަ ޙަދީޘް: ސ 11: «من كان آخر كلامه -من الدنيا- لا إله إلا الله..» މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: މުޢާޛު ބްނު ޖަބަލު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «من كان آخر كلامه: لا إله إلا الله؛ دخل الجنة»
"އެމީހެއްގެ އެންމެ ފަހު ބަހަކީ لا إله إلا الله ކަމުގައި ވެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. لا إله إلا الله ގެ މާތްކަމާއި، އެ ކަލިމައިގެ ސަބަބުން އަޅާ ސުވަރުގެ ވަންނަކަން.
2. އަދި މިދުނިޔެއިން އެންމެ ފަހު ބަހަކީ لا إله إلا الله ކަމުގައި ވެއްޖެ މީހާގެ މާތްކަން.

ބާރަވަނަ ޙަދީޘް: ސ 12: «ليس المؤمن بالطعان، ولا اللعان ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «ليس المؤمن بالطعان، ولا اللعان، ولا الفاحش، ولا البذيء»
“މުއުމިނަކީ ފާޑުކިޔާ އެއްޗެހިކިޔުން ގިނަ މީހެއް ނޫނެވެ. އަދި ލަޢުނަތްދިނުން ބޮޑު މީހެއްވެސް ނޫނެވެ. އަދި ފާޙިޝް ބަސްބުނާ މީހެއްވެސް ނޫނެވެ. އަދި ހަޑިހުތުރު ބަސް ބުނާ މީހެއްވެސް ނޫނެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

- ކޮންމެ ބާޠިލު އަދި ހުތުރު ވާހަކައެއް ދެއްކުން ނަހީވެގެންވުން.
- އެއީ މުއުމިނާގެ ދުލުގައިވާ ޞިފައެއްކަން.

ތޭރަވަނަ ޙަދީޘް: ސ 13: «من حسن إسلام المرء ...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: «من حسن إسلام المرء: تركُه ما لا يعنيه»
“މީހާގެ އިސްލާމްކަމުގެ ރިވެތިކަމުގެ ތެރޭގައި އޭނާއާ ނުބެހޭ، މުހިއްމުކަމެއް ނެތް ކަންކަން ދޫކޮށްލުންވެއެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.
މި ޙަދީޘުން ލިބޭ ފައިދާތަކުގެ ތެރޭގައި:

1. އެހެން މީހުންގެ ދީނާއި ދުނިޔަވީ ކަންކަމުން ތިމާއާ ނުބެހޭ، މުހިއްމުކަމެއް ނެތްކަންކަން ދޫކޮށްލުން.
2- އެ މީހަކާ ނުބެހޭ ކަންތައް ދޫކޮށްލުމަކީ އޭނާގެ އިސްލާމްކަމުގެ ފުރިހަމަކަމުގެ ތެރޭގައިވާ ކަމެއްކަން.

ސާދަވަނަ ޙަދީޘް: ސ 14:«من قرأ حرفًا من كتاب الله...»، މި ޙަދީޘް ފުރިހަމަކޮށް، އޭގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: ޢަބްދު ﷲ ބްނު މަސްޢޫދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: «مَن قرأ حرفًا من كتاب الله فله به حسنة، والحسنة بعشر أمثالها، لا أقول: ألف لام ميم حرف، وَلَكِنْ ألفٌ حرفٌ، ولامٌ حرفٌ، وميمٌ حرفٌ»
"ﷲ ގެ ފޮތުން އެންމެ އަކުރެއް ކިޔާ މީހަކަށް އެއަށް ހެޔޮ ޢަމަލެއް ވެއެވެ. އަދި ކޮންމެ ހެޔޮ ޢަމަލެއް އޭގެ ދަރުމަ ދިހަ ގުނައަށް އިތުރުވެގެންދެއެވެ. ތިމަންކަލޭގެފާނު ﴿ الم﴾ އަކީ އަކުރެއްކަމުގައި ނުބުނަމެވެ. އެކަމަކު އަލިފަކީ އަކުރެކެވެ. ލާމަކީ އަކުރެކެވެ. އަދި މީމަކީ އަކުރެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
ޙަދީޘުން ލިބޭ ބައެއް ފައިދާތައް:

1. ޤުރްއާން ކިޔެވުމުގެ މާތްކަން.
2. އަދި ތިބާ ކިޔަވާ ކޮންމެ އަކުރަކަށް އޭގެ ސަބަބުން އެތައް ހެޔޮކަމެއް ތިބާއަށްވެއެވެ.
*******

އިސްލާމީ އަދަބުތަކުގެ ބައި27

ﷲ ތަޢާލާއާމެދު ބަހައްޓަންޖެހޭ އަދަބު: ސ1: ﷲ ތަޢާލާއެކު އަދަބުވެރިކަން ބަހައްޓާނީ ކިހިނެއްހެއްޔެވެ؟

ޖ: 1. އެކަލާނގެ ސުބްޙާނަހޫއަށް މާތްކޮށް ހިތާ މަތިކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ﷲ އަށް ޤަދަރުކުރުން ޙައްޤު ވެގެންވާ ގޮތުގައި، އެ މީހުން އެ އިލާހަށް ޤަދަރެއް ނުކުރެއެވެ. އަދި ޤިޔާމަތް ދުވަހު މުޅި ބިން ވާނީ އެ އިލާހު މުށްޕުޅުގައެވެ. އަދި އުޑުތައް ފަތްޖަހައިލެވި އޮޅާލެވިގެން ވާނީ އެ އިލާހުގެ ކަނާތްޕުޅުގައެވެ. އެ މީހުން ޝަރީކުކުރާ ތަކެތިން އެ އިލާހު ހުސްޠާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ.) [އައްޒުމަރު: 67]
2. އެއްވެސް ބައިވެރިޔަކު ނެތި، ހަމައެކަނި އެކަލާނގެއަށް އަޅުކަންކުރުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި ބާޠިލު މަގުން އެއްކިބާވެ ތިބެ، اللَّه އަށް އަޅުކަން ޚާލިޞްކުރާ ޙާލު އެކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ އެއުރެންނަށް އަމުރުކުރެވިގެން ނުވެތެވެ...) [އަލްބައްޔިނާ: 5]
3. އެކަލާނގެއަށް ކިޔަމަންތެރިވުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللَّه އަށް ކިޔަމަންވާށެވެ!) [މުޙައްމަދު: 33]
4. އެކަލާނގެއަށް އުރެދުން ދޫކޮށްލުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި، اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާ މީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި ޢަޛާބުހުށްޓެވެ.) [އައްނިސާއު: 14]
5. އެކަލާނގެ -ޖައްލަ ވަޢަލާ- ގެ ގުނާ ޢަދަދުނުކުރެވޭ ނިޢުމަތްތަކާއި ފަޟްލަވަންތަކަމަށް އެކަލާނގެއަށް ޝުކުރުވެރިވެ ޙަމްދުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ (އެއިލާހު ދެއްވި ނިޢުމަތްތަކަށްޓަކައި) އެއިލާހަށް ޝުކުރުވެރިވާށެވެ.) [އައްނަޙްލު: 114]
6. އަދި އެކަލާނގެ މިންވަރުކުރައްވާ ކަންކަމަށް ކެތްތެރިވުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އަދި ތިޔަބައި މީހުން ކެތްތެރިވާށެވެ. ހަމަކަށަވަރުން ﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.) [އަލްއަންފާލު: 46]

ރަސޫލާ ﷺ އާމެދު ބަހައްޓަންޖެހޭ އަދަބު: ސ 2: ރަސޫލާ ﷺ އާ މެދު އަދަބުވެރިވާނީ ކިހިނެއް ހެއްޔެވެ؟

ޖ: 1. އެކަލޭގެފާނަށް ތަބަޢަވެ އިޤުތިދާވުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ﷲ ގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ. (އެއީ) ﷲ އާއި އާޚިރަތަށް އެދޭ، ގިނަގިނައިން ﷲ ހަނދުމަކުރާ މީހަކަށެވެ.) [އަލްއަޙްޒާބު: 21].
2. އެކަލޭގެފާނަށް ކިޔަމަންތެރިވުން.
3. އެކަލޭގެފާނަށް އުރެދުން ދޫކޮށްލުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ރަސޫލާއަށް ކިޔަމަންވާ މީހާ، ފަހެ، ހަމަކަށަވަރުން اللَّه އަށް ކިޔަމަންވެއްޖެއެެވެ. އަދި، ފުރަގަސް ދީފި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންގެ ކަންތައްތައް ބަލަހައްޓަވަން ހުންނެވި ބޭކަލަކު ކަމުގައި ތިމަންއިލާހު ކަލޭގެފާނު ނުފޮނުއްވަމެވެ.) [އައްނިސާއު: 80]
4. އެކަލޭގެފާނު ދެއްވާ ޚަބަރުތައް ތެދުކުރުން. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އެކަލޭގެފާނު އަމިއްލަ އެދުމަށް ފެންނަ ގޮތަށް ވާހަކަ ނުދައްކަވައެވެ. އެއީ އެކަލޭގެފާނަށް އިއްވެވޭ ވަޙީކަމުގައިމެނުވީ ނުވެއެވެ.) [އައްނަޖްމު: 3 - 4].
5. އެކަލޭގެފާނުގެ ސުންނަތުގެ މައްޗަށް ކަންކަން އުފައްދައިގެން އިތުރު ނުކުރުން. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "އަހަރުމެންގެ މި ދީނުގެ ތެރެއަށް އޭގައި ނެތް އެއްޗެއް ތަޢާރަފްކޮށްފި މީހަކު، ފަހެ އެ ކުރިކަމެއް ވަނީ އެމީހެއްގެ މައްޗަށް ރައްދުކުރެވިގެންނެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
6. އަމިއްލަ ނަފްސަށްވުރެ މާ ބޮޑަށް އަދި ހުރިހާ މީސްތަކުންނަށްވުރެ މާ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުން. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. އެކަލޭގެފާނަށް ޤަދަރުކޮށް މަތިކޮށް، އެކަލޭގެފާނަށް ނަޞްރުދީ، އަދި އެކަލޭގެފާނުގެ ސުންނަތަށްވެސް ނަޞްރުދިނުން. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (އެއީ ތިޔަބައިމީހުން ﷲ އަށާއި، އެ އިލާހުގެ ރަސޫލާއަށް އީމާންވުމަށް ޓަކައެވެ. އަދި އެކަލޭގެފާނަށް ނަސްރުވެރިވުމަށާއި، އެކަލޭގެފާނަށް މާތްކޮށްހިތުމަށް ޓަކައެވެ..) [އަލްފަތުޙު: 9]

މައިންބަފައިންނަށް އަދަބުވެރިވުން: ސ 3: މައިންބަފައިންނާ މެދު އަދަބުވެރިވާނީ ކިހިނެއް ހެއްޔެވެ؟

ޖ: 1. ފާފައެއްކަމުގައި ނުވާ ކަންކަމުގައި މައިންބަފައިންނަށް ކިޔަމަންވުން.
2. މައިންބަފައިންނަށް ޚިދުމަތްކުރުން.
3. މައިންބަފައިންނަށް އެހީތެރިވުން.
4. މައިންބަފައިންގެ ބޭނުންތައް ފުއްދައިދިނުން.
5. މައިންބަފައިންނަށްޓަކައި ދުޢާކޮށްދިނުން.
6. ބަސް ބުނުމުގައި އެމީހުންނާ މެދު އަދަބުވެރިވުމެވެ. އެގޮތުން އެމީހުންނާ ދިމާލަށް “އުއްފު” ބުނުން ވެސް ހުއްދައެއް ނޫނެވެ. އެއީ ބުނެވޭނެ އެންމެ ކުޑަ ބަހެވެ.
7. މައިންބަފައިންގެ މޫނުމަތީ ހިނިތުންވެ، އަދި މޫނު ކުނިނުކުރުން.
8. އަހަރެންގެ އަޑު މައިންބަފައިންގެ އަޑަށްވުރެ މައްޗަށް ނުއުފުލާނަމެވެ. އެމީހުންގެ ވާހަކަ ކަނުލާ އަޑުއަހަމެވެ. އަދި އެމީހުންގެ ވާހަކަ މެދުކަނޑާނުލަމެވެ. އަދި އެމީހުންގެ ނަމުން ނުގޮވަމެވެ.
އޭގެ ބަދަލުގައި އަހަރެން ބުނަނީ:
“އަހަރެންގެ ބައްޕައޭ”
، “އަހަރެންގެ މަންމައޭ” އެވެ.
9. ބައްޕައާއި މަންމަ ކޮޓަރީގައި ތިއްބާ ވަނުމުގެ ކުރިން އަހަރެން ހުއްދަ ހޯދަމެވެ.
10. މައިންބަފައިންގެ އަތާއި ބޮލުގައި ބޮސްދިނުން.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(ﷲ އަށް މެނުވީ، ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި، މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް، ކަލޭގެފާނުގެ ވެރިރައްބު ކަނޑައަޅުއްވައި އެންގެވިއެވެ. އެ ދެ މީހުންކުރެ އެކަކު، ނުވަތަ އެ ދެމީހުން ތިބާގެ ގާތުގައި ތިބެ، މުސްކުޅިކަމާ ހަމަޔަށް ފޯރައްޖެނަމަ، އެދެމީހުންނަށް އުއްފުވެސް ނުބުނާށެވެ! (އެބަހީ: ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ!) އަދި އެ ދެމީހުންނަށް، އަޑުލައި ނުހަދާށެވެ! އަދި މާތް ބަހަކުން އެ ދެމީހުންނަށް ބަސްބުނާށެވެ!) (އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެ މީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރައްބެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީ ދުވަހު، އެ ދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް ރަޙްމަތް ލައްވައިފާނދޭވެ!) [އަލްއިސްރާއު: 23-24]
- އަދި ޙަދީޘްގައިވެއެވެ: ނަބިއްޔާ ﷺ އަރިހަށް މީހަކު އައިސް، ޖިހާދު ކުރުމުގެ ހުއްދައަށް އެދިދެންނެވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ތިބާގެ މައިންބަފައިން އެބަ ތިބިހެއްޔެވެ؟” އޭނާ އާނއެކޭ ދެންނެވިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ފަހެ އެ ދެ މީހުންގެ ޙައްޤުގައި ތިބާ ޖިހާދުކުރާށެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ރަޙިމުގެ ގުޅުން ބަދަހިކުރުމުގެ އަދަބުތައް: ސ 4: އަހަރެން ރަޙިމުގެ ގުޅުން ބަދަހި ކުރާނީ ކިހިނެއް ހެއްޔެވެ؟

ޖ: 1. ގާތްތިމާގެ މީހުންނަށް ޒިޔާރަތްކުރުން. އޭގެ ތެރޭގައި އަޚާއާއި އުޚްތާއާއި، ދެފުށުގެ ބޮޑުބޭބެއިންނާއި ބޮޑު ދައިތައިންނާއި އަދި އެހެނިހެން ގާތްތިމާގެ މީހުން ހިމެނެއެވެ.
2. ބަހާއި އަމަލުން އެމީހުންނަށް ހެޔޮކޮށް ހިތުމާއި އެހީތެރިވެދިނުން.
3. އެމީހުންނާ ގުޅައިގެން އެމީހުންގެ ޙާލަތާ ބެހޭގޮތުން ސުވާލުކުރުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ފަހެ، ތިޔަބައިމީހުން ފުރަގަސްދީ، އެނބުރި ހިނގައްޖެނަމަ (ކުރިޔެކޭ އެއްފަދައިން) ތިޔަބައިމީހުން ބިމުގައި ފަސާދަކޮށް، އަދި ތިޔަބައިމީހުންގެ ގާތްތިމާގެކަމުގެ ގުޅުންތައް ކަނޑައިފުމަށް ތިޔަބައިމީހުން ގާތްވެގެންވޭ ނޫންހެއްޔެވެ؟) [މުޙައްމަދު: 22]
އަދި ޙަދީޘްގައި ވެއެވެ: "ރަޙިމުގެ ގުޅުން ކަނޑާ މީހާ ސުވަރުގެއަށް ނުވަންނާނެއެވެ.” ރިވާކުރެއްވީ މުސްލިމެވެ.

ﷲ ތަޢާލާއަށްޓަކައި އަޚުވަންތަކަން ބެހެއްޓުމުގެ އަދަބުތައް: ސ 5: އަހަރެންގެ އަޚުންނާއި ރައްޓެހިންނާއެކު އަހަރެން އުޅެންވީ ކިހިނެއް ހެއްޔެވެ؟

ޖ: 1. އަހަރެން ރަނގަޅު މީހުންދެކެ ލޯބިވެ ރައްޓެހިވެގެން އުޅެމެވެ.
2. ނުބައި މީހުންނާއި ގުޅި އެކުވެރިވެގެން އުޅުމުން އަހަރެން އެއްކިބާވެ، އެކަން ދޫކޮށްލަމެވެ. ޙަދީޘްގައިވެއެވެ: "ތިބާ މުއުމިނަކާ އެކުގައި ނޫނީ ނޫޅޭށެވެ. އަދި ތަޤުވާވެރިޔަކު މެނުވީ ތިބާގެ ކާތަކެތި ކެޔަ ނުދޭށެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
3. އަހަރެންގެ އަޚުންނަށް ސަލާމްކޮށް އެމީހުންނާ އަތާ އަތް ޖޯޑުކުރަމެވެ. ޙަދީޘްގައިވެއެވެ: “އެއްވެސް ދެ މުސްލިމަކު ބައްދަލުވެ އަތާ އަތްޖޯޑުކޮށް ސަލާންކޮށްފިނަމަ؛ އެ ދެމީހުން ވަކިވުމުގެ ކުރިން އެކަލާނގެ އެ ދެމީހުންގެ ފާފަފުއްސަވައިގެން މެނުވީ ނުވެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.
4. އެމީހުން ބަލިވެއްޖެނަމަ އެމީހުންގެ ގާތަށް ޒިޔާރަތްކޮށް އަދި ޝިފާދެއްވުމަށް އެދި ދުޢާކުރަމެވެ.
5- ކިނބިހި އަޅައި ޙަމްދުކުރި މީހާއަށް ޖަވާބުދެމެވެ.
6. އޭނާއަށް ޒިޔާރަތް ކުރުމަށް ދަޢުވަތު ދީފިނަމަ އެ ދަޢުވަތެއް ޤަބޫލުކުރަމެވެ. ޙަދީޘްގައިވެއެވެ: "އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމަށް ޖަވާބު ދިނުމާއި، ބަލިމީހާއަށް ގޮވާލަންދިއުމާއި، ޖަނާޒާގެ ފަހަތުން ދިޔުމާއި، ދަޢުވަތަށް އިޖާބަ ދިނުމާއި، ކިނބިހި އަޅައި (ޙަމްދުކޮށްފިނަމަ يرحمك الله) ކިޔުމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. އަހަރެން އޭނާއަށް ނަޞޭޙަތް ދެމެވެ. ޙަދީޘްގައިވެއެވެ: “އަދި އޭނާގެ އަޚާއަށް، ރަނގަޅީ އެހެން ގޮތެއްގައިކަން އެނގޭ ކަމެއްގައި އެއާ ޚިިލާފަށް މަޝްވަރާދީފި މީހާ، ފަހެ އޭނާ ވަނީ އެ އަޚާއަށް ޚިޔާނާތްތެރިވެފައެވެ.”
ރިވާކުރެއްވީ އަބޫ ދާވޫދެވެ.
8. އަނިޔާއެއް ލިބޭ ހިނދު އަހަރެން އޭނާއަށް ނަޞްރުދެމެވެ. އަދި އޭނާ އަނިޔާދިނުމުން އަހަރެން މަނާކުރަމެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިބާގެ އަޚާ އަނިޔާވެރިޔަކަށްވާ ހާލުގައްޔާއި އަދި އަނިޔާ ލިބިގެންވާ ޙާލުގައިވެސް އޭނާއަށް ނަޞްރުވެރިވާށެވެ." ދެން މީހަކު ދެންނެވިއެވެ: "އޭ اللهގެ ރަސޫލާއެވެ. އޭނާއަށް އަނިޔާ ލިބިގެންވާނަމަ އަހަރެން އޭނާއަށް ނަޞްރުދެމެވެ. ދެންފަހެ އޭނާ އަނިޔާވެރިޔައަކަށް ވާއިރު އޭނާއަށް އަހަރެން ނަޞްރުދޭނީ ކިހިނެއްހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "އޭނާއަށް އަނިޔާވެރިކަމަށް ހުރަސްއަޅާ މަނާކުރާނީއެވެ. ފަހެ އެއީ އޭނާއަށް ނަޞްރުވެރިވުމެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
9. އަހަރެންގެ އަމިއްލަ ނަފްސަށް ލޯބިވާ ކަމަކަށް އަހަރެންގެ މުސްލިމް އަޚާއަށްވެސް އަހަރެން ލޯބިކުރަމެވެ. ޙަދީޘްގައި އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ގޮތަށް އޭނާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން އީމާންވިކަމުގައި ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
10. އަހަރެންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ އަހަރެން އޭނާއަށް އެހީތެރިވެދެމެވެ. ޙަދީޘްގައިވެއެވެ: "އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހާހިނދެއްގައި ﷲ އެމީހަކަށް އެހީތެރިވެވޮޑިގެންވުމުގައި ދެމިވޮޑިގަންނަވައެވެ." ރިވާކުރެއްވީ މުސްލިމެވެ.
11. ބަހަކުން ނުވަތަ ޢަމަލަކުން އަހަރެން އޭނާއަށް ގެއްލުމެއް ނުދެމެވެ. ޙަދީޘްގައިވެއެވެ: “މުސްލިމަކީ އޭނާގެ ދުލާއި އަތުން އެހެން މުސްލިމުންނަށް ސަލާމަތްކަން ލިބިގެންވާ މީހެކެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
12. އަހަރެން އޭނާގެ ސިއްރު ފޮރުވައިދެމެވެ. ޙަދީޘްގައިވެއެވެ: “މީހަކު ވާހަކައެއް ދައްކާފައި ދެން ފަސް އެނބުރޭ ހިސާބުން ފަހެ އެއީ އަމާނާތެކެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
13. އަހަރެން އޭނާއަށް ބަދުބަސްބުނެ އެއްޗެހި ނުގޮވަމެވެ. އަދި އަހަރެން އޭނާއަށް ޣީބަ ނުބުނަމެވެ. އަދި އަހަރެން އޭނާ ނިކަމެތި ނުކުރަމެވެ. އަދި އަހަރެން އޭނާއަށް ހަސަދަވެރިއެއް ނުވަމެވެ. އަދި އަހަރެން އޭނާއަށް ޖާސޫސެއް ނުކުރަމެވެ. އަދި އޭނާއަށް އޮޅުވާވެސް ނުލަމެވެ.
ޙަދީޘްގައިވެއެވެ:
"އެއް މުސްލިމަކީ އަނެއް މުސްލިމާގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި ޢަދާވާތްތެރިންގެ އަތްމައްޗަށް އޭނާ ދޫކޮށްނުލާނެއެވެ. އަދި އޭނާ ނިކަމެތިކޮށް ނުލާނެއެވެ. ތިމާގެ އަނެއް މުސްލިމް އަޚާ ނިކަމެތިކޮށްލުން، އޭނާއަށް ނުބައިކަމަކަށް ފުދެއެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

އަވަށްޓެރިކަމުގެ އަދަބުތައް: ސ 6: އަވަށްޓެރިޔާއާ މެދު ބަހައްޓަންޖެހޭ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަވަށްޓެރިޔާއަށް ބަހާއި ޢަމަލުން އަހަރެން ހެޔޮކޮށް ހިތަމެވެ. އަދި އޭނާ އަހަރެންގެ އެހީތެރިކަމަށް ބޭނުންވެއްޖެނަމަ އަހަރެން އޭނާއަށް އެހީވަމެވެ.
2. ޢީދު، ނުވަތަ ކައިވެނި ނުވަތަ އެނޫންވެސް އުފާެވެރިކަމެއް އޭނާއަށް ވެއްޖެނަމަ އަހަރެން ތަހުނިޔާ ކިޔަމެވެ.
3. އޭނާ ބަލިވެއްޖެނަމަ އަހަރެން އޭނާއަށް ޒިޔާރަތްކުރަމެވެ. އަދި އޭނާއަށް މުޞީބާތެއް ޖެހިއްޖެނަމަ އަހަރެން ތަޢުޒިޔާ ކިޔަމެވެ.
4. އަހަރެން ތައްޔާރުކުރާ ކާބޯތަކެތި ވީވަރަކުން އޭނާއަށް ދެމެވެ.
5. ބަހަކުން ނުވަތަ ޢަމަލަކުން އަހަރެން އޭނާއަށް ގެއްލުމެއް ނުދެމެވެ.
6- އަޑުގަދަކޮށްގެން އަހަރެން އޭނާއަށް އުނދަގޫ ނުކުރަމެވެ. ނުވަތަ ޖާސޫސްކޮށްވެސް ނަހަދަމެވެ. އަދި އަހަރެން (އޭނާގެ ފުށުން އަންނަ އުނދަގޫތަކަށް) ކެތްތެރިވަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ތިޔަބައިމީހުން، اللَّه އަށް އަޅުކަންކުރާށެވެ! އަދި، އެކަލާނގެއަށް އެއްވެސް އެއްޗެއް ޝަރީކު ނުކުރާހުށިކަމެވެ! އަދި، މައިންބަފައިންނަށާއި، ގާތްތިމާގެ މީހުންނަށާއި، ޔަތީމުންނަށާއި، މިސްކީނުންނަށާއި، ގާތް އަވަށްޓެރިޔާއަށާއި، ދުރު އަވަށްޓެރިޔާއަށާއި، ކައިރި އެކުވެރިޔާއަށާއި، ދަތުރުވެރިޔާއަށާއި، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނަށް ހެޔޮކޮށް ހިތާށެވެ! ހަމަކަށަވަރުން، ތިމާގެ މޮޅުކަން ތިމާޔަށްފެނި، ބޮޑާވެގެން އުޅޭ މީހަކުކަމުގައި ވެއްޖެ މީހަކުދެކެ، اللَّه ލޯބިވެވޮޑިގެނެއް ނުވެތެވެ.) [އައްނިސާއު: 36]
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “އޭ އަބޫ ޛައްރެވެ! ރިހަ ކައްކާއިރު، އޭގެ ފެން ގިނަކޮށް، ތިބާގެ އަވަށްޓެރިންނަށް ފޯރުކޮށް ދޭށެވެ.” ރިވާކުރެއްވީ މުސްލިމެވެ.
އަދި ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ:
"ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ؛ ފަހެ އޭނާގެ އަވަށްޓެރިޔާ އުނދަގޫ ނުކުރާހުށިކަމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

މެހެމާންދާރީގެ އަދަބުތައް: ސ 7: މެހެމާންދާރީއާއި މެހެމާނުންގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އެމީހަކުގެ މެހެމާންދާރީއަށް އަހަރެންނަށް ދަޢުވަތުދީފި މީހަކަށް އަހަރެން އިޖާބަދެމެވެ.
2. މީހަކަށް ޒިޔާރަތް ކުރަން ބޭނުންނަމަ އަހަރެން އޭނާގެ ހުއްދައާއި ދާންވީ ވަޤުތު އަހާ ހޯދަމެވެ.
3. ވަނުމުގެ ކުރިން އަހަރެން ހުއްދައަށް އެދެމެވެ.
4. ޒިޔާރަތްކޮށްފައި މާ ގިނައިރުކޮށް ލަސްނުކުރަމެވެ.
5. ގޭގެ އަހުލުވެރިންގެ ކިބައިން ބެލުން ތިރިކުރަމެވެ.
6. މެހެމާނަށް މަރުހަބާ ކިޔައި އެންމެ ރަނގަޅަށް އިސްތިޤުބާލުކޮށް، އުފާވެރި ހިނިތުންވެރި މޫނަކާއިގެން، އަދި މަރްޙަބާ ކިޔުމުގެ އެންމެ ރިވެތި ޢިބާރާތްތަކުން އަހަރެން އޭނާއަށް މަރުޙަބާ ކިޔަމެވެ.
7. މެހެމާނު ބައިންދަނީ އެންމެ ރަނގަޅު ތަނެއްގައެވެ.
8. ކާބޯތަކެތި ހިމެނޭ ގޮތަށް މެހެމާންދާރީ އޭނާއަށް އަދާކުރަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންގެ ގެތައް ނޫން އެހެން ގެތަކަށް އެ ގެތަކުގެ އަހުލުވެރިންނަށް ސަލާމް ކޮށް އިޛްނަ ލިބިގެންފުމަށް ދާންދެން ނުވަންނާށެވެ! އެ ގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. (އެއީ) ތިޔަބައިމީހުން ހަނދުމަކުރުމަށް ޓަކައެވެ.) [އައްނޫރު: 27].
ޙަދީޘްގައިވެއެވެ:
“(ގެއަށް ވަންނައިރު) ހުއްދަ ހޯދަންޖެހޭ ގޮތަށް ﷲ ކަނޑައެޅުއްވީ، ބެލުން ރައްކާތެރިކުރުމުގެ ބޭނުމުގައިއެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި އެކަލޭގެފާނު عليه الصلاة والسلام ގެ މި ބަސްފުޅެވެ: ”ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ، ފަހެ އޭނާގެ މެހެމާނަށް ކަމޭހިތާށެވެ.“ މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ބަލިމަޑުކަމުގެ އަދަބުތައް: ސ 8: ބަލިމަޑުކަމާއި ބަލިމީހުންނަށް ޒިޔާރަތްކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެންނަށް ވޭނެއް އިޙްސާސް ކުރެވޭ ވަޤުތު؛ އަހަރެންގެ ކަނާތް އެތަނުގައި ބާއްވާ، ތިން ފަހަރު «بسم الله» ކިޔަމެވެ. އަދި ހަތްފަހަރު މިހެން ކިޔަމެވެ: «أعوذ بعزة الله وقدرته من شر ما أجد وأحاذر» (މާނައީ: އަހަރެންނަށް މި ފެންނަ އަދި ބިރުގަންނަ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް ﷲ ގެ ޢިއްޒަތާއި ޤުދުރަތްޕުޅުން އެދެމެވެ.)
2. އަދި ﷲ މިންވަރު ކުރައްވާ ކަންކަމަށް އަހަރެން ރުހި ކެތްތެރިވަމެވެ. އުންމު އަލްޢަލާއު رضي الله عنها ގެ އަރިހުން ރިވާވެގެންވާ ޙަދީޘްގައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ: "އަހަރެން ބަލިވެ އުޅެނިކޮށް ﷲ ގެ ރަސޫލާ ﷺ އަހަރެންގެ ގާތަށް ޒިޔާރަތްކުރެއްވިއެވެ. އަދި ޙަދީޘްކުރެއްވިއެވެ: “އޭ އުންމުލް ޢަލާއު އެވެ! އުފާކުރާށެވެ! ފަހެ މުސްލިމަކު ބަލިވެއްޖެނަމަ އަލިފާނުން ރަނާއި ރިހީގެ ދަގޫ ފިލުވާލާ ގޮތަށް، ﷲ އޭނާގެ ކުށްފާފަތައް ފިއްލަވައެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
3. ބަލިވެއުޅޭ އަހަރެންގެ އަޚާއަށް ޒިޔާރަތްކުރުމަށް އަހަރެން އަވަސްވެގަންނަމެވެ. އަދި އޭނާއަށް ހެޔޮދުޢާކޮށްދެމެވެ. އަދި އަހަރެން އޭނާއާއެކު މާ ގިނައިރު އިށީނދެގެން ނީންނަމެވެ.
4- އޭނާ އަހަރެންގެ ގާތުން ނޭދެނީސް އަހަރެން އޭނާއަށް ރުޤްޔާ ކޮށްދެމެވެ.
5. ކެތްތެރިވެ ދުޢާކުރުމަށާއި، އޭނާއަށް ކުޅަދާނަވީ ގޮތަކަށް ޠާހިރުވެ ނަމާދުކުރުމަށް އަހަރެން އޭނާއަށް ވަޞިއްޔަތް ކުރަމެވެ.
6. ބަލިމީހާއަށް ކޮށްދޭނެ ދުޢާ: «أسأل الله العظيم رب العرش العظيم أن يشفيك» ހަތް ފަހަރު.
(ބޮޑުވެގެންވާ ޢަރްޝުގެ ވެރި، މަތިވެރި މާތްވެގެންވާ ﷲ ތިބާއަށް ޝިފާދެއްވުމަށް އަހަރެން އެކަލާނގެ ޙަޟްރަތަށް އެދި ދަންނަވަމެވެ.)

ޢިލްމު އުނގެނުމުގެ އަދަބުތައް: ސ 9: ޢިލްމު ހޯދުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ﷲ ޢައްޒަ ވަޖައްލައަށް ނިޔަތް އިޚްލާޞްތެރިކުރުން. ޙަދީޘްގައިވެއެވެ: “ޢިލްމުވެރިންގެ މައްޗަށް ފަޚުރުވެރިވެ މަތިވުމަށް، އަދި ބުއްދި ކޮސް މޮޔައިންނާ އަރައިރުންވެ ވާދަކުރުމަށް، އަދި މީސްތަކުންގެ މޫނުތައް އޭނާއާ ދިމާލަށް އަނބުރާލުމަށްޓަކައި ޢިލްމު އުނގެނިއްޖެ މީހާ؛ ﷲ އޭނާ ޖަހަންނަމައަށް ވައްދަވާނެތެވެ." ރިވާކުރެއްވީ އިބްނު މާޖާއެވެ.
2. އަހަރެން އުނގެނުނު ޢިލްމުގެ މައްޗަށް ޢަމަލުކުރަމެވެ. ޙަދީޘްގައިވެއެވެ: “ހަތަރު ކަމަކާމެދު ސުވާލުވެވިއްޖައުމަށް ދާންދެން، އަޅާގެ ފައިތިލަ ޤިޔާމަތް ދުވަހު ހުރިތަނުން ހިއްލައިނުލެވޭނެއެވެ. -އޭގެ ތެރޭގައި ޛިކުރުކުރެއްވިއެވެ- އަދި އޭނާގެ ޢިލްމާމެދު، އޭނާ އެއާމެދު ޢަމަލުކުރީ ކިހިނެއްތޯ ސުވާލުވެވިއްޖައުމަށް ދާންދެނެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްދާރިމީއެވެ.
3. މުދައްރިސްގެ ޙާޟިރުގައި އަދި ނެތްތަނުގައިވެސް މުދައްރިސަށް ޤަދަރުކޮށް އިޙްތިރާމްކުރަމެވެ.
4. އަދަބުވެރިކަމާއެކު އަހަރެން އޭނާގެ ކުރިމަތީގައި އިށީންނަމެވެ.
5. އަހަރެން އޭނާގެ ވާހަކަ ރަނގަޅަށް ކަނުލައި އަޑުއަހަމެވެ. އަދި އޭނާ ފިލާވަޅު ކިޔާދޭއިރު ވާހަކަ މެދުކަނޑާ ނުލަމެވެ.
6. ސުވާލު ކުރާއިރު އަދަބުވެރިވަމެވެ.
7. އަހަރެން އޭނާއަށް އޭނާގެ ނަމުން ނުގޮވަމެވެ.
ޙަދީޘްގައިވެއެވެ:
"ބޯ ނުރަވެފައިހުރި މުސްކުޅި މުސްލިމަކަށް، އަދި ޤުރްއާން އުފުލާ މީހާއަށް (އެބަހީ: ޤުރްއާން ދަސްކޮށް އުނގެނިފައި ހުރި މީހަކަށް) ކަމޭހިތާ ޤަދަރުކުރުމީ؛ ﷲ އަށް ޤަދަރުކޮށް މާތްކޮށް ހިތުމުގެ ތެރޭގައިވާ ކަމެކެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.

މަޖްލިސްގެ އަދަބުތައް: ސ 10: މަޖްލީހުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. މަޖްލީހުގެ އަހުލުވެރިންނަށް އަހަރެން ސަލާމްކުރަމެވެ.
2. އަހަރެން އިށީންނަނީ މަޖްލީހުން އަހަރެންނަށް ދެވުނު ހިސާބެއްގައިއެވެ. އެއްވެސް މީހަކު އިށީންދެގެން އިންތަނުން އަހަރެން ނުނަގަމެވެ. ނުވަތަ ހުއްދަ ހޯދައިގެން މެނުވީ ދެ މީހުންގެ ދެމެދުގައި ނުއިށީންނަމެވެ.
3. އެހެން މީހުން އިށީންނަން އަހަރެން ޖާގަދީ ތަން ދައްކަމެވެ.
4. މަޖްލީހުގެ ވާހަކަ މެދުކަނޑާނުލަމެވެ.
5. މަޖްލީސް ދޫކޮށް ދިޔުމުގެ ކުރިން އަހަރެން ހުއްދަ ހޯދާ ސަލާމްކުރަމެވެ.
ފަހެ އިބްނު ޢުމަރު رضي الله عنهما ނަބިއްޔާ ﷺ ގެ އަރިހުން ރިވާކުރެއްވިއެވެ:
"މީހަކު އިށީންދެގެން އިންތަނުން ތެދުކުރުމަށްފަހު، އެހެން މީހަކު އެތަނުގައި އިށީންނުން އެކަލޭގެފާނު ނަހީކުރެއްވިއެވެ. ނަމަވެސް ތިޔަބައިމީހުން ޖާގަހަދައި ތަނަވަސްކުރާށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު މަޖްލީހަށް އަތުވެއްޖެނަމަ ސަލާމް ގޮވާށެވެ. ދެން އޭނާ ތެދުވެގެން ދާން ޤަޞްދުކުރާހިނދުވެސް ސަލާމްކުރާހުށިކަމެވެ. ފަހެ ފުރަތަމަ ސަލާމް ވަކި ފަހު ސަލާމަށްވުރެ ޙައްޤުކަން ބޮޑެއް ނޫނެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
6. މަޖިލިސް ނިމުމުން އަހަރެން މަޖްލީހުގެ ކައްފާރާ ދުޢާ ކިޔަމެވެ. އެއީ: «سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك».
(އިބައިލާހު ހުސްޠާހިރުވަންތައެވެ. އޭ ﷲ އެވެ. އިބައިލާހަށް ޙަމްދުކުރުމާ އެކުގައިއެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބައިލާހުގެ ޙަޟްރަތުން އަޅު ފާފަފުއްސެވުމަށް އެދެމެވެ. އަދި އިބައިލާހަށް ތައުބާވަމެވެ.)

ނިދުމުގެ އަދަބުތައް: ސ 11: ނިދުމުގެ އަދަބުތަކަކީ ކޮބައި ހެއްޔެވެ؟

ޖ: 1. އަހަރެން އަވަހަށް ނިދަމެވެ. އެއީ މި ޙަދީޘަށްޓަކައިއެވެ: އަބޫ ބަރްޒާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ ޢިޝާ ނަމާދުގެ ކުރިން ނިދުމަށާއި، އޭގެ ފަހުން ވާހަކަދެއްކުމަށް ނުރުހިވަޑައިގަންނަވައެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
2. އަހަރެން ނިދަނީ ޠާހިރުކަންމަތީގައެވެ.
3. އަހަރެން ބަނޑުދަށަށް އޮވެގެން ނުނިދަމެވެ.
4- އަހަރެން ނިދަނީ ކަނާތު ފަޅިއަށެވެ. އަދި އަހަރެންގެ ކަނާތް އަހަރެންގެ ކަނާތު ކޯތާފަތް ދަށުގައި ބާއްވަމެވެ.
5- އަހަރެންގެ ތަންމަތި ފޮޅަމެވެ.
ޙަދީޘްގައިވެއެވެ:
އަލްބަރާއު ބްނު ޢާޒިބު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ވިދާޅުވިއެވެ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިބާގެ ތަންމައްޗަށް ތިބާ އަތުވެއްޖެނަމަ؛ ފަހެ ނަމާދަށް ވުޟޫކުރާ ގޮތަށް ވުޟޫކުރާށެވެ. ދެން ތިބާގެ ކަނާތް ފަޅިއަށް އޮށޯންނާށެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
އަދި އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ އަށް މީހަކު ބަންޑުން އޮއްވާ ފެނިވަޑައިގެން ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން މިއީ ﷲ ލޯބިވެވޮޑިގެން ނުވާ އޮށޯތުމެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.
އަދިވެސް ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުންކުރެ މީހަކު ތަންމައްޗަށް ގޮސްފިނަމަ؛ ފަހެ އޭނާގެ ހެދުމުގެ އެތެރެބައިން ތަންމަތި ފޮޅާލާހުށިކަމެވެ. އެހެނީ އޭނާ އެތަނަށް (ކުރީ ރޭ) ފަހަތަށް ދޫކޮށްފައި ދިޔައީ ކޮން އެއްޗެއްކަން ނޭނގެއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
6. ނިދުމުގެ ޛިކުރުތައް ކަމުގައިވާ: އާޔަތުލް ކުރްސީ، ސޫރަތުލް އިޚްލާސް، އަދި އަލްމުޢައްވިޛަތައިނި (ފަލަޤި ނާސް ސޫރަތް) ތިން ފަހަރު ކިޔަވަމެވެ. އަދި އަހަރެން މިހެން ކިޔަމެވެ: «باسمك اللهم أموت وأحيا».
"އޭ ﷲ އެވެ! މިއަޅާ މަރުވަނީ އަދި މިއަޅާ ދިރެނީވެސް އިބަ އިލާހުގެ އިސްމުފުޅުންނެވެ."
7. ފަތިސް ނަމާދަށް އަހަރެން ހޭލަމެވެ.
8. އަދި ހޭލުމަށްފަހު އަހަރެން މިހެން ކިޔަމެވެ: «الحمد لله الذي أحيانا بعدما أماتنا وإليه النشور».
(އަހަރުމެން މަރުގެންނެވުމަށް ފަހު ދިރުއްވި ﷲ އަށް ޙަމްދުހުއްޓެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.)

ކެއުމުގެ އަދަބުތައް: ސ 12: ކެއުމުގެ އަދަބުތަކަކީ ކޮބައި ހެއްޔެވެ؟

ޖ: 1. ކެއުމާއި ބުއިމުން އަހަރެން ނިޔަތް ގަންނަނީ ﷲ ޢައްޒަ ވަޖައްލައަށް ކިޔަމަންތެރިވެ ހެޔޮ ޢަމަލުކުރުމަށް ނަފްސު ވަރުގަދަކުރުމެވެ.
2. ކެއުމުގެ ކުރިން ދެ އަތްދޮވުން.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ: ﷲ ގެ ރަސޫލާ ﷺ: "އެކަލޭގެފާނު ފަރީއްކުޅުވުމަށް އަދި ބުއިން ހިއްޕެވުމަށް ޤަޞްދުކުރައްވާހިނދު؛ ދެ އަތްޕުޅު ދޮންނަވައެވެ. ދެން ފަރީއްކުޅުވާ، ހިއްޕަވައެވެ." ރިވާކުރެއްވީ އަޙްމަދެވެ.
3. އަހަރެން "بسم الله" ކިޔަމެވެ. އަދި އަހަރެން ކަނީ އަހަރެންގެ ކަނާތުން، އަދި އަހަރެންނާ ގާތަށްވީ ފަޅިން ކަމެވެ. އަދި ތަށީގެ މެދުތެރެއިން، ނުވަތަ އެހެން މީހުންގެ ކުރިމަތީގައި ހުރި ކާތަކެތި ނުކަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
“އޭ ކޮއެފުޅާއެވެ! ﷲ ގެ އިސްމުފުޅު ގަނެ ބިސްމި ކިޔާށެވެ. އަދި ތިބާގެ ކަނާތުން ކާށެވެ. އަދި ތިބާއާ ކައިރީގައިވީ ފަޅިން ކާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
4. ބިސްމި ކިޔަން ހަނދާން ނެތިއްޖެނަމަ އަހަރެން މިހެން ކިޔަމެވެ: " بسم الله أوله وآخره ".
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު ކާއެއްޗެއް ކާނަމަ، باسم الله ކިޔާށެވެ. އަދި ފަށައިގަތުމުގައި އެހެން ކިޔަން ހަނދާންނެތިއްޖެނަމަ، باسم الله في أوله وآخره ކިޔާށެވެ.”
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.
5- ލިބިފައިވާ ކާނާއަށް އަހަރެން ރުހެމެވެ. އަދި ކާބޯތަކެއްޗަށް ފާޑުނުކިޔަމެވެ. އަހަރެންނަށް ކަމުދާނަމަ ކަމެވެ. ކަމުނުދާނަމަ ދޫކޮށްލަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: "ނަބިއްޔާ ﷺ ދުވަހަކުވެސް ކާއެއްޗަކަށް ޢައިބެއް ވިދާޅެއްނުވެއެވެ. އެކަލޭގެފާނު އެ އެއްޗަކަށް ހިތްޕުޅު ހަމަޖެހޭނަމަ ފަރީކުޅުއްވައެވެ. ނޫންނަމަ ދޫކޮށްލައްވައެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
6. އަހަރެން ކަނީ މަދު ސުވާކޮޅެކެވެ. އަދި އެހާ ގިނައިން ނުކަމެވެ.
ޙަދީޘްގައިވެއެވެ:
“އާދަމުގެ ދަރިޔާ، ބަނޑަށް ވުރެ ނުބައި ކަންވާރެއް ނުފުރައެވެ. އާދަމުގެ ދަރިޔާގެ މައިބަދަ ސީދާކޮށްލެވޭ ވަރަށް ސުވާކޮޅެއް އޭނާއަށް ފުދިގެންވެއެވެ. ދެން ނަފްސު، އާދަމުގެެ ދަރިޔާގެ މައްޗަށް ގަދަވެ (އެވަރުން ހިތްހަމަ ނުޖެހި އިތުރުކުރަން ބޭނުންވެއްޖެނަމަ)، ފަހެ ކެއުމަށް ތިންބައިކުޅަ އެއްބައެވެ. އަދި ބުއިމަށް ތިންބައިކުޅަ އެއްބައެވެ. އަދި ނޭވާލުމަށް ތިންބައިކުޅަ އެއްބައެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.
7. ކާތަކެއްޗަށް ނުވަތަ ބުއިންތަކަށް އަހަރެން ނުފުމެވެ. ހިހޫވާންދެން އަހަރެން އެ ބަހައްޓަނީއެވެ.
ޙަދީޘްގައިވެއެވެ:
"ކާބޯތަކެއްޗަށް ފުމުން، ﷲ ގެ ރަސޫލާ ﷺ ނަހީކުރެއްވިއެވެ." ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާއެވެ.
8. ކެއުމުގައި އަހަރެން އެހެން މީހުންނާ އެއްތަންވަމެވެ. ޢާއިލާ ނުވަތަ މެހުމާނަކު ބައިވެރިކޮށްގެންނެވެ.
މީހަކު ނަބިއްޔާ ﷺ އަށް ދެންނެވިއެވެ:
"އަހަރުމެން ކައިކައިވެސް ބަނޑެއް ނުފުރެއެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ފަހަރެއްގައި ތިޔަބައިމީހުން ކަނީ ވަކިވަކިން ތިބެގެންކަމަށް ވެދާނެއެވެ. ތިޔަބައިމީހުން ކާބޯތަކެއްޗަށް ޖަމާޢަތް ހަދާފައި އެއްތަންވާށެވެ. އަދި ﷲ ތަޢާލާގެ އިސްމުފުޅު އޭގެ މައްޗަށް ނަންގަަންނާށެވެ. އޭރުން ތިޔަބައިމީހުންނަށްޓަކައި އޭގައި ބަރަކާތް ލެއްވޭނެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
9. އަހަރެންނަށް ވުރެ ޢުމުރުން ދުވަސްވީ އެހެން މީހެއްގެ ކުރިން އަހަރެން ކާން ނުފަށަމެވެ.
10. އަހަރެން ބޯއިރު ﷲ ގެ އިސްމުފުޅު ކިޔަމެވެ. އަދި އަހަރެން ބޮނީ އިށީންދެގެން އިނދެ، ތިންފަހަރު މަތިންނެވެ. އަދި ތަށީތެރެއަށް އަހަރެން ނޭވާ ނުލަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު ބޯނަމަ،ފަހެ ކަންވާރު ތެރެއަށް ނޭވާ ނުލާށެވެ.”
މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި އަނަސް رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ: "ނަބިއްޔާ ﷺ، ކޮޅަށްހުރެގެން ބުއިން މަނާކުރެއްވިއެވެ." ރިވާކުރެއްވީ މުސްލިމެވެ.
އަދި މި ޙަދީޘަށްޓަކައިއެވެ:
"ﷲ ގެ ރަސޫލާ ﷺ ބުއިން ހިއްޕަވަނީ ތިން ނޭވާއިންނެވެ." ރިވާކުރެއްވީ މުސްލިމެވެ.
11. އަހަރެން ކެއުން ނުވަތަ ބުއިން ނިމުމުން ﷲ އަށް ޙަމްދުކުރަމެވެ.
ޙަދީޘްގައިވެއެވެ:
“ކާއެއްޗެއް ކައިގެން އެކަމުގެ މައްޗަށް ﷲ އަށް ޙަމްދުކުރުމަށް، ނުވަތަ ބުއިމެއް ބޮއެ އެކަމުގެ މައްޗަށް އެކަލާނގެއަށް ޙަމްދު ކުރުމަށް، އަޅާއަށް އެކަލާނގެ ރުއްސަވަތެވެ." ރިވާކުރެއްވީ މުސްލިމެވެ.

ހެދުން އެޅުމުގެ އަދަބުތައް: ސ 13: ހެދުން އެޅުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެންގެ ހެދުން އަޅަން ފަށަނީ ކަނާތްފަޅީންނެވެ. އެކަމަށްޓަކައި الله އަށް ޙަމްދުކުރަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން ހެދުންލާއިރު، އަދި ތިޔަބައިމީހުން ވުޟޫކުރާއިރު؛ ތިޔަބައިމީހުންގެ ކަނާތްފަޅިން ފަށާހުށިކަމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
2- ދެ ތަނބިކަށިން ތިރިއަށްދާ ގޮތަށް އަހަރެން ހެދުން ދިގު ނުކުރަމެވެ.
ޙަދީޘްގައިވެއެވެ:
"އިޒާރުން (އުނަގަނޑުން ތިރިއަށް ހުންނަ ހެދުމުން)، ދެ ތަނބިކަށިން ތިރިއަށް ހުންނަބައި ވަނީ ފަހެ ނަރަކާގައިއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ. الكعبان (ދެ ތަނބިކަށްޓަކީ): ފައިތިލައިގެ ދެ ފަރާތުން ނިކުމެފައިވާ ދެ ކަށިގަނޑެވެ.
3. ފިރިހެން ކުދިން އަންހެން ކުދިންގެ ހެދުން ލައިގެން ނުވާނެއެވެ. އަދި އަންހެން ކުދިން ފިރިހެން ކުދިންގެ ހެދުން ލައިގެން ނުވާނެއެވެ.
ޙަދީޘްގައިވެއެވެ:
“އަންހެނުންގެ ހެދުން އަޅާ ފިރިހެނާއާއި، ފިރިހެނުންގެ ހެދުން އަޅާ އަންހެނާއަށް ﷲ ގެރަސޫލާ ﷺ ލަޢުނަތް ލެއްވިއެވެ.” ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
4. ކާފަރުން ނުވަތަ ފާސިޤުން ލައިއުޅޭ ހެދުމާ އެއްގޮތް ނުވުމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"ބަޔަކު މީހުންނާ ވައްތަރުވެއްޖެ މީހާވަނީ ފަހެ އެބަޔަކުގެ ތެރެއިންނެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.
5. ހެދުން ބާލާއިރު ބިސްމި ކިޔުމެވެ.
ޙަދީޘްގައިވެއެވެ:
"އާދަމުގެ ދަރީންގެ ޢައުރަތަކާއި، ޖިންނީންނާ ދެމެދުވާ ނިިވަލަކީ: ތިޔަބައިމީހުންކުރެ މީހަކު ހެދުން ބާލާއިރު ބިސްމި ﷲ ކިޔުމެވެ." ރިވާކުރެއްވީ އައްޠަބަރާނީ އަދި އިބްނު އަބީ ޝައިބާއެވެ.
6. ފައިވާނަށް އަރާއިރު ފުރަތަމަ ކަނާތު ކިބައަށް އެރުމެވެ. އަދި ބާލާއިރު ފުރަތަމަ ވައަތު ކިބަ ބޭލުމެވެ.
އެއީ އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ ޙަދީޘަށްޓަކައިއެވެ. އެކަމަނާ ވިދާޅުވިއެވެ: "ނަބިއްޔާ ﷺ، ފައިވާން ތުރުކުރެއްވުމާއި، ފުނާއެޅުއްވުމާއި، ޠާހިރުވެލެއްވުމުގައި، އަދި އެކަލޭގެފާނުގެ ހުރިހާ ކަމެއްގައިވެސް ކަނާތްފަރާތް އިސްކުރައްވަން ލޯބިކުރައްވާ ހިތްޕުޅާކުރައްވައެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.

ސަވާރުވުމުގެ އަދަބުތައް: ސ 14: ސަވާރުވެ ދުއްވުމުގެ އަދަބުތަކަކީ ކޮބައި ހެއްޔެވެ؟

ޖ: 1. އަހަރެން (ސަވާރުވާހިނދު) «بسم الله، الحمد لله» ބުނަމެވެ، ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ.
(މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ!) وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ.﴾
(އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ.) [އައްޒުޚްރުފު: 13-14]
2. އަހަރެން މުސްލިމެއްގެ ކައިރިން ލާފައި ދާއިރު؛ އެމީހާއަށް ސަލާމް ކުރަމެވެ.

މަގުމަތީގެ އަދަބުތައް: ސ 15: މަގުމަތީގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެންގެ ހިނގުމުގައި މެދުމިންވެ، ހިތްތިރިކޮށް ތަވާޟަޢުވެރިވަމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ތިބާ، ބޮޑާވެގެން ބިމުގައި ހިނގައިނޫޅޭށެވެ! ހަމަކަށަވަރުން، ތިބާޔަކަށް ބިންގަނޑު ފޫވައްޓައެއް ނުލެވޭނެތެވެ. އަދި ފަރުބަދަތަކާ ހަމަޔަށް ދިގުވެގެންވެސް ތިބާޔަކަށް ނުދެވޭނެތެވެ.) [އަލްއިސްރާއު: 37]
2. އަހަރެންނާ ސަލާމްކުރާ މީހަކަށް ސަލާމްކުރަމެވެ.
ނަބިއްޔާ ﷺ އާ ސުވާލުކުރެވުނެވެ:
"އިސްލާމްކަމުން އެންމެ ހެޔޮވެގެންވަނީ ކޮންކަމެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “ތިބާ މީސްތަކުންނަށް ކާންދިނުމެވެ. އަދި ތިބާ ދަންނަ މީހުންނާއި ނުދަންނަ މީހުންނާވެސް ސަލާމްކުރުމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
3. އަހަރެންގެ ބެލުން ތިރިކުރަމެވެ. އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުދެމެވެ.
4. އަހަރެން ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާކުރަމެވެ. ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ: “ފަހެ މަގަށް އޭގެ ޙައްޤު ތިޔަބައިމީހުން ދޭށެވެ." އެބޭކަލުން ދެންނެވިއެވެ: "މަގުގެ ޙައްޤަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "ބެލުން ތިރިކުރުމާއި، އުނދަގޫކުރުމުން ދުރުވުމާއި، ސަލާމަށް ޖަވާބުދިނުމާއި، ހެޔޮކަމަށް އަމުރުކުރުމާއި، މުންކަރާތް ނަހީކުރުމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
5. މަގުގައި ހުންނަ އުނދަގޫވާ ކަހަލަ ތަކެތި އަހަރެން އެއްފަރާތްކުރަމެވެ.
ޙަދީޘްގައިވެއެވެ:
“މަގުމަތިން ގެއްލުން ހުރި އެއްޗެހި ދުރުކުރުމަކީ ޞަދަޤާތެކެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ގެއަށް ވަނުމާއި ނިކުތުމުގެ އަދަބުތައް: ސ 16: ގެއަށް ވަނުމާއި ނިކުތުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެން ނިކުންނަނީ ވާތު ފައިތިލަ އަޅަމުންނެވެ. އަދި މިހެން ކިޔަމެވެ: «بسم الله، توكلت على الله، لا حول ولا قوة إلا بالله، اللهم إني أعوذ بك أن أضل أو أضل، أو أزل أو أزل، أو أظلم أو أظلم، أو أجهل أو يجهل عليَّ».
(الله ގެ ނަންފުޅުން އަޅު ފަށަމެވެ. الله އަށް ހުރިހާ ކަމެއް އަޅު ހަވާލުކޮށް ވަކީލުކުރަމެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ. އޭ ﷲ އެވެ! ހަމަކަށަވަރުން (އެހެން މީހުން) މަގުފުރެއްދުމުން ނުވަތަ މަގުފުރެދިގެން ދިއުމުން، ނުވަތަ ކައްސުވާލުމާއި ނުވަތަ ކައްސާލެވުމުން، ނުވަތަ އަނިޔާވެރިވުމުން ނުވަތަ އަނިޔާ ލިބުމުން، ނުވަތަ ޖާހިލުކޮށް އުޅުމާއި ނުވަތަ މިއަޅާއާ ދެކޮޅަށް ޖާހިލުކޮށް ކަންތައް ކުރެވުމުން އިބައިލާހުގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.)
2. އަހަރެން ގެއަށް ވަންނަނީ ކަނާތު ފައި އިސްކުރަމުންނެވެ. އަދި މިހެން ކިޔަމެވެ: «بسم الله ولجنا، وبسم الله خرجنا، وعلى ربنا توكلنا».
(ﷲ އިސްމުފުޅުން އަހަރުމެން ވަންނަމެވެ. އަދި ﷲ ގެ އިސްމުފުޅުން އަހަރުމެން ނިކުންނަމެވެ. އަދި އަހަރުމެންގެ ވެރި ރައްބަށް އަހަރުމެން ވަކީލުކުރަމެވެ.)
3. އަދި އަހަރެން ފަށަނީ ސިވާކުކޮށް ދަތް އުނގުޅައިގެންނެވެ. ދެން ގޭގެ އަހުލުވެރިންނާ ސަލާމްކުރަމެވެ.
ޙަދީޘްގައިވެއެވެ:
“އެކަލޭގެފާނު ގެއަށް ވަދެވަޑައިގެންފިނަމަ ފައްޓަވަނީ ސިވާކުކޮށް ދަތް އުނގުޅުއްވުމުންނެވެ." ރިވާކުރެއްވީ އިބްނު މާޖާއެވެ.

ޤަޟާ ޙާޖާކުރުމުގެ އަދަބުތައް: ސ 17: ޤަޟާ ޙާޖާކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެން ޤަޟާ ޙާޖާކުރަން ވަންނަނީ ވާތު ފައި އިސްކޮށްގެންނެވެ.
2. އަދި ވަނުމުގެ ކުރިން އަހަރެން މިހެން ކިޔަމެވެ: «بسم الله، اللهم إني أعوذ بك من الخبث والخبائث».
(ﷲ ގެ ނަންފުޅުންނެވެ. އޭ ﷲ އެވެ. ފިރިހެން ޝައިޠާނުންނާއި އަންހެން ޝައިޠާނުންގެ ކިބައިން ރައްކާތެރިކޮށްދެއްވުމަށް އިބަ އިލާހުގެ ޙަޟްރަތަށް އެދިދަންނަވަމެވެ.)
3. ﷲ ގެ ޛިކުރު ހިމެނޭ އެއްވެސް އެއްޗެއް އަހަރެން އެތަނަށް ނުވައްދަމެވެ.
އަނަސް رضي الله عنه ވިދާޅުވިކަމަށް ރިވާވެގެންވެއެވެ:
“ނަބިއްޔާ ﷺ ފާޚާނާއަށް ވަދެވަޑައިގަންނަވާ ހިނދު އަނގޮޓިފުޅު ނަންގަވައެވެ.” ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.
4. ޤަޟާ ޙާޖާކުރާ ޙާލަތުގައި އަހަރެން ނިވާވެ ފަރުދާވަމެވެ.
ޙަދީޘްގައިވެއެވެ:
"ﷲ ގެ ރަސޫލާ ﷺޤަ ޟާޙާޖާ ކުރައްވާއިރު ނިވާވުމަށް ބޭނުންކުރައްވަން އެންމެ ލޯބިކުރައްވަނީ: ބިމުން އުފުލިފައި ހުންނަ ބައެއް ނުވަތަ ކަދުރު ރުއްގަނޑެކެވެ." ރިވާކުރެއްވީ މުސްލިމެވެ.
5. ޤަޟާ ޙާޖާކުރާ ތަނުގައި އަހަރެން ވާހަކައެއް ނުދައްކަމެވެ.
6. ކުޑަކަމުދާއިރު ނުވަތަ ބޮޑުކަމުދާއިރު، ޤިބްލާއަށް ކުރިމަތިލައިގެން އަދި ފުރަގަސްދީގެންވެސް އަހަރެން ނުއިންނަމެވެ.
އެއީ ނަބިއްޔާ ﷺ ގެ ޙަދީޘަށްޓަކައިއެވެ:
“ބޮޑުކަމުދާއިރު ނުވަތަ ކުޑަކަމުދާއިރު ޤިބްލާއާ ކުރިމަތި ނުލާށެވެ. ނަމަވެސް އިރުމަތީ ފަރާތަށް ނުވަތަ ހުޅަނގަށް ކުރިމަތިލާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. ނަޖިސް ފިލުވާލުމަށް އަހަރެން ބޭނުންކުރަނީ ވައަތެވެ. އަދި ކަނާތް ބޭނުން ނުކުރަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
"އަހަރުމެންގެ ކަނާތުން އިސްތިންޖާކުރުން އެކަލޭގެފާނު އަހަރުމެންނަށް ނަހީކުރެއްވިއެވެ.." ރިވާކުރެއްވީ މުސްލިމެވެ.
8. މީހުން ހިނގާބިގާވާ މަގުގައި ނުވަތަ އެމީހުންގެ ހިޔަލުގައި އަހަރެން ޤަޟާޙާޖާ ނުކުރަމެވެ.
އެއީ އަބޫ ހުރައިރާ رضي الله عنه ގެ ޙަދީޘަށްޓަކައިއެވެ.: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ލަޢުނަތް ލިބޭ ދެ ކަންތަކާމެދު ތިޔަބައިމީހުން ބިރުވެތިވެ އެއްކިބާވާށެވެ." އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! ލަޢުނަތް ލިބޭ ދެކަމަކީ ކޮބައިތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "މީސްތަކުންގެ މަގުގައި، ނުވަތަ އެމީހުންގެ ހިޔަލުގައި ޤަޟާޙާޖާކުރާ މީހާއެވެ." ރިވާކުރެއްވީ މުސްލިމެވެ.
9. ޤަޟާ ޙާޖާކުރުމަށްފަހު އަހަރެންގެ އަތް ދޮންނަމެވެ. އެއީ ޖަރީރު رضي الله عنه ގެ ޙަދީޘަށްްޓަކައިއެވެ: (ވިދާޅުވިއެވެ) "އަހަރެން ނަބިއްޔާ ﷺ އާއެކު ހުރީމެވެ. ދެން އެކަލޭގެފާނު ގިފިއްޔަށް ވަޑައިގެން ޤަޟާ ޙާޖާކުރެއްވިއެވެ. ދެން ޙަދީޘްކުރެއްވިއެވެ: "އޭ ޖަރީރެވެ! ޠާހިރު ފެން ގެންނާށެވެ!" ދެން އަހަރެން އެކަލޭގެފާނުގެ އަރިހަށް ފެން ގެނެސްދިނީމެވެ. ދެން އެކަލޭގެފާނު ފެނުން އިސްތިންޖާކުރެއްވިއެވެ. އަދި އެކަލޭގެފާނު އަތްޕުޅުން، ބިމުގައި އުނގުޅާލެއްވިއެވެ." ރިވާކުރެއްވީ އައްނަސާއީއެވެ.
10. އަހަރެން ނިކުންނައިރު ވާތުފައި އިސްކުރަމެވެ. އަދި «غفرانك» މިހެން ކިޔަމެވެ.

މިސްކިތުގެ އަދަބުތައް: ސ 18: މިސްކިތުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެން މިސްކިތަށް ވަންނަނީ ކަނާތު ފައި އިސްކޮށްގެންނެވެ. އަދި މިހެން ކިޔަމެވެ: «بسم الله، اللهم افتح لي أبواب رحمتك».
(ﷲ ގެ އިސްމުފުޅުން އަޅު ވަންނަމެވެ. އޭ ﷲ އެވެ! އިބަ އިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވާދެއްވާށިއެވެ.)
2. ދެ ރަކުޢަތް ނަމާދެއް ނުކޮށް އަހަރެން ނުއިށީންނަމެވެ.
އެއީ މި ޙަދީޘަށްޓަކައިއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު މިސްކިތަށް ވަދެއްޖެނަމަ ދެ ރަކުޢަތް ކޮށްފުމަށް ދާންދެން ނުއިށީންނަހުށިކަމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
3. ނަމާދުކުރަންތިބި މީހުންގެ ކުރިމަތިން އަހަރެން ހުރަސް ނުކުރަމެވެ. ނުވަތަ ގެއްލިފައިވާ އެއްޗެއް ހޯދަން މިސްކިތުގައި އިޢުލާނު ނުކުރަމެވެ. ނުވަތަ މިސްކިތުގައި ގަނެވިއްކާ ނުހަދަމެވެ. އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “ނަމާދުކުރާ މީހެއްގެ ކުރިމަތިން ހުރަސްކުރާ މީހަކަށް އޭނާއަށް ހުރި ކަންތައް އެނގޭނަމަ އޭނާގެ ކުރިމަތިން ހުރަސްކުރުމަށްވުރެ ސާޅީސް ވަންދެން ހުއްޓިހުރުންވެސް މާ ރަނގަޅުވީހެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ﷲ ގެ ރަސޫލާ ﷺ ގެ މި ބަސްފުޅެވެ: “ގެއްލިފައިވާ އެއްޗެއް ހޯދަން މިސްކިތުގައި އިޢުލާނުކުރާ މީހާގެ އަޑުއަހައިފި މީހާ އޭނާއަށް ބުނާހުށިކަމެވެ: "ﷲ އެ އެއްޗެއް ތިބާއަށް ރައްދު ނުކުރައްވާށިއެވެ." ފަހެ މިސްކިތްތަށް ބިނާކުރެވުނީ މި ކަމަށްޓަކައިއެއް ނޫނެވެ." ރިވާކުރެއްވީ މުސްލިމެވެ.
އަދި ޙަދީޘްގައި ވެއެވެ:
“މިސްކިތުގައި މީހަކު ވިއްކާތަން ނުވަތަ ގަންނަތަން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ ބުނާށެވެ: ކަލޭގެ ވިޔަފާރިން ﷲ ފައިދާއެއް ނުކުރައްވާށިއެވެ.”
މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އައްދާރިމީއެވެ.
4. މިސްކިތުގެ ސާފުތާހިރުކަމަށް އަހަރެން ފަރުވާތެރިވަމެވެ.
އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: އެކަމަނާ ވިދާޅުވިއެވެ: "ގޭގޭގައި މިސްކިތްތައް ބިނާކުރެވުމަށާއި، އެ ތަންތަން ސާފުކޮށް، ހުވަނދުލާ މީރުވަސްދުއްވުމަށް ﷲ ގެ ރަސޫލާ ﷺ އަމުރުކުރެއްވިއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދާއި އަޙްމަދެވެ.
5. އަހަރެން މިސްކިތުން ނިކުންނަނީ ވާއަތު ފައި އިސްކޮށްގެންނެވެ. އަދި މިހެން ބުނަމެވެ: «اللهم إني أسألك من فضلك».
"އޭ ﷲ އެވެ! އިބައިލާހުގެ ފަޟްވަންތަކަން ދެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ."

ސަލާމްކުރުމުގެ އަދަބުތައް: ސ 19: ސަލާމް ކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެންނާ މުސްލިމަކާ ބައްދަލުވުމުން އަހަރެން އިސްވެ ސަލާމްކުރަމެވެ. އެއީ މިހެންނެވެ: «السلام عليكم ورحمة الله وبركاته» ސަލާމްކުރުން ނޫން ކަމަކުން ނުފެށެއެވެ. އަދި ހަމައެކަނި އަހަރެންގެ އަތުން އިޝާރާތްވެސް ކޮށްނުލަމެވެ.
2. އަހަރެން ސަލާމް ކުރާ މީހާގެ މޫނުމަތީ ހިނިތުންވަމެވެ. ޙަދީޘްގައިވެއެވެ: "ހެޔޮކަމުން އެއްވެސް ކަމެއް ތިބާ ދަށްކޮށްނުލާށެވެ. އެއީ ތިބާގެ އަޚާއާ އުފާވެރި މޫނަކާގެން ބައްދަލުކުރުންވިޔަސްމެއެވެ." ރިވާކުރެއްވީ މުސްލިމެވެ.
3. އަދި އަހަރެންގެ ކަނާތުން އޭނާއާ އަތާ އަތްޖޯޑުކުރަމެވެ.
4. މީހަކު އަހަރެންނާ ސަލާމްކޮށްފިނަމަ، އެއަށްވުރެ ރަނގަޅު ސަލާމަކުން، ނުވަތަ އެފަދަ ސަލާމަކުން ޖަވާބުދެމެވެ.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ:
(އަދި ތިޔަބައިމީހުންނަށް ސަލާމަކުން ސަލާމްކުރެވިއްޖެ ނަމަ، ފަހެ އެ އަށްވުރެ ރަނގަޅަށް، ނުވަތަ އެއާއި އެއްވަރަށް ސަލާމް ދޭށެވެ. ނުވަތަ އެ ސަލާމް ރައްދުކުރާށެވެ! ހަމަކަށަވަރުން ކޮންމެ ކަމެއްގެ ހިސާބު ބައްލަވާ އިލާހަކު ކަމުގައި ﷲ ވޮޑިގެންވެއެވެ.) [އައްނިސާއު: 86]
5. އަހަރެން ކާފަރުންނަށް އިސްވެ ސަލާމް ނުކުރަމެވެ. އަދި އޭނާ އަހަރެންނަށް ސަލާމްކޮށްފިނަމަ އަހަރެން ޖަވާބުދެނީ "وعليكم".އެވެ
އެއީ މި ޙަދީޘަށްޓަކައިއެވެ:
“ޔަހޫދީންނާއި ނަޞާރާއިންނަށް އިސްވެ ސަލާމް ނުކުރާށެވެ." ރިވާކުރެއްވީ މުސްލިމެވެ.
6. ކުޑަކުއްޖާ ބޮޑުމީހާއަށް، އަދި ސަވާރުވެ ހުންނަ މީހާ ހިނގާބިނގާވެ އުޅޭ މީހާއަށް ، އަދި ހިގަމުންދާ މީހާ އިށީދެ އިންނަ މީހާއަށް ، އަދި މަދުމީހުން ގިނަ މީހުންނަށް ސަލާމްކުރާނީއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ސަވާރުވެ އިންނަ މީހާ ހިނގާބިގާވެ އުޅޭ މީހާއަށް ، އަދި ހިނގަމުންދާ މީހާ އިށީނދެ އިންނަ މީހާއަށް، އަދި މަދުމީހުން ގިނަ މީހުންނަށް ސަލާމްކުރާށެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
7. އަންހެނާ އޭނާގެ މަޙްރަމުން ފިޔަވައި، ދެން ހުއްދަ ނުވާ މީހުންނާ އަތާ އަތްޖޯޑު ނުކުރުމެވެ.
އުންމުލް މުއުމިނީން، ޢާއިޝާ رضي الله عنها ގެ އަރިހުންވާ ޙަދީޘްގައިވެއެވެ: އެކަމަނާ ވިދާޅުވިއެވެ: "ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ! ﷲ ގެ ރަސޫލާ ﷺ ގެ އަތްޕުޅު ދުވަހަކުވެސް (ހިލޭ) އަންހެނެއްގެ އަތުގައި ބީހިފައި ނުވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ހުއްދައަށް އެދުމުގެ އަދަބުތައް: ސ 20: ހުއްދަ ހޯދުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ތަނަކަށް ވަނުމުގެ ކުރިން އަހަރެން ހުއްދައަށް އެދެމެވެ.
2. އަހަރެން ތިން ފަހަރު ހުއްދައަށް އެދެމެވެ. އަދި އެއަށްވުރެ އިތުރެއް ނުކުރަމެވެ. އެއަށްފަހު އަހަރެން އެނބުރިދާނީއެވެ.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންކުރެ މީހަކު ތިން ފަހަރު ހުއްދައަށް އެދި، ދެން ހުއްދަ ނުދެވުނުނަމަ؛ ފަހެ އެނބުރި ދާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
3. އަހަރެން ދޮރުގައި ޓަކި ޖަހަނީ މަޑުންނެވެ. އަދި ދޮރާ ދިމާލަށްވާ ގޮތަށް ނުހުންނަމެވެ. އޭގެ ބަދަލުގައި، ދޮރުގެ ކަނާތްފަރާތުގައި ނުވަތަ ވާތްފަރާތުގައި ހުންނަމެވެ. އަދި އަހަރެން ބުނަމެވެ: السلام عليكم. އެއީ މި ޙަދީޘަށްޓަކައިއެވެ: "ﷲ ގެ ރަސޫލާ ﷺ، ބަޔަކު މީހުންގެ ދޮރުމައްޗަށް ވަޑައިގެންފިނަމަ؛ އެކަލޭގެފާނުގެ މޫނުފުޅު ދޮރު ކުރިމައްޗަށްވާ ގޮތަށް ނުހުންނަވައެވެ. އެކަމަކު އޭގެ ކަނާތް ނުވަތަ ވާތު ކަނީގައި ވާގޮތަށް ހުއްޓިވަޑައިގަންނަވައެވެ. އަދި ވިދާޅުވެއެވެ: السلام عليكم، السلام عليكم»" ރިވާކުރެއްވީ އަބޫ ދާވޫދެވެ.
4. ބައްޕައާއި މަންމަގެ ގާތަށް، ނުވަތަ އެއްވެސް ކޮޓަރިއަކަށް ހުއްދަ ނުހޯދައި އަހަރެން ނުވަންނަމެވެ.
ޚާއްޞަކޮށް ފަތިހުގެ ކުރިންނާއި މެންދުރު ފަހުން ނިދާލާ ގަޑީގައިއާއި، އަދި ޢިޝާ ނަމާދަށް ފަހު އެވެ.
އެއީ އެކަލާނގެ މިބަސްފުޅަށްޓަކައިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންނާއި، ތިޔަބައިމީހުންކުރެ ބާލިޣު ވުމުގެ ޢުމުރާ ހަމައަށް ނުފޯރާ ކުޑަކުދިންވެސް، ތިން ވަޤުތެއްގައި ތިޔަބައިމީހުންގެ ކިބައިން އިޛުނަ ލިބިގަންނަހުށިކަމެވެ. އެއީ ފަތިސްނަމާދުގެ ކުރިންނާއި، މެންދުރު ވަޤުތު ތިޔަބައިމީހުންގެ ފޭރާން ލުއިކޮށްގެން ތިބޭ ވަގުތުގައްޔާއި، ޢިޝާ ނަމާދުގެ ފަހުންނެވެ. (އެއީ) ތިޔަބައިމީހުން ނިވައިވެތިބޭ ތިން ވަޤުތެކެވެ. އެވަޤުތުތަކަށް ފަހު، ތިޔަބައިމީހުންގެ މައްޗަކަށްވެސް، އަދި އެ މީހުންގެ މައްޗަކަށްވެސް (ވަދެނުކުމެ އުޅުމުގައި) ކުށެއް ނެތެވެ. (އެ މީހުންނީ) ތިޔަބައިމީހުންގެ އެއްބަޔަކު ތިބޭތަނަކަށް އަނެއް ބަޔަކު ވަދެނުކުމެއުޅޭ ބަޔެކެވެ. އެފަދައިން ﷲ، ތިޔަބައިމީހުންނަށް އާޔަތްތައް ބަޔާން ކޮށްދެއްވައެވެ. އަދި ﷲ އީ، މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.) [އައްނޫރު: 58].
5. މީހުން ދިރި ނޫޅޭ ތަންތަނަށް، މިސާލަކަށް: ހޮސްޕިޓަލެއް ނުވަތަ ފިހާރައެއް ފަދަ ތަންތަނަށް ހުއްދަ ނުހޯދައި އަހަރެންނަށް ވަދެވޭނެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އެ ގެތަކުގައި ތިޔަބައިމީހުންނަށް ބޭނުމެއްވާ، އަދި މީހުންނޫޅޭ ގެތަކަށް ތިޔަބައިމީހުން ވަނުމަކުން، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއްނެތެވެ. އަދި ތިޔަބައިމީހުން ފާޅުކުރާ ކަންތަކާއި، ވަންހަނާކުރާ ކަންތައް اللَّه ދެނެވޮޑިގެންވެތެވެ.) [އައްނޫރު: 29].

ޖަނަވާރުތަކަށް އޯގާތެރިވުމުގެ އަދަބުތައް: ސ 21: ޖަނަވާރުތަކާ މެދު އޯގާތެރިވުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެން ޖަނަވާރަށް ކާންދީ ފެންދެމެވެ.
ޙަދީޘްގައިވެއެވެ:
އެބޭކަލުން ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! އަހަރުމެންނަށް ޖަނަވާރުތަކުގައި އަޖުރެއް ލިބެން އޮވޭތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: “ތެތް ކޮންމެ ފުރަމޭއެއްގައި ވެސް އަޖުރުވެއެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އޭގެ ބަނޑުގައި ބުރަކަށި ޖެހި ތަތްލާފައިވާ ޖަމަލެއްގެ ކައިރިން ﷲ ގެ ރަސޫލާ ﷺ ހުރަސްކުރެއްވިއެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: “މި ޖަނަވާރުތަކާ މެދު ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ.” ރިވާކުރެއްވީ އަބޫ ދާވޫދެވެ.
2. ރަޙުމްކޮށް، ކުލުނު ބަހައްޓާ، އަދި އެސޮރުމެންނަށް ކުޅަދާނަނުވާވަރުގެ ކަންކަން ނުޖެއްސުމެވެ.
ޙަދީޘްގައިވެއެވެ:
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “މި ޖަމަލުގެ ވެރިޔަކީ ކާކު ހެއްޔެވެ؟ މި ޖަމަލަކީ ކާކުގެ އެއްޗެއް ހެއްޔެވެ؟" އެހިނދު އަންޞާރުންގެ ޒުވާނަކު އައިސް ދެންނެވިއެވެ: "އޭ ﷲ ގެ ރަސޫލާއެވެ! މިއީ ތިމަންނަގެ ޖަމަލެކެވެ." ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "ތިބާއަށް ﷲ މިލްކުވެރިކުރައްވާފައިވާ މި ޖަނަވާރާމެދު ތިބާ ﷲ އަށް ބިރުވެތިނުވަނީ ހެއްޔެވެ! ފަހެ އޭތި ތިމަންކަލޭގެފާނުގެ އަރިހުގައި ތިބާ އޭތި ބަނޑުހައިކުރުވައި ވަރުބަލިކޮށްލާކަމަށް ޝަކުވާ ކޮށްފިއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ. تدئبه: އެބަހީ، ވަރުބަލިކުރުވުމެވެ.
3. އަހަރެން ޖަނަވާރުތަކަށް އެއްވެސް ކަހަލަ އަނިޔާއެއް އަދި ގެއްލުމެއް ދީގެން އަނިޔާއެއް ނުކުރަމެވެ.
އަދި ޖާބިރު رضي الله عنه ގެ އަރިހުންވާ ޙަދީޘްގައިވެއެވެ:
ނަބިއްޔާ ﷺ ގެ އަރިހުން ލާފައި، އޭގެ މޫނުމަތީގައި އަލިފާނުން ތައްގަނޑު ޖެހިގެންވާ ޙިމާރެއް ހުރަސްކޮށްފައި ދިޔައެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: “ޖަނަވާރެއްގެ މޫނުގައި ނިޝާން ޖަހާ، ނުވަތަ މޫނުގައި ތަޅާ މީހާއަށް ތިމަންކަލޭގެފާނު ލަޢުނަތްދެއްވިކަން ތިޔަބައިމީހުންނަށް ޚަބަރު ނުފޯރާހެއްޔެވެ؟" ދެން އެކަލޭގެފާނު އެކަން ނަހީކުރެއްވިއެވެ." ރިވާކުރެއްވީ މުސްލިމު އަދި އަބޫ ދާވޫދެވެ. އަދި ލަފްޒުވަނީ އަބޫ ދާވޫދަށެވެ.

ކުޅިވަރުގެ އަދަބުތައް ސ 22: ކުޅިވަރުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އަހަރެން ކުޅިވަރާއި ކަސްރަތުން ނިޔަތްގަންނަނީ ﷲ އަށް ކިޔަމަންވެ އެކަލާނގެ ރުއްސަވާ ކަންތައްކުރުމަށްޓަކައި ހަށިގަނޑު ވަރުގަދަކުރުމެވެ.
2. އަހަރުމެން ނަމާދު ގަޑީގައި ނުކުޅެމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ނަމާދުކުރާ މީހުންނަށް ގެއްލުމާއި ހަލާކު ހުށްޓެވެ. އެއީ އެމީހުންގެ ނަމާދާމެދު ޣާފިލުވެގެން ތިބެ ނަމާދުކުރާ މީހުންނެވެ.) [އަލްމާޢޫން: 4-5]
3. ފިރިހެން ކުދިން އަންހެން ކުދިންނާއެކު ކުޅިވަރު ނުކުޅެއެވެ.
4. އަހަރެންގެ ޢައުރަ ނިވާކޮށްދޭ ގޮތަށް ހުންނަ ކުޅިވަރު ހެދުން އަހަރެން ލަމެވެ.
5. މޫނުގައި ޖެހުމާއި ޢައުރަތް ހާމަކުރުންފަދަ ކަންކަންވާ، ޙަރާމް ކުޅިވަރުތަކުން އަހަރެން ދުރުހެލިވަމެވެ.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާ ހަނގުރާމަކުރިނަމަ ފަހެ އޭނާގެ މޫނުމަތިން (ޖެހުމުން) ދުރުވެ އެއްކިބާވާށެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސަމާސާ ކުރުމުގެ އަދަބުތައް: ސ 23: ސަމާސާ ކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ސަމާސާ ކުރާއިރު ތެދުވެރިވުމާއި ދޮގު ނުހެދުމެވެ.
ޙަދީޘްގައިވެއެވެ:
“މީހުން ހެއްވާލަން ދޮގުހަދާ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ. އެ މީހާއަށް ހަލާކު ހުއްޓެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދާއި އައްތިރްމިޛީއެވެ.
2. މަލާމާތްކޮށް ފުރައްސާރަކުރުމާއި، ޖެއްސުންކޮށް އުނދަގޫކުރުމާއި، ބިރުދެއްކުމެއް ނެތް ސަމާސާއެއް ކަމުގައިވުމެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“މުސްލިމަކު އެހެން މުސްލިމަކު ބިރުގެންނެވުން ހުއްދަވެގެން ނުވެއެވެ.”
ރިވާކުރެއްވީ އަބޫ ދާވޫދާއި އަޙްމަދެވެ.
3. ސަމާސާކުރުން މާ ގިނަ ނުކުރުމެވެ.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
"އަދި ހުނުން ގިނަ ނުކުރާށެވެ. ފަހެ ހުނުން ގިނަކުރުމީ ހިތް މަރާލާ ކަމެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.

ކިނބިހި އެޅުމުގެ އަދަބުތައް: ސ 24: ކިނބިހިއެޅުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ކިނބިހިއަޅާއިރު އަތް، ނުވަތަ ހެދުން ނުވަތަ ރުމާ (އަނގަމަތީ) އެޅުމެވެ.
2. ކިނބިހިއެޅުމަށްފަހު ތިބާ ﷲ އަށް ޙަމްދުކުރުމެވެ. «الحمد لله» ކިޔުމެވެ.
3. އޭނާގެ އަޚާ ނުވަތަ ރަޙްމަތްތެރިޔާ އޭނާއަށް ބުނާހުށިކަމެވެ: «يرحمك الله». (ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ.)
- ދެންފަހެ އޭނާއަށް އެހެން ބުނެފިނަމަ މީނާ: «يهديكم الله ويصلح بالكم» (ﷲ ތިޔަބައިމީހުންނަށް ހިދާޔަތުދެއްވާ، ކަންކަން އިޞްލާޙުކޮށްދެއްވާށިއެވެ.) ބުނާހުށިކަމެވެ.

އާފުރުމުގެ އަދަބުތައް: ސ 25: އާފުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އާފުރުން އެތެރެއަށް ހިފަހައްޓަން މަސައްކަތްކުރުމެވެ.
ޙަދީޘްގައިވެއެވެ:
“އާފުރުމަކީ ޝައިޠާނާގެ ފަރާތުން އަންނަ ކަމެކެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރެންފެށިއްޖެނަމަ ވީހާވެސް ބޮޑަށް އެކަން ހުއްޓުވާށެވެ.” މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
2. އާފުރޭއިރު: "އާހް، އާހް" ލައްވައި އަޑު ނުއުފުލުމެވެ.
ޙަދީޘްގައިވެއެވެ:
“އަދި އޭނާ ‘އާހް، އާހް’ އޭ ނުކިޔާށެވެ. ފަހެ ތިޔަބައިމީހުންގެ ތެރެއިން މީހަކު (އާފުރޭއިރު) އަނގަ ހުޅުވައިފިނަމަ، ޝައިޠާނާ އޭނާއާމެދު ހޭންފަށައެވެ." ރިވާކުރެއްވީ އަޙްމަދެވެ.
3. އަނގަމަތީ އަތް އެޅުން.
ޙަދީޘްގައިވެއެވެ:
“ތިޔަބައިމީހުންގެ ތެރެއިން މީހަކު އާފުރިއްޖެ ނަމަ، އޭނާގެ އަނގަމަތީގައި އަތް އަޅާށެވެ. އެހެނީ ޝައިޠާނާ ވަންނަނީއެވެ.”
ރިވާކުރެއްވީ މުސްލިމެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ އަދަބުތައް: ސ 27: ތިލާވަތުކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ވުޟޫކުރުމަށްފަހު ޠާހިރުކަންމަތީ ކިޔެވުން.
2. އަދަބުވެރިކަމާއި މަޑުމައިތިރިކަމާއެކު އިށީނދެ އިނުން.
3. ކިޔަވަން ފަށާއިރު، ޝައިޠާނާގެ ކިބައިން ރައްކާތެރިކުރެއްވުމަށް ﷲ ގެ ޙަޟްރަތަަށް އެދި ދަންނަވަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ފަހެ، ކަލޭގެފާނު ޤުރްއާން ކިޔަވައި ވިދާޅުވާނަމަ، ފަހެ، ރަޙުމަތުން ބޭރުކުރެވިގެންވާ ޝައިޠާނާގެ ކިބައިން ދުރުކުރެއްވުންއެދި، اللَّهގެ ރައްކާތެރިކަމަށްއެދި ދަންނަވާށެވެ!) [އައްނަޙްލު: 98]
4. އަހަރެންގެ ކިޔެވުމާމެދު ވިސްނާ ފިކުރުކޮށް ތަދައްބުރުކުރަމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ފަހެ ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ ނުވަތަ (އެއުރެންގެ) ހިތްތަކުގައި ތަޅުތަކެއް ލެވިފައިވަނީ ހެއްޔެވެ؟) [މުޙައްމަދު: 24]
*******

ދުޢާކުރުމުގެ އަދަބުތައް: ސ 26: ދުޢާކުރުމުގެ އަދަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފެށުމެވެ.
2. ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ކިޔެވުމެވެ.
- ނަބިއްޔާ ﷺގެ އަރިހުންވާ ޙަދީޘްގައިވެއެވެ: “ތިބާ ނަމާދުކޮށް އިށީންދެއްޖެނަމަ، ފަހެ ﷲ އަށް ޙައްޤުވާ ގޮތަށް ޙަމްދުކުރާށެވެ. އަދި ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ލެއްވުމަށް އެދޭށެވެ. ދެން ތިބާ އެކަލާނގެ ޙަޟްރަތަށް ދުޢާކުރާށެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
3. ދުޢާ ކުރާއިރު ދެ އަތް އުފުލުން.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
“ހަމަކަށަވަރުން، ތިޔަބައިމީހުންގެ ވެރި ރައްބު ތަބާރަކަ ވަތަޢާލާއީ، ދިލަތިވަންތަ ލަދުވެތިވެވޮޑިގަންނަވާ ކަލެކެވެ. އަޅަކު އެކަލާނގެ ޙަޟްރަތަށް ދެ އަތް އުފުލައިފިނަމަ، ހުސްއަތާ އަނބުރާ ފޮނުއްވުމަށް އެކަލާނގެ ލަދުވެތިވެ ވޮޑިގަންނަވައެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދެެވެ.
4. ތައުބާވެ ފާފައަށް އިޢުތިރާފުވުން.
- މޫސާ عليه السلام ގެ ދުޢާގައިވެއެވެ: (އެކަލޭގެފާނު ވިދާޅުވިއެވެ. އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ ނަފްސަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބައިލާހު ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމްވަންތަ ރަސްކަލާނގެއެވެ.) [އަލްޤަޞަޞް: 16]
5. ދުޢާކުރުމުގައި އާދޭސް ދެންނެވުމެވެ. މާނައަކީ ދުޢާ ގިނަކޮށް ތަކުރާރުކުރުމެވެ.
6. އިޖާބަވުމަށް އަވަސްވެ ނުގަތުމެވެ.
7. ފާފައަކަށް ނުވަތަ ރަޙިމުގެ ގުޅުމެއް ކަނޑާލުމަށް ދުޢާ ނުކުރާށެވެ.
ޙަދީޘްގައިވެއެވެ:
“ފާފައަކަށް ނުވަތަ ޢާއިލީ ގުޅުމެއް ކަނޑާލުމަށް ދުޢާ ނުކުރާހާ ހިނދަކު، އަޅާއަށް ދުޢާ އިޖާބަކުރެވުން ފިލައި ނުދެއެވެ. އޭނާ އަވަސްއަރައިގެން އުޅެފިނަމަ މެނުވީއެވެ." ދެންނެވުނެވެ: "އޭ الله ގެ ރަސޫލާއެވެ! އަވަސްވެގަތުމަކީ ކޮބާ ހެއްޔެވެ؟" ޙަދީޘްކުރެއްވިއެވެ: "އޭނާ ބުނެއެވެ: "ތިމަން ދުޢާކޮށްފީމޭ، އަދިވެސް ދުޢާކޮށްފީމޭ އެކަމަކު އިޖާބަކުރެވުނު ތަނެއް ނުފެނެޔޭއެވެ." ދެން އެހިނދުން އޭނާ ހިތްދަތިވެ ދެރަވެއެވެ. އަދި ދުޢާކުރުން ދޫކޮށްލައެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
8. ދުޢާ ކުރާއިރު އަޑުމަޑުކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރައްބަށް ދުޢާކުރާށެވެ!) [އަލްއަޢުރާފު : 55]
9. ދުޢާކުރާއިރު ހިތް ޙާޟިރުކޮށްފައި ބެހެއްޓުން.
ޙަދީޘްގައިވެއެވެ:
"ތިޔަބައިމީހުންނަށް އިޖާބަކުރެވޭނެކަން ޔަޤީންކޮށްގެން ތިބެ ﷲ އަށް ދުޢާކުރާށެވެ. އަދި ދަންނާށެވެ! ޣާފިލުވެ، ސަމާލުކަން ގެއްލިގެންވާ ހިތަކުން ކުރާ ދުޢާއެއް އެކަލާނގެ އިޖާބަ ނުކުރައްވާނެއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.
10. ﷲ އަށް އިޚްލާޞްތެރިވުމާއި، އަދި ދަތިކަމާއި ތަނަވަސްކަމުގައިވެސް ހަމައެކަނި ﷲ ގެ ޙަޟްރަތަށް އެދި ދެންނެވުމެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(އަދި މިސްކިތްތައް ވަނީ اللَّه އަށެވެ. ފަހެ، ތިޔަބައިމީހުން اللَّه އާއެކު އެހެން އެއްވެސް ފަރާތަކަށް ދުޢާ ނުކުރާހުށިކަމެވެ!) [އަލްޖިންނު: 18]
11. ﷲ ގެ ރިވެތިވެގެންވާ ނަންފުޅުތަކާއި ޞިފަފުޅުތައް މެދުވެރިކޮށް އެކަލާނގެއަށް ދެންނެވުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އެންމެ ރިވެތި ނަންފުޅުތައް ލިބިގެން ވަނީ ﷲ އަށެވެ. ފަހެ އެ ނަންފުޅުތަކުން ތިޔަބައިމީހުން އެ އިލާހަށް ނަންދޭށެވެ.) [އަލްއަޢުރާފު : 180]
12-ޤިބުލައަށް ކުރިމަތިލުން. ޙަދީޘްގައިވެއެވެ: “ދެންފަހެ ޤިބްލައަށް ކުރިމަތި ލައްވައިގެން، ދެ އަތްޕުޅު (މައްޗަށް) ދަންމަވައިގެން އެކަލޭގެފާނުގެ ވެރި ރައްބަށް ގޮވާލައްވަމުން ގެންދެވިއެވެ. އެކަލޭގެފާނުގެ ކޮނޑުފުޅުން ހެދުންކޮޅު ވެއްޓިއްޖައުމަށް ދާންދެނެވެ." ރިވާކުރެއްވީ މުސްލިމެވެ.
13. ކާބޯތަކެއްޗާއި އަންނައުނު ހެޔޮ ޙަލާލު ތަކެތި ކަމުގައިވުން. ޙަދީޘްގައިވެއެވެ: "ދެން އެކަލޭގެފާނު މީހެއްގެ ވާހަކަ ކިޔާ ދެއްވިއެވެ. އެ މީހާ ދިގުރާސްތާގައި ދަތުރުކޮށްފައިދެއެވެ. ބޮލުގެ އިސްތަށިތައް ހޭވި، ހިރަފުސްވެފައިވާ މީހެކެވެ. އޭނާގެ ދެ އަތް އުޑަށް އުފުލައިގެން ހުރެ ގޮވައެވެ: "އޭ އަޅުގެ ވެރި ރައްބެވެ! އޭ އަޅުގެ ރައްބެވެ!" އޭރު އޭނާ ކައި އުޅެނީ ޙަރާމް ތަކެތިންނެވެ. ބޯތަކެތިވެސް ޙަރާމެވެ. ލައިއުޅެނީވެސް ޙަރާމް ތަކެއްޗެވެ. ޙަރާމުން ކާނާ ދެވިފައި ހުރި މީހެކެވެ. ދެންފަހެ އޭނާއަށް ދުޢާ އިޖާބަވާނީ ކިހިނަކުންހެއްޔެވެ!؟" ރިވާކުރެއްވީ މުސްލިމެވެ.

އަޚުލާޤުގެ ބައި30

ސ 1: ރިވެތި އަޚްލާޤުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ: އެއުރެންގެ ތެރެއިން އަޚްލާޤު އެންމެ ރިވެތި މީހާއެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އަޙްމަދެވެ.

ސ 2: އަހަރުމެން އިސްލާމީ އަޚްލާޤުގައި ހިފަހައްޓަނީ ކީއްވެހެއްޔެވެ؟

ޖ: 1. އެހެނީ އެއީ ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭ ސަބަބެކެވެ.
ޙަދީޘްގައިވެއެވެ:
"ﷲ ގެ އަޅުތަކުންގެ ތެރެއިން ﷲ ތަޢާލާއަށް އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ މީހަކީ -ޙަދީޘްކުރެއްވިއެވެ- އެމީހުންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހާއެވެ." ރިވާކުރެއްވީ އަލްޙާކިމު އަދި އައްޠަބަރާނީއެވެ.
2. އަދި ޚަލްޤުތަކުންގެވެސް ލޯބި ލިބޭ ސަބަބެކެވެ.
3. އަދި އެއީ މީޒާނުގައި އެންމެ ބަރު އެއްޗެވެ.
ޙަދީޘްގައިވެއެވެ:
“ޤިޔާމަތް ދުވަހު ތިލަފަތުގައި އެންމެ ބަރުވެގެންވާ އެއްޗަކީ ރަނގަޅު ރިވެތި އަޚްލާޤެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.
4. ރިވެތި އަޚްލާޤުގެ ސަބަބުން އަޖުރާއި ޘަވާބު އިތުރުވެގެންދެއެވެ.
ޙަދީޘްގައިވެއެވެ:
“ހަމަކަށަވަރުން މުއުމިނާއަށް ރިވެތި އަޚްލާޤުގެ ސަބަބުން، ރޭ އަޅުކަންކުރުމުގައި ހުރެ، ދުވާލު ރޯދަ ހިފާ މީހާގެ ދަރަޖަތައް ހޯދެއެވެ." ރިވާކުރެއްވީ އަޙްމަދެވެ.
5. އަދި އެއީ އީމާންކަން ފުރިހަމަވެގެންވާކަމުގެ ޢަލާމާތެކެވެ.
ޙަދީޘްގައިވެއެވެ:
"މުއުމިނުންގެ ތެރެއިން އީމާންކަން އެންމެ ފުރިހަމަވެގެންވަނީ: އެއުރެންގެ ތެރެއިން އަޚްލާޤު އެންމެ ރިވެތި މީހާއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 3: އަހަރުމެން އަޚްލާޤު ނަގަނީ ކޮންތާކުންހެއްޔެވެ؟

ޖ: ކީރިތި ޤުރުއާނުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، މި ޤުރްއާން، އެންމެ ސީދާ މަގަށް މަގުދައްކައެވެ.) [އަލްއިސްރާއު: 9]
- އަދި ނަބަވީ ސުންނަތުންނެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ހެޔޮ ރަނގަޅު އަޚްލާޤު ފުރިހަމަކޮށް ދެއްވުމަށެވެ." ރިވާކުރެއްވީ އަޙްމަދެވެ.

ސ 4: އިޙްސާންތެރިކަމުގެ އަޚްލާޤަކީ އަދި އޭގެ ޞޫރަތަކަކީ ކޮބައިހެއްޔެވެ؟

ޖ: އިޙްސާންތެރިކަމަކީ: އަބަދުވެސް ﷲ ތަޢާލާ (ބައްލަވާ އައްސަވާވޮޑިގެންވާކަމަށް) ފާރަވެރިވެގެން ހުރުމެވެ. އަދި މަޚްލޫޤުންނާއި ހެވާއި ލާބަ ފޯރުކޮށްދީ ހެޔޮކޮށްހިތުމެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރައްވާފައިވެއެވެ:
“ހަމަކަށަވަރުން الله ކޮންމެ އެއްޗެއްގެ މައްޗަށް އިޙުސާންތެރިވުން ކަނޑައަޅުއްވާ ލިޔުއްވިއެވެ." ރިވާކުރެއްވީ މުސްލިމެވެ.
އިޙުސާންތެރިކަމުގެ ޞޫރަތަކުގެ ތެރޭގައި:

- ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އިޙުސާންތެރިވުން. އެއީ އެކަލާނގެއަށް އަޅުކަންކުރުމުގައި އިޚްލާޞްތެރިވެގެންނެވެ.
- މައިންބަފައިންނަށް ބަހާއި ޢަމަލުން އިޙްސާންތެރިވުން.
- ރަޙިމުގެ ގުޅުން އޮންނަ މީހުންނާއި ތިމާގެ މީހުންނަށް އިޙްސާންތެރިވުން.
- އަވަށްޓެރިޔާއަށް އިޙުސާންތެރިވުން.
- ޔަތީމުންނާއި މިސްކީނުންނަށް އިޙުސާންތެރިވުން.
- ތިބާއަށް ނުބައިކޮށް ހިތާ މީހާއަށް އިޙްްސާންތެރިވުން.
- ޖަދަލުކުރުމުގައި އިޙްސާންތެރިވުން.
- ވާހަކަ ދެއްކުމުގައި އިޙުސާންތެރިވުން.
- ޖަނަވާރުންނަށް އިޙުސާންތެރިވުން.

ސ 5: އިޙުސާންތެރިކަމުގެ އިދިކޮޅަކީ ކޮބައިހެއްޔެވެ؟

ޖ: އިޙްސާންތެރިކަމުގެ އިދިކޮޅަކީ ނުބައިކޮށް ހިތުމެވެ.
- އޭގެ ތެރޭގައި: ﷲ ތަޢާލާއަށް އަޅުކަންކުރުމުގައި އިޚްލާޞްތެރިވުން ދޫކޮށްލުން.
- އަދި މައިންބަފައިންނަށް ނުކިޔަމަންތެރިވުން.
- އަދި ރަޙިމުގެ ގުޅުން ކަނޑާލުން.
- އަދި އަވަށްޓެރިކަމުގައި ނުބައިކޮށް ކަންތައްކުރުން.
- އަދި ފަޤީރުންނާއި މިސްކީނުންނަށް އިޙުސާންތެރިވުން ދޫކޮށްލުމާއި، އެނޫންވެސް ނުބައި ބަސްތަކާއި ޢަމަލުތަކެވެ.

ސ 6: އަމާނާތްތެރިކަމުގެ ވައްތަރުތަކާއި ޞޫރަތަކީ ކޮބައިހެއްޔެވެ؟

ޖ: 1. ﷲ ތަޢާލާގެ ޙައްޤުފުޅުތަކަށް ރައްކާތެރިވުމުގައި އަމާނާތްތެރިވުން.
އޭގެ ޞޫރަތަކަކީ:
ނަމާދު، ޒަކާތް، ރޯދަ، ޙައްޖު، އަދި އެނޫންވެސް ﷲ އަހަރުމެންގެ މައްޗަށް ފަރުޟުކުރައްވާފައިވާ އަޅުކަންތައް އަދާކުރުމުގައި އަމާނާތްތެރިވުމެވެ.
2. ޚަލްޤުތަކުންގެ ޙައްޤުތަކަށް ރައްކާތެރިވުމުގައި އަމާނާތްތެރިވުން:
- އެއީ މީހުންގެ އަބުރުތައް ރައްކާތެރިކުރުމާއި،
އަދި އެމީހުންގެ މުދަލާއި،
އަދި އެމީހުންގެ ލެޔާއި،
އަދި އެމީހުންގެ ސިއްރުތަކާއި، މީސްތަކުން ތިބާއާ ހަވާލުކޮށްފައިވާ ހުރިހާ އަމާނާތްތަކަށް ރައްކާތެރިވުމެވެ.
ކާމިޔާބުވާނޭ މީހުންގެ ޞިފަތައް ޛިކުރުކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި އެއުރެންނީ އެއުރެންގެ އަމާނާތްތަކަށާއި އެއުރެންގެ ޢަހުދުތަކަށް ރައްކާތެރިވާ މީހުންނެވެ.) [އަލްމުއުމިނޫން: 8]

ސ 7: އަމާނާތްތެރިކަމުގެ އިދިކޮޅަކީ ކޮބައިހެއްޔެވެ؟

ޖ: ޚިޔާނާތްތެރިކަމެވެ. އެއީ ﷲ ތަޢާލާގެ ޙައްޤުފުޅުތަކާއި މީސްތަކުންގެ ޙައްޤުތައް ނަގައިލާ ގެއްލުވާލުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ﷲ އަށާއި، ރަސޫލާއަށް ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ. އަދި ތިޔަބައިމީހުންގެ އަމާނާތްތަކަށް، އެނގިއެނގި ތިބެ ތިޔަބައިމީހުން ޚިޔާނަތްތެރި ނުވާށެވެ.) [އަލްއަންފާލު: 27]
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. -އޭގެ ތެރޭގައި އެކަލޭގެފާނު ޛިކުރުކުރެއްވިއެވެ- އޭނާއާ އަމާނާތެއް ހަވާލުކުރެވިއްޖެނަމަ ޚިޔާނާތްތެރިވާނެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 8: ތެދުވެރިކަމުގެ ޚުލްޤަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ކަންކަން އޮތް ޙަޤީޤަތާ އެއްގޮތަށް، ނުވަތަ ކަންތައް އޮތް ގޮތުގެ މައްޗަށް ޚަބަރުދިނުމެވެ.
އޭގެ ޞޫރަތަކުގެ ތެރޭގައި:

- މީހުންނާ ވާހަކަ ދެއްކުމުގައި ތެދުވެރިވުން.
- ވަޢުދުވުމުގައި ތެދުވެރިވުން.
- ކޮންމެ ބަހަކާއި ޢަމަލެއްގައި ތެދުވެރިވުން.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ތެދުވެރިކަން، ހެޔޮކަމަށް މަގުދައްކައެވެ. އަދި ހަމަކަށަވަރުން ހެޔޮކަން މަގުދައްކަނީ ސުވަރުގެއަށެވެ. އަދި ހަމަކަށަވަރުން މީހާ ތެދުވެރިވުމުގައި ހުރެ އެންމެފަހުން ގޮސް އޭނާ ތެދުވެރި ޞިއްދީޤަކަށްވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 9: ތެދުވެރިކަމުގެ އިދިކޮޅަކީ ކޮބައިހެއްޔެވެ؟

ޖ: ދޮގުވެރިވުމެވެ. އަދި އެއީ ޙަޤީޤަތާ ޚިލާފުވުމެވެ. އޭގެ ތެރޭގައި މީހުންނަށް ދޮގުހެދުމާއި، ވަޢުދުތަކާ ޚިލާފުވުމާއި، ދޮގު ހެކިބަސް ދިނުން ހިމެނެއެވެ.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައި ފާޖިރުކަމަށެވެ. އަދި ނުބައި ފާޖިރުކަން މަގުދައްކަނީ ނަރަކައަށެވެ. އަދި މީހާ ދޮގުހަދަމުންދެއެވެ. އެހެންގޮސް ﷲ ގެ ޙަޟްރަތުގައި އޭނާއީ ދޮގުވެރި ކައްޛާބެއްކަމުގައި ލިޔެވިއްޖައުމަށް ދާންދެނެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. -އޭގެ ތެރޭގައި އެކަލޭގެފާނު ޛިކުރުކުރެއްވިއެވެ- އޭނާ ވަޢުދެއްވެއްޖެނަމަ ޚިލާފުވާނެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 10: ކެތްތެރިކަމުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: - ﷲ ތަޢާލާއަށް ކިޔަމަންތެރިވުމުގެ މަތީގައި ކެތްތެރިވުން.
- ފާފަތަކުން ދުރުހެލިވުމުގައި ކެތްތެރިވުން.
- ވޭންދެނިވި ތަޤްދީރުތަކަށް ކެތްތެރިވެ، ކޮންމެ ޙާލަތެއްގައިވެސް الله އަށް ޙަމްދުކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ކެތްތެރިވާ މީހުންދެކެ الله ލޯބިވެވޮޑިގަންނަވައެވެ.) [އާލްޢިމްރާން: 146]
އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "މުއުމިނާގެ ކަންތަކާމެދު ޢަޖައިބުހުއްޓެވެ. ހަމަކަށަވަރުން އޭނާއަށް ދިމާވާ އެންމެހައި ކަންތައްތައް އޭނާއަށް ހެޔޮވެގެންވެއެވެ. އަދި މުއުމިނާއަށް ނޫނީ އެހެން އެކަން ނުވެއެވެ. އޭނާއަށް އުފަލެއް މެދުވެރިވެއްޖެނަމަ ޝުކުރުވެރިވެއެވެ. ދެންފަހެ އެކަންތައްވަނީ އޭނާއަށް ހުރި ހެވަކަށެވެ. އަދި އޭނާއަށް ދެރަގޮތެއް ދިމާވެއްޖެނަމަ ކެތްތެރިވެއެވެ. ދެން އެކަންވެސް ވަނީ އޭނާއަށް ހުރި ހެވަކަށެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 11: ކެތްތެރިކަމުގެ އިދިކޮޅަކީ ކޮބައިހެއްޔެވެ؟

ޖ: - އެއީ ކިޔަމަންތެރިކަމުގެ މަތީގައި ކެތްތެރިނުވުމެވެ. އަދި ފާފައާ ދުރުގައި ހުރުމުގެ މައްޗަށް ކެތްތެރިނުވުމެވެ. އަދި ބަހުން ނުވަތަ ޢަމަލުން، ތަޤުދީރާމެދު ހިތްހަމަނުޖެހި ނުރުހުމެވެ.
އޭގެ ޞޫރަތަކުގެ ތެރޭގައި:

- މަރުވުމަށް އެދި އުއްމީދުކުރުން.
ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ:
“ތިޔަބައިމީހުންކުރެ މީހަކު އޭނާއަށް ޖެހުނު ގެއްލުމެއްގެ ސަބަބުން މަރުވާން އުއްމީދު ނުކުރާހުށިކަމެވެ. އޭނާގެ ކޮންމެހެންވެސް އެކަން ކުރަން އެދޭނަމަ ފަހެ މިހެން ކިޔާށެވެ: اللَّهُمَّ أَحْيِنِي مَا كَانَتِ الْحَيَاةُ خَيْرًا لِي، وَتَوَفَّنِي إِذَا كَانَتِ الْوَفَاةُ خَيْرًا لِي (އޭ ﷲ އެވެ! މިއަޅާއަށް ދިރިއުޅުން ރަނގަޅުހާ ހިނދަކު މިއަޅާ ދިރިލަހައްޓަވާށިއެވެ. އަދި މިއަޅާއަށް މަރުވުން ރަނގަޅުނަމަ މިއަޅާ މަރުގަންނަވާށިއެވެ.)" މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
- ކޯތާފަތުގައި ތެޅުން.
- ހެދުން ވީދުން.
- އިސްތަށިތައް ހާވާލާ ވިއްސާލުން.
- އަމިއްލަ ނަފްސު ހަލާކުވުމަށް ދުޢާކުރުން.
އެކަލޭގެފާނު عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“ކޯތާފަތުގައި ތަޅާ، އަދި ހެދުންތައް ވީދާ، އަދި ޖާހިލިއްޔަތުގެ ގޮވެލިތައް ގޮވާ މީހާއަކީ ތިމަންމެންގެ ތެރެއިންވާ މީހެއްނޫނެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
“ދަރުމައިގެ ބޮޑުކަން އަންނަނީ ޖެހުނު ބަލާވެރިކަމާއި އިމްތިޙާނުގެ ބޮޑުކަމާއި އެކުގައެވެ. އަދި الله ބަޔަކު މީހުންދެކެ ލޯބިވެވޮޑިގެންފިނަމަ އެމީހުން އިމްތިޙާނު ކުރައްވައެވެ. ދެންފަހެ ރުހިއްޖެ މީހާއަށް ހުރީ ރުއްސެވުމެވެ. އަދި ނުރުހުނު މީހަަކަށް ހުރީ ނުރުއްސެވުމެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.

ސ 12: އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވުމުގެ ޚުލްޤަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ޙައްޤާއި ހެޔޮ ރަނގަޅު ކަންކަމުގެ މައްޗަށް މީސްތަކުންގެ މެދުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީވެ އެއްބާރުލުން ދިނުމެވެ.
އެއްބާރުލުން ދިނުމުގެ ވައްތަރުތައް:

- ޙައްޤުތައް (އޭގެ އަހުލުވެރިން) ފޯރުކޮށްދިނުމުގައި އެއްބާރުލުމާއި އެހީތެރިކަން ދިނުން.
- އަނިޔާވެރިޔާ ރައްދުކޮށް ހުއްޓުވުމުގައި އެއްބާރުލުން.
- މީސްތަކުންނާއި މިސްކީނުންގެ ޙާޖަތްތައް ފުއްދައިދިނުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ އެއްބާރުލުން.
- ހެޔޮކަމުގެ މައްޗަށް އެއްބާރުލާ އެހީތެރިވުން.
- ފާފައާއި ގެއްލުމާއި އަނިޔާވެރިކަމުގެ މައްޗަށް އެހީވެ އެއްބާރުލުން ނުދިނުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ހެޔޮކަންތައް ކުރުމާއި، ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ. އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ ޢުޤޫބާތް ގަދަފަދަ ވެގެންވާ އިލާހެވެ.) [އަލްމާއިދާ: 2]
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: “މުއުމިނާ އަނެއް މުއުމިނާއަށްވަނީ ބިނާއެއް ފަދައިންނެވެ. އޭގެ އެއްބައި އަނެއްބައި ވަރުގަދަކޮށްދެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ: "މުސްލިމާއަކީ އަނެއް މުސްލިމްމީހާގެ އަޚާއެވެ. އޭނާ އޭނާގެ އަޚާއަށް އަނިޔާ ނުކުރާނެއެވެ. އަދި އޭނާ އޭނާގެ އަޚާ ޢަދާވާތްތެރީންގެ އަތްމައްޗަށް ދޫކޮށް ނުލާނެއެވެ. ތިމާގެ އަޚާގެ ޙާޖަތް ފުއްދާ ދިނުމުގައި ހުންނަ މީހާގެ ޙާޖަތް ފުއްދާ ދެއްވުމުގައި الله ދެމިވޮޑިގަންނަވާނެއެވެ. އަދި މުސްލިމެއްގެ ކިބައިން މުޞީބާތެއް ދުރުކޮށްދީފި މީހަކުގެ ކިބައިން، ﷲ ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތެއް ދުރުކޮށް ދެއްވާނެއެވެ. މުސްލިމެއް ފަރުދާކޮށްދީ (އޭނާގެ ސިއްރު ފޮރުވާދީފި) މީހާ؛ ﷲ ޤިޔާމަތްދުވަހު އޭނާ ފަރުދާކޮށްދެއްވާނެއެވެ. (ޢައިބުތައް ފޮރުވާދެއްވާނެއެވެ.)" މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 13: ލަދުވެތިކަމުގެ އަޚްލާޤީ ޞިފައިގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ﷲ ދެކެ ލަދުވެތިވުން: އެއީ އެކަލާނގެ ސުބްޙާނަހޫ އަށް އުރެދުންހުރި ކަމެއް ނުކޮށްގެންނެވެ.
2. މީސްތަކުންދެކެ ލަދުވެތިވުން: އޭގެ ތެރޭގައި ފާޙިޝް ހަޑި ވާހަކަތައް ދެއްކުމާއި، ޢައުރަ ކަޝްފުކުރުން ދޫކޮށްލުންވެއެވެ.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"އީމާންކަންވަނީ ހަތްދިހަ އެތަކެއް -ނުވަތަ ފަސްދޮޅަސް އެތައް- ގޮތްޕަށެވެ. ފަހެ އޭގެ އެންމެ މަތީ ގޮތްޕަކީ: لا إله إلا الله ކިޔުމެވެ. އަދި އެންމެ ދަށުގައިވަނީ މަގުމަތިން އުނދަގޫވާ ތަކެތި އެއްފަރާތް ކުރުމެވެ. އަދި ލަދުވެތިކަމަކީ އީމާންކަމުގެ ގޮތްޕެކެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 14: ރަޙުމްކުރުމުގެ ޚުލްޤުގެ ޞޫރަތަކަކީ ކޮބައިހެއްޔެވެ؟

ޖ: - ޢުމުރުން ދުވަސްވީ މީހުންނަށް ރަޙުމްކުރުމާއި އިޙްތިރާމް ކުރުން.
- ޢުމުރުން ހަގު ކުޑަކުދިންނަށް ރަޙުމްކުރުން. ޙަދީޘްގައިވެއެވެ: “އަހަރުމެންގެ ތެރެއިންވާ ބޮޑެތި މީހުންނަށް އިޙްތިރާމް ނުކުރާ، އަދި އަހަރުމެންގެ ކުޑަކުއްޖާއަށް ރަޙުމްނުކުރާ މީހާ އަހަރުމެންގެ ތެރެއިން ނުވެއެވެ. " ރިވާކުރެއްވީ އަޙްމަދެވެ.
- ފަޤީރުންނާއި، މިސްކީނުންނާއި، ޙާޖަތް ޖެހިފައިވާ މީހުންނަށް ރަޙުމްކުރުން.
- ޖަނަވާރުތަކަށް ކާންދީ، އަދި އެއަށް ގެއްލުމެއް ނުދީ ރަޙުމްކުރުން.
އޭގެ ތެރޭގައި ނަބިއްޔާ عليه الصلاة والسلام ގެ މި ބަސްފުޅުވެއެވެ:
"މުއުމިނުން އެއްބަޔަކު އަނެއްބަޔަކަށް ރަޙުމްކުރުމާއި، ލޯބިވުމާއި، ހަމްދަރުދީވުމުގައި ތިބާއަށް އެމީހުން ފެންނާނީ (އެއް) ހަށިގަނޑެއްގެ މިސާލުގެ ގޮތުގައެވެ. ގުނަވަނަކަށް ރިހުމެއް އަތުވެއްޖެނަމަ ނިދި ނުލިބުމާއި، ހުން އައުމުން އޭނާގެ ހަށިގަނޑުގެ ބާކީ ބައި އޭގައި ބައިވެރިވެއެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ރަޙްމުކުރާ މީހުންނަށް ރަޙްމާނުވަންތަ އިލާހު ރަޙުމްކުރައްވާނެއެވެ. ބިމުގެ އަހުލުވެރިންނަށް ރަޙުމްކުރާށެވެ. އެއިރުން އުޑުގައިވާ އިލާހު ތިޔަބައިމީހުންނަށް ރަޙުމްކުރައްވާނެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 15: ލޯބިވުމުގެ އަޚްލާޤު ބެހޭ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: ﷲ ތަޢާލާދެކެ ލޯބިވުން.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(އަދި އީމާންވި މީހުން الله ދެކެ ލޯބިވުން މާ ބޮޑުވެގެންވެއެވެ.) [އަލްބަޤަރާ: 165]
- ރަސޫލާ ﷺ ދެކެ ލޯބިވުން.
އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ:
"އެމީހެއްގެ ބައްޕައާއި، ދަރިއާއި، ހުރިހާ މީސްތަކުންނަށްވުރެވެސް ތިމަންކަލޭގެފާނު އެމީހަކުގެ ގާތުގައި ލޮބުވެތިވެއްޖައުމަށް ދާންދެން ތިޔައިގެ ތެރެއިން އެކަކުވެސް އީމާންވިކަމުގައި ނުވެއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
ތިމާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ގޮތަށް މުއުމިނުންދެކެ ލޯބިވެ، އެމީހުންނަށް ހެވަށް ލޯބިކުރުން.
ނަބިއްޔާ عليه الصلاة والسلام ޙަދީޘްކުރެއްވިއެވެ:
"ތިޔަބައިމީހުންގެ ތެރެއިން އެއްވެސް މީހަކު، އޭނާގެ އަމިއްލަ ނަފްސަށް ލޯބިކުރާ ގޮތަށް އޭނާގެ އަޚާއަށް ލޯބިކޮށްފުމަށް ދާންދެން އީމާންވިކަމުގައި ނުވެއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.

ސ 16: އުފާވެރި އުޖާލާ މޫނެއް ދެއްކުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ މީސްތަކުންނާ ބައްދަލުވާހިނދު މޫނު އުޖާލާވެ، އެއާއެކު އުފާވެރިކަމާއި، ހިނިތުންވުމާއި، އޯގާތެރިކަމާއި، ހިތްފަސޭހަކަން ހާމަކުރުމެވެ.
އެއީ މީހުން ނަފުރަތްތެރިވާ ގޮތަށް، މީސްތަކުންގެ މޫނުމަތީގައި މޫނު ކުނިކުރާ މީހާގެ އިދިކޮޅެވެ.
- އެކަމުގެ މާތްކަމާމެދު ޙަދީޘްތައް އައިސްފައިވެއެވެ. އެގޮތުން އަބޫ ޛައްރު رضي الله عنه ގެ އަރިހުންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ނަބިއްޔާ ﷺ އަހަރެންނަށް ޙަދީޘްކުރެއްވިއެވެ: "ހެޔޮކަމުން އެއްވެސް ކަމެއް ތިބާ ދަށްކޮށްނުލާށެވެ. އެއީ ތިބާގެ އަޚާއާ އުފާވެރި މޫނަކާގެން ބައްދަލުކުރުންވިޔަސްމެއެވެ." ރިވާކުރެއްވީ މުސްލިމެވެ.
އަދިވެސް ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ތިބާގެ އަޚާގެ މޫނު މަތީގައި ތިބާ ހިނިތުންވުމަކީ ތިބާއަށް ހުރި ޞަދަޤާތެކެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ސ 17: ޙަސަދަވެރިކަމަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ އަނެކާގެ ކިބައިން ނިޢުމަތް ފިލައި ދިޔުމަށް އުއްމީީދުކުރުން، ނުވަތަ އަނެކާއަށް ނިޢުމަތެއް ލިބުމަށް ނުރުހުންވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.) [އަލްފަލަޤު: 5]
އަނަސް ބްނު މާލިކު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކާ ރުޅިވެރި ނުވާށެވެ. އަދި ތިޔަބައިމީހުން އެއް ބަޔަކު އަނެއް ބަޔަކަށް ޙަސަދަވެރި ނުވާށެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް ފުރަގަސް ނުދޭށެވެ. އޭ ﷲ ގެ އަޅުތަކުންނޭވެ. އަޚުންތަކެއްކަމުގައި ތިޔަބައިމީހުން ވާށެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

ސ 18: ފުރައްސާރަކުރުމަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ ތިމާގެ މުސްލިމް އަޚާއަށް މަލާމާތްކޮށް ނިކަމެތިކޮށް ދަށްކޮލުމެވެ. އަދި މިއީ ހުއްދަ ކަމެއް ނޫނެވެ.
ﷲ ތަޢާލާ އެކަން ނަހީކުރައްވާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެ ފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް މަލާމާތްކޮށް ފުރައްސާރަ ނުކުރާށެވެ. އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ، އެފުރައްސާރަކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކަށް ޢައިބު ނުކިޔާށެވެ. (އެބަހީ: އެކަކު އަނެކަކަށް އައިބު ނުކިޔާށެވެ.) އަދި އެއްބަޔަކު އަނެއް ބަޔަކަށް ނުރުހޭކަހަލަ ލަޤަބުތަކުން ނުގޮވާށެވެ. އީމާންވުމަށް ފަހު ފާސިޤުކަމުގެ ނަން ލިބުމަކީ، ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެ ކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ.) ފަހެ އެ މީހުންނީ، ހަމަ އަނިޔާވެރިންނެވެ.) [އަލްޙުޖްރާތު: 11]

ސ 19: ތަވާޟުޢުވެރިކަމަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ އެހެން މީހުންގެ މަތީގައި ތިމާގެ ނަފްސުވާ ކަމަށް ނުދެކުމެވެ. އެގޮތުން މީސްތަކުން ދަށްކޮށް ނުލައެވެ. އަދި ޙައްޤާ ދެކޮޅު ނުހަދައެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ރަޙްމާނުވަންތަ އިލާހުގެ އަޅުންނީ، މަޑުމައިތިރިކަމާއި ހިމޭންކަމާއެކު ބިމުގައި ހިނގާ އުޅޭ މީހުންނެވެ.) [އަލްފުރްޤާނު: 63] އެބަހީ: ހިތްތިރިކަމާއި ތަވާޟަޢުވެރިކަމާ އެކުގައިއެވެ.
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"އަދި އެއްވެސް މީހަކު ﷲ އަށްޓަކައި ތަވާޟަޢުވެރިވެ ހިތްތިރިކޮށްފިނަމަ؛ ﷲ އެމީހަކު (ޤަދަރާއި ދަރަޖައިގެ ގޮތުން) އުފުއްލަވައިގެން މެނުވީ ނުވެއެވެ." ރިވާކުރެއްވީ މުސްލިމެވެ.
އަދިވެސް އެކަލޭގެފާނު ﷺ ޙަދީޘްކުރެއްވިއެވެ:
"ހަމަކަށަވަރުން ﷲ ތިމަންކަލޭގެފާނަށް ވަޙީކުރައްވާ އެންގެވީ ތިޔަބައިމީހުން ތަވާޟަޢުވެރިވުމަށެވެ. އެއީ އެއްވެސް މީހަކު އަނެއް މީހާގެ މައްޗަށް ފަޚުރުވެރި ނުވުމަށްޓަކައިއެވެ. އަދި އެއްވެސް މީހަކު އެއްވެސް މީހަކަށް އަނިޔާއެއް ނުކުރުމަށެވެ.” ރިވާކުރެއްވީ މުސްލިމެވެ.

ސ 20: ޙަރާމްވެގެންވާ ކިބުރުވެރިކަމުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ޙައްޤުގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުމެވެ. އެއީ ޙައްޤު ރައްދުކޮށް، އެ ޤަބޫލު ނުކުރުމެވެ.
2. މީސްތަކުންގެ މައްޗަށް ބޮޑާވެ ކިބުރުވެރިވުން. އެއީ މީސްތަކުން ދަށްކޮށްލާ، އަދި އެމީހުންނަށް އިހާނެތިކޮށް ހިތުމެވެ.
ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"އެމީހެއްގެ ހިތުގައި ޛައްރެއްގެ މިންވަރުވެސް ބޮޑާކަންވާ މީހާ ސުވަރުވެ ނުވަންނާނެއެވެ." ދެން މީހަކު ދެންނެވިއެވެ: "މީހަކު އޭނާގެ ހެދުން ރީތި ވުމަށާއި، އޭނާގެ ފައިވާން ރީތިވުމަށް ލޯބިކުރެއެވެ؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “ހަމަކަށަވަރުން ﷲ އީ ރީތިވެގެންވާ، އަދި ރީތިކަމަށް ލޯބިވެވޮޑިގެންވާ ފަރާތެކެވެ. ކިބުރުވެރިކަމަކީ: ޙައްޤަށް އިންކާރުކޮށް ދެކޮޅުހަދާ، އަދި މީސްތަކުން ދަށްކޮށްލުމެވެ." ރިވާކުރެއްވީ މުސްލިމެވެ.
- ޙައްޤާ ދެކޮޅުހެދުމަކީ: ޙައްޤު ރައްދުކޮށް އިންކާރުކުރުމެވެ.
- މީސްތަކުން ދަށްކޮށްލުމަކީ: މީސްތަކުން ނިކަމެތިކަމުގެ ލޮލުންދެކުމެވެ.
- ރީތި ހެދުމާއި ރީތި ފައިވާނަކީ އަދި ކިބުރުވެރިކަމުގެ ތެރެއިންވާ ކަމެއް ނޫނެވެ.

ސ 21: ޙަރާމް މަކަރާއި ހީލަތުގެ ބައެއް ބާވަތްތަކަކީ ކޮބައިހެއްޔެވެ؟

ޖ: ގަނެ ވިއްކުމުގައި މަކަރުހެދުން. އެއީ ވިޔަފާރި މުދަލުގައި ހުރި ޢައިބެއް އަދި އުނިކަމެއް ފޮރުވުމެވެ.
- ޢިލްމު އުނގެނުމުގައި މަކަރުހެދުން. އޭގެ މިސާލަކީ: ދަރިވަރުން އިމްތިޙާނުތަކުގައި މަކަރުހެދުމެވެ.
- ބަސްބުނުމުގައި އޮޅުވާލާ މަކަރުހެދުން، މިސާލަކަށް: ދޮގު ހުވާކުރުމާއި ދޮގުހެދުން ފަދަ ކަންކަމެކެވެ.
- ތިމާ ބުނާ އެއްޗަކާއި މީހުންނާ އެއްބަސްވާ ކަންކަމަށް ވަފާތެރި ނުވުން.
މަކަރުހެދުން ނަހީވެގެންވުމުގައި އައިސްފައިވެއެވެ:
ﷲ ގެ ރަސޫލާ ﷺ، ކާބޯތަކެތީގެ ފުންޏެއް ކައިރިން ލާފައި ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު އެއަށް ވެއްދެވުމުން އިނގިލިފުޅުތަކުގައި ތެތްކަން ބީހުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "އޭ ކާތަކެތީގެ ވެރިޔާއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ: "އޭ اللهގެ ރަސޫލާއެވެ. އެއަށް ވާރޭ ވެހުނީއެވެ." ޙަދީޘް ކުރެއްވިއެވެ: "ތިބާ މީސްތަކުންނަށް ފެންނަ ގޮތަށް ވާރޭ ޖެހުނު ތަކެތި އެންމެ މަތީގައި ނުބެހެއްޓީ ކީއްވެގެންހެއްޔެވެ؟ ތިމަންމެންނަށް މަކަރު ހަދައިފި މީހާއަކީ ތިމަންމެންގެ ތެރެއިންވާ މީހެއް ނޫނެވެ." ރިވާކުރެއްވީ މުސްލިމެވެ.
ޙަދީޘްގައިވާ الصُّبْرَة ގެ މާނައަކީ:
ކާތަކެތީގެ ފުންޏެކެވެ.

ސ 22: ޣީބައަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ ތިމާގެ މުސްލިމް އަޚާ ޣައިރު ޙާޒިރުގައި އޭނާ ނުރުހޭނެ ގޮތަކަށް އޭނާގެ ވާހަކަ ދެއްކުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި އެއްބަޔަކު އަނެއް ބަޔަކަށް ޣީބަ ނުބުނާށެވެ! ތިޔަބައިމީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސް މުޅަކޮށް ކެއުމަށް ލޯބިކުރާނެހެއްޔެވެ؟ ފަހެ ތިޔަބައިމީހުން އެ ކަމަކަށް ނުރުހޭނެއެވެ. އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ، ގިނަގިނައިން ތައުބާ ޤަބޫލު ކުރައްވާ ރަޙީމްވަންތަ އިލާހެވެ.) [އަލްޙުޖްރާތު: 12]

ސ 23: ދެބައޮޑުވުމަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ މީހުންގެ މެދުގައި މަޞްލަޙަތު ގޯސްކޮށް، ފަސާދަކުރުމުގެ ބޭނުމުގައި އެމީހުންގެ މެދުގައި ވާހަކަ ބަދަލުކުރުމެވެ.
- ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: “ދެބައޮޑުވާ ވާހަކަ އުފުލާ މީހާ ސުވަރުގެއަކަށް ނުވަންނާނެއެވެ.” ރިވާކުރެއްވީ މުސްލިމެވެ.

ސ 24: ކަންނެތްކަމަކީ ކޮބައި ހެއްޔެވެ؟

ޖ: އެއީ ހެޔޮ ކަންތައްތަކާއި އިންސާނާ ކުރަންޖެހޭ ކަންކަމުން ބުރަހެލިވެ ލޮޑުވުމެވެ.
އޭގެ ތެރޭގައި:
ވާޖިބުތައް އަދާކުރުމުގައި ކަންނެތްވުންވެއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ހަމަކަށަވަރުން މުނާފިޤުން ﷲ އަށް އޮޅުވައިލަތެވެ. (އެބަހީ: އޮޅުވައިލުމަށްކުރާ ކަހަލަ ޢަމަލުތައް ކުރެތެވެ.) އެކަލާނގެ އެއުރެންނަށް އޮޅުވާލައްވާ ( އޮޅުވައިލުން ރައްދުކުރައްވާ) ހުށްޓެވެ. އަދި، އެއުރެން ނަމާދަށް ތެދުވާއިރު، މީސްތަކުންނަށް ކަންދައްކަމުން ކަންނެތްވެ ތިބެ ތެދުވެތެވެ. އަދި، ވަރަށް މަދުން މެނުވީ، އެއުރެން اللَّه ހަނދުމައެއް ނުކުރެތެވެ.) [އައްނިސާއު: 142]
އެހެންކަމުން މުއުމިނާ، ކަންނެތްކަމާއި، ބުރަހެލިކަމާއި، ލޮޑުޖެހުން ދޫކޮށްލާފައި؛ ޢަމަލުކޮށް ޙަރަކާތްކުރުމުގައި، އަދި ﷲ ތަޢާލާ ރުއްސަވާގޮތަށް މި ޙަޔާތުގައި އުޅުމަށް ގަދައަޅާ މަސައްކަތްކުރަން ޖެހެއެވެ.

ސ 25: ރުޅިވެރިކަމުގެ ވައްތަރުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ތަޢުރީފު ލިބިގެންވާ ރުޅިވެރިކަން: އެއީ ކާފަރުން ނުވަތަ މުނާފިޤުން ނުވަތަ އެހެން ބަޔަކު ﷲ ސުބްޙާނަހޫ ޙުރުމަތްތެރި ކުރެއްވި ކަންކަން ނަގައިލާ ހިނދު އެކަލާނގެއަށްޓަކައި ރުޅިއައުމެވެ.
2. ކުށްވެރިކުރެވޭ ރުޅި: އެއީ އެ ރުޅިއެއްގެ ސަބަބުން އެކަށީގެން ނުވާ ކަންކަން ކޮށް އަދި ބަސްބުނަން އިންސާނާއަށް މެދުވެރިކުރާ ރުޅިއެވެ.
- ކުށްވެރިކުރެވޭ ރުޅިވެރިކަމަށްވާ ފަރުވާ:
- ވުޟޫކުރުން.
- ކޮޅަށް ހުރިނަމަ އިށީނނުން، އަދި އިށީނދެގެން އިންނަމަ އޮށޯތުން.
- އަދި އެކަމުގައި ނަބިއްޔާ ﷺ ކުރައްވާފައިވާ ވަޞިއްޔަތްކަމުގައިވާ: "ތިބާ ރުޅި ނާންނާށެވެ." މީގައި ހިފެހެއްޓުން.
- ރުޅި އަންނައިރު ދީލާލައިގެން ދިޔުމުން ނަފްސު ކޮންޓްރޯލު ކުރުން.
- ލަޢުނަތް ލިބިފައިވާ ޝައިޠާނާގެ ކިބައިން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދުން.
- ހަނުހުރުން.

ސ 26: ޖާސޫސްކުރުމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ މީހުންގެ އަމިއްލަ ސިއްރުތަކާއި އެމީހުން ފޮރުވާ އެއްޗެހި ހާމަކޮށް ހޯދުމެވެ.
އޭގެ ޙަރާމް ވައްތަރުތަކުގެ ތެރޭގައި:

- ގޭގޭގައި ހުންނަ މީހުންގެ ފޮރުވާފައިވާ ކަންކަމަށް ބެލުން.
- މީހުންގެ ވާހަކަތައް އެމީހުންނަށް ނޭނގި އަޑުއެހުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައިމީހުން ޖާސޫސްނުކުރާށެވެ..) [އަލްޙުޖްރާތު: 12]

ސ 27: އިސްރާފުކުރުމަކީ ކޮބައި ހެއްޔެވެ؟ ބަޚީލުކަމަކީ ކޮބައި ހެއްޔެވެ؟ ދީލަތިކަމަކީ ކޮބައި ހެއްޔެވެ؟

ޖ: އިސްރާފުކުރުމަކީ: ޙައްޤުނޫން ގޮތުގައި ފައިސާ ހޭދަކުރުމެވެ. އަދި އޭގެ އިދިކޮޅަކީ ބަޚީލުކަމެވެ (ދަހިވެތިކަމެވެ.) އެއީ ޙައްޤު ގޮތުގައި ފައިސާ ހޭދަކުރުމުން ހިފެހެއްޓެވުމެވެ.
ޞައްޙަ ރަނގަޅުގޮތަކީ އެ ދެމެދުގައިވާ މެދު މިން އިޚުތިޔާރުކުރުމެވެ. އެއީ މުސްލިމުމީހާ ދީލަތި މީހެއްކަމުގައިވުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި އެއުރެންނީ، އެއުރެން ހޭދައެއް ކޮށްފިނަމަ އިސްރާފުނުކުރާ، އަދި މުށްބާރުވެސް ނުކުރާ، އަދި އެދެމެދުގައި މެދުމިންވެ ތިބޭމީހުންނެވެ.) [އަލްފުރްޤާނު: 67]

ސ 28: ފިނޑިކަމަކީ ކޮބައި ހެއްޔެވެ؟ އަދި ހިތްވަރުގަދަކަމަކީ ކޮބައި ހެއްޔެވެ؟

ޖ: ފިނޑިކަމަކީ: ބިރުގަންނަން ނުޖެހޭ ކަންކަމާމެދު ބިރުގަތުމެވެ.
މިސާލަކަށް ޙައްޤު ބަސްބުނުމާއި، މުންކަރާތަށް އިންކާރުކުރަން ބިރުގަތުމެވެ.
ހިތްވަރުގަދަކަމަކީ:
އެއީ ޙައްޤަށް ހިތްވަރާއެކު ކުރިމަތިލާ ކުރިއަށް ދިޔުމެވެ. އެއީ މިސާލަކަށް: އިސްލާމްދީނާއި މުސްލިމުންގެ ދިފާޢުގައި ޖިހާދުގެ މައިދާން ތަކުގައި އިސްނަގައިގެން ކުރިއަށް ދިޔުންފަދައިންނެވެ.
- ނަބިއްޔާ ﷺ ދުޢާގައި ވިދާޅުވެއެވެ: «اللَّهُمَّ إنِّي أعوذُ بكَ من الجُبنِ...».
“އޭ ﷲ އެވެ! ފިނޑިކަމުން ރައްކާތެރިކޮށް ދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން މިއަޅާ އެދެމެވެ.."
އަދި ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ:
"ވަރުގަދަ މުއުމިނަކު ބަލިކަށި މުއުމިނަކަށް ވުރެ ހެޔޮވެ، އަދި ﷲ ގެ ޙަޟްރަތަށް ލޮބުވެތިކަން ބޮޑުވެގެންވެއެވެ. އަދި ކޮންމެ މީހެއްގައިވެސް ހެޔޮކަންވެއެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 29: ދުލުން ބުނުން ޙަރާމް ބައެއް ބަސްތަކަކީ ކޮބައިހެއްޔެވެ؟

ޖ: - މިސާލަކަށް ލަޢުނަތްދިނުމާއި ބަދުބަސްބުނުން.
- އަދި މިސާލަކަށް: މިވެނި މީހަކީ “ޖަނަވާރެކޭ” ބުނުން ނުވަތަ އެފަދަ ބަސްތަކެވެ.
- ނުވަތަ ފާޙިޝް ހަޑި ބަސްތަކުން ޢައުރަތައް ނަންގަތުން.
- ނަބިއްޔާ ﷺ ވަނީ އެ ހުރިހާ ކަމެއް މަނާކުރައްވައިފައިއެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: “މުއުމިނަކީ ފާޑުކިޔާ އެއްޗެހިކިޔުން ގިނަ މީހެއް ނޫނެވެ. އަދި ލަޢުނަތްދިނުން ބޮޑު މީހެއްވެސް ނޫނެވެ. އަދި ފާޙިޝް ބަސްބުނާ މީހެއްވެސް ނޫނެވެ. އަދި ހަޑިހުތުރު ބަސް ބުނާ މީހެއްވެސް ނޫނެވެ.” މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު ޙިއްބާނެވެ.

ސ 30: މުސްލިމަކު ރަނގަޅު ރިވެތި އަޚްލާޤު އަށަގަންނުވަން އެހީވެދޭނެ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. ތިބާއަށް ރިވެތި އަޚްލާޤު ދެއްވާ، އަދި އެކަމަށް އެހީތެރިކަން ދެއްވުމަށް ﷲ އަށް ދުޢާކުރުމެވެ.
2. ﷲ ޢައްޒަ ވަޖައްލައާމެދު ފާރަވެރިވެ ހުރެ، އެކަލާނގެ ތިބާ ދެނެވޮޑިގެންވެ، އައްސަވާވޮޑިގެންވެ، ބައްލަވާވޮޑިގެންވާ ކަން ދަނެގެންވުމެވެ.
3. ރިވެތި އަޚްލާޤުގެ ޘަވާބާއި، އަދި އެއީ ސުވަރުގެ ވަދެވޭނެ ސަބަބެއްކަން ހަނދާންކުރުމެވެ.
4. ނުބައި އަޚްލާޤުގެ ނަތީޖާއާއި، އަދި އެއީ ނަރަކައަށް ވަންނަން ޖެހޭ ސަބަބެއްކަން ހަނދާންކުރުމެވެ.
5- ރަނގަޅު އަޚްލާޤުގެ ސަބަބުން ﷲ ތަޢާލާގެ ލޯތްބާއި އެކަލާނގެ ޚަލްޤުތަކުންގެ ލޯބި ލިބިއެވެ. ނުބައި އަޚްލާޤުގެ ސަބަބުން ﷲ ގެ ނުރުއްސެވުމާއި އެކަލާނގެ ޚަލްޤުތަކުންގެ ނަފްރަތު ލިބެއެވެ.
6- ނަބިއްޔާ عليه الصلاة والسلام ގެ ސީރަތުގައި ކިޔާ، އެކަލޭގެފާނަށް ތަބަޢަވުމެވެ.
7- ރަނގަޅު މީހުންނާއެކު އުޅުމާއި، ނުބައި މީހުންނާއެކު އުޅުމުން ދުރުވެ އެއްކިބާވުން.
*******
- އެންމެ ހެޔޮ ރަނގަޅު ޛިކުރަކީ ހިތާއި ދޫ އޭގެ މައްޗަށް އިއްތިފާޤުވާ ޛިކުރެވެ.

ދުޢާތަކާއި ޛިކުރުތަކުގެ ބައި43

ސ 1: ޛިކުރުކުރުމުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: “ﷲ ހަނދުމަކުރާ މީހާއާއި ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެއެވެ.” ރިވާކުރެއްވީ އަލްބުޚާރީއެވެ.
- އެހެނީ: މީހެއްގެ ޙަޔާތުގެ އަގު ބިނާވެފައި އޮންނަނީ އެމީހެއް ﷲ ތަޢާލާ ހަނދުމަކޮށް ޛިކުރުކުރާ މިންވަރެއްގެ މައްޗަށެވެ.

ސ 2: ޛިކުރުގެ ބައެއް ފައިދާތައް ބަޔާންކުރާށެވެ.

ޖ: 1. ރަޙުމާނުވަންތަ އިލާހުގެ ރުއްސެވުން ލިބުން.
2. އަދި ޝައިޠާނާ ފައްސާލައެވެ.
3. އަދި މުސްލިމުން ނުބައިތަކުން ރައްކާތެރިކޮށްދީ ޙިމާޔަތްކޮށްދެއެވެ.
4. އަދި އޭގެ ސަބަބުން އަޖުރާއި ޘަވާބު ޙާޞިލުވެއެވެ.

ސ 3: އެންމެ މާތް ރަނގަޅު ޛިކުރަކީ ކޮބައިހެއްޔެވެ؟

ޖ: «لا إله إلا الله» އެވެ.
މާނައީ:
ﷲ ފިޔަވައި ޙައްޤު ގޮތުގައި އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.

ސ 4: ނިދިން ހޭލާއިރު ތިބާ ކިޔަނީ ކީކޭ ހެއްޔެވެ؟

«الحمد لله الذي أحيانا بعدما أماتنا وإليه النشور».
(އަހަރުމެން މަރުގެންނެވުމަށް ފަހު ދިރުއްވި ﷲ އަށް ޙަމްދުހުއްޓެވެ. އަދި އެނބުރި ދިޔުންވަނީ އެކަލާނގެ ޙަޟްރަތަށެވެ.) މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 5: ހެދުން ލާއިރު ތިބާ ކިޔަނީ ކީކޭ ހެއްޔެވެ؟

ޖ: «الحمد لله الذي كساني هذا الثوب ورزقنيه من غير حول مني ولا قوة»
މާނައީ: "އަޅާ މިހެދުން ލައްވާ، އަދި މިއަޅާގެ އެއްވެސް އާރެއް އަދި ބާރެއް ނެތި މިއަޅާއަށް މި ހެދުން ރިޒްޤުކުރެއްވި ﷲ އަށް ޙަމްދުހުއްޓެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.

ސ 6: ހެދުން ބާލާއިރު ތިބާ ކިޔާނީ ކީކޭ ހެއްޔެވެ؟

ޖ- «بسم الله» އެވެ. މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ސ 7: އާ ހެދުން ލައިގެން ކިޔާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «اللهم لك الحمد أنت كسوتنيه، أسألك خيره وخير ما صنع له، وأعوذ بك من شره وشر ما صنع له»
މާނައީ: “އޭ ﷲއެވެ! އިބައިލާހަށް ޙަމްދު ހުއްޓެވެ. މިއަޅާއަށް މިހެދުން އަޅައިދެއްވީ އިބައިލާހެވެ. އޭގެ ހެޔޮކަމާއި، އެކަމަށްޓަކައި އެ ހެދުން އުފެއްދުނު ހެޔޮކަން ދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި އޭގެ ނުބައިކަމާއި، އެކަމަށްޓަކައި އެ ހެދުން އުފެއްދުނު ކަންތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދެމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 8: އާ ހެދުމެއް ލައިގެން ހުންނަ މީހަކަށް ކޮށްދޭނެ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: އެހެން މީހަކު އައު ހެދުމެއް ލައިގެން ހުރިތަން ތިބާއަށް ފެނިއްޖެނަމަ ތިބާ އޭނާއަށް ދުޢާކޮށްދީ މިހެން ކިޔާނީއެވެ: «تُبْلِي ويُخلف الله تعالى»
މާނައީ: "ތިބާ (ތި ހެދުން ލުމުގެ ނިޢުމަތުގައި ދެމިހުރެ) ބާކުރާށިއެވެ. އަދި ﷲ (އެއަށްވުރެ ރަނގަޅު ހެޔޮ) ބަދަލު ދެއްވާނެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދެވެ.

ސ 9: ފާޚާނާ -އެބަހީ ޤަޟާ ޙާޖާ ކުރާތަނަށް- ވަންނައިރު ކިޔާ ދުޢާއަކީ ކޮަބައިހެއްޔެވެ؟

ޖ: «اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ»
މާނައީ: "އޭ ﷲ އެވެ! ފިރިހެން އަދި އަންހެން ޝައިޠާނުންގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބައިލާހުގެ ޙަޟްރަތުން އެދެމެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 10: ފާޚާނާއިން ނުކުންނައިރު ކިޔާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «غفرانك»
މާނައީ: "އިބައިލާހުގެ ފުއްސެވުމަށް އެދެމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 11: ވުޟޫ ކުރުމުގެ ކުރިން ކިޔަނީ ކީކޭ ހެއްޔެވެ؟

ޖ- «بسم الله» އެވެ. ރިވާކުރެއްވީ އަބޫ ދާވޫދާއި އެހެން ބޭކަލުންނެވެ.

ސ 12: ވުޟޫކޮށް ނިމުމުން ކިޔާ ޛިކުރަކީ ކޮބައިހެއްޔެވެ؟

ޖ : «أشهد أن لا إله إلا الله، وحده لا شريك له، وأشهد أن محمدًا عبده ورسوله»
މާނައީ: "الله ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އެހެން އެއްވެސް އިލާހެއް ނެތްކަމަށާއި، އެކަލާނގެ އެއްކައުވަންތަކަމާއި، އެކަލާނގެއަށް ޝަރީކަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާކަމަށް އަޅު ހެކިވަމެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 13: ގެއިން ނުކުންނައިރު ކިޔާ ޛިކުރަކީ ކޮބައިހެއްޔެވެ؟

ޖ: «بسم الله، توكلت على الله، ولا حول ولا قوة إلا بالله»
މާނައީ: "ﷲ ގެ ނަންފުޅުން އަޅު ނިކުންނަމެވެ. ﷲ އަށް އަޅު ވަކީލުކޮށްފީމެވެ. އެއްވެސް އާރަކާއި ބާރެއް ﷲ ގެ ޙަޟްރަތުން މެނުވީ ނުވެއެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 14: ގެއަށް ވަންނައިރު ކިޔާ ޛިކުރަކީ ކޮބައިހެއްޔެވެ؟

ޖ: «بسم الله ولجنا، وبسم الله خرجنا، وعلى الله ربنا توكلنا»
މާނައީ: "ﷲގެ އިސްމުފުޅުން އަހަރުމެން ވަންނަމެވެ. އަދި ﷲގެ އިސްމުފުޅުން އަހަރުމެން ނިކުންނަމެވެ. އަދި އަހަރުމެންގެ ވެރި ރައްބު ﷲ އަށް އަހަރުމެން ވަކީލުކުރަމެވެ.”
ދެން ގޭގެ އަހުލުވެރީންނަށް ސަލާމްކުރާނީއެވެ. ރިވާކުރެއްވީ އަބޫ ދާވޫދެވެ.

ސ 15: މިސްކިތަށް ވަންނައިރު ކިޔާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «اللهم افتح لي أبواب رحمتك».
މާނައީ:
"އޭ ﷲ އެވެ! އިބަ އިލާހުގެ ރަޙުމަތުގެ ދޮރުކޮޅުތައް މިއަޅާއަށްޓަކައި ހުޅުވާދެއްވާށިއެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 16: މިސްކިތުން ނިކުންނައިރު ކިޔާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «اللهم إني أسألك من فضلك».
"އޭ ﷲ އެވެ! އިބައިލާހުގެ ފަޟްލަވަންތަކަން ދެއްވުމަށް މިއަޅާ އެދި ދަންނަވަމެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 17: ބަންގީގެ އަޑުއިވޭހިނދު ތިބާ ކިޔަނީ ކީކޭހެއްޔެވެ؟

ޖ: އަހަރެން ކިޔާނީ ބަންގިގޮވާ މީހާ ކިޔާގޮތަށެވެ. ނަމަވެސް «حي على الصلاة» އަދި «حي على الفلاح» ކިޔުމުން އަހަރެން ކިޔަނީ : «لا حول ولا قوة إلا بالله» އެވެ. މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 18: ބަންގިއަށް ފަހު ތިބާ ކިޔަނީ ކީކޭ ހެއްޔެވެ؟

ޖ: “ނަބިއްޔާ ﷺގެ މައްޗަށް ޞަލަވާތް ކިޔަވާނީއެވެ. ރިވާކުރެއްވީ މުސްލިމެވެ.
- އަދި މިހެން ކިޔާނީއެވެ: «اللهمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاةِ القَائِمَةِ، آتِ مُحَمَّدًا الوَسِيلَةَ وَالفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ»
މާނައީ: "އޭ ﷲ އެވެ! މި ފުރިހަމަ ގޮވާލުމުގެ ވެރިރައްބެވެ! އަދި ޤާއިމުކުރެވޭ ނަމާދުގެ ވެރި ރައްބެވެ! މުޙައްމަދުގެފާނަށް އަލްވަސީލާ އާއި މަތިވެރިކަން ދެއްވާށިއެވެ! އަދި އިބައިލާހު އެކަލޭގެފާނަށް ވަޢުދުވެވޮޑިގެންނެވި، ޙަމްދުލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޯރުކޮށްދެއްވާށިއެވެ." ރިވާކުރެއްވީ އަލްބުޚާރީއެވެ.
އަދި ބަންގިއާއި ޤަމަތާ ދެމެދު ދުޢާކުރާށެވެ. އެހެނީ އެ ދެމެދުގެ ދުޢާ ރައްދު ނުކުރެވެއެވެ.

ސުވާލު19: ހެނދުނާއި ހަވީރު ޛިކުރުތަކުގައި ކިޔަނީ ކީކޭ ހެއްޔެވެ؟

ޖ: 1- އަހަރެން އާޔަތުލް ކުރްސި ކިޔަމެވެ: ﴿ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَيُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٞ وَلَا نَوۡمٞۚ لَّهُۥ مَا فِي ٱلسَّمَٰوَٰتِ وَمَا فِي ٱلۡأَرۡضِۗ مَن ذَا ٱلَّذِي يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَيۡءٖ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَـُٔودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِيُّ ٱلۡعَظِيمُ﴾
(ﷲ އީ، އެއިލާހު ފިޔަވާ އަޅުކަން ޙައްޤުވާ އެހެން އިލާހަކު ނުވާ ފަރާތެވެ. (އެއީ) ދިރިދެމިވޮޑިގެންވާ، ދާއިމަށް ޤާއިމުވެވޮޑިގެންވާ އިލާހެވެ. އަވަހާރަފުޅު އައުމެއް އަދި އަވަހާރަފުޅު ލެއްޕެވުމެއްވެސް އެއިލާހަކަށް ނުވެއެވެ. އުޑުތަކުގައި ވާހާ އެއްޗަކާ އަދި ބިމުގައި ވާހާ އެއްޗެއް މިލްކުވެގެންވަނީ އެއިލާހަށެވެ. އެއިލާހުގެ އިޛުނަފުޅާ ނުލާ އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރިވާނީ ކާކުހެއްޔެވެ! (އެބަހީ: އެއިލާހުގެ އިޛުނަފުޅާ ނުލާ އެއްވެސް ފަރާތަކަށް އެއިލާހުގެ ޙަޟްރަތުގައި ޝަފާޢަތްތެރި ނުވެވޭނެއެވެ.) އެބައިމީހުންގެ ކުރިން އިސްވެގޮސްފައި ވާހާ ކަމަކާއި، އެބައިމީހުންގެ ފަހުން ވާނޭހާ ކަމެއްވެސް އެއިލާހު ދެނެވޮޑިގެންވެއެވެ. އަދި އެއިލާހުގެ ޢިލްމުފުޅުގެ ތެރެއިން އިރާދަކުރެއްވި މިންވަރެއް ފިޔަވާ އެބައިމީހުންނަކަށް އެނގިގެން ނުވެއެވެ. އެއިލާހުގެ ކުރުސިކޮޅު، އުޑުތަކާއި ބިމަށް ވުރެ ތަނަވަސްވެގެންވެއެވެ. އެ އުޑުތަކާއި ބިން ރައްކާތެރި ކުރެއްވުމުގައި އެއިލާހަށް ކުޑަވެސް ބުރަކަމެއް ނުވެއެވެ. އަދި އެކަލާނގެއީ މަތިވެރިވެ، މާތްވެގެންވާ އިލާހެވެ.) [އަލްބަޤަރާ: 255]
2- އަދި އަހަރެން ކިޔަވަމެވެ: بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
(ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.) ﴿قُلْ هُوَ اللَّهُ أَحَدٌ
(ކަލޭގެފާނު ވިދާޅުވާށެވެ! އެއީ ﷲ އެވެ. އެއްކައުވަންތަ އިލާހެވެ.) اللَّهُ الصَّمَدُ
(ﷲ އީ، އެންމެހާ ތަކެތި އެކަލާނގެއަށް ބޭނުންތެރިވެގެންވާ، އަދި އެއްވެސް އެއްޗަކަށް، އެކަލާނގެ ބޭނުންވެވޮޑިގެންނުވާ ރަސްކަލާނގެއެވެ.) لَمْ يَلِدْ وَلَمْ يُولَدْ
(އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެނެއް ނުވެތެވެ. އަދި އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެނެއް ނުމެވޭމެއެވެ.) وَلَمْ يَكُنْ لَهُ كُفُوًا أَحَدٌ ﴾
(އަދި އެކަލާނގެއާ އެއްފަދަވެގެންވާ، ހަމައެކަކުވެސް ނުވެތެވެ.) [އަލްއިޚްލާސް: 1-4] ތިން ފަހަރު.
بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
(ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.) ﴿قُلْ أَعُوذُ بِرَبِّ الْفَلَقِ
(ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރި ރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) مِنْ شَرِّ مَا خَلَقَ
(އެކަލާނގެ ހައްދަވާފައިވާހާ ތަކެތީގެ ނުބައިކަމުންނެވެ.) وَمِنْ شَرِّ غَاسِقٍ إِذَا وَقَبَ
(އަދި ރޭގަނޑުގެ އަނދިރިކަން ގަދަވެގެންފިހިނދު، އެ ރޭގަނޑުގެ ނުބައިކަމުންވެސްމެއެވެ.) وَمِنْ شَرِّ النَّفَّاثَاتِ فِي الْعُقَدِ
(އަދި ގޮށްތަކަށްފުމޭ މީހުން (އެބަހީ: ސިޙުރުހަދާމީހުން) ގެ ނުބައިކަމުންވެސްމެއެވެ.) وَمِنْ شَرِّ حَاسِدٍ إِذَا حَسَدَ ﴾
(އަދި ޙަސަދަވެރިޔަކު ޙަސަދަވެރިވެއްޖެހިނދު، އޭނާގެ ނުބައިކަމުންވެސްމެއެވެ.) [އަލްފަލަޤު: 1-5] ތިން ފަހަރު.
بِسۡمِ ٱللَّهِ ٱلرَّحۡمَـٰنِ ٱلرَّحِيمِ
(ރަޙްމާނުވަންތަ، ރަޙީމުވަންތަ، ﷲ ގެ އިސްމުފުޅުން ފަށަމެވެ.) ﴿قُلْ أَعُوذُ بِرَبِّ النَّاسِ
(ކަލޭގެފާނު ވިދާޅުވާށެވެ! މީސްތަކުންގެ ވެރިރައްބުގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ.) مَلِكِ النَّاسِ
(މީސްތަކުންގެ ރަސްވަންތަ ރަސްކަލާނގެއެވެ.) إِلَهِ النَّاسِ
(މީސްތަކުންގެ އަޅުކަންކުރާ އިލާހެވެ.) مِنْ شَرِّ الْوَسْوَاسِ الْخَنَّاسِ
(ފިލައިހުރެ ވަސްވާސްދޭ ޝައިޠާނާގެ ނުބައިކަމުންނެވެ.) الَّذِي يُوَسْوِسُ فِي صُدُورِ النَّاسِ
(އެއީ މީސްތަކުންގެ ހިތްތަކުގައި ވަސްވާސް އުފައްދާ ޝައިޠާނެވެ.) مِنَ الْجِنَّةِ وَالنَّاسِ.﴾
( ޖިންނީންނާއި، މީސްތަކުންގެ ތެރެއިންވާ ޝައިޠާނުންގެ ކިބައިންނެވެ.) [އައްނާސް: 1-6] ތިން ފަހަރު.
3- «اللهم أنت ربي لا إله إلا أنت، خلقتني وأنا عبدك، وأنا على عهدك ووعدك ما استطعت، أعوذ بك من شر ما صنعت، أبوء لك بنعمتك علي، وأبوء بذنبي، فاغفر لي، فإنه لا يغفر الذنوب إلا أنت»
(އޭ ﷲއެވެ! އިބަ އިލާހީ މިއަޅާގެ ރައްބެވެ. އިބަ އިލާހު ފިޔަވާ އަޅުކަންވެވުން ޙައްޤުވެގެންވާ އެހެން އެއްވެސް އިލާހަކުނުވެއެވެ. އިބަ އިލާހު މިއަޅާ ޚަލްޤުކުރެއްވިއެވެ. އަދި މިއަޅާއަކީ އިބަ އިލާހުގެ އަޅަކީމެވެ. އަދި މިއަޅާއަށް ކުޅަދާނަވީ މިންވަރަކުން މިއަޅާ މިހުރީ އިބަ އިލާހުގެ ޢަހުދާއި ވަޢުދުގެ މަތީގައެވެ. މިއަޅާއަށް ކުރެވިފައިވާ ކަންތައްތަކުގެ ނުބައިކަމުން ރައްކާތެރިކޮށްދެއްވުމަށް މިއަޅާ އިބަ އިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ. މިއަޅާގެ މައްޗަށްވާ އިބަ އިލާހުގެ ނިޢުމަތަށް މިއަޅާ އިޢުތިރާފުވަމެވެ. އަދި މިއަޅާގެ ފާފަތަކަށްވެސް މިއަޅާ އިޢުތިރާފުވަމެވެ. ފަހެ މިއަޅާއަށް ފާފަފުއްސަވާށިއެވެ. އެހެނީ ހަމަކަށަވަރުން އިބަ އިލާހު ފިޔަވާ ފާފަފުއްސަވާދެވޭނެ އެހެން ފަރާތެއް ނުވެއެވެ.) ރިވާކުރެއްވީ އަލްބުޚާރީއެވެ.

ސ 20: ނިދާއިރު ކިޔަނީ ކީކޭ ހެއްޔެވެ؟

ޖ: «باسمك اللهم أموت وأحيا».
މާނައީ:
"އޭ ﷲ އެވެ! މިއަޅާ މަރުވަނީ އަދި މިއަޅާ ދިރެނީވެސް އިބަ އިލާހުގެ އިސްމުފުޅުންނެވެ." މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 21: ކާއެއްޗެހި ކެއުމުގެ ކުރިން ކިޔާނީ ކީކޭ ހެއްޔެވެ؟

ޖ- «بسم الله».
މާނައީ :
"ﷲގެ އިސްމުފުޅުން ފަށަމެވެ." ފަހެ ފަށައިގަންނަ ހިނދު އެހެން ކިޔަން ތިބާ ހަނދާން ނެތިއްޖެނަމަ މިހެން ކިޔާށެވެ: «بسم الله في أوله وآخره»
މާނައީ: "އޭގެ ފެށުމާއި ނިމުމުގައިވެސް ﷲ ގެ އިސްމުފުޅުން (އެހީއާއި ބަރަކާތް ހޯދަމެވެ.)" ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 22: ކައި ނިމުމުން ތިބާ ކިޔަނީ ކީކޭ ހެއްޔެވެ؟

ޖ: «الحمد لله الذي أطعمني هذا، ورزقنيه، من غير حول مني ولا قوة»
މާނައީ: "އަޅާއަށް މިތަކެތި ކާންދެއްވާ، އަދި މިއަޅާގެ އެއްވެސް އާރެއް އަދި ބާރެއް ނެތި އެތަކެތި ރިޒްޤުކުރެއްވި ﷲ އަށް ޙަމްދުހުއްޓެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއާއި އެހެން ބޭކަލުންނެވެ.

ސ 23: މެހުމާނު، ކާތަކެތީގެ ވެރިޔާއަށް ކޮށްދޭނެ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «اللـهم بـارك لهـم فيما رزقتهـم، واغـفر لهم وارحمهم»
މާނައީ: “އޭ ﷲ އެވެ! އިބައިލާހު އެމީހުންނަށް ދެއްވި އެއްޗެއްގައި އެމީހުންނަށް ބަރަކާތް ލައްވާނދޭވެ! އަދި އެއުރެންނަށް ފާފަފުއްސަވައި ރަޙްމަތްލައްވާށިއެވެ.” ރިވާކުރެއްވީ މުސްލިމެވެ.

ސ 24: މީހަކު ކިނބިހި އެޅުމުން ކިޔާނީ ކީކޭ ހެއްޔެވެ؟

ޖ: «الحمد لله».އެވެ. އޭނާގެ އަޚާ ނުވަތަ ރަޙްމަތްތެރިޔާ އޭނާއަށް ބުނާހުށިކަމެވެ: «يرحمك الله». (ﷲ ތިބާއަށް ރަޙްމަތްލައްވާށިއެވެ.) - ދެންފަހެ އޭނާއަށް އެހެން ބުނެފިނަމަ މީނާ: «يهديكم الله ويصلح بالكم» (ﷲ ތިޔަބައިމީހުންނަށް ހިދާޔަތުދެއްވާ، ކަންކަން އިޞްލާޙުކޮށްދެއްވާށިއެވެ.) ބުނާހުށިކަމެވެ. ރިވާކުރެއްވީ އަލްބުޚާރީއެވެ.

ސ 25: މަޖިލިސް ނިމުމުން ތެދުވަމުން ކިޔަނީ ކޮން އެއްޗެއް؟ "މަޖްލިސްގެ ކައްފާރާ ދުޢާ" އަކީ ކޮބާ؟

ޖ: «سبحانك اللهم وبحمدك، أشهد أن لا إله إلا أنت، أستغفرك وأتوب إليك».
(އިބައިލާހު ހުސްޠާހިރުވަންތައެވެ. އޭ ﷲ އެވެ. އިބައިލާހަށް ޙަމްދުކުރުމާ އެކުގައިއެވެ. އިބައިލާހު ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބައިލާހުގެ ޙަޟްރަތުން އަޅު ފާފަފުއްސެވުމަށް އެދެމެވެ. އަދި އިބައިލާހަށް ތައުބާވަމެވެ.) ރިވާކުރެއްވީ އަބޫ ދާވޫދާއި، އައްތިރްމިޛީ އާއި އެހެން ބޭކަލުންނެވެ.

ސ 26: ސަވާރުވުމުގެ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «بسم الله، والحمد لله ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ .وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ.﴾، الحمد لله، الحمد لله، الحمد لله، الله أكبر، الله أكبر، الله أكبر، سبحانك اللهم إني ظلمت نفسي فاغفر لي؛ فإنه لا يغفر الذنوب إلا أنت»
މާނައީ: "ﷲ ގެ އިސްމުފުޅުން ސަވާރުވަމެވެ. ﷲ އަށް ޙަމްދުހުއްޓެވެ. "މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ." ޙަމްދުހުރީ ﷲ އަށެވެ. ޙަމްދުހުރީ ﷲ އަށެވެ. ޙަމްދުހުރީ ﷲ އަށެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އިބައިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. އޭ ﷲ އެވެ! ހަަމަކަށަވަރުން މިއަޅާގެ ނަފްސަށް އަނިޔާވެރިވެއްޖައީމެވެ. ފަހެ މި އަޅާއަށް ފާފަފުއްސަވާށިއެވެ. ފަހެ ހަމަކަށަވަރުން އިބައިލާހު ފިޔަވައި އެހެން ފަރާތެއް ފާފަ ނުފުއްސަވައެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއެވެ.

ސ 27: ދަތުރުގެ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «الله أكبر، الله أكبر، الله أكبر ﴿سُبْحَانَ الَّذِي سَخَّرَ لَنَا هَذَا وَمَا كُنَّا لَهُ مُقْرِنِينَ .وَإِنَّا إِلَى رَبِّنَا لَمُنْقَلِبُونَ ﴾ اللهم إنا نسألك في سفرنا هذا البر والتقوى ومن العمل ما ترضى، اللهم هون علينا سفرنا هذا، واطو عنا بعده، اللهم أنت الصاحب في السفر، والخليفة في الأهل، اللهم إني أعوذ بك من وعثاء السفر، وكآبة المنظر، وسوء المنقلب، في المال والأهل».
މާނައީ:
"އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. އެންމެ ބޮޑީ ﷲ އެވެ. "މިސަވާރީ ކިޔަމަންތެރިކުރެވޭ ބަޔެއްކަމުގައި އަޅަމެން ނުވާ ޙާލު މިސަވާރީ އަޅަމެންނަށް ކިޔަމަންތެރިކޮށްދެއްވި ފަރާތުގެ ޙުސްޠާހިރުވަންތަކަމާއެވެ! އަދި އަޅަމެން އެނބުރި ދިޔުންވަނީ އަޅަމެންގެ ރައްބުގެ ޙަޟްރަތަށެވެ." އޭ ﷲ އެވެ! އަޅަމެންގެ މި ދަތުރުގައި ހެޔޮކަމާއި ތަޤުވާވެރިކަން ދެއްވުމަށް، އަދި ޢަމަލުތަކުން އިބައިލާހު ރުއްސަވާ ޢަމަލަށް އެދެމެވެ. އޭ ﷲ އެވެ! އަޅަމެންގެ މި ދަތުރު އަޅަމެންނަށް ލުއިފަސޭހަ ކޮށްދެއްވާށިއެވެ. އަދި ދަތުރުގެ ދިގުކަން އަޅަމެންގެ ކިބައިން އޮޅާލައްވާ ކައިރިކުރައްވާށިއެވެ. އޭ ﷲ އެވެ! އިބައިލާހީ ދަތުރުގައި އެކުގައިވާ ޞާޙިބެވެ. އަދި މިއަޅާގެ އަހުލުވެރިންނަށްވާ ޚަލީފާއަކީ (އެމީހުންގެ ކަންކަން ބެލެހެއްޓެވުމަށް ބަދަލުގައި ހަވާލުވާ ފަހަތަށް ދޫކުރާ ފަރާތަކީވެސް) އިބައިލާހެވެ. އޭ ﷲ އެވެ.! ދަތުރުގެ އުނދަގޫކަމާއި، ހިތާމަކުރުވަނިވި މަންޒަރުން، އަދި މުދަލާއި އަހުލުވެރިންގެ ތެރެއަށް އަންނަ ނުބައި ބަދަލަކުން ރައްކާތެރިކޮށްދެއްވުމަށް އިބައިލާހުގެ ޙަޟްރަތުން އެދި ދަންނަވަމެވެ.”
އަދި ދަތުރު ނިންމާފައި އެނބުރި އަންނަމުން އިސްވެދިޔަ ދުޢާގެ ކިޔާފައި އަދި އިތުރުކުރާނީ މިހެންނެވެ:
«آيبون، تائبون، عابدون، لربنا حامدون»
މާނައީ: “އަޅަމެން އެނބުރި މިއަންނަނީ، ތައުބާވާ މީހުންގެ ގޮތުގައި، އަޅުވެރި މީހުންގެ ގޮތުގައި، އަޅަމެންގެ ވެރި ރައްބަށް ޙަމްދުކުރާ މީހުންގެ ގޮތުގައިއެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 28: ދަތުރުވެރިޔާ ރަށުގައި ޤާއިމުވެގެން ހުންނަ މީހާއަށް ކުރާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «أستودعكم الله الذي لا تضيع ودائعه»
(އެކަލާނގެއާ ހަވާލުކުރެވޭ އަމާނާތްތައް ގެއްލިގެން ނުދާނޭ އިލާހުކަމުގައިވާ ﷲ އަށް ތިޔަބައިމީހުން ހަވާލުކުރަމެވެ.) ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާއެވެ.

ސ 29: ރަށުގައި ޤާއިމުވެގެން ހުރި މީހާ ދަތުރުވެރިޔާއަށް ކޮށްދޭނެ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «أستودع الله دينك، وأمانتك، وخواتيم عملك»
“ތިބާގެ ދީނާއި، ތިބާގެ އަމާނަތާއި، ތިބާގެ ޢަމަލުތަކުގެ ނިމުން؛ ﷲ އާ އަހަރެން ހަވާލުކުރަމެވެ." ރިވާކުރެއްވީ އަޙްމަދާއި، އައްތިރްމިޛީއެވެ.

ސ 30: ބާޒާރަށް ވަންނައިރު ކިޔާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «لا إله إلا الله وحده لا شريك له، له الملك، وله الحمد، يحيي ويميت، وهو حي لا يموت، بيده الخير، وهو على كل شيء قدير»
މާނައީ: "ﷲ މެނުވީ (އަޅުކަންވެވުން ޙައްޤުވެގެންވާ) އެހެން އެއްވެސް އިލާހަކުނުވެއެވެ. އެ އިލާހު އެއްކައުވަންތައެވެ. އެ އިލާހަށް އެއްވެސް ޝަރީކަކު ބައިވެރިއަކު ނުވެއެވެ. އެންމެހާ ރަސްކަމެއްވަނީ އެ އިލާހަށެވެ. އަދި ހުރިހާ ޙަމްދެއްވަނީ، އެ އިލާހަށެވެ. އެކަލާނގެ ދިރުއްވާ، މަރުގަންނަވައެވެ. އަދި އެކަލާނގެ މަރުނުވެ ދިރިދެމިވޮޑިގެންވެއެވެ. އެންމެހާ ހެޔޮކަމެއްވަނީ އެ އިލާހުގެ އަތްޕުޅުގައިއެވެ. އަދި އެކަލާނގެ ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތައެވެ." މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އަދި އިބްނު މާޖާއެވެ.

ސ31: ރުޅިއަންނަ ހިނދު ކުރާ ދުޢާއަކީ ކޮބައި ހެއްޔެވެ؟

ޖ: "أعوذُ باللهِ من الشيطان الرجيم"
(ލަޢުނަތް ލިބިފައިވާ ޝައިޠާނާގެ ކިބައިން ﷲ ގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ.) މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)

ސ 32: ތިމާއަށް ހެޔޮކަމެއް ކޮށްދޭ މީހަކަށް ބުނަނީ ކީކޭ ހެއްޔެވެ؟

ޖ: «جزاك الله خيرًا»
(ތިބާއަށް ﷲ ހެޔޮ ޖަޒާ ދެއްވާށިއެވެ.) މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ސ 33: ސަވާރީ ކައްސާލައިގެން ވެއްޓިއްޖެނަމަ ކުރާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ- «بسم الله» އެވެ. ރިވާކުރެއްވީ އަބޫ ދާވޫދެވެ.

ސ 34: ތިމާ ހިތްހަމަޖެހޭ ކަމެއް ދިމާވެއްޖެނަމަ ކިޔާނީ ކީކޭ ހެއްޔެވެ؟

ޖ:«الحمد لله الذي بنعمته تتم الصالحات»
(އެކަލާނގެ ނިޢުމަތުން ޞާލިޙު ހެޔޮ ކަންކަން ފުރިހަމަވެގެންދާ ﷲ އަށް ޙަމްދުހުއްޓެވެ.) ރިވާކުރެއްވީ އަލްޙާކިމާއި އެހެނިހެން ބޭކަލުންނެވެ.

ސ 35: ތިމާ ނުރުހޭ ކަމެއް ދިމާވެއްޖެނަމަ ބުނާނީ ކީކޭ ހެއްޔެވެ؟

ޖ: «الحمد لله على كل حال»
(ކޮންމެ ޙާލަތެއްގައިވެސް ﷲ އަށް ޙަމްދުހުއްޓެވެ.) ޞަޙީޙުލް ޖާމިޢު

ސ 36: ސަލާމްކުރުމާއި ސަލާމަށް ޖަވާބު ދޭނެ ގޮތަކީ ކޮބައިހެއްޔެވެ؟

ޖ: މުސްލިމު މީހާ މިހެން ބުނާނީއެވެ: «السَّلَامُ عَلَيْكُمْ وَرَحْمَةُ اللَّهِ وَبَرَكَاتُهُ»
މާނައީ: " ތިޔަބައިމީހުންގެ މައްޗަށް ސަލާމްހުއްޓެވެ. އަދި ﷲ ގެ ރަޙްމަތާއި އެކަލާނގެ ބަރަކާތްތައްވެސް ހުއްޓެވެ." އަދި އޭނާގެ އަޚާ ރައްދުގައި ޖަވާބުދޭނީ މިހެންނެވެ: «وَعَلَيْكُمُ السَّلَامُ وَرَحْمَةُ اللهِ وَبَرَكَاتُهُ» މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީ އާއި އަބޫ ދާވޫދާއި އެހެން ބޭކަލުންނެވެ.

ސ 37: ވާރޭ ވެހޭއިރު ކުރާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ:«اللهم صيبًا نافعًا»
(އޭ ﷲ އެވެ! ފައިދާހުރި ބޯ ވާރޭއެއްކަމުގައި ލައްވާށިއެވެ.) ރިވާކުރެއްވީ އަލްބުޚާރީއެވެ.

ސ 38: ވާރޭ ވެހުމަށްފަހު ކުރާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «مطرنا بفضل الله ورحمته»
(އަހަރުމެންނަށް ވާރޭ ވެހުނީ ﷲ ގެ ފަޟްލަވަންތަކަމާއި ރަޙްމަތުންނެވެ.) ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.

ސ 39: ވައިޖެހުމުން ކުރާ ދުޢާއަކީ ކޮބައި ހެއްޔެވެ؟

ޖ: «اللهم إني أسألك خيرها وأعوذ بك من شرها»
(އޭ ﷲ އެވެ! އޭގެ ހެޔޮކަމަށް މި އަޅާ އިބައިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި އިބައިލާހުގެ ހަޟުރަތުން އޭގެ ނުބައިކަމުން ރައްކާތެރިކަން މިއަޅާ އެދެމެވެ.) ރިވާކުރެއްވީ އަބޫ ދާވޫދާއި އިބްނު މާޖާއެވެ.

ސ 40: ގުގުރި އަޑުއިވުމުން ކުރާ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: «سبحان الذي يسبح الرعد بحمده والملائكة من خيفته»
(އެކަލާނގެއަށް ޙަމްދުކުރަމުން ގުގުރި ތަސްބީޙަކިޔާ، އަދި މަލާއިކަތުންވެސް އެކަލާނގެއަށް ބިރުވެތިވެގެން ތަސްބީޙަ ކިޔުއްވާ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ.) މާލިކުގެ މުވައްޠައު

ސ41: ބަލާއާއި އިމްތިޙާނެއް ޖެހިފައިވާ މީހަކު ތިބާއަށް ފެނިއްޖެނަމަ ކުރާ ދުޢާއަކީ ކޮބައި ހެއްޔެވެ؟

ޖ: «الحمد لله الذي عافاني مما ابتلاك به، وفضلني على كثيرٍ ممن خلق تفضيلاً»
(ﷲ ތިބާ އިމްތިޙާނުކުރެއްވި ކަންތަކުން މި އަޅާއަށް ޢާފިޔަތުދެއްވާ، އަދި އެކަލާނގެ އުފެއްދެވި އެތައް ބަޔަކުގެ މައްޗަށް މާތްކުރެއްވުމަކުން މި އަޅާ މާތްކުރެއްވި ﷲ އަށް ޙަމްދުހުއްޓެވެ.) މި ޙަދީޘް ރިވާކުރެއްވީ އައްތިރްމިޛީއެވެ.

ސ 42: އޭނާގެ އެސްފީނާ ޖެހިދާނޭކަމަށް ބިރުހީވާ މީހަކަށް ކޮށްދޭނެ ދުޢާއަކީ ކޮބައިހެއްޔެވެ؟

ޖ: ޙަދީޘްގައިވެއެވެ: “ތިޔަބައިމީހުންގެ ތެރެއިން މީހަކު އޭނާގެ އަޚާއާމެދު، ނުވަތަ އަމިއްލަ ނަފްސާމެދު، ނުވަތަ އޭނާގެ މުދަލާމެދު ކަމުދާ ކަމެއް ފެނިއްޖެނަމަ، ފަހެ [ބަރަކާތްލެއްވުން އެދި އޭނާއަށް ދުޢާކުރާހުށިކަމެވެ]. ފަހެ ހަމަކަށަވަރުން އެސްފީނާއަކީ ޙަޤީޤަތެކެވެ." ރިވާކުރެއްވީ އަޙްމަދު އަދި އިބްނު މާޖާއާއި އެހެން ބޭކަލުންނެވެ.

ސ 43: ނަބިއްޔާ عليه الصلاة والسلام އަށް ޞަލަވާތް ކިޔަވާނީ ކިހިނެއް ހެއްޔެވެ؟

ޖ: «اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إبراهيم، وعلى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إبراهيم، وعلى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ».
(އޭ ﷲ! މުޙައްމަދުގެފާނު މައްޗަށާއި އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމުގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ޞަލަވާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. އޭ ﷲ އެވެ! މުޙައްމަދުގެފާނު މައްޗަށާއި، އަދި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލައްވާށިއެވެ! އެއީ އިބައިލާހު އިބްރާހީމްގެފާނަށާއި އެކަލޭގެފާނުގެ އާލުންގެ މައްޗަށް ބަރަކާތް ލެއްވި ފަދައިންނެވެ. ހަމަކަށަވަރުން އިބައިލާހުއީ ޙަމްދުލިބިވޮޑިގެންވާ މާތްވަންތަ އިލާހެވެ. ) މުއްތަފަޤުން ޢަލައިހި (ބުޚާރީއާއި މުސްލިމް ނެރުއްވާ އެއްބަސްވެވިފައިވާ ޙަދީޘެކެވެ.)
*******

ތަފާތު އެހެން ކަންކަމާ ބެހޭ ބައި26

ސ 1: ތަކްލީފީ ފަސް ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖ: 1. ވާޖިބެވެ.
2. މުސްތަޙައްބު.
3- ޙަރާމް
4- މަކުރޫހަ
5- ހުއްދަ

ސ 2: މި ފަސް ޙުކުމް ޝަރަޙަކޮށްދޭށެވެ.

ޖ: 1. ވާޖިބު: އެއީ ކޮންމެހެން ކުރުން ލާޒިމްވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ފަރުޟު ފަސް ނަމާދާއި، ރަމަޟާންމަހުގެ ރޯދައާއި، މައިންބަފައިންނަށް ހެޔޮކޮށްހިތުންފަދަ ކަންކަމެވެ.
- ވާޖިބު ކަންތައްކުރާ މީހާއަށް ޘަވާބު ލިބި، އަދި ދޫކޮށްލާ މީހާއަށް ޢުޤޫބާތް ލިބޭނެއެވެ.
2. މުސްތަޙައްބު: އެއީ ކޮންމެހެން ކުރަން ލާޒިމުވާ ގޮތަށް ނުވާ ކަންކަމެވެ. މިސާލަކަށް: ރަވާތިބު ސުންނަތްތަކާއި، ރޭ އަޅުކަންކުރުމާއި، ކާން ދިނުމާއި، ސަލާމްކުރުންފަދަ ކަންކަމެވެ. އަދި މިއަށް ސުންނަތޭ، އަދި މަންދޫބު ކަންކަމޭވެސް ކިޔެއެވެ.
- މުސްތަޙައްބު ކަންތައްކުރާ މީހާއަށް ޘަވާބު ލިބި، އަދި ދޫކޮށްލާ މީހާއަށް ޢުޤޫބާތް ނުލިބެއެވެ.
މުހިއްމު ނޯޓެއް:

މުސްލިމަކަށް މިވެނި ކަމަކީ ސުންނަތެއް ނުވަތަ މުސްތަޙައްބު އެދެވިގެންވާ ކަމެއްކަމަށް އަޑުއިވޭހިނދު އެކަމެއް ކުރުމަށް އޭނާ އަވަސްވެގަނެ، ނަބިއްޔާ ﷺ އަށް ތަބަޢަވާން ޖެހޭނެއެވެ.
3. ޙަރާމް: އެއީ އެ ކަންކަން ދޫކޮށްލުން ކޮންމެހެންވެސް ލާޒިމްވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ބަނގުރާ ބުއިމާއި، މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި، ރަޙިމުގެ ގުޅުން ކެނޑުންފަދަ ކަންކަމެވެ.
- ޙަރާމް ކަންތައް ދޫކޮށްލާ މީހާއަށް ޘަވާބު ލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތް ލިބެއެވެ.
4. މަކުރޫހަ: އެއީ އެކަން ދޫކޮށްލުން ކޮންމެހެން ލާޒިމު ނުވާ ގޮތަށްވާ ކަންކަމެވެ. މިސާލަކަށް: ވައަތުން ތަކެތި ހިފުމާއި ދިނުމާއި، ނަމާދުގައި ހެދުން ބޮނޑިކުރުންފަދަ ކަންކަމެވެ.
މަކުރޫހަ ކަންކަން ދޫކޮށްލާ މީހާއަށް ޘަވާބު ލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތް ނުލިބެއެވެ.
5- މުބާޙު (ހުއްދަ): އެއީ އެކަން ނުކުރުމާއި ކުރުމުގެ ދެމެދުގައި އިޚްތިޔާރު އޮންނަ ކަންކަމެވެ. މިސާލަކަށް: އާފަލު ކެއުން، ސައި ބުއިންފަދަ ކަންކަމެވެ. އަދި މިއަށް ޖާއިޒު ކަންކަމޭ، އަދި ޙަލާލު ކަންކަމޭވެސް ކިޔެއެވެ.
- ހުއްދަ ކަންތައް ދޫކޮށްލާ މީހާއަށް ޘަވާބެއް ނުލިބި، އަދި އެކަންކަން ކުރާ މީހާއަށް ޢުޤޫބާތެއްވެސް ނުލިބެއެވެ.

ސ 4: ގަނެވިއްކުމާއި މުޢާމަލާތްތަކުގެ ޙުކުމަކީ ކޮބައިހެއްޔެވެ؟

ޖ: ހުރިހާ ވިޔަފާރި އާއި މުޢާމަލާތްތަކެއްގައިވެސް އަޞްލަކީ އެކަންކަން ޙަލާލުވެ ހުއްދަވެގެން ވުމެވެ. ﷲ ތަޢާލާ ޙަރާމްކުރެއްވި ބައެއް ވައްތަރުތައް މެނުވީއެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ﷲ ވިޔަފާރި ޙަލާލުކުރައްވައި ރިބާ ޙަރާމްކުރެއްވިއެވެ.) [އަލްބަޤަރާ: 275]

ސ 5: ޙަރާމްވެގެންވާ މުޢާމަލާތްތަކާއި ވިޔަފާރިތަކުގެ ބައެއް ބާވަތްތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. މަކަރާއި ޙީލަތް ހެދުން، އޭގެ ތެރޭގައި: މުދަލުގައި ހުރި އުނި ޢައިބެއް ފޮރުވާ ވަންހަނާކުރުންވެއެވެ.
- އެގޮތުން އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ: ﷲ ގެ ރަސޫލާ ﷺ، ކާބޯތަކެތީގެ ފުންޏެއް ކައިރިން ލާފައި ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނުގެ އަތްޕުޅު އެއަށް ވެއްދެވުމުން އިނގިލިފުޅުތަކުގައި ތެތްކަން ބީހުނެވެ. އެހިނދު ޙަދީޘްކުރެއްވިއެވެ: "އޭ ކާތަކެތީގެ ވެރިޔާއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ އެމީހާ ދެންނެވިއެވެ: "އޭ اللهގެ ރަސޫލާއެވެ. އެއަށް ވާރޭ ވެހުނީއެވެ." ޙަދީޘް ކުރެއްވިއެވެ: "ތިބާ މީސްތަކުންނަށް ފެންނަ ގޮތަށް ވާރޭ ޖެހުނު ތަކެތި އެންމެ މަތީގައި ނުބެހެއްޓީ ކީއްވެގެންހެއްޔެވެ؟ މަކަރު ހަދައިފި މީހާ ފަހެ ތިމަންކަލޭގެފާނުގެ ތެރެއިން (ތިމަންކަލޭގެފާނަށް ތަބަޢަވާ މީހުންގެ ތެރެއިން) ނުވެއެވެ." ރިވާކުރެއްވީ މުސްލިމެވެ.
2. ރިބާ: އޭގެ ތެރޭގައި: އަނބުރާ ދެ ހާސް ދޭގޮތަށް (ޝަރުޠުކޮށްފައި) މީހެއްގެ އަތުން، އަހަރެން އެއް ހާސް ދަރަންޏެއްގެ ގޮތުގައި ނެގުންވެއެވެ.
- އިތުރުކުރި އެއްޗަކީ އެއީ ޙަރާމް ރިބާއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ﷲ ވިޔަފާރި ޙަލާލުކުރައްވައި ރިބާ ޙަރާމްކުރެއްވިއެވެ.) [އަލްބަޤަރާ: 275]
3. ހަލާކަށްހުށަހެޅުމާއި ވާނުވާ ނޭނގުން: މިސާލަކަށް ބަކައްޓެއްގެ ވައްގަނޑުގައި ހުރި ކިރު، ނުވަތަ ފެންގަނޑުގައިވާ މަސް ހިފުމުގެ ކުރިން ތިބާއަށް ވިއްކުމެވެ.
- ފަހެ ޙަދީޘްގައި ވެއެވެ: "(އިތުބާރެއް ނެތްގޮތަށް، ވާނުވާ ނޭނގޭގޮތަށްވާ) ނުރައްކަލަށް ހުށަހެޅޭ ވިޔަފާރި ﷲ ގެ ރަސޫލާ ﷺ ނަހީކުރެއްވިއެވެ." ރިވާކުރެއްވީ މުސްލިމެވެ.

ސ 6: ތިބާގެ މައްޗަށް ﷲ ދެއްވި ބައެއް ނިޢުމަތްތައް ބަޔާންކުރާށެވެ.

ޖ: 1. އިސްލާމްކަމުގެ ނިޢުމަތް. އަދި ތިބާ ކުފުރުގެ އަހުލުވެރިންގެ ތެރެއިން ނުވާކަން.
2. ސުންނަތުގެ ނިޢުމަތް، އަދި ތިބާ ބިދުޢާގެ އަހުލުވެރިންގެ ތެރެއިން ނުވާކަން.
3. ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް. އަޑުއިވުމާއި، ފެނުމާއި، ހިނގުމާއި އެހެނިހެން އެފަދަ ނިޢުމަތްތަކެވެ.
4. ކާބޯތަކެއްޗާއި އުނުފޭރާމުގެ ނިޢުމަތް.
- އަދި އެކަލާނގެ ތަޢާލާ އަހަރުމެންނަށް ދެއްވާފައިވާ ނިޢުމަތްތަކަކީ ގުނާ ޢަދަދުނުކުރެވޭހާ ގިނަ ނިޢުމަތްތަކެކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(ތިޔަބައިމީހުން ﷲ ގެ ނިޢުމަތް ޢަދަދުކުރަން އުޅުނަސް، ތިޔަބައިމީހުންނަކަށް އެ ނިޢުމަތެއް ޢަދަދުނުކުރެވޭނެއެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަ ފުއްސަވާ ރަޙީމްވަންތަ އިލާހެވެ.) [އައްނަޙްލު: 18]

ސ 7: ނިޢުމަތްތަކާ ގުޅޭގޮތުން ވާޖިބުވަނީ ކޮންކަމެއް ހެއްޔެވެ؟ އަދި ޝުކުރު އަދާކުރާނީ ކިހިނެއް ހެއްޔެވެ؟

ޖ- ވާޖިބުވެގެންވަނީ: އެކަންކަމަށް ޝުކުރުކުރުމެވެ. އެކަން ކުރެވޭނީ: ދުލުން ﷲ އަށް ޙަމްދު ޘަނާ ކިޔައިގެން، އަދި ފަޟްލަވަންތަކަމާއި ދަރުމަދެއްވުންވަނީ ހަމައެކަނި އެކަލާނގެއަށް ކަމަށް އިޢުތިރާފުވެ، އަދި ﷲ ތަޢާލާ ރުއްސަވާ ގޮތަށް، އަދި އެކަލާނގެއަށް އުރެދުން ނުވާގޮތަށް މި ނިޢުމަތްތައް ބޭނުންކޮށްގެންނެވެ.
އެކަލާނގެ ވަޙީކުރެއްވިއެވެ:
(ފަހެ ތިޔަބައިމީހުން ތިމަންއިލާހު ހަނދުމަ ކުރާށެވެ! އޭރުން ތިމަންއިލާހު ތިޔަބައިމީހުން ހަނދުމަކުރައްވާ ހުށީމެވެ. އަދި ތިމަންއިލާހަށް ތިޔަބައިމީހުން ޝުކުރުކުރާށެވެ! އަދި ތިމަންއިލާހަށް ތިޔަބައިމީހުން ކާފަރު ނުވާށެވެ!) [އަލްބަޤަރާ: 152]

ސ 8: މުސްލިމުންގެ ޢީދުތަކަކީ ކޮބައިހެއްޔެވެ؟

ޖ: ފިޠުރު އީދާއި އަޟްޙާ ޢީދެވެ. އަނަސް رضي الله عنه ވިދާޅުވިކަމަށް އައިސްފައިވާ ޙަދީޘަށްޓަކައިއެވެ: "ﷲ ގެ ރަސޫލާ ﷺ މަދީނާއަށް ވަޑައިގެންނެވިއިރު، އެމީހުން ކުޅިވަރުކުޅެ މަޖާކުރާ ދެ ދުވަހެއްވިއެވެ. ދެން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: "މިއީ ކޮން ދެ ދުވަހެއް ހެއްޔެވެ؟" އެމީހުން ދެންނެވިއެވެ: "ޖާހިލިއްޔަތުގެ ޒަމާނުގައި އަހަރުމެން މި ދެ ދުވަހު ކުޅެ މަޖާކޮށް އުޅެމެވެ." ދެން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ހަމަކަށަވަރުން ތިޔަ ދެ ދުވަހުގެ ބަދަލުގައި އެއަށްވުރެ މާ ރަނގަޅު ދެ ދުވަސް ﷲ ތިޔަބައިމީހުންނަށް ދެއްވައިފިއެވެ: އެއީ އަޟްޙާ ޢީދާއި، ފިޠުރު ޢީދެވެ." މި ޙަދީޘް ރިވާކުރެއްވީ އަބޫ ދާވޫދެވެ.
އެހެން ހުރިހާ ޢީދުތަކަކީ ފަހެ ބިދުޢައިގެ ތެރޭގައިވާ ކަންކަމެވެ.

ސ 9: އެންމެ މާތް މައްސަރަކީ ކޮބައިހެއްޔެވެ؟

ޖ: ރަމަޟާން މަހެވެ.

ސ 10: އެންމެ މާތް ދުވަހަކީ ކޮބައިހެއްޔެވެ؟

ޖ- ހުކުރު ދުވަހެވެ.

ސ 11: އަހަރުގައިވާ އެންމެ މާތް ދުވަހަކީ ކޮބައިހެއްޔެވެ؟

ޖ: ޤުރުބާނީ ދުވަސް (އެބަހީ: އަޟްޙާ ޢީދު ދުވަސް) އެވެ. އަދި ޢަރަފާތް ދުވަހޭވެސް ބުނެވުނެވެ.

ސ 12: އަހަރުގައިވާ އެންމެ މާތް ރެޔަކީ ކޮބައިހެއްޔެވެ؟

ޖ- ލައިލަތުލް ޤަދްރިއެވެ.

ސ 13: ހިލޭ އަންހެނަކު ފެނިއްޖެނަމަ ތިބާއަށް ވާޖިބުވެގެންވަނީ ކޮންކަމެއްހެއްޔެވެ؟

ޖ: ވާޖިބުވެގެންވަނީ ބެލުން ތިރިކުރުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!) [އައްނޫރު: 30].

ސ 15: އިންސާނާގެ ދުޝްމަނުންނަކީ ކޮބައިހެއްޔެވެ؟

ޖ: 1. ނުބައިކަމަށް އަމުރުކުރުން ބޮޑު ނަފްސު: އެއީ އިންސާނާއަށް އޭނާގެ ނަފްސާއި އެދުންތައް އަޅައިދޭގޮތަށް، ﷲ ތަބާރަކަ ވަތަޢާލާއަށް އުރެދި ފާފަކުރުމަށް ތަބަޢަވުމެވެ. ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން ނަފްސަކީ، ތިމަންކަލޭގެފާނުގެ ރައްބު ރަޙުމަތް ލައްވައިފިނަމަ، މެނުވީ، ނުބައިކަންތަކަށް އަބަދުވެސް އަމުރުކުރާ އެއްޗެއްކަން ކަށަވަރެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ ރައްބަކީ، ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެވެ.) [ޔޫސުފު: 53].
2. ޝައިޠާނާ: އޭނާއަކީ އާދަމުގެ ދަރިންގެ ޢަދުއްވެވެ. އަދި އޭނާގެ ލަނޑުދަނޑިއަކީ: އިންސާނާ މަގުފުރައްދާ، ނުބައި ކަންކަމަށް އޭނާއަށް ވަސްވާސްލައިދީ، އޭނާ ނަރަކައަށް ވެއްދުމެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިޔަބައިމީހުން ތަބާ ނުވާށެވެ! (އެހެނީ) ހަމަކަށަވަރުން އެކަލޭގެ (އެބަހީ: ޝައިޠާނާއަކީ) ތިޔަބައިމީހުންނަށް ހުރި ބަޔާންވެގެންވާ ޢަދާވާތްތެރިއެކެވެ.) [އަލްބަޤަރާ: 168]
3. ނުބައި އެކުވެރިން: އެމީހުންނީ ނުބައި ކަންކަމަށް ހިތްވަރުލައިދީ، ހެޔޮ ކަންކަމަށް ހުރަސްއަޅާ މީހުންނެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: (ގާތް އެކުވެރިން އެދުވަހުން އެއްބަޔަކު އަނެއްބަޔަކަށް ވާހުށީ ދުޝްމަނުން ކަމުގައެވެ. ތަޤުވާވެރިން މެނުވީއެވެ.) [އައްޒުޚްރުފު: 67]

ސ 17: ތައުބާވުމަކީ ކޮބައި ހެއްޔެވެ؟

ޖ: ތައުބާވުން: އެއީ ﷲ ތަޢާލާއަށް އުރެދުމުން، އެކަލާނގެއަށް ކިޔަމަންވުމަށް އަނބުރާ ރުޖޫޢަވުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ: (ތައުބާވެ އީމާންވެ ޞާލިޙު ޢަމަލު ކޮށް، ދެން ތެދުމަގު ލިބިގެންފި މީހާއަށް ހަމަކަށަވަރުން ތިމަން އިލާހީ، ގިނަގިނައިން ފާފަ ފުއްސަވާ އިލާހުކަން ކަށަވަރެވެ.) [ޠާހާ: 82]

ސ 18: ޞައްޙަ ތައުބާގެ ޝަރުޠުތަކަކީ ކޮބައިހެއްޔެވެ؟

ޖ: 1. އެ ފާފަ ދޫކޮށްލުމެވެ.
2. ފާއިތުވި ކަންތަކުގެ މައްޗަށް ހިތާމަކުރުން.
3. އަލުން އެ ފާފައަށް އަނބުރާ ނުދިޔުމަށް ޢަޒުމް ކަނޑައެޅުން.
4- ޙައްޤުތަކާއި، އަނިޔާއިން ހޯދި ތަކެތި އަނބުރާ އޭގެ އަހުލުވެރިންނަށް ރައްދުކުރުން.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި އެބައިމީހުންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ ނުވަތަ އެބައިމީހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވެއްޖެނަމަ ﷲ ހަނދުމަކޮށް، އެބައިމީހުންގެ ފާފަތައް ފުއްސެވުން އެދި ދުޢާކުރާ މީހުންނެވެ. ﷲ ފިޔަވައި ފާފަފުއްސަވާނީ ފަހެ ކާކު ހެއްޔެވެ! އަދި ދެނެތިބި ޙާލު، އެބައިމީހުން ކުރި ކުށުގެ މަތީގައި ދެމި ނުތިބެއެވެ.) [އާލްޢިމްރާން: 135]

ސ 21: ނަބިއްޔާ ﷺގެ މައްޗަށްޞަލަވާތް ކިޔެވުމުގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: އޭގެ މާނައަކީ އެންމެ މަތީ މަޖިލީހުގައި ﷲ ގެ ނަބިއްޔާ ﷺ އަށް އެކަލާނގެ ޘަނާ ވަޙީކުރެއްވުމަށް ތިބާ އެކަލާނގެއަށް ދުޢާކުރުމެވެ.

ސ 22: سبحان الله ގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: ތަސްބީޙައަކީ: ކޮންމެ އުނިކަމަކާއި، ޢައިބަކާއި، ނުބަޔަކުން އެކަލާނގެ ސުބްޙާނަހޫ ވަތަޢާލާ ހުސްޠާހިރުވަންތަކޮށް ދުރުކުރުމެވެ.

ސ 23: الحمد لله ގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ﷲ ތަޢާލާއަށް ޘަނާކިޔުމާއި، ފުރިހަމަކަމުގެ ހުރިހާ ޞިފަތަކުން އެކަލާނގެ ޞިފަކުރުމެވެ.

ސ 24: الله أكبر ގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: އެބަހީ: އެކަލާނގެ ސުބްޙާނަހޫ ކޮންމެ އެއްޗަކަށްވުރެ ބޮޑުވެގެންވާކަމަށާއި، އަދި ކޮންމެ އެއްޗަކަށްވުރެ ޤަދަރުވެރިވެ، މަތިވެރިވެ، ޢިއްޒަތްތެރިވެގެންވެސްވާ ކަމެވެ.

ސ 25: لا حول ولا قوة إلا بالله ގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: އޭގެ މާނައަކީ: ﷲ ގެ (ވާތްގާއި ކުޅަދުންވަންތަކަމާއި އިރާދައާއި ލައިގެން) މެނުވީ އަޅާ އެއް ޙާލަތުން އަނެއް ޙާލަތަށް ބަދަލުވެވުމެއްވެސް، އަދި އެކަމަށް ބާރެއްވެސް އޭނާއަކަށް ލިބިގެން ނުވެއެވެ.

ސ 26: أستغفر الله ގެ މާނައަކީ ކޮބައިހެއްޔެވެ؟

ޖ: އެބަހީ: އަޅާ އޭނާގެ ފާފަތައް ފޮހެދެއްވުމަށާއި، އޭނާގެ ކުށްތައް ފޮރުވައިދެއްވުމަށް އޭނާގެ ވެރި ރައްބުގެ ޙަޟްރަތުން އެދުމެވެ.

ސ 3- ދީނުގައި ފިޤުހުވެރިވުމުގެ މޭވައަކީ ކޮބައިހެއްޔެވެ؟ އަދި ދީނުގައި ފިޤުހުވެރިވުމުގެ މާތްކަމަކީ ކޮބައިހެއްޔެވެ؟

ޖ: އޭގެ ސަބަބުން ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ލިއްބައިދޭ ގޮތަށް؛ ބަސްތަކާއި ޢަމަލުތަކާއި ޤަބޫލުކުރުންތައް ޞައްޙަކޮށް ރަނގަޅުވެގެން ދިޔުމެވެ.
- މުޢާވިޔާ ބްނު އަބީ ސުފްޔާނު رضي الله عنهما ގެ އަރިހުންވާ ޙަދީޘްގައިވެއެވެ. ވިދާޅުވިއެވެ: ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ: "ﷲ އެމީހަކަށް ހެޔޮގޮތް އިރާދަކުރައްވާ މީހަކު، ދީނުގައި ފިޤުހުވެރިކުރައްވަތެވެ." ރިވާކުރެއްވީ އަލްބުޚާރީ އާއި މުސްލިމެވެ.
އެކަލާނގެ އޭނާ ފިޤުހުވެރިކުރައްވައެވެ:
އެބަހީ: ޝަރުޢީ ޙުކުމްތައް ދަންނަ މީހެއްކަމުގައި އެކަލާނގެ އޭނާ ލައްވައެވެ.

ސ 14: މުސްލިމް އަންހެނާގެ ޙިޖާބުގެ ސިފަތަކަކީ ކޮބައިހެއްޔެވެ؟

ޖ: - މުޅި ހަށިގަނޑު ނިވާވައި އެއްޗަކަށްވުމެވެ.
- އޭގައި އެއްވެސް ޒީނަތްތެރިކަމެއް ނެތުމެވެ.
- އެއީ އެތެރެފެންނަ އެއްޗަކަށް ވެގެން ނުވާނެއެވެ.
- ހަނިކޮށް ބާރުނުވާ ގޮތަށް، ފުޅާކޮށް ދޫކޮށްވާ ހެދުމަކަށް ވާންޖެހޭނެއެވެ.
- އެއީ ދުން އަޅައި، ހުވަނދުލާ މީރުވަސް ދުއްވާފައިވާ އެއްޗަކަށް ވެގެން ނުވާނެއެވެ.
- ފިރިހެނާގެ ހެދުމާ ވައްތަރުވެގެން ނުވާނެއެވެ.
- ކާފަރު އަދި ފާޙިޝް އަންހެނުންގެ ހެދުމާއި ވައްތަރުވެގެން ނުވާނެއެވެ،
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّهއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހު ކަމުގައި ވޮޑިގެންވެއެވެ.) [އަލްއަޙްޒާބު: 59].
އާޔަތުގެ މާނަ:
އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، މުއުމިނުންގެ އަންހެނުންނަށް ވިދާޅުވާށެވެ: އެ އަންހެންތަކުންގެ ބޯތަކާއި މޫނުތަކުގެ މައްޗަށް އެ އަންހެންތަކުންގެ ހެދުމާއި ޖިލްބާބުތައް ވައްޓާލާށެވެ. އެއީ އެމީހުންގެ މޫނުތަކާއި، މޭތަކާއި، ބޯތައް ނިވާކުރުމުގެ ގޮތުންނެވެ. އަދި އެއީ ނިވާވައި ރައްކާތެރިވެގެންވާ ބައެއްކަމުގައި ފާހަގަވެގެންދިޔުމާ އެންމެ ގާތްގޮތެވެ. އޭރުން ނުރުހޭކަމެއް ނުވަތަ އުނދަގުލާއި ތުރައެއް އެ އަންހެންތަކުންނަށް ކުރިމަތިނުވާނެއެވެ. އަދި ﷲ އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ. އެއީ ކުރިން ހިނގާފައިވާ ކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ ފުއްސަވާ ދެއްވާ، އަދި އެކަލާނގެ ތިޔަބައިމީހުންނަށް ޙަލާލާއި ޙަރާމް ސާފުކޮށް ބަޔާންކުރައްވައިގެން ތިޔަބައިމީހުންނަށް ރަޙުމަތްލައްވައިގެންނެވެ.

ސ 16: ތަޤްވާވެރިކަމަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ ކިޔަމަންތެރިވެވޭ ހެޔޮ ޢަމަލުތައް ކޮށް، އުރެދެވޭ ފާފަތައް ދޫކޮށްލުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! ހަމަކަށަވަރުން، اللَّه ވޮޑިގެންވަނީ ތަޤުވާވެރިންނާ އެކުގައިކަން ތިޔަބައިމީހުން ދަންނާށެވެ!) [އަލްބަޤަރާ: 194]

ސ 19: މުސްލިމުންނަށް ޢިއްޒަތާއި ނަޞްރު ލިބޭނެ މަގަކީ ކޮބައިހެއްޔެވެ؟

ޖ: އެއީ އިސްލާމްދީނަށް ޢަމަލުކޮށް، އުރެދުންތަކާއި ފާފަތައް ދޫކޮށްލައިގެންނެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އޭ އީމާންވެއްޖެ މީސްތަކުންނެވެ. ތިޔަބައިމީހުން ﷲ އަށް ނަޞްރު ދޭނަމަ، އެ އިލާހު ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެއެވެ. އަދި އެ އިލާހު ތިޔަބައިމީހުންގެ ފައިތިލަތައް ޘާބިތު ކުރައްވާނެއެވެ.) [މުޙައްމަދު: 7]
އަދިވެސް ﷲ ސުބްޙާނަހޫ ވަޙީކުރެއްވިއެވެ: (ހަމަކަށަވަރުން، ބަޔަކުމީހުންގެ ޙާލަތު އެބަޔަކު އަމިއްލަޔަށް ބަދަލުކޮށްފުމަށް ދާންދެން، اللَّه، އެ ޙާލަތު ބަދަލެއް ނުކުރައްވާނެތެވެ.) [އައްރަޢުދު: 11].

ސ 20: ދުޢާކުރުމުގެ މުހިއްމުކަމަކީ ކޮބައިހެއްޔެވެ؟

ޖ: ދުޢާކުރުމަކީ ކިޔަމަންތެރިކަމުގެ އެންމެ މަތިވެރި އެއް ޢަމަލެވެ. އަދި އެންމެ ޤަދަރުވެރި ކުއްތަންކޮށްދޭ އެއް ކަންތަކެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ:
(އަދި ތިޔަބައިމީހުންގެ ވެރި ރައްބު ވަޙީކުރެއްވިއެވެ. ތިޔަބައިމީހުން ތިމަންއިލާހަށް ދުޢާކުރާށެވެ! ތިމަންއިލާހު ތިޔަބައިމީހުންގެ ދުޢާ އިޖާބަކުރައްވާހުށީމެވެ. ހަމަކަށަވަރުން، ތިމަންއިލާހަށް (ދުޢާކޮށް) އަޅުކަން ކުރުމަށް ކިބުރުވެރިވެގަންނަ މީހުން (ދަންނާށެވެ!) ނިކަންހުރެ ނިކަމެތިވެގެންވާ ޙާލު، އެއުރެން ނަރަކަޔަށް ވަންނާނެތެވެ.) [ޣާފިރު: 60]
އަދި ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ: "ދުޢާއަކީ އެއީ އަޅުކަމެވެ." ރިވާކުރެއްވީ އަބޫ ދާވޫދާއި އައްތިރްމިޛީއާއި އިބްނު މާޖާއެވެ.